ދިވެހިންނަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް ގޭގޭގައި މީހުން ވިއްސަމުން، މައިންނާއި އަލަށް އުފަންވާ ކުދިންގެ ކަންކަން ވަރަށް ފުރިހަމަ އަށް ކުރަމުން އައި ބައެކެވެ. އެހެންކަމާއި އެކުވެސް ޅަފަތުގައި މަރުވާ ކުދިންގެ ނިސްބަތް މިހިސާބުގައި އެންމެ ދަށް ގައުމުގެ ގޮތުގައި  ދިވެހިރާއްޖެ ފާހަގަ ވެގެން ދިޔައެވެ. ވަކި ހިސާބަކުން ހުރިހާ ރަށެއްގައި ވެސް ސިއްޙީ މަރުކަޒުތައް ގާއިމް ކުރެވި ގޭގޭގައި ވިހެއުމުގެ ބަދަލުގައި ސިއްޙީ މަރުކަޒުތަކަށް ނުވަތަ ހޮސްޕިޓަލްތަކަށް ވިހަން ދިއުމަށް އިރުޝާދު ދެވުނެވެ. އެހިސާބުން ރަށްރަށުގައި ވަރަށް ބުރަކޮށް މަސައްކަތްކުރި ބައެއް ފޫޅުމައިންގެ މަސައްކަތްވެސް ސިއްހީ މަރުކަޒުތައް ނުވަތަ ހޮސްޕިޓަލްތަކުގެ ދަށަށް ދިޔައެވެ. ނަމަވެސް ފޫޅުމައިން އެ ދިން ފަރުވާ އާއި އަޅާލި އަޅާލުމަކީ އެއާއި އެއްފަދަ އެހެން ފަރުވާއެއް ނެތް ފަދަ ކަމެކެވެ. ސައުވީސް ގަޑިއިރު "އޮންކޯލް"ގައި މަސައްކަތްކުރި ފޫޅުމައިންގެ މަސައްކަތުގެ އަގު އަދާކުރުން ވާނީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ. ހޮސްޕިޓަލްތަކުގައި ވިހައިގެން ދެވޭ ފަރުވާ އަށް ވުރެ ފުރިހަމަ ފަރުވާ ގޭގައި ދެވޭ ކަމުގެ އެންމެ ފުރިހަމަ ހެއްކަކީ އެޒަމާނުގައި ވިހައިގެން ނިކުންނަ އަންހެނުންގެ ބަނޑު ހިނދިފައި ހުންނަކަމެވެ. ވިހެއުމާއި ގުޅިގެން ކުރިމަތިވާ އިތުރު މައްސަލަތައް މަދުކަމެވެ. ވިހައިގެން 40 ދުވަސް ވާއިރުވެސް ފޫޅުމާމީހާގެ ބެލުމުގެ ދަށުން ދޫކޮށްނުލާ މަޔަކު ބަލާއިރު ވަރަށް ފަރުވާ ކުރެވޭނެކަން ޔަގީނެވެ. މިއަދު ތީރުގެ ފަރާތުން މި ބައްދަލުކޮށްލީ މިފަދަ ލާމަސީލު ފޫޅު މަޔަކާއެވެ. މިއީ ރ. އަލިފުއްޓަށް އުފަން އަދި އެރަށުގައި ދިގު މުއްދަތަކަށް މި މަސައްކަތްކޮށް، އެމައެއްގެ އަތް މައްޗަށް އެތައް ކުދިންނެއް އުފަންވި ފޫޅުމައިމީހާ، ރަޝީދާ ޢަބްދުއްރަޙްމާނު ނުވަތަ އާންމު ނަމުން ނަމަ ރަސީދައިތަގެ ޚިދުމަތުގެ ކުރު ތަޢާރަފެކެވެ. ފޫޅުމާ ކަމާއި ދިވެހި ބޭސްވެރިކަމުގައި ރަސީދައިތަ ފޯރުކޮށްދީފައިވާ އަދި މިހާރުވެސް ފޯރުކޮށްދެމުން އަންނަ  ޚިދުމަތަކީ ފަޚުރުވެރިވުން ހައްޤު އަދި އަދި ޝުކުރުވެރިވާން ޖެހޭފަދަ ފުރިހަމަ ޚިދުމަތެކެވެ. ތިރީގައި އެވަނީ ތީރުގެ ފަރާތުން ކޮށްލި ސުވާލުތަކަށް ރަސީދައިތަ ދީފައިވާ ޖަވާބުތަކެވެ.  

  1. ފޫޅުމާ ކަމުގެ މަސައްކަތް މިއީ ކިހިނެތް ދަސްވި އަދި ކިހިނެތް ޝައުގުވެރިވި ކަމެއް؟

ހަނދާން ހުންނަން ފެށީއްސުރެ އަބަދުވެސް މަންމަ އާއިއެކުގައި މި ބޭހުގެ ތެރޭގައި އުޅެމުން އައީ. މަންމައަކީ މި މަސައްކަތް ކުރި މީހެއް. އެހެންވެ މަންމަ އަށް ބޭސް ފުނޑައިދީ އުޅެން. ދެން  މަންމަ ބަލިވެ އުޅެންޏާ މީހުނަށް ބޭސް ދޭން ވެސް ދަން. އެގޮތަށް މިކަމުގެ ތެރެއަށް ވަދެވުނީ. ދެން ވަރަށް ކުރާ ހިތްވާ ކަމެއް މީ. ކަމަކީ މަންމަގެ ފަރާތުން އަޅުގަނޑަށް ލިބުނު ކަމެއް.

  1. ކިހާ ދުވަހަކު މި މަސައްކަތް ކުރިންތޯ؟

އަޅުގަނޑުގެ އުމުރުން 12 ވަރަކަށް އަހަރުގައި މިކަމުގެ ތެރެއަށް ވަނީ. މިހާރު 70 އިން މައްޗަށް ދިޔައީ. އަދި ވެސް ހަމަ ވަރަށް ކުރާ ހިތުން މިކަމުގަ މިއުޅެނީ.

  1. ފޫޅުމާކަމުގެ މަސައްކަތްކުރި ދިގު މުއްދަތުގައި ކިތައް ކުދިންގެ ވިހޭގެ ބެލިފައި ހުންނާނެތޯ؟

އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މާ ގިނަ ލިޔެކިޔުންތަކެއް ބަލަހައްޓައިގެން ނޫން. ނަމަވެސް 200 އަށް ވުރެ ގިނަ ކުދިން ވިއްސިފައި ހުންނާނެ. އަދި ހަމަ މި އަދަދާ ގާތް ކުރާ ވަރަކަށް އެކި ކަންކަމުގައި މީހުނަށް ބޭސްކޮށްދެވިފައި ހުންނާނެ.

  1. ވިއްސުމުގެ ތެރެއިން ދިމާވާ އެންމެ ހާސްވާން ޖެހޭ ކަމަކީ ކޮބައިތޯ؟

އަނެއްހެން މާބޮޑަށް ހާސްވާން ޖެހޭ ވަކި ކަމެއް ނޯވޭ. ނަމަވެސް އެއް ފަހަރަކު ކުއްޖަކު ވިއްސިއިރު ވަރަށް ހާސްވި. އެއީ އެކުއްޖާ ވިހޭއިރު އެންމެ ފުރަތަމަ ފެނުނީ އެ ތުއްތު ކުއްޖާގެ ކުރިމަތިފަރާތް، ދެން ފޫކޮޅު، އެކޮޅު ކޮޅުން ވިހެއީ. އެއީ ވަރަށް ބިރުގަތް ދުވަހެއް. ނަމަވެސް ﷲގެ އިރާދަފުޅުން ހުރިހާކަމެއްވެސް ރަގަޅަށް ދިޔައީ.

  1. ގޭގޭގައި ވިހެއުމުގައި ކަންތައް ކުރާ ގޮތާއި ދެވޭ ފަރުވާ ވަރަށް ތަފްސީލް ކޮށް ކިޔާލަދެވިދާނެތޯ؟

ގޭގައި މީހުން ވިއްސާއިރު ވަރަށް ބަލަން މާބަނޑުމީހާ ހިތްހަމަ ޖައްސާފައި ބަހައްޓަން. އޭނައަށް ހިތްވަރުދީ ވާހަކަ ދައްކާ މަޖާކޮށް ހަދަން. އެއީ ބިރު ގަނެފާނެތީ. ދެން ވިހެއީމަ މައިމީހާ އާއި ތުއްތުދަރިފުޅު ފެންވަރުވާ، ތުއްތުދަރިފުޅަށް ޝަހާދަތް ޖައްސާ ހަދާފަ، ފަސްކުޅި ފުނޑާފަ މައިމީހާ އަށް ދެނީ. މިއީ ވިހައިގެން އެންމެ ފުރަތަމަ ދެވޭ ބޭސް. ދެން 7 ދުވަސް ވީމަ މައިމިހާ އެކޮޅު ކޮޅުން ނަގާ ހާނައިގެން ފަރުވާ ދެވޭ. ދެން ވެސް ބަނޑުގައި އަޑި އެޅުމާއި އެކު ދެވޭ އެހެން ބޭސް ވެސް ހުރޭ.

  1. މި މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބެނީ ކޮން ކަމަކުންތޯ؟

އަޅުގަނޑު ކުރާ ބޭހުން ﷲގެ އިރާދަފުޅާއި އެކު މީހުނަށް ޝިފާލިބި އެމީހުން އެކަމާ ހިތްހަމަ ޖެހުނީމަ އަޅުގަނޑު އެންމެ އުފާވަނީ އަދި ހިތް ހަމަ ޖެހެނީ.

  1. ޑޮކްޓަރުން ކައިރިއަށް ގޮސްގެން ވިހެއުމާއި ގޭގައި ވިހެއުމުގައި ހުރި އެންމެ ބޮޑުތަފާތު ކަމަކީ ކޮބައިތޯ؟

ހޮސްޕިޓަލުގައި ވިހާއިރު ގިނަ ފަހަރަށް އާއިލާގެ މީހުނަށް ކައިރީގައި ނުތިބެވޭނެ. ނަމަވެސް ގޭގައި ވިހާއިރު މާބަނޑުމީހާ ބޭނުންވާ އެންމެން ތިބޭނެ ކައިރީގައި ހިތްވަރުދޭން. އެއީ އަޅުގަނޑު ދެކޭގޮތުގައި މާބަނޑުމީހާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އާއިލާގެ ފިރިހެނުންނަށް ވިހާ ކޮޓަރިއަށް ނުވަދެވުނަސް އަޑު އިވޭ ހިސާބުގަ ތިބޭނީ. ދެން ހޮސްޕިޓަލްގައި ވިހާއިރު ވަރަށް ގިނަ ފަހަރަށް ކަފާލާނެ. ގޭގައި ވިހާއިރު ﷲގެ އިރާދަފުޅުން ކެފުމާއި ފެހުމެއް ނޯވޭ. ގުދުރަތީ ގޮތުން ކެފި ނުވަތަ ގެއްލުމެއް ލިބުން ނަމަވެސް އެކަމަށް ބޭސް ކުރެވޭނެ.

  1. އަދިވެސް ގޭގައި ވިހެއުމުގެ ހުއްދަ އޮތްނަމަ މިކަން އިތުރަށް ކުރިއަށް ގެންދަން ވިސްނަންތޯ؟

ގޭގައި މީހުން ވިއްސުމުގެ ހުއްދަ ސަރުކާރުން ދީފިނަމަ އަޅުގަނޑު އަދިވެސް މިކަން ކުރަން ބޭނުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގޭގައި ވިހަން ބޭނުންވާ މީހުން މިހާރުވެސް އުޅޭ.

  1. ވިއްސުމުގެ ތެރެއިން ކުއްޖަކު ނުވަތަ މައިމީހާ ނިޔާވެފައި ވާނެތޯ؟. ވާނަމަ އެއީ ކޮން މައްސަލައަކާ ގުޅިގެން ހިނގި ކަމެއްތޯ ކިޔާލަދެއްވާ.

1 ކުއްޖަކު ނިޔާވި. އެއީ ވަރަށް ބޮޑު ކުއްޖެއް. އެކޮޅުކޮޅުން އޮތީ. އެކުއްޖާފުޅުގެ ދަތްދޮޅި އަޅައިގެނެގެން ވަރަށް ގިނައިރު ވި. ނިޔާވީ ވިހޭފަހުން އަޅުގަނޑުގެ އަތުތެރޭގައި އޮއްވާ. މާބަނޑު މީހަކުވެސް ނިޔާވި، މަސްތުރަ ނުވެ ގިނަ އިރު ވެގެން. އެއީ މިހާ ދުވަހު މި މަސައްކަތްކުރި އިރު ދިމާވި ވަރަށް ހިތާމަވެރި ދެ ހާދިސާ. އެ ދެ ދުވަސް ހަނދާން ކޮށްލީމަ މިހާރުވެސް ރޮވޭ ހަމަ.

  1. ވިހެއުމަށްފަހު މި ކުރެވޭ ދިވެހި ބޭހަކީ ހަށިގަނޑަށް ކޮން ގޮތަކުން ކިހާ މުހިންމު ކަމެއްތޯ؟

ވިހެއުމާއި ގުޅިގެން ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލު އާދޭ. އާންމުގޮތެއްގައި ދިވެހި ބޭސް މި ކުރެވެނީ ހަށިގަނޑުގެ އެތެރެ ސާފުކޮށްދީ، އެތެރެހަށީގެ ފާރު ފަސޭހަކޮށް ދިނުމަށް އެހީތެރިވުމަށް. ރަގަޅަށް ބޭސް ކޮށްފިއްޔާ މިހާރު ކުދިން ވިހައިގެން ނިކުންނައިރު މި ފެންނަ ބަނޑެއް ނުހުންނާނެ. މާބަނޑުވުމުގެ ކުރިން ހަށިގަނޑު ހުރިގޮތަށް އިޔާދަ ވުމަށް ދިވެހި ބޭހަކީ ހަމަ ވަރަށް މުހިންމު އެއްޗެއް.

  1. މިހާރު ބޭސް ހަދާދީ އުޅެނީ ކޮން ކަހަލަ ބަލި ތަކަކަށްތޯ ނުވަތަ މައްސަލަތަކަކަށްތޯ؟

މިހާރު އެންމެ އާންމުކޮށް ބޭސް ހަދާނީ އުޅޭނީ މާބަނޑު ވުމުގައި އުނދަގޫ ހުންނަ މީހުނަށާ، ކިހުނު ބައްޔަށާއި، މައްސަރު ކަންތައް ދިގުދެމިގެންދާ މީހުނަށް. ދެން ޖުމްލަކޮށް އަންހެނުންނަށް ދިމާވާ ހަމަ ހުރިހާ ކަމަކަށްވެސް ބޭސް ކުރެވޭ.

  1. ބޭސް ވެރިކަމާ ފޫޅުމާކަން ދަރިއަކަށް ނުވަތަ އާއިލާ މީހަކަށް ދަސްކޮށްދޭން މަސައްކަތް ކުރިންތޯ؟

ހުރިހާ ކުދިން ކައިރީގައިވެސް މިކިޔަނީ އަޅުގަނޑު ދުނިޔޭގައި ހުއްޓާ މި ބޭސްވެރިކަން ދަސްކުރަން އުޅޭށޭ. އާއިލާ މީހަކު ނޫނަސް މިކަމަށް ޝައުގުވެރިކަން ހުރި ހަމަ ކޮންމެ މީހަކަށް ވެސް ދަސްކޮށްދޭން އަޅުގަނޑު މިހުރީ. އަޅުގަނޑު ބޭނުމެއް ނުވޭ ދިވެހި ބޭސްވެރިކަން އުވިގެންދާކަށް ހަމަ އެއްގޮތަކަށް ވެސް.

  1. ކުރީގައި މުއާސަލާތު ކުރަން އުނދަގޫ އިރު، މީހަކު ބަނޑުގައި ރިއްސާކަން އެނގެނީ ކިހިނެތްތޯ؟

މާބަނޑުމީހާގެ ބަނޑަށް 7 މަސް ވީމާ ތެޔޮފެން ލާދެން ދަން ކޮންމެ މީހަކު ކާރިއަށްވެސް. އެގޮސްފަ ބުނަން އެއްވެސް އުނދަގުލެއް ވަންޏާ ލަސްނުވެ އަންގާލާށޭ. ދެން އުނދަގުލެއް ވާކަމަށް ބުނީމާ ގޮސް ހާނާލަ ދީފަ އަންނަނީ. އެހެންވީމާ އެނގޭ ވިހަން ކާރިވާ ވަރު އަންދާޒާކޮށްލަން. ދެން އެމީހުންކާރި ބުނަން ބަނޑުގައި ރިހޭހެން ހީވަންޏާ ބަލާ އަންނާށޭ. ދެން އާއިލާގެ ކޮންމެސް މީހަކު އަންނާނެ ބަލާ. އައީމާ އަވަށް ދަނީ. އެ ހެޔޮ ކިތަންމެ ދަންވަރަކަސް. ކޮންމެ މޫސުމަކަސް.

