ކޮންމެ މީހަކީވެސް ހަޔާތުގެ މި ދަތުރުގައި ވަރަށް ގިނަ ގޮން ޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ މީހެކެވެ. ހަމަ މި ބީދައިން ކޮންމެ މީހަކުވެސް ކަޅާއި ހުދުކުލައިން ހުވަފެންތަކެއް ދެކޭނެއެވެ. ބައެއް މީހުންނަކީ އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މީހުންނެވެ. އަނެއްބައި މީހުންނަކީ މި ދަތުރުގައި ނާކާމިޔާބީ އާއި ކުރިމަތިވެ ޣަރަގުވާ މީހުންނެވެ. ހުވަފެންތަކުގައި ކުލަޖެއްސުމުގައި ބުރަ މަސައްކަތް ކުރާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ޔުމްނާ ރަޝީދު އެވެ.
ޔުމްނާ ރަޝީދު އަކީ ނުހަނު ހިންގުންތެރި ހީވާގި ކަނބަލެކެވެ. ޔުމްނާގެ މަސައްކަތްތެރިކަން ދަ ގިފްޓް ބާސްކެޓް އިން ފެނިވަޑައިގަންނަވާނެއެވެ. ކޮންމެ އަކަސް ޔުމްނާ މި މަސައްކަތް ކުރަމުންދަނީ ނުހަނު ކުރާހިތުންނެވެ. މި މަސައްކަތަކީ ޔުމްނާއަށް ޞިއްހީ ގޮތުން ކުރިމަތިވި ވަރަށް ގިން ގޮންޖެހުން ތަކެއްގެ ތެރޭގައި ވަނިކޮށް ފަށަން ވިސްނުނު މަސައްކަތެކެވެ. އެންމެ ފުރަތަމަ ވެޑިންގ ކާޑު އަދި ގުޑީ ބޮކްސް ހަދަން ފެށި ޔުމްނާ އޭގެ ކުޑަ ދުވަސް ކޮޅަކުން ފެލްޓް އިން ބޭބީ މޯބައިލްސް ހަދަން ފެށިއެވެ. މި މަސައްކަތް ވެގެން ދިޔައީ އާންމުންގެ ތަރުހީބު ލިބުނު ކަމަކަށެވެ. ލިބެންފެށި އޯޑަރުތައް މިކަމުގެ ހެއްކަކަށް ފުދެއެވެ. އެއަށް ފަހުގައި ދެން ޔުމްނާ ތައްޔާރުކުރަންފެށީ ހަދިޔާއަށް ދޭ ކަހަލަ އެކިކަހަލަ ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންކުރާ ކަހަލަ ބާލީސް ހަދާށެވެ.އަދި އޭގައި ކުދިންގެ ނަން ޖަހާލާ، ލޯބި ލޯބި މެސެޖްތައް ވެސް ހިމެނިއެވެ. ކުދިން ކުޅެން ގެންގުޅޭ ބުދާއި އެހެނިހެން ސޮފްޓް ޓޯއީށްވެސް ޔުމްނާ ތައްޔާރުކުރެއެވެ.
ކަސްޓަމަރުންގެ އުފެއްދުންތެރި ޙިޔާލުތަކަކީ ކާމިޔާބީގެ އަސްލު ކަމުގައި ދެކޭ ޔުމްނާ މިވަގުތު މައިގަނޑު ގޮތެއްގައި މަސައްކަތްތައް ކުރިޔަށް ގެންދަނީ މީސްމީޑިއާގައި ކަމަށާއި އަދި އެއީ ފޭސްބުކް، އިންސްޓަރގްރާމް އަދި ޓިކްޓޮކް ކަމުގައިވެސް ބުނެފައިވެއެވެ. ޔުމްނާގެ މި މަސައްކަތް އެންމެ ހާއްސަވާ އެއް ސަބަބަކީ މި މަސައްކަތަކީ ޔުމްނާ އަމިއްލައަށް ދަސްކޮށްގެން ކުރާ މަސައްކަތެއްކަމަށް ވުމެވެ. ކުރިން އެއްވެސްވަރަކަށް ކޮށްފައި ނުވާ އަދި ތަޖުރިބާއެއްވެސް މިކަމުގައި ލިބިފައި ނުވާއިރު މިހާ ނަލަކޮށް ފުރިހަމައަށް މި މަސައްކަތް ކުރެވެނީ މި މަސައްކަތަށް ހިތުގައި އުފެދުނު ޝައުގުވެރިކަމު ސަބަބުނެވެ.މިވަގުތު ޔުމްނާ ގިނައިން އޯޑަރ ނަގަނީ އޮންލައިންކޮށް ކަމުގަ އާއި ކުރެވޭނެ ކަހަލަ ކަމެއް ކަމުގައި ވާޏަމަ ވަގުތުން ހަވާލުވާ ކަމުގައި ބުނެފައިވެއެވެ. މުޅިން އަލަށް ތައްޔާރުކުރާ ސޮފްޓްޓޯއިއެއްނަމަ ދެތިންފަހަރު ވާނެތޯ ވިސްނާ ކަމަށާއި އަދި ކަސްޓަމަރަށް ފަހަރުގަ އެހާ ރީތިކޮށް ނުވެދާނެ ކަން އަންގައެވެ. ނަމަވެސް ގިނަ ކަސްޓަމަރުން ވަރަށް ހިތްވަރު ދޭކަމަށާއި އަދި ޔުމްނާއަށް ވާނެއޭ ބުނާ ކަމުގައި ބުނެފައިވެއެވެ. މިކަމަކީ ޔުމްނާ ވަރަށް އުފާވާ ކަމެވެ. އެއަށްފަހު ސާމްޕަލްއެއް ހަދާކަމަށާއި އެ ސާމްޕަލް އާއިމެދު ހިތްހަމަޖެހިއްޖެނަމަ ދެން އޯޑަރ ތައްޔާރުކުރަނީ ކަމުގައި ބުނެއެވެ. މިގޮތަށް ގިނައިން ހެދިފައިވާނީ މުޅިންވެސް އާއެއްޗެހި ކަމުގައި ވެސް ޔުމްނާ ބުނެއެވެ.
މި މަސައްކަތާއިގެން ކުރިއަށް ދިޔުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ ޔުމްނާގެ ދަރިން އަދި ފިރިމީހާއާއި ޢާއިލާގެ ފަރާތުން ކަމަށާއި އަދި ފެށުނީއްސުރެއް ޔުމްނާގެ މަސައްކަތަށް އެންމެ ތަޢުރީފުކޮށް ފަޚުރުވެރިވަނީ ޔުމްނާގެ ކުދިންނާއި މަންމައެވެ. މާލީ އެހީ ފިރިމީހާ ފޯރުކޮށްދޭ ކަމަށާއި މީގެ އިތުރުން މިކަމުގައި ކުރިޔަށް ދިޔުމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ ލޮބުވެތި ކަސްޓަމަރުން އަދި ޙެޔޮ އެދިލައްވާ ފަރާތްތަކުންނެވެ. މީގެ ތެރޭގައި ނުވެސް ދަންނަ، އެއްވެސް ވަރަކަށް ދިރިއުޅުމުގައި ދިމާވެފައިވެސް ނުވާ މީހުންގެ ޙެޔޮ ދުޢާއާއި ހިތްވަރު ލިބޭކަމަށާއި އަދި އެއީ ޔުމްނާގެ އެންމެ ބޮޑު ސަޕޯރޓް ސިސްޓަމްގެ ގޮތުގައި ޔުމްނާ ސިފަކުރެއެވެ. މިއީ ޔުމްނާ މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްގެ ތެރެއިން އެންމެ ހިތްހަމަޖެހޭ އެންމެ އުފާވާ މަސައްކަތް ކަމަށާއި ސަބަބަކީ އަމިއްލަ އުފެއްދުންތެރިކަން އިސްކޮށް، އަމިއްލަ ބޮސްއަށް ވެ ހުރެ މަސައްކަތްކުރުމަކީ ވަރަށް މިނިވަން އިޙުސާސްއެއް ކަމަށް ވާތީ ކަމަށް ބުނެއެވެ.
ޔުމްނާ ދެކޭ ގޮތުގައި ހާސިލްވެފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ގޭގެ ކަނެއްގައި ނުނިދިގެން އިދެ ފެށި މި މަސައްކަތް ކޮންމެވެސް ވަރަކަށް އެންމެނައްވެސް އިގުން ކަމަށާއި އަދި ބޭބީ މޮބައިލްއެއް ނުވަތް ގިފްޓްއެއް ހަދަން ބުނެފިނަމަ އެކި ފަރާތްތަކުން "ދަ ގިފްޓް ބާސްކެޓް މޯލްޑިވެސް" މި ނަން ބުނެލުން ކަމުގައި ބުނެއެވެ. އަދި މިކަމާ ވަރަށް އުފާވާ ކަމަށާއި އަދި މި ވީ 5 އަހަރުވަރު ތެރޭގައި އަޅުގަނޑު ހުވަފެނުންވެސް ނުދެކޭހާ ތަރުޙީބު މި މަސައްކަތުގައި ލިބިފައިވާ ކަމުގައި ވެސް ޔުމްނާ ބުނެއެވެ. 2022 ގައި ބައިނަލްއަޤުވާމީ އެވޯރޑްއެއްވެސް ޔުމްނާ ޙާސިލްކޮށްފައި ވެއެވެ. އެ އެވޯޑަކީ ބަންގްލަދޭޝް އިންޑިޔާ ބިޒްނަސް ކަންއުންސިލްއާއި އިންޑިއާގެ ވިމެންސް ޗެމްބަރ އޮފް ކޮމާރސް އިން ދެއްވި "ޔަންގް އިނޮވޭޓަރސް ޗްރިއޭޓިންގ އަ ބެޓަރ ވޯލްޑް" އެވޯރޑް އެވެ. މި އެވޯޑު ލިބުން ޔުމްނާ ސިފަކުރަނީ މާތްﷲ ގެ ޙެޔޮ ރަޙުމަތްފުޅުން ލެއްވި ވަރަށް ބޮޑު ނިޢުމަތެއްކަމުގައެވެ. އަދި ހަމައެހެންމެ ޔުމްނާ ގަބޫލުކުރާގޮތުގައި ޔުމްނާއަށް ހާސިލްކުރެވިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ މެދުކެނޑުމެއްނެތި ނަމާދާއި ޤުރުޢާން އަދި ދަމުނަމާދު ކުރުމާއި ދުޢާކުރުން މަތީ ދެމިހުރުން ކަމުގައި ސިފަކުރެއެވެ.
ކޮންމެއަކަސް ޔުމްނާ ސިފަ ކުރެވެނީ ދިރިއުޅޫމުގައި ދިމާވާ ކޮންމެ ކަމަކާއިވެސް ވަރަށް ހިތްވަރާއިގެން ކުރިމަތިލާ ވަރަށް ހީވާގި ނަމޫނާ ކަނބަލެއްގެ ގޮތުގައެވެ. ދިރިއުޅުމުގައި ކިތަންމެ ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް ހިތްވަރާއިއެކު މަސައްކަތްކޮށް މާތް ﷲ ސުބުހާނަހޫ ވަތައާލާ އަށް ކުއްތަންވުމުގައި ދެމިތިބޭ މީހުންނަށް އެކަލާނގެ ކާމިޔާބު ދެއްވަވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން