މެލޮޑީއޭ އަހަރެމެން ކިޔަނީ މިއުޒިކީ ގޮތުން އަޑެއްގައި ހުންނަ ފަށުވި ރާގަކަށެވެ. ނަމަވެސް ދަންނަވަން މިއުޅެނީ މިއުޒިކީ މެލޮޑީއެއްގެ ވާހަކައެއް ނޫނެވެ. މިއީ ނަރުހުންގެ ތެރޭގައި މުޅިން ތަފާތު "މެލޮޑީއެކެވެ". ހއ. