ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. އަޅުވެތިކަމާ ދެކޮޅު ގައުމެކެވެ. މިނިވަންކަމުން އަޅުވެތިކަމަށް ނުދާނަމޭ ބުނެގެން ތިބި ބައެކެވެ. މިރާއްޖޭގައި މަސައްކަތްތެރިންނަކީ، އެމީހުންނާ މަސައްކަތް ހަވާލުކުރާ ފަރާތުގެ އަޅުންގެ ގޮތުގައި ދެކެވުނު ޒަމާނެއްވެސް ދިޔައެވެ. ގުލާނު ކުރުވި ދުވަސްތަކެއްވެސް ހިނގައްޖެއެވެ. ގުލާބީ މާފުޅު ހޯދަން ގުލާނުވާން ޖެހުނު އެތައް މަސައްކަތްތެރިންނެއް މި ފަސްގަނޑުގައި އެބަ އުޅެއެވެ. ނަމަވެސް އެއީ މިއަދު މާޒީއެވެ. 

މަސައްކަތްތެރިންނަކީވެސް މިނިވަންކަމެއް ލިބި ތިބި، މިނިވަން ޝަހުސިއްޔަތުތަކެއް ކަމުގެ އިހުސާސް މިއަދު ކުރެވެން ފަށައިފިއެވެ. ސާދާގަރުންގެ ދަށުވެ، ޖަހާހާ ބެރަކަށް އަދުގެ މަސައްކަތްތެރިން ނުނަށާނެއެވެ. ދިވެހި މަސައްކަތްތެރިންނަށް މި އިހުސާސްތަކާއި މި ހިތްވަރާއި މި މިނިވަންކަން ހޯދައި ދިނުމަށް އެއްމެ ބުރަމަސައްކަތެއް ކޮށްދިން އެކަކީ، ބ.އަތޮޅު ކެންދޫ، ދާއިރާގޭ މަޢުރޫފް ޛާކިރް (މަޓޭ) އެވެ. މިއީ ދިވެހި މަސައްކަތްތެރިން ލޮލުން ބޮލުން ގަބޫލު ކުރާ ހަގީގަތެކެވެ.

މަޓޭ ގެ މި ހިތްވަރުގަދަ މަސައްކަތުގައި، މަސައްކަތްތެރިންނަށް އެކި ދަރަޖަ ދަރަޖައިގައި ބާރުވެރިކަން ހޯދައިދިނީ ގާނޫނުގެ ތެރެއިންނެވެ. ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުނުވިއެއް ކަމަކު، އެ ގާނޫނުތައް ޑްރާފްޓު ކުރުމުގައި އެއްމެ އިސްކޮށް އުޅުނު އެކަކީ މަޓޭއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ މަސައްކަތްތެރިންގެ ގާނޫނު ފަރުމާ ކުރުމުގައި މަޓޭގެ ބައިވެރިވުން ވަރަށްވެސް ބޮޑެވެ. އިންޑަސްޓްރިއަލް ރިލޭޝަން ގެ ގާނޫނޫ، ގާނޫނަކަށް ހެދުމުގައި މަޓޭގެ ޝާމިލްވުން އިންތިހާއަށް ބޮޑެވެ. މި ގާނޫނުގެ ދަށުން ބާރުވެރިކަން ލިބިގެން، ދިވެހިރާއްޖޭގައި އުފެދުނު، މަސައްކަތްތެރިންގެ އެއްމެ ބޮޑު ޔޫނިއަން އުފައްދާ ހިންގުމުގެ މޭސްތިރިއަކީ މަޓޭ އެވެ. ވަޒީފާގެ މާހައުލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭ ގާނޫނު، ފަރުމާކުރުމުގެ މަސައްކަތަކީވެސް މަޓޭގެ ހިތްވަރާ މިންނެތް ބުރަ މަސައްކަތުން ފަރުމާކުރި ގާނޫނެކެވެ. ޗުއްޓީތަކާ ސަލާމް އަދި އިތުރުގަޑި ފަދަ އަސާސީ ހައްގުތައް ގާނޫނުން ކަށަވަރުކޮށްދިނުމަށް މަޓޭ ކޮށްދީފައިވަނީ އަގު ނުކުރެވޭފަދަ މަސައްކަތްތަކެކެވެ. ވަޒީފާއާ ބެހޭ ގާނޫނަށް، ޕްރައިވެޓް ސެކްޓާ އިތުރުކުރުމުގައި މަޓޭގެ ހިއްސާ އިންތިހާއަށް ބޮޑެވެ.

މަސައްކަތްތެެރިންގެ ހައްގުގައި ބާއްވާ ބައިނަލްއަގުވާމީ ބޮޑެތި މަހާސިންތާތަކުގައި މަޓޭ އަކީ ބައިވެރިވަމުން އަންނަ ހީވާގި ޒުވާނެކެވެ. އައި.އެލް.އޯ ގައި ރާއްޖެ ތަމްސީލުކޮށްދީ މި ރާއްޖޭގެ މަސައްކަތްތެރިންގެ އާހުގެ އަޑު ބައިނަލްއަގުވާމީ މަޖިލިސްތަކުގައި އިއްވައިދިން ބަޠަލަކީ މަޓޭއެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓެން ޖެހޭނޭ ކަމަށްބުނެ، އެ ވާހަކަ ދައްކާ އެކަން ހާސިލް ކުރުމުގައި މަޓޭގެ ސީދާ ދައުރު އިންތިހާއަށް ބޮޑެވެ. ޒަމާންތަކަކަށް ވިޔަފާރިވެރިން މަކަރު ހަދަމުންދިޔަ ސާވިސްޗާޖު، ގާނޫނަކުން ކަށަވަރުކޮށްދިނުމުގައި މަޓޭގެ ހިއްސާ އެހާމެ ބޮޑެވެ. ދުނިޔޭގައިވެސް ސާވިސްޗާޖު ގާނޫނަކުން ކަށަވަރުކޮށްދޭ ހަމައެކަނި ގައުމަކީ ދިވެހި ރާއްޖޭއެވެ. މިއީ ހަމަ ހުރެފައި ވެގެން ދިޔަ ކަންކަމެއް ނޫނެވެ. މިއީ މަޓޭމެން ކުޅަ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ކުރި އިހުތިޖާޖުތަކުގެ ރާހަތެވެ.

މުސާރައިގެ ފަރަގު ބޮޑުކަމާއި ފަގީރުންނާއި މުއްސަނދިންގެ ތަފާތު އެހާމެ ބޮޑުކޮށް އޮތަތީ، މިނިމަން ވޭޖުގެ ގޮތުގައި އަދަދެއް ކަނޑައަޅަން ވަކާލާތުކޮށް، އެއްމެ ކުޑަ އުޖޫރަ ގާނޫނަކުން ކަށަވަރުކޮށްދިނުމަށް މަޓޭގެ ދައުރު އެހާމެ ބޮޑެވެ. ރާއްޖޭގެ ބޮޑެތި ފަޅުތަކާ ފިނޮޅުތަކާއި ފަރުތަކުގައި މަޓޭ ވަނީ މިކަންކަމަށް ވަކާލާތުކޮށް އިހުތިޖާޖުކޮށްފައެވެ. އެތައް ބައިވަރު ކަންނެލި އޮޑިތަކަކާއި އެކު، ކަންނެލިމަސްވެރިންގެ ބޮޑު އިހުތިޖާޖު ރާވާ އިންތިޒާމުކޮށް ހިންގި އެއްމެ އިސް ފަރާތަކީ މަޓޭއެވެ. މަސައްކަތްތެރިންގެ ހައްގުގައި މަގުމަތިންނާ، ފިނޮޅުތަކުންނާ، ކަނޑުމަތިންނާއި އަދި ފިނިކޮޓަރި ތަކުންނާ މޭޒުމަތިން ކުރި މަސައްކަތްތަކުގެ ނަތީޖާ ފެންނަން އެ އޮތީ ސީދަ ގާނޫނުގައެވެ.

މަޓޭގެ މި މިންނެތް ބުރަ، މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 2022ވަނަ އަހަރު ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ވަނީ މަޓޭއަށް ލިބިފައެވެ. މިއީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެސްދޭން މަސައްކަތްކުރާ ފަރާތަކަށް ދެވޭ ހާއްސަ އެވޯޑެކެވެ.

މަޓޭގެ މި މަސައްކަތުގެ ނަތީޖާއަކީ މަސައްކަތްތެރިން އަޅުންކަމުގައި ދެކުނު ދެކުން ނިމުމަކަށް އައުމެވެ. ވިޔަފާރިވެރިންނަކީ ސާހިބުންކަމުގައި ދެކުނު ދުވަސަތައް މާޒީވެ ދިއުމެވެ. މިކަމުގެ ހެތްކަކީ މަސައްކަތްތެރިންނާ ރައްޔިތުންނަށް ހިތުހުރިގޮތެއް ހަދަން ހިތުލައިގެން ތިބި ވިޔަފާރިވެރިން މަޓޭ ދެކި ޖެހިލުންވުމެވެ. އެނގޭހެއްޔެވެ؟ މަޓޭ އަކީ މިއުޅޭ އެއްވެސް ސާދާގަރަކަށް ގަނެވޭނެ މީހެއް ނޫނެވެ. މަޓޭ ތަފާތުވަނީ އެހެންވެގެންނެވެ. މޮޅުވާ ކޮޅަށް، ގަދަވާ ކޮޅަށް، ބައިބޮޑު ދިމާލަށް، ވާލެއްހެން މަޓޭ ނުފޮރުޅޭނެއެވެ. މަޓޭ އަކީ ނެތްތަނުން ހައްގުތައް އުފައްދާ އެހައްގުތަކަށް ވަކާލާތުކޮށް ދެމެހެއްޓި ރޫހާނީ ލީޑަރެކެވެ. މަދު ބަޔަކު ގޮވައިގެން ތަފާތު ދެއްކި ބަޠަލެކެވެ. ދެރަ މީހާއަށް ދެރަގޮތް ވާތަން ދެކެން ބޭނުން ނުވި ޝަހުސިއްޔަތެކެވެ. ދެކޮޅު ނުޖެހޭ ކަންކަމުގައި ގަދަބަސް ބުނެ، ނުވާނެ ކަންކަން ކޮށްދޭން ބުނުމަކީ މަޓޭގެ ސިފައެއް ނޫނެކެވެ.

ދިވެހި ރާއްޖޭގެ މަޖިލީހުގައި، ގާނޫނުތައް ފަރުމާކުރުމަށް ބޭނުންވަނީ މިފަދަ ބޭފުޅުންނެވެ. ގާނޫނުތައް ފަރުމާ ކުރުމާ ޑްރާފްޓުކުރަން ދަންނަ، ފަރިތަ ބޭފުޅުންނެވެ. މަޖިލީހުގައި ނެތަސް، އެތައް ގާނޫނެއް ޑްރާފްޓު ކުރުމުގައި އުޅެފައިވާ ބޭފުޅުންނެވެ. މަޓޭ އަކީ މިފަދަ މިސާލެކެވެ. މިފެށޭ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންތަކެއް ތަމްސީލުކުރަން މަޓޭ ވަރުގެ މީހަކު ނުލިބޭނެއެވެ.