އަވަށްޓެރި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންގެ ތެރޭގައި ވަރަށް ފަރިތަ ނަމެއް ވެއެވެ. ފޯނުގައި ޑޭޓާ ހުރެމެ، ގޫގްލް އިން ޕިއްޒާ ހަޓުގެ ނަންބަރު ބަލާލުމުގެ ބަދަލުގައި ވައިބަރ އިން ގުޅާލާފައި އެ ނަންބަރު އަހާލީމާ ވަރަށް ފަސޭހައިން ޖަވާބު ލިބޭނެކަން ޔަގީންވާ ނަންބަރެއް ވެއެވެ. ސްރީލަންކާގައި ދިވެހިން ބޯލަނބަން ޖެހޭ ގަވާއިދުތަކާއި، އެކަމުގެ ތެރޭގައި ދެން ކަންތައް ކުރަންވާގޮތް، ރަސްމީ އިދާރާތަކަށްވުރެ ގާތްކަމާއެކު ކިޔާދީ އެކަމުގައި މަގުދައްކާ ފަރާތެއްވެއެވެ. އެންމެނާވެސް ގުޅޭ، އަބަދުމެ ހިނިތުންވެހުރެ މީހުނާ ބައްދަލުކުރާ މޫނެއްވެއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކޮށް، ގައުމުން ބޭރުގައި އުޅޭވޭ ކަމުގެ އިހްސާސްކުޑަކޮށް، ދިމާވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަނބަލަކުވެއެވެ. އެއީ ލާމު އަތޮޅު ގަމަށް އުފަން ފާޠިމަތު ޞަބީޙާ އެވެ. އާންމު ނަމުން ނަމަ ޝެބީއެވެ.

ތީރުގެ ފަރާތުން ޝެބީ އާ ބައްދަލުކޮށް ޝެބީގެ މަސައްކަތްތަކާއި ދިރިއުޅުމާއި ގުޅޭ ގޮތުން ބައެއް ސުވާލު ކޮށްލީވެވެ.

ޝެބީ، ޕޭސްޓްރީ ހެދުމުގެ މަސައްކަތުގެ ތެރެއިން
  1. އެންމެ ފުރަތަމަ ސުވާލެއްގެ ގޮތުން އަހާލާނީ "ޝެބީ" މިއީ ކިހިނެތް އައި ނަމެއްތޯ؟

"ޝެބީ" އެއީ ފިރިމީހާ ލޯބިން ކީ ނަމެއް، ދެން ތަފާތު އެކި މަސައްކަތް ކުރާތީ ކޮންމެ ކަމަކަށް ވަކިން ނަމެއް ދިނުން އުނދަގޫވާތީ މިނަން ބޭނުން ކުރަނީ. މިހާރު މި ނަން މިއިނީ ބްރޭންޑަކަށް ވެފައި. ރާއްޖޭގަވެސް އަދި ލަންކާގަވެސް.

  1. ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަނބަލަކަށްވީމަ އަހާލަން ބޭނުން، ބޭރު ގައުމަކަށް ދިރިއުޅުން ބަދަލު ކުރީ ކޮން ކަމަކަށް ވިސްނާފައިތޯ؟

އަޅުގަނޑަކީ ތިން ކުދިންގެ މަންމައެއް، ނަސީބު ދިމާކުރި ގޮތުން ދެވަނައަށް ހުރި ކުއްޖާވީ އޮޓިސްޓިކް ކުއްޖަކަށް، ލަންކާއަށް ބަދަލުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އެއީ. މާލޭގައި ނަމަ އެކަމަށް ފުރިހަމަ ތެރަޕީ ލިބޭކަމަށް ނުހުރޭ، ދެމަފިރިން ވަޒީފާ އަދާކޮށްގެން ނޫނީ ދެކޮޅު ނުޖެހޭ، ވަޒީފާއަށް ދާން ޖެހެނީ ކޮންމެވެސް މީހަކާ ދަރިން ހަވާލުކޮށްފަ، މިކޮޅުގަ ވީމަ ފިރިމީގެ އާމްދަނީ އިން ގިނަ ކަންކަން ކުރެވުމުގެ އިތުން ދަރިން ކައިރީގައި ގޭގައި ހުރުމުގެ ފުރުސަތު އެބަ ލިބޭ. މި ކަންކަމަށް ވިސްނާފަ ބަދަލުވީ.

  1. ލަންކާގައި ޝެބީކުރަމުން އަންނަ މަސައްކަތްތައް ކިޔުންތެރިންނަށް ކިޔާލާދީބަލަ.

ހުރިހާ މުނާސާބަތަކާ ގުޅޭ ކޭކު އަޅާ ޑެކަރޭޓް ކުރުން

މޭކަޕް ކޮށްދިނުން

ފޮޓޯގްރަފީގެ ޚިދުމަތްދިނުން

ހެދިކާ އަދި ޕޭސްޓްރީ ހެދުން

ދިވެހިކެއުން ތައްޔާރުކޮށްދިނުން

އިވެންޓް އޮރގަނައިޒް ކޮށްދިނުން

ހީނާ އަޅާދިނުން

ފެލްޓް ކްރާފްޓް ހެދުން، މިއީ ހުސް އަޅުގަނޑު ކުރާ މަސައްކަތް.

ޝޭބީ، ކޭކު ޑެކަރޭޝަންގެ މަސައްކަތެއްގައި
  1. ޝެބީ ފާހަގަ ކުރެވެނީ އެތައް ފަންނެއްގައި މަސައްކަތްކުރަމުން އަންނަ ކަނބަލެއްގެ ގޮތުގައި، މީގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ؟

އަޅުގަނޑު މިއީ ކުރިން، ގޭގައި އިނދެގެން ކުރާ މަސައްކަތް ކުރާ ހިތްވި މީހެއް ނޫން، އެންމެ ފުރަތަމަ ހެދީ މޭކަޕް ކޯހެއް، އެއީ އެ ކޯހުގައި ރާއްޖެ އެންމެ ކުއްޖަކު ބައިވެރިވެފައި އިނީމަ، އޭނާ އާއި އެކުގައި ކޯހަށް ދިއުމަށް. އެ ކޯހަށް ފީދައްކާ ދިނީވެސް ދެބެންގެ ދެދަރި ކުއްޖެއް. މި ކިޔާދިނީ އެންމެ ފުރަތަމަ މި ފަދަ ކަންކަމަށް އަޅުގަނޑުގެ ޝައުގުވެރިކަން ހުރިވަރު ވަރު. ( ހީނލާފައި ޝެބީ ކިޔާދިނެވެ)

އޭގެ ދެ އަހަރު ފަހުން 2007 ގެ ކުރީ ކޮޅު އަޅުގަނޑަށް ކެންސަރު ބައްޔާ ކުރިމަތިލާން ޖެހުނު، ނަސީބު ދިމާކުރިގޮތުން ބަލީގެ ވަރަށް ކުރީކޮޅު އެކަން އެނގިގެން ފަރުޥާ ކުރެވުނު، އަދި ﷲގެ ރަޙްމަތްފުޅުން ޝިފާ ލިބުނު، ނަމަވެސް އެކަމާ ވަރަށް ބޮޑަށް ވިސްނާ ރޮއި ހިތާމަކޮށް އިތުރަށް ބަލިވާންފެށި، މިކަމުގެ ތެރޭގައި ޑިޕްރެޝަންއަށް ގޮސްފާނެތީ ހިތަށް އެރި ކޮންމެވެސް ކަމެއްގައި އަބަދު މަސްޢޫލުވެގެން އުޅެން. އަދި ފަހުންވެސް ފައިދާ އެއް ކުރާނެ ފަދަ ކަމެއް ކުރަންވެގެން ކޭކު ހަދަން ދަސްކޮށްދޭން އަމިއްލަ ބަޔަކު ހިންގި ކޯހެއްގައި ބައިވެރިވެގެން މިކަން ދަސްކުރީ. އަލްޙަމްދު ލިﷲ. ބަލިން އެއްކޮށް ރަގަޅުވެ ޑޮކްޓަރުންގެ ފަރާތުން ވީއްލުނު އިރު އަޅުގަނޑު ހުރީ މިމަސައްކަތަށް ވަރަށް ބޮޑަށް ހިތްޖެހި ޝައުގުވެރިކަން އުފެދިފައި.

ދެން މޭކަޕް ކޯސްތައް ހަދަމުން ގޮސް ބްރައިޑަލް މޭކަޕް އާއި ހަމައަށް ދިޔައިރު، އަމިއްލަ އަށް ކުރާ މޭކަޕްގެ ފޮޓޯ ނަގަން ޖެހުނު، އެކަމުގެ ތަމްރީނު ހުރި ފޮޓޯގްރާފަރުން ލައްވާ. އެހެންވެ ހިތަށް އެރީ މިކަންވެސް ދަސްކުރާނީ އޭ، އޭރުންނޭ މީހުނަށް ބަރޯސާވުން ކުޑަވާނީ.

ޝެބީ، މޭކަޕް ކޮށްދެނީ
ޝެބީ ކޮށްފައިވާ މޭކަޕެއް
ޝެބީ ކޮށްފައިވާ މޭކަޕެއް
  1. ޝެބީ ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ކުރާ ހިތުން ކުރާ މަސައްކަތަކީ ކޮބާތޯ؟ އަދި އެންމެ ފުރަތަމަ ކުރަން ފެށި މަސައްކަތަކީ ކޮބާތޯ؟

އެންމެ ކުރާ ހިތުން ކުރާކަމަކީ ކޭކު އެޅުން، ނަމަވެސް އެންމެ ފުރަތަމަ ދަސްކުރީ މޭކަޕްކުރަން. އެއީ ހަމަ ކޯސް ހަދައިގެން.

ވެޑިންގ ކޭކެއް ޑެކަރޭޓް ކުރަނީ
  1. މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ރަގަޅު އާމްދަނީ އެއް ލިބެނީ ކޮން މަސައްކަތަކުންތޯ؟ އަދި މި މަސައްކަތް ރާއްޖޭގައި ކުރާނަމަ އާމްދަނީ އަށް އަންނާނެ ބަދަލަކީ ކޮބައިތޯ؟

އެންމެ ރަގަޅު އާމުދަނީ އެއް ލިބެނީ ކޭކު އަޅައިގެން އަދި އަދި ހެދިކާ ހަދައިގެން.

އަސްލު ރާއްޖެއާ އަޅާ ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކޭކް މި އަޅަނީ، ރާއްޖެއާ އަޅާ ބަލާއިރުކޭކް ހަދާ އެއްޗެހި މިތާ ވަރަށް އަގުބޮޑު، މިތާނގަ ލިބޭ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް ރާއްޖެއިން ލިބޭނެ، އަޅުގަނޑު ކުރާ މަސައްކަތް އަމާޒުވެފައި މިއޮތީ ދިވެހިންނަށް އެކަނި، ރާއްޖެ އާ އަޅާ ބަލާ ނަމަ މިތަނުގެ ދިވެހި ކޮމިއުނިޓީ ވަރަށް ކުޑަ.

ފޮޓޯ ނެގުމުގެ ތެރެއިން
ޝެބީގެ ފޮޓޯގްރަފީ
ޝެބީގެ ފޮޓޯގްރަފީ
  1. ޝެބީގެ މަސައްކަތްތަކުގެ ތެރެއިން ބޭރުގައުމެއްގައި ކުރަން ޖެހުމުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާ މަސައްކަތަކީ ކޮބާއިތޯ؟ ހަމަ އެގޮތަށް ލަންކާ ފަދަ ގައުމެއްގައި ކުރަން ޖެހުމުން އެންމެ ބޮޑު ފަސޭހައެއް ލިބެނީ ކޮން މަސައްކަތަކަށްތޯ؟

އަޅުގަނޑުމެން ހަދާ ހެދިކާގައި ބޭނުން ކުރަނީ ރާއްޖެއިން ގެންނަ މަސް، އެއީ ވަޅޯމަސް ނުވަތަ ދަޅުމަސް ވިޔަސް. އެންމެ ބޮޑު ގޮންޖެހުމަކީ މިތަކެތި ރާއްޖެއިން ގެނައުން. ފަސޭހަ ކަމަކީ ލަންކާގެ ގެތަކުގައި ޖާގަ ބޮޑުވެފައި މި މަސައްކަތް ކުރަން އަޅުގަނޑާއި އަޅުގަނޑުގެ ރައްޓެހިން އުޅޭނެ ޖާގަ އޮތުން. މިސައްކަތް ކުރަނީ ޓީމެއްގެ ގޮތުގައި، އެކަކަށް ނުވިއްޔާ އަނެކަކު އެހީތެރިވެގެން. އެހެންވީމަ 2 އަހަރު ވަންދެން މިކަން މެދުނުކެނޑި ކުރެވި މިހާރުވެސް ކުރިއަށް މި ދަނީ.

ފޮޓޯ ނަގާދިނުމުގެ ޚިދުމަތް ގިނައިން ދެނީ ލަންކާ މީހުނަށް. އެކަމުގައި އެންމެ ދަތިވަނީ އެމީހުންގެ ބަހަށް ފަރިތަ ނޫން ވީމަ. ނަމަވެސް އެ މަސައްކަތް ކުރަނީ އިތުރު 3 މީހުނާ އެކީ ކަމަށް ވެފައި، އެމީހުންނަކީ ލަންކާ މީހުނަށް ވުމުން އެކަން ވެސް ދަނީ ހަމަ ކުރިއަށް. އަޅުގަނޑުމެންގެ ފޮޓޯގްރަފީ ޓީމަށް ކިޔަނީ " މެމޮރީ ކީޕާރސް"

ޝެބީގެ ފެލްޓް ކްރާފް މަސައްކަތެއް
  1. އަންހެނުން އެކަނބަލުންގެ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަކީ ކިހާ މުހިންމު ކަމެއްތޯ؟ އަދި ޝެބީއަށް މިކަން ޙާޞިލްވުމުން ލިބޭ ހިތްހަމަ ޖެހުމަކީ ކޮބައިތޯ؟

ރާއްޖޭގައި ވަރި ގިނަވެ، އާއިލާތައް ރޫޅި ވަރަށް ދަތިކޮށް އުޅޭ ކަނބަލުން އަޅުގަނޑުގެ ރައްޓެހިންގެ ގޮތުގައިވެސް އެބަތިބި. މިއީ ވަރަށް އާންމުކަމެއް ނަމަވެސް ގިނަ ފަހަރަށް މިހެން އާއިލާތައް ރޫޅުމުން ދަރިން ގޮވައިގެން ހާލުގައި އުޅެން ޖެހުން އެއީ އަންހެނުން ތަހައްމަލު ކުރަން ޖެހޭ ވޭނެއް. އެހެން ކަމުން މިފަދަ ޙާލަތެއް ހަމަ ކޮންމެ މީހަކަށްވެސް އައިސްފާނެކަމަށް ބަލައިގެން ތައްޔާރުވުން އެއީ ރަގަޅު ކަމެއް.

ނަމަވެސް މީހެއް ކައިރިއަށް ނުވަތަ އޮފީހަކަށް ވަޒީފާއަށް ދިއުމަށްވުރެ ކުދިން ކައިރީގައި ގޭގައި ހުރެގެން ކުރެވޭނެ ކަމެއް ދަސްކޮށްގެން އެކަމުން އާމްދަނީ އެއް ލިބޭތީ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އަދި މިކަމަށް އަޅުގަނޑު  އެހެން ކަނބަލުންނަށް ހިތްވަރުވެސް ދޭން ބޭނުން.

ޝެބީގެ ހެނާ އަރޓް
  1. 3 ކުދިންގެ މަންމައެއް، ކުރާ ކޮންމެ މަސައްކަތަކަށްވެސް ފަންނީ ތަމްރީމްވަނީ ލިބިފައި. އާއިލާގެ މީހުނާ ވަކިން މިހެން އުޅެމުން މިގޮތަށް ކިޔަވަން ވަގުތު ހުސްކުރުމަކީ ކިހާ އުނދަގޫ ކަމެއްތޯ؟

ތެދެއް. އަޅުގަނޑު ކުރާ ހުރިހާ މަސައްކަތަކީވެސް އެކަމާ ގުޅޭ ތަމްރީނުތައް ހޯދައިގެން ކުރާ ކަންކަން. ކުދިން ސްކޫލަށް ދިޔައިމަ އެ ލިބޭ ހުސް ގަޑީގައި ކިޔަވަން ދަނީ. ބައެއް ފަހަރު ހަފްތާ ބަންދުގަވެސް ދަމު. އާއިލާގައި މަންމަ ނުވަތަ އެއްބަނޑު އަންހެނަކު ނުހުރޭ، އެކަމުގެ ސަބަބުން ވަރަށް ދަތިވެ ދެރަވާ ވަގުތު އާދޭ، ނަމަވެސް އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިން ތިބޭ އަބަދުވެސް. ކޮންމެ ވަގުތަކު ކޮންމެ ކަމަކަށް އެދުނަސް އެހީތެރިކަން ލިބޭ، އެގޮތުން ހަމަ ޝިމީގެ ނަން ފާހަގަކޮށްލަން ބޭނުން.

  1. ޖުމްލަކޮށް ހުރިހާ ދާއިރާ އެއް އެއްކޮށް މިހާތަނަށް ކުރެވުނު އެންމެ ބުރަ އަދި އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ ކޮބައިތޯ؟

އެގޮތަށް ފާހަގަ ކޮށްލަން ބޭނުންވަނީ ރައްޓެހި ކުއްޖެއްގެ ދަރިފުޅުގެ ޕާޓީގައި ކުރެވުނު މަސައްކަތް. އެ ޕާޓީގެ ކޭޓަރިންގ، ކޭކު، ތަން ޒީނަތްތެރިކުރުން، މޭކަޕް އަދި ފޮޓޯ ނެގީވެސް އަޅުގަނޑު. އެއީ ވަރަށް ފާހަގަ ކޮށްލެވޭ މަސައްކަތެއް. މިކަމަށް އަޅުގަނޑާއި އެކުގައި މަސައްކަތް ކުރާ ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން.

ޝެބީ ފިހާ ބަނަހުގެ ބައެއް ވައްތަރުތައް
  1. އާއިލާއާ ވަކިން ދިރިއުޅެމުންދާ ބޮޑު މުޖުތަމަޢު އަކަށް ޝެބީގެ ޚިދުމަތް އެބަ ލިބޭ، ދިވެހި ރަހަތައް ބޭރުގައުމެއްގައި ތިބެ ލިބޭނެގޮތް މިވަނީ ފަހި ވެފައި. މި ޚިދުމަތަށް ދިވެހިންގެ ތަރުޙީބު ލިބެނީ ކިހާވަރަކަށްތޯ؟

ވަރަށް ބޮޑު ތަރުޙީބެއް ލިބޭ. ބައެއް ކުދިން ހަމަ ދިވެއްސެއް ވީމާ އަޅުގަނޑު ލައްވާ ކޭކު އަޅުވަން އެބަ ބޭނުންވޭ. އެއީ ވަރަށް އުފާވާ ކަމެއް. ހެދިކާވެސް ހަމަ އެފަދަ. ހަމަ ކޮންމެ އޯޑަރެއްގެ ފަހުން ގުޅާލާފާ ނޫނީ މެސެޖްކޮށްލާފަ ބުނާނެ ހެދިކާ މީރު ވާހަކަ. އަދި އެންމެ ގިނަ ބަޔަކު ފާހަގަ ކުރަނީ ރަހައަށް ބަދަލެއް ނައިސް އެއް ގޮތެއްގައި ހުންނަކަން. ދިވެހިންގެ އިތުރުން އެމްބަސީގެ ފަރާތުން ނުވަތަ މިތާނގަ ހުންނަ ކަލްޗަރަލް ސެންޓަރުގައި ބޭރުގެ ފަރާތްތަކާއި އެކު ބޭއްވޭ ޙަފްލާ ތަކަށްވެސް ކޭޓަރ ކޮށްދެން ދިވެހި ރަހަތައް. އެފަރާތްތަކުގެ ތަޢުރީފް ލިބުމުން އަދި ކުރެވެނީ ވަރަށް ތަފާތު އިހުސާސެއް. ވަރަށް ހިތްހަމަޖެހިގެން މި މަސައްކަތްތައް ކުރަނީ.

  1. ކޮންމެ ޚިދުމަތަކީވެސް އެ ޚިދުމަތެއް ލިބިގަންނަން ތިބޭ ބަޔަކަށް އެންމެ ހިތްހަމަ ޖެހޭ ފެންވަރަށް ފޯރުކޮށްދެވޭ ޚިދުމަކަށް ހެދުން އެއީ އެންމެ ބޮޑު ގޮންޖެހުން. ޝެބީގެ ފަރާތުން ހޯދާ ޚިދުމަތަކާއި މެދު އެ ޚިދުމަތް ހޯދި ފަރާތުން ހިތްހަމަ ނުޖެހޭ ސަބަބެއް ފާހަގަ ކުރެވިއްޖެނަމަ ޢަމަލު ކުރަނީ ކިހިނެއްތޯ؟

އަޅުގަނޑުމެންގެ ހެދިކާ ގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވަނީ ޑެލިވަރީ ކުރުން. ހަވީރު ސައި ގަޑިއަކީ ހަތަރުން ފެށިގެން ފަސްގަޑި ބަޔަށް ކަމަށް ކިޔަމާ. މި ގަޑިއަށް ބޭނުންވެގެން ގިނަ ބަޔަކު ހެދިކާ އޯޑަރުކޮށްފިނަމަ އެކި ހިސާބުގައި އުޅޭ ދިވެހިންނަށް ސީދާ ސައި ގަޑިއަށް އެ ޑެލިވަރ ކުރުން ވަނީ ވަރަށް ބޮޑު ދަތި ކަމަކަށް. އެއީ މިއީ މާލެ އާ އަޅާ ކިޔާނަމަ ބޮޑު ތަނަކަށް ވުމުން. މިހެން ވުމުން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހޭކަން އެނގޭ. ނަމަވެސް ކޮންމެ ބޭފުޅަކުވެސް ބުނާނީ ވަރަށް ރީތިކޮށް " އެހެންވާ ފަހަރުވެސް އަންނާނޭ، ޓްރެފިކްވެސް ޖެހޭނޭ". ނަމަވެސް މިހާރު ދުރު ހިސާބުތަކަށް ގިނަ އޯޑަރު ހުރިއްޔާ ކުރީބައިގައި އެކަމަށް ތައްޔާރުވެގެން ޑެލިވަރީކުރާ މީހުން އިތުރަށް ހަމަޖައްސަނީ.

ސޯސަންވިލާގައި އޮތް ހަރަކާތެއްގައި ޝެބީ ޓީމް ގެ ސްޓޯލްގައި ހެދިކާ ވިއްކަނީ
  1. ޝެބީ ކުރަމުން އަންނަ މަސައްކަތް އެހެން ފަރާތްތަކަށް ދަސްކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކުރެވޭތޯ؟ އެހެންކަމަށްވާނަމަ އެކަން ހިނގަމުން އަންނަގޮތް ކިޔާލަދީފާނަންތޯ؟

އަޅުގަނޑު ކޭކު ކޯސް ހިންގަން، އެގޮތުން 2017 ވަނަ އަހަރު އެހެން ކުއްޖަކާ އެކު ސޯސަންވިލާގައި 54 ކަނބަލުންނަށް ކޯސް ހިންގައިދިނިން. ލ. މާބައިދޫގައި 16 ކުދިންނަށް ކޭކު ކޯސް ހިންގައި ދިނިން. އަދި މިހާރުވެސް ދޭތެރެ ދޭތެރެއިން ގޭގައި ކްލާސްތައް ނަގައިދެން. ތުއްތުކުދިންނަށްވެސް ކަޕް ކޭކް ހެދުމާ، ހީނާ އެޅުމާއި ފެލްޓު ކްރާފްޓް އަދި މޭކަޕް ކުރަން ދަސްކޮށްދެން ސްކޫލް ޗުއްޓީތަކާ ދިމާކޮށް. މިއަށްވުރެ ފުޅާކޮށް މިކަން ކުރަން މިދިޔަ އަހަރު ތައްރާޔުވި އިރަށް ބޮމުގެ ހާދިސާ ހިނގީ. މިއަހަރު ހުރިހާ ކަމެއް ރާވައިގެން ހުއްޓާ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ވާން ޖެހުނީ.

ޝެބީގެ މަސައްކަތްތައް ބަލާލަން ބޭނުން ފަރާތްތަކަށް https://www.facebook.com/Sheby.mv/ އިން ފެންނަން ހުންނާނެއެވެ.

"ތީރު"ގެ ފަރާތުން ޝެބީއަށް އެދެނީ އަދަށް ވުރެ ފެހި މާދަމާ އެކެވެ. އަދި ޝެބީގެ މަސައްކަތަށް އެދެނީ ކުރިއެރުމެވެ.