  1. ފޫޅުމާކަން ކުރުމަށް ރަށުން ބޭރަށް ގޮސްހެދިންތޯ، ދިޔަ ނަމަ ދެވިފައިވާނީ ކޮން ރަށްރަށަކަށް ތޯ؟

ސީދާ މީހަކު ވިއްސާކަށް އެހެން ރަށަކަށް ނުދަން އެކަމަކު ބޭސްކޮށްދޭން ގޮސް ހުއްޓާ މީހުން ބަނޑުގައި ރިއްސަން ފެށީމަ ވިއްސާފަ ހުންނާނެ، ކޮމަންޑޫ، މަރޮށި އަދި މާލެގައި. އަދި ވެސް ދެތިން ހަތަރު ރަށެއް އުޅޭނެ.

  1. ރަށުގައި މާބަނޑު އަންހެނުން ތިބި ނަމަ ރަށުން ބޭރަށް ނުގޮސް މަޑުކޮށްގެން ހުންނަންތޯ؟

ލައްބަ. ދުވަސް ފުރެން ކާރިވެފައި މީހަކު އިންނަމަ ރަށުން ބޭރަށް ނުގޮސް ވަރަށް ގިނައިން މަޑުކުރަން.

  1. ފޫޅޫމާކަން ކުރި އިރު ރަށުގައި ދެ ފޫޅު މަޔަކު މަސައްކަތް ކުރިކަން ފާހަގަ ކުރެވޭ، ފޫޅުމަޔަކު އިޚްތިޔާރު ކުރުމުގައި މީހުން ކަން ކުރި ގޮތަކީ ކޮބައިތޯ؟ އަވަށް ނޫނީ ސަހަރައްދު ބަހާފަތޯ ހުންނަނީ؟

ނޫނޭ. އަވަށް ނުވަތަ ސަރަހައްދަކަށް ބަލާފަ ބަހާފައެއް ނުހުރޭ. މާބަނޑުމީހާ ހިތްހަމަ ޖެހޭ ފޫޅު މަޔަކު އިޚްތިޔާރު ކުރާނީ އާއިލާގެ ފަރާތުން. އާންމުކޮށް އެކަން ކުރާނީ އާއިލާގެ ތެރޭގައި ތިބޭ އަންހެންވެރިން.

  1. ހިތްހަމަ ޖެހޭ ވަރުގެ އާމްދަނީއެއް ލިބޭ މަސައްކަތެއްތޯ މިއީ؟

ފޫޅުމާ ކަމާއި ބޭސްވެރިކަމަކީ އަގުކިޔައިގެން ކުރާ ކަމެއް ނޫން. ބޭސްކުރާ ފަރާތުން ހިތުން ރުހުމުން ދިން ކޮންމެ އެއްޗެއް އަޅުނޑު އުފަލާއެކު ބަލައިގަންނަން. އެހެންވީމާ އެކި ފަހަރު އެކި ވަރު ލިބެނީ. ދެން މިހާރު ސަރުކާރު ވަޒީފާ ލިބުނުފަހުން އަދި ކިރިޔާ މަހު މުސާރައެއް ލިބެން މިފެށީ. އޭރުވެސް ހިތްހަމަ ޖެހޭ. މިހާރުވެސް ލިބޭ އާމްދަނީ އާ މެދު އަޅުގަނޑު ހިތްހަމަ ޖެހޭ.

  1. ނިންމާލަމުން ފާހަގަ ކޮށްލާނެ ވަކި ޚާއްސަކަމެއް އެބައޮތްތޯ؟

ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލި ލިބުން މިހާރު ވަރަށް ދަތި ވާހަކަ. ރަށްރަށުގެ ވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން، ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތަކުގެ ތެރެއިން ނެތެމުންދާ ބާވަތްތައް އިންދާ ހެއްދުމުގެ ޕްރޮގްރާމެއް ހިންގުން މިއީ އަޅުގަނޑު ދެކޭ ހުވަފެނެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ހަމަ ވަރަށް ގިނަ ރަށްރަށުގައި މިމަސައްކަތްކުރާ ފަރާތްތަކުން ތަހައްމަލު ކުރަމުންދާ އުނދަގުލެއް.