އިއްޔެއާއި އޭގެ ކުރީރޭގައި ރާއްޖޭގެ ހުރިހާ ނޫސްތަކެއްގެ ސުރުޚީތަކުންނާއި ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުން ފެނިގެން މި ދިޔައީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދަންނަ އަދި އެންމެނަށް ވެސް ހިތްހެޔޮ ހަސަންފުޅުބެ ނިޔާވިކަމުގެ ޚަބަރެވެ. ހަސަންފުޅުބެ، މީހުނަށް އެނގެނީ ޒަމާނުންސުރެ ބައިސްކަލު މަރާމާތު ކުރުމުގެ މަސައްކަތްކުރި އަދި ފަހުން ގަރާޖެއް ހިންގި މީހެއްގެ ގޮތުގައެވެ. ނަމަވެސް ހަސަންފުޅުބެ އަކީ ލާމަސީލު ބައްޕައެއްކަން އަޅުގަނޑުމެނާ ހިއްސާކުރީ ހަސަންފުޅުބެ ގެ ދޮށީ ދަރިފުޅު އައިޝަތު ހަސަންއެވެ.

ތީރުގެ ފަރާތުން އައިޝާ އާ ބައްދަލުކޮށް ބައްޕަގެ ޝަހުސިއްޔަތާއި ގުޅޭގޮތުން ބައެއް ސުވާލުކޮށްލީމެވެ. އައިޝާގެ މުޅި ހަޔާތުގައި އެމީހަކު އައިޝާދެކެ އެންމެ ލޯބިވި މީހާ ލޯމަތިން ގެއްލުނުތާ 24 ގަޑި އިރުގެ ތެރޭގައި އެވާހަކަަތައް އެހެން ފަރާތަކަށް ކިޔާ ދިނުންވެސް ވީ ވަރަށް ދަތި ކަމަކަށެވެ. ނަމަވެސް ކުރަކި އަޑަކުން ވަރަށް އަސަރާއި އެކު އައިޝާވަނީ، ބައްޕަގެ ޚާއްސަ ހަނދާންތަކާއި ބެހޭގޮތުން ވާހަކަ ތަކެއް ހިއްސާކޮށްފައެވެ. "ބައްޕައަކީ މީހުނަށް ވަރަށް ހިތްހެޔޮ މީހެއް. ނުދަންނަ މީހުނަށްވެސް ވަރަށް ހެޔޮވާނެ. ރައްޓެހިކުއްޖަކު ގެއަށް އަޔަސް ވާހަކަ ދައްކާނީ ހަމަ ދަރިފުޅު ކިޔާފަ. އައިޝާ މެނަށް ވެސް އަބަދުވެސް ނަސޭހަތް ދޭނެ މީހުނަށް ހެޔޮ ދީލަތި މީހަކަށް ވުމަށް. ބައްޕަގެ ދީލަތިކަމުގެ އެކި ވާހަކަތައް ނުވެސް ދަންނަ މީހުންގެ ފަރާތުންވެސް އިވޭ ބައްޕާ ނިޔާވިފަހުން. ވަރަށް ފަޚުރުވެރިވޭ އެކަމާ." ބައްޕަގެ ނަސޭހަތްތައް ހަނދާންކުރަމުން އައިޝާ ކިޔާދިނެވެ.

ފިރިއެއްގެ ހައިސިއްޔަތުން ހަސަންފުޅުބެ އަކީ ކޮން ކަހަލަ މީހެއްކަން ސިފަ ކޮށްދެމުން އައިޝާ ބުނީ، " އައިޝާމެން ބޮޑެތިވެގެން އައީ ވަރަށް ދަތި ހާލުގައި. ބައެއް ފަހަރު ހެނދުނު ސަޔަށް ހަދާ މަސްހުނީގެ ތެރެއަށް ކިރު އަޅާފަ، މަސްފެން ހަދާފަ ހުންނާނެ މެންދުރު ކެއުމަށް ވެސް. އެކަހަލަ ދިރިއުޅުމެއްގައި އުޅުނީ. ނަމަވެސް އައިޝާމެނަށް ސްކޫލަށް ހޯދަން ޖެހޭ އެއްޗެއް ނުލިބި ހުންނަން ނުޖެހޭ. ކިތަންމެ ދަތިކޮށް އުޅުނަސް ކުދިންނަށް އެކަން އިހުސާސްވިޔަ ނުދޭ." މިހެންނެވެ.

ބައްޕަގެ ދީލަތިކަން އައިޝާމެނަށް ފެންނަން ފެށީ އުމުުރުގެ ވަރަށް ޅަ އުމުރުން ފެށިގެނެވެ. އުމުރުން 7 އަަހަރު ހިސާބުން ފެށިގެން، ގޭ ކައިރީގައި ހުންނަ އަފީފުލް މިސްކިތަށް ރޯދަ ވީއްލަން ދާ މީހުނަށް ކަދުރުު ހަދިޔާ ކުރުމަކީ ހަސަންފުޅުގެ ކުރި ކަމެކެވެ. " އޭރު ހުންނާނީ އޮށާއެކީގަ ހުންނަ ކަދުރު. ވަރަށް ހަނދާންވޭ ގޭ އެންމެން ވެގެން ކަދުރު ފޮށިގަނޑުގެ ވަށައިގެން ތިބެ ކަދުރުގެ އޮށްނަގާ ސާފުކުރަން ތިބޭ ތިބުން. އެއީ ބައްޕަގެ ދީލަތިކަން ފެންނަން ފެށި ހިސާބު. ލިބޭ މިންވަރަކުން ޞަދަގާތް ކުރުމަކީ ބައްޕަގެ އާދައެއް. އެ މިސްކިތަށް ދާ މީހުންގެ ރޯދަ ވީއްލުމުގެ ހުރިހާ ކަމެއް ބައްޕަ ކުރި. ރޯދަމަހު އެކަންޏެއްނޫން އިނގޭތޯ. ހިލޭ ސާބަހަށް  ސާފުކޮށް، ކުދިކުދި މަރާމާތުކޮށް، އެ މިސްކިތް ބަލަހައްޓައިދިން. ބައެއް ފަހަރަށް އަމިއްލައަަށް ޚަރަދުކޮށްގެން މީހުން ލައްވާވެސް މިސްކިތުގެ ކަންކަން ކޮށްދޭނެ" ފަޚުރުވެރި ކަމާއެކު އައިޝާކިޔާދިނެވެ.

އައިޝާއަށް ބައްޕަ ފެނުނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. ދިިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ކެރިގެން ހިތްވަރާއެކު ކުރިމަތިލާ، ހަޔާތުގެ އެންމެ ފަހު ވަގުތުގައިވެސް ހަސަންފުޅުބެ ދެއްކި ހިތްވަރަކީ ދަރިއެއްގެ ހައިސިއްޔަތުން އައިޝާ އަށް ވެސް ހިތްވަރު ގަދަކުރަން ލިބުން ފިލާވަޅެކެވެ. "ބައްޕަ ބަލިވެ އުޅެން ފެށިފަހުން ވެސް ހަމަ ކިރިޔާ ތެދުވެވެންޏާ ގަރާޖުުގައި މަސައްކަތް ކުރަން އުޅޭނެ. އެތަނުގަ އުޅޭ އެހީތެރިންގެ ސައިކަލު ފަހަތަށް އަރައިގެން ދާނެ ފިހާރަތަކަށް ވެސް، ގަރާޖަށް ބޭނުންވާ ސާމާނު ގަންނަން. ބަލި އެނދުގައި އޮތް އެންމެ ފަހު ދުވަސްތަކުގައި ވެސް އައިޝާ ބައްޕައަށް ޒިޔާރަތްކުރާ ދުވަސް ދުވަހުވެސް މާޔޫސްކަމެއް ނުހުންނާނެ މޫނުމަތިން ފެންނާކަށް. އަބަދުވެސް ނަސޭހަތްދޭނީ. ރަގަޅަށް އުޅެން ބުނާނެ، ރަގަޅަށް ކުދިން ބަލަން ބުނާނެ" ބައްޕަގެ ހަޔާތުގެ އެންމެ ފަހުގެ ދުވަސްތައް ހަނދާންކުރަމުން އައިޝާކިޔާދިނެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ބައްޕަގެ ދައުރާއި ބައްޕަ ޢަމަލުކުރިގޮތް ކިޔާދެމުން އައިޝަބުނީ، " ބައްޕަ އައިޝާމެން ބޮޑުކުރީ އަންހެން ކުދިން ވީމަ "ތިއްތި" ކޮށްފައި ބައިތިއްބައިގެން ނޫން. އަންހެންކުދިންނަށް ވިޔަސް އައިޝާމެނަށް ދަސްކޮށްދީފަހުރީ ބައިސްކަލުގެ ހަން ބައްދާ ހަދަން. އެއިން ވައި ލީކުވޭތޯ ބަލާނެގޮތް ވެސް ދަސްކޮށްދީފަ ހުރީ. ޖުމްލަކޮށް ބުނަންޏާ ބައްޕައަކީ ފެމިނިސްޓެއް. ވަރަށް ހަނދާންވޭ ބައްޕަ އާ އެކީގަ ސްކޫލަށް ދާއިރު ހުންނާނީ ބައިސްކަލުގެ ފިޔަވަޅުމަތީގަ. ސްކޫލަށް ދެވެންދެން ހަމަ ނަސޭހަތް ދޭނީ. ވަރަށް ބޮޑަށް ހަނދާނުގަ ހުރޭ އެކަންކަން. ބައްޕަގެ ނަސޭހަތުގައި އަބަދުގައި ހިފާނަން" ވަރުގަދަ ޢަޒުމުގައި އައިޝާ ބުނެލިއެވެ.

އެންމެ ފަހު ސުވާލެއްގެ ގޮތުން އައިޝާއާ ސުވާލުކޮށްލީ، ބައްޕަ ނެތުމުން އެންމެ "މިސް"ވާނީ ކޮންކަމަކާތޯއެވެ. ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން އައިޝާއަށް ރޮވުނެވެ. " ބައްޕަ އަބަދުހެން ކަހަލަ ގޮތަކަށް އިންނާނީ ދޮރުމަތީގައި. މީހަކާ ވާހަކަ ދައްކަން ނެތިއްޔާ ގެއަށް ވަންނަ އިރު ގޮވާލާނެ. ދެން ހަމަ ގެއަށް ވަންނަ ކޮންމެ ފަހަރަކު އެކަން މިސްވާނެ. ދެން ނުހުންނާނެ އެހެން ގޮވާލާނެ މީހަކު." ގިސްލަމުން އައިޝާ ކިޔާދިނެވެ.

އައިޝާއަކީ ތީރުމީޑިޔާ އާއި ވަރަށް ގާތުން މަސައްކަތްކުރާ ވަރަށް ހީވާގި މަންމައެކެވެ. ތީރުގެ ފަރާތުން އައިޝާގެ ބައްޕަ ހަސަންފުޅުބެއަށް އެދެނީ ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުމެވެ.