އޭނާ އަކީ ކުޅަދާނަ އެކްޓަރެކެވެ. ނޫސްވެރިއެކެވެ. ސިޔާސީ ޕާރޓީއެއްގެ އޮފީހެއްގައި މަސައްކަތް ކުރަމުންދާ މީހެއްގެ އިތުރުން އޭނާ އަކީ ކުޑަ ދެ ކުދިންގެ އެކަނިވެރި މައެކެވެ. އާދެ މި ދައްކަނީ މަރްޔަމް ވަހީދާ އާންމު ނަމުން ނަމަ ޔަމް ގެ ވާހަކައެވެ.

އިސްވެ ދެންނެވުނު ފަދައިން ޔަމް އަކީ ކުޅަދާނަ ނޫސްވެރިއެކެވެ. ޔަމް ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދިފައިވަނީ އޭނާގެ އުމުރުން އެންމެ 7 އަހަރުގައެވެ. އޭރު ޔަމްގެ ބައްޕަމެން ގަވައިދުން ޚަބަރުތައް ބަލާ ހަދާތީ ޚަބަރުތައް ހޯދާ ގޮތާއި އަދި ޚަބަރުތައް އާންމުންނާއި ހަމައަށް ގެނެސްދޭ ގޮތާއި މެދު އާދަޔާ ޚިލާފު ޝައުގުވެރިކަމެއް އުފެދުނީއެވެ. އޭރުއްސުރެ ޓީވީ ޕްރެޒެންޓަރަކަށް ނޫނީ ނޫސްވެރިއަކަށް ވާން ހިތުގައި އަޒުމް ކަނޑައެޅީއެވެ. ސުކޫލް ނިމުނު ގޮތަށް ޓީވީ ޗެނަލެއްގެ ޕްރެޒެންޓަރަކަށް އިންޓަވިއު އަށް ދިޔަ ހިސާބުން ޔަމް އަށް އޭނާގެ މުޅި ދުނިޔެ ބަނަވެގެން ދިޔަ ކަހަލަ އިހުސާސް ކުރެވިގެން ދިޔަ އެވެ. ސަބަބަކަށް ވެގެން ދިޔައީ ޔަމް ގެ އަނގަ އޮރިވާތީ ޓީވީ އަށް ނާރަން އެމީހުން ބުނި ބުނުމެވެ. އަދި އެވަގުތުގައި ޔަމް ގެ ލައިފް ޕާރޓްނާރު ވެސް އެގޮތަށް ބުންޏެވެ.  މީހުން މަލާމާތް ކުރާނެއޭ ބުންޏެވެ. މިއީ ތެދެއްކަމުގައި ޚުދް ޔަމްއަށް ވެސް ގަބޫލު ކުރެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އަނގަ އޮރި ވާތީ އޭރުގައި ވެސް ޔަމް އަށް މީހުން މަލާމާތް ކުރެއެވެ. ނަމަވެސް އެއީ ޔަމްގެ އުފެދުމުގައި ހުންނަ އައިބެއް ކަމުން އެކަމަށް ކުރެވޭނެ ކަމެއް ނެތެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މިވަގުތު ޔަމް ނުފެނުނު ކަމުގައި ވީ ނަމަވެސް ޔަމް ނޫސްވެރިކަމާއި އެއްކޮށް ދުރަކަށް ނުދެއެވެ. ޔަމް އޭނާގެ ގާތް އެކުވެރި ނޫސްވެރިންނަށް ޚަބަރުދީ ހަދާކަމަކަށާއި ދުވަހަކުވެސް އެއްކޮށް ދުރަށް ދެވޭނޭހެން ހީ ނުވާ ކަމުގައި ވެސް ޔަމް ބުނެއެވެ. އަދި ހަމައެހެންމެ ވަރަށް އަވަހަށް ނޫސްވެރިކަމުގެ ދާއިރާއިން ފެންނާނޭ ކަމުގައި ބުނެފައި ވެއެވެ. ކޮންމެ އަކަސް ޔަމް ގެ ފޭނުންނަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. 2018 ވަނަ އަހަރު ސިލްސިލާކޮށް ކުރަމުން ގެންދިޔަ މުޒާހަރާތައް އާންމުންނާއި ހަމައަށް ގެނެސް ދިނުމަށްޓަކައި މަގު މައްޗަށް ނިކުމެ އުޅުނު ދުވަސްތަކަކީ ޔަމް ގެ ހަނދާނުން ފުހެލަން ދަތި ދުވަސްތަކެކެވެ. އަދި އެއީ ވަރަށް ފަޚުރުވެރިކަމާއެކު ތަޖުރިބާ ކޮށްލަން ލިބުނު ފުރުސަތެއް ކަމުގައި ޔަމް ދެކެއެވެ. ސަބަބުތައް ބައިވަރެވެ. މުޒާހަރާތަކުގެ ވީޑިއޯ ތަކާއި ފޮޓޯތައް ނަގާ ކަވަރު ކުރަމުން ދަނިކޮށް އެސް އޯ ފުލުހުން ޖެހި ޕެޕަރ ސްޕްރޭގެ ޝިކާރައަކަށް ވުމާއި އަދި އެސް އޯ ފުލުހުންގެ ބަޔަކު މާސްކް އަޅައިގެން ތިބެ ބެޓަން އަކުން ފައިގައި ޖެހި ޖެހުމާއި ކަރުނަ ގޭހުގެ ވެސް ޝިކާރައަކަށް ޔަމް ވި ވުމަކީ ޔަމް ގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނޭ ހަނދާން ތަކެކެވެ.

ޔަމް އަކީ ކުޅަދާނަ އެކްޓަރެއްވެސްމެއެވެ. ޔަމް އެކްޓް ކުރުމަށް ޝައުގުވެރިކަން އުފެދިފައިވަނީ އަމީނިއްޔާގައި އުޅުނު އިރު ތަމްސީލުތައް ކުޅުމުން ލިބޭ ތައުރީފުންނެވެ. 'އެހެނަސް' ފިލްމުގެ ޒިދޫގެ ރޯލުން ޔަމް ފުރަތަމަ ފަހަރަށް ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ތައާރަފްވުން ވެގެން ގޮސްފައި ވަނީ ޔަމް ގެ އެކްޓިން ކެރިއަރ ގެ ފެށުން ކަމުގައެވެ. ބުރުގާ އަޅައިގެން އުޅޭ ފަރާތްތަކަށް ފިލްމީ ދާއިރާގައި ފުރުސަތު ނުލިބޭ ވާހަކަ އަކީ ވަރަށް އާންމު ވާހަކައެކެވެ. ނަމަވެސް ޔަމް މިކަން ދޮގުކުރެއެވެ. ބުރުގާ އަޅައިގެން އުޅޭ ކުދިންނަށް ފުރުސަތުތައް ލިބޭ ކަމަށާއި އެހެންނަމަވެސް ބުރުގާ އަޅައިގެން އުޅޭ ކުދިންނަށް ގިނަފަހަރަށް ދެނީ ވަރަށް ކުރު ރޯލުތައްކަން ޔަމް ފާހަގާ ކޮށްފައިވެއެވެ.

ފިލްމީ ދާއިރާގެ ތެރެއިން އެންމެ ބޮޑު ހިތްވަރެއް ޔަމް އަށް ލިބެނީ ޖެރީ އަދި ޝާރާގެ ފަރާތުންނެވެ. އެއީ ޔަމް ގެ ވަރަށް ގާތް ދެ އެކުވެރިންވެސް މެއެވެ. އެ ދެ އެކުވެރިން ޔަމް އަށް ނަސޭހަތްދީ ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ އިތުރުން ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅުކުރުމަށް ވެސް ބުނެދެއެވެ. މީގެ އިތުރުން އޮފީސް ލޯބި ގެ ޑައިރެކްޓަރ އަމީ، އެހެނަސް ގެ ޕްރޮޑިއުސަރ އިގްބާލް، އިލްޔާސް ވަހީދު(އިއްލެ) ގެ އިތުރުން ޑާކް ރެއިން އެންޓަރޓެއިންގެ ބާނީ މޮގަރ ގެ ފަރާތުންވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭކަމަށް ޔަމް ބުނެއެވެ. އަދި މި އެންމެންނަކީ ވެސް ޔަމް އަށް އަބަދުވެސް ވަރަށް މުހިންމު ބަޔަކަށް ވާނެކަމަށް ވަނީ ބުނެފައެވެ.

ޔަމް އެންމެ ކުޅެލަން ބޭނުންވަނީ ނެގެޓިވް ނުވަތަ ކޮންމެވެސް ކަހަލަ އުނި ކަމެއް ހުންނަ މީހެއްގެ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ރޯލު ފަދަ ޗެލެންޖިން ރޯލެކެވެ.

 ދަރިންނާއި ކޮއްކޮމެންނަކީ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ޔަމް ދެކެއެވެ.

އެކި ސިފަ ސިފައިގައި ތިދޭ ހިތްވަރާއި ސަޕޯޓަށް ޝުކުރުއަދާ ކުރަން. ފާޑުކިޔުންތައް ވެސް ހެޔޮ ހިތުން ބަލައިގަންނަން. ނަމަވެސް ފާޑުކިޔުމުގައި ބައެއް ފަހަރު ބައެއް މީހުން ވަކި ހައްދެއް ނުބަހައްޓާ ފާޑުކިޔުމުން ނުތަނަވަސް ވޭ. ތިމާޔާ ދިމާލަށް އެހެން މީހަކު ބުނަން ހިތް ނޭދޭނެ އެއްޗެއް ތިމާވެސް އެހެން މީހުންނާ ދިމާލަށް ނުބުނުމަށް އިސްކަމެއް ދޭންވާނެ. އަޅުގަނޑަށް ސަޕޯޓްކުރާ އެއްވެސް މީހަކު ނުވަތަ އަޅުގަނޑާ ގާތް އެއްވެސް މީހަކު ދެރަވެ ލަދު ގަންނާނެކަމެއް އިންޝާﷲ އަޅުގަނޑު ނުކުރާނަން. އަދި މި ފުރުސަތުގައި އޮފީސް ލޯބި ގެ ޑައިރެކްޓަ އަމީ، އެހެނަސް ގެ ޕްރޮޑިއުސަރ އިގްބާލް ،އިލްޔާސް ވަހީދު(އިއްލެ) ގެ އިތުރުން ޑާކް ރެއިން އެންޓާރޓެއިންމެންޓްގެ ބާނީ މޮގަރ، މި ހަ މީހުންނަށާއި އަދި އަޅުގަނޑު މި ދާއިރާއަށް ތައާރަފްކޮށްދިން ރަވީ އަދި ރިޝްމީ އަށް ވަރަށް ޚާޢްސަ ޝުކުރެއް އަދާކުރަން.

ކޮންމެ އަކަސް ޔަމް މި ސާބިތު ކޮށްދެނީ އުފެދުމުގައި އައިބެއް ހުރި ކަމުގައި ވިޔަސް ދިރިއުޅުމުގައި ބޭނުންވާ ކޮންމެ ކަމެއް ހާސިލް ކުރެވޭނެ ކަމެވެ.ދިރިއުޅުމުގައި ކޮންމެ ކަހަލަ އަނދަވަޅަކަށް ވެއްޓުނު ކަމުގައި ވީނަމަވެސް ކެރިގެން ތެދުވެވޭނެކަމެވެ. މިކަމަށް ބޭނުންވަނީ ނުގުޑާފަދަ އަޒުމަކާއި ނުގުޑާފަދަ ވަރުގަދަ އީމާންތެރިކަމެވެ. ޔަމް އަކީ ހަމަ ކުޅަދާނަ ހިތްވަރުގަދަ ނުގުޑާފަދަ އަޒުމެއްގައި ހުރި ކަނބަލެކެވެ.