ޒަމާނުއްސުރެ ކައިވެންޏަކީ ދެމީހެއްގެ ދިރިއުޅުމުގައި އަންނަ އެންމެ ޚާއްސަ އެއް ދުވަހެވެ. ކުރީގައި ނަމަ އެއީ ދެ ފަރާތުގެ އާއިލާއަށް އަންނަ އެންމެ ބުރަ ދުވަސްތައް މެއެވެ. ހުރިހާ ތައްޔާރީތަކެއްގެ ތެރެއިން ވެސް އެންމެ އުނދަގޫ ކަމަކަށް ވަނީ ކައިވެނީގެ ދަޢުވަތު ކާޑު ހެދުމާއި އެ ކާޑުތައް ބެހުމެވެ. ކާޑުގެ އެތެރޭގެ ފަރުމާއާއި އެއްވަރަށް އެ ބަންދުކޮށްފައިވާ ސިޓީއުރައަށް ވެސް ސަމާލުކަން ދޭންޖެހެއެވެ. ފަހު ވަގުތަށް ޕްރިންޓްކޮށް ނުނިމިދާނެ ކަމެއް ކުރިއާލާ މިކަންކަން ނިންމައިފިނަމަ ގަޑިއާއި ތާރީޚަށް ބަދަލެއް އަތުވެދާނެއެވެ. ދެން ޖެހޭނީ އަލުން ކަރުދާސްކޮޅެއް ހިއްޕައިގެން އެއައި ބަދަލު ލިޔާށެވެ. ކާޑުގެ ރީތިކަން ދިޔައީއެވެ. ކާޑުބަހަށް އުޅުން ނަމަވެސް އެޑްރެސް ނޭނގުމާއި ބައްދަލު ނުވުމުގެ ސަބަބުން އެކަން ވަނީ ބޮޑު ވޭނަކަށެވެ. ނަވެސް ކާޑު ހަވާލު ނުކުރެވިއްޖެ ނަމަވެސް އާއިލާ އާއި ރައްޓެހިންގެ ތެރޭގައި މޫނުކެނޑި، ނުހުރުމުގެ ބަސްތައް އަމާޒު ވެދާނެއެވެ. ކޮންމެއަކަސް މިހެން ކާޑު ޕްރިންޓްކޮށްގެން ބެހުމަކީ ވަރަށް އުނދަގޫ އަދި ބުރަކަމެކެވެ. އެހާމެ ޚަރަދުވެސް ބޮޑު ކަމެކެވެ.

ނަމަވެސް މޫސާ ޝިފާޒު ނުވަތަ އާންމު ނަމުންނަމަ ޝިއްޕެ ވަނީ ދަޢުވަތު ކާޑުގެ ވައްޓާފާޅިއަށް ބޮޑު އިންގިލާބެއް ގެނެސްފައެވެ. މިހާރު ކާޑު ޕްރިންޓްކުރާކަށް ނުޖެހެއެވެ. ބަހަން ދާކަށްވެސް ނުޖެހެއެވެ. ޚިދުމަތަށް އެދޭ ފަރާތްތަކުން ބޭނުންވާ ޑިޒައިނަކަށް ޝިއްޕެ ތައްޔާރުކޮށްދޭނީ އެނިމޭޓޭޑް ކާޑެކެވެ. ވައިބަރ އަދި ވަޓްސްއެޕް ފަދަ އެފްތަކުގެ ޒަރީއާއިން ފަސޭހައިން ފޮނުވާލެވެއެވެ. މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން މިހާރު ގިނަ މީހުން ބޭނުވަނީ ކައިވެންޏަށް ކުރާ ޚަރަދު ކުޑަ ކުރުމަށްފަހު، ހަނީމޫން ނުވަތަ ދެމަފިރިން ދިރިއުޅޭނެ ގޭގެ ފެންވަރު ރަގަޅު ކުރުމަށް ބޮޑު ޚަރަދެއް ކުރުމަށެވެ. އެހެންކަމުން ދަޢުވަތު ކާޑަށް މި އައި ބަދަލާއި އެކު ޖީބަށް ވެސް ލުއިވާނެއެވެ.

މިކަން ފެށުމަށް ޚިޔާލު އައި ގޮތާއި ބެހޭގޮތުން ތީރުގެ ފަރާތުން ޝިއްޕާއާ ވާހަކަ ދައްކާލުމުން ބުނީ،"އެންމެ ފުރަތަމަ މިކަން ކުރެވުނީ ރައްޓެއްސެއްގެ އެދުމަށް. ދެން ފަހުން ހަމަ މިކަމަށް އޮންނަ ޑިމާންޑް ބޮޑުކަމުން ކުރަމުން މިދަނީ" މިހެންނެވެ.

ގްރެފިކް ޑިޒައިނިންގ ގައި ޝިފާޒް ހޭދަކުރި 15 އަހަރު ތެރޭގައި މުޅިންވެސް ޚިދުމަތް ދެވިފައިވަނީ ވިޔަފާރި ތަކަށެވެ. ނަމަވެސް އޭނާގެ ހުނަރުވެރި އެކި އެކި މަސައްކަތް ވަކިވަކި ފަރުދުންނާއި ހަމައަށް ފޯރުވަން ޝިފާޒް ހުރީ ބޭނުންވެފައެވެ. ވަކި ފަރުދަކަށް ޚިދުމަތެއް ދިނުމަށް ކައިވެނި ފަދަ ޚާއްސަ ހަފްލާއަކަށްވުރެ ވަކި މުނާސަބު ވަގުތެއް އޮންނާނެ ހެއްޔެވެ؟ ޝިފާޒްގެ އެނިމޭޓެޑް ކާޑުތައް ފެނުމުން ޕެންޑަމިކް ތެރޭގައިވެސް މީހުންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ކާޑުތަކަށް "ދިރުން" ގެންނަން ޝިފާޒްކޮށްފައިވާ މަސައްކަތް ވަރަށް ފުރިހަމަ އެވެ. އޭނާގެ މަސައްކަތާއި މެދު ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަ ޖެހިފައިވާ މިންވަރު، ޝިފާޒްގެ އިންސްޓަގްރާމް ޕޭޖްގެ ކޮމެންޓްތަކަށް ބަލާލުމުން ވެސް އެނގެއެވެ.

ކޮންމެ މަސައްކަތަކީވެސް އަގެއް އޮންނަ ކަމެކެވެ. އެހެން ކަމުން ޝިފާޒްގެ މި މަސައްކަތުގެ އަގުތަކާއި ގުޅޭގޮތުން ސުވާލު ކޮށްލީމެވެ. "އަގު ކިޔަނީ މުޅި ކާޑުގެ ފަރުމާއަށް. އޭގެ އިތުރުން ބައެއް ލިޔުންކޮޅުތަކަށް ގެންނަން ޖެހޭ ބަދަލުތަކަށް އަގެއް ނުކިޔަން، މިސާލަކަށް ޕެންޑަމިކް ވީމަ ހަފްލާތައް މި ބޭއްވެނީ އެކި ގަޑިތަކުގައި ވަކި ވަރަކަށް މީހުން ޝާމިލްކޮށްގެން. އެގޮތަށް ކިތަންމެ ބައިވަރު ގަޑިތައް ޖަހަން ޖެހުން ނަމަވެސް އެއަށް އިތުރު އަގެއް ނުނަގާނެ" ކަމަށް ޝިފާޒް ހާމަކުރިއެވެ.

ޝިއްޕެ ފަރުމާކުރާ ކާޑުތައް ހުންނަނީ މައިގަނޑު 3 ގިންތިއަކަށެވެ. ފުރަތަމަ ގިންތި އެއީ ނޯރމަލް ނުވަތަ ވަރަށް އާދައިގެ އެނިމޭޝަންސް ބޭނުންކޮށްގެނެ ހެދޭ ކާޑެވެ. ދެވަނަ ގިންތީގައި އެއް ސްލައިޑް ބޭނުންކޮށްގެން ޓެކްސްޓް އަދި އެންވަޔަރމަންޓް އެނިމޭޝަންސް ހިމެނޭނެއެވެ. އަދި 3 ވަނަ ގިންތިއަކީ އެއް ސްލައިޑަށްވުރެ ގިނަ ސްލައިޑް ބޭނުންކޮށްގެން އެނިމޭޓް ކުރެވިފައިވާ ކާޑެވެ. 

އެނިމޭޓެޑް ކާޑެއް ހަދަން ބޭނުން ނަމަ ޝިފާޒްގެ އިންސްޓަގްރާމް ޕޭޖަށް މެސެޖެއް ކޮށްލައިގެން އެކަން ވަރަށް ފަސޭހައިން ކުރެވޭނެއެވެ.