ލިޔުންތެރިންނަކީ މީހުން ހެއްވާލަން ވެސް އަދި ރޮއްވާލަން ވެސް އަދި ކިއެއްތަ ރުޅި އަރުވާލަން ވެސް މޮޅު ބައެކެވެ. އެބައި މީހުންގެ ލިޔުންތަކުގެ ޖާދޫ ވަރަށް މޮޅެވެ. އަހުމަދު ރަޝީދު ނުވަތަ އާންމު ނަމުންނަމަ އަންމަޑޭ އަކީ ކުޅަދާނަ ލިޔުން ތެރިއެކެވެ. ގިނަ ބަޔަކަށް އަންމަޑޭ އެނގިފައި ވަނީ މުނިއަވަސްފިލުވުމުގެ ޚަބަރު ލިޔާ މީހެއްގެ ގޮތުގައެވެ. އެންމެ ކުޑަ އިރުއްސުރެ ދިވެހި ރާއްޖޭގެ އަޑުގެ ޕްރެސެންޓަރަކަށް ނުވަތަ ޕްރޮޑިއުސަރަކަށް ވާން ބޭނުންވި އަންމަޑޭ އަކީ މިއަދު ނޫހެއްގެ ފައުންޑާއެވެ.

އަބަދުވެސް ދިވެހިބަހަށް ޝައުގުވެރިކަން ހުންނަ އަންމަޑޭ ދެކޭ ގޮތުގައި ލިޔުންތެރިކަމަކީ އަމިއްލަ ނަފްސަށް ތެރަޕީއެއް ފަދަ އެއްޗެކެވެ. އަންމަޑޭ ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދިފައިވަނީ އަންމަޑޭގެ އުފަން ރަށް ކަމުގައިވާ ލ.ފޮނަދޫ އިން ކިޔަވާ ނިމިގެން މާލޭ އިންގްލިޝް ސުކޫލުގައި އުޅުނު ދުވަސްވަރުގައެވެ. އެ ސުކޫލުގައި އަދަބީ ހަރަކާތް ތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމުގައިވާ ނޫސް ފޯވަހި މުބާރާތުން އަންމަޑޭ މެން ކުލާހުން ނެރުނު ނޫހަށް އެއްވަނަ ލިބިފައި ވެއެވެ. އެ ނޫސް ނެރެފައިވަނީ އަންމަޑޭ އިސްވެ ހުރެއެވެ.

2009 ހިސާބުގައި އަންމަޑޭ އަދި މިހާރު ދުވަސް ނޫހުގެ ވެރިޔާ އަޒްމީ އިސްވެ ހުރެ އޭރު އުފެއްދި ނޫސް ލާމު އެޓޯލް ޑޮޓް ކޮމް ހުއްޓުނު ފަހުންވެސް ހަބަރު ލިޔަން ބޭނުންވާތީ 2016 ވަނަ އަހަރުގައި އޮންލައިންއެއް ހަދައިގެން މުނިއަވަސް ފިލުވުމުގެ ހަބަރުތައް ލިޔަން ފެށިއެވެ. އެ އޮންލައިންގެ ނަން މުނިއަވަސްގެ ނަމަށް ބަދަލުކޮށްފައި ވަނީ 2017 ގައެވެ. މުނިއަވަސް އުފެދުނު ގޮތަކީ މިއީ އެވެ.

އަންމަޑޭ ދެކޭ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ތެދު ޚަބަރު ގެނެސް ދިނުމަށާއި އަދި ވީހާވެސް އަވަހަކަށް ޚަބަރުތައް ގެނެސްދިނުމެވެ. އަދި ހަމަ އެހެންމެ ކުށް ނުހިމަނައި ލިޔުމާއި ފަސާދަ އުފެދޭ ގޮތަށް ހަބަރުތައް ނުލިޔުމެވެ. ފަހަށް ނުބަހައްޓާ ވީ އެންމެ އަވަހަކަށް މަސައްކަތްތައް ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެ ކަމުގަ އާއި އަދި އަމިއްލަ ނަފްސަށް ތެދުވެރިވެގެން މެނުވީ އެހެން ބަޔަކަށް ތެދުވެރި ނުވެވޭނެ ކަމުގައި ވެސް އޭނާ ދެކެއެވެ.

މި ދާއިރާއިން އަންމަޑޭ އެންމެ ހާސިލް ކުރަން ބޭނުންވާ ކަމަކީ މީހުންގެ އިތުބާރު ހޯދުމެވެ. މިހާރު އެކަން ހާސިލްވެފައިވާ ކަމަށް އަންމަޑޭދެކެއެވެ. މީގެ އިތުރުން ލިޔުންތެރިކަމުގެ ދާއިރާ ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑެއް ލިބުން އެއީވެސް ކުރެވޭނެ އުންމީދެއް ކަމުގައި އަންމަޑޭ ބުނެއެވެ. ނަމަވެސް އަމިއްލައަށް ލިޔެކިޔުން ހުށައަޅައިގެން އެވޯޑް ހޯދުން އެއީ އަންމަޑޭ ޤަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި އެކަމަކު މި ޚިޔާލު ބަދަލުވެސް ވެދާނެ ކަމުގައިވެސް އަންމަޑޭ ބުނެއެވެ.

އިސްވެ ދެންނެވުނު ފަދައިން އަންމަޑޭ އަކީ ނޫސްވެރިއެއްގެއެއްގެ އިތުރުން އެއާ ޓްރެފިކް ކޮންޓޯލް އޮފިސަރެއްވެސް މެއެވެ. މި މަސައްކަތަކީ އަންމަޑޭ އާމްދަނީ ހޯދުމުގެ ގޮތުން ކުރާ މައިގަނޑު މަސައްކަތެވެ. އޭނާ ދެކޭ ގޮތުގައި ކޮންމެ ވަޒީފާ އެއްގައި އުޅުނު ނަމަވެސް ވަގުތަކީ ހޯދީމަ ލިބޭނެ އެއްޗެކެވެ. ކޮފީތަކާއި ގާޑިޔާތަކަށް ގޮސް އަނގަ ތަޅަން ނުގޮސް އެ ލިބޭ ވަގުތުތަކުގައިވެސް ވަރަށް ބައިވަރު ކަންކަން ކުރެވޭނެއެވެ. މި ގޮތަށް ލިބޭ ހުސްވަގުތުގައި މުނިއަވަސް ގެ މަސައްކަތްތަކާއި އެހެނިހެން ކަންކަން ކުރަނީ ކަމުގައި ބުނެއެވެ. މީގެ އިތުރުން އަންމަޑޭ ވީޑިއޯ އަދި އޯޑިއޯ ގެ މަސައްކަތް ވެސް ކުރެއެވެ. ވަރަށް ކުރީއްސުރެ މިކަމަށް ޝައުގުވެރިކަން ހުންނަ އަންމަޑޭ މި މަސައްކަތް ކުރަނީ އަމިއްލަ އަށް ދަސްކޮށްގެންނާއި އަދި އެންސީއޭއަށް އަންމަޑޭ އާއި އަންމަޑޭގެ ރައްޓެހި ކުދިންކޮޅެއް އެދިގެން ލ. ފޮނަދޫގައި ބޭއްވި ބޭސިކް ފިލްމު ޕްރޮޑަކްޝަން ވޯކްޝޮޕެއްގައި ބައިވެރިވެ އޭގެއިން ލިބުނު މައުލޫމާތުގެ އަލީގައެވެ. އަންމަޑޭ މި މަސައްކަތް ކުރަނީ މި މަސައްކަތަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. އާމްދަނީއެއް ހޯދުމުގެ ގޮތުންނެއް ނޫނެވެ. ބައެއް ޕްރޮޖެކްޓް ތަކުން މަސައްކަތާއި ނުބައްދަލު ކުޑަ އަގެއް ނަގާކަމުގައި ބުނެއެވެ.

ވީޑިއޯ ރިޕޯޓް، އަހަރީ ރިޕޯޓް، އިޝްތިހާރު، އެކިއެކި ކަންކަމަށް އޯޑިއޯ ރެކޯޑިން ހެދުމަކީވެސް އަންމަޑޭ ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. މާގިނަ ވަޞީލަތްތަކެއް ނެތް ކަމުގައި ވީނަމަވެސް ރެޖިސްޓްރީކޮށްގެން ރިކާޒް ސްޓޫޑިއޯ ނަމުގަ ސްޓޫޑިއޯއެއްވެސް އަންމަޑޭ ގެންގުޅޭ ކަމުގައި ބުނެއެވެ. މި ސްޓޫޑިއޯ އިން ލ. އަތޮޅުގެ ބައެއް ސްކޫލުތަކަށް، ކައުންސިލްތަކަށް، އަންހެނުންގެ ކޮމެޓީތަކަށް އަދި އަތޮޅު ކައުންސިލަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްދީފަ ހުންނާނެ ކަމަށް އަންމަޑޭ ބުނެއެވެ. ލާމަސީލު ލާމުން ބާއްވާ އިހައްދުންމަތި އެވޯޑް ހާސިލްކުރާ ފަރާތްތަކުގެ ވީޑިއޯ ޕްރޮފައިލްވެސް ތިން ފަހަރަށް އަންމަޑޭ ހަދާފައި ވެއެވެ. މީގެ އިތުރުން މުނިއަވަސް ކުލަބްހައުސްގައި ވެސް ވަރަށް ކޮލިޓީ އޯޑިއޯ އުފެއްދުންތަކެއް އުފެއްދިއްޖެކަމަށާއި އަދި މި މަސައްކަތަކީ މުނިއަވަސް ޓީމުގެ ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން ކުރެވުނު ކަމެއް ކަމުގައި އަންމަޑޭ ބުނެއެވެ.

ކޮންމެ އަކަސް ކިޔުންތެރިންގެ ފަރާތުން އަންމަޑޭ އެދެނީ ފިލްމު "ނީނާ" އަދި 2024 ގައި ޑާކްރެއިން އެންޓަޓެއިންމަންޓް އިން ރިލީޒްކުރާ ފިލްމު "ނޮވެމްބަރ" ބަލާލުމަށެވެ. އޭރުން ސަޕްރައިޒް އެއް ފެންނާނެކަމުގައި އަންމަޑޭ ބުނެއެވެ.

އަންމަޑޭ، ކޮންމެ އަކަސް ވަރަށް މަސައްކަތްތެރިއެވެ. ހިންގުންތެރިއެވެ. އައްމަޑޭ އަކީ ޚިދުމަތްތެރިއެކެވެ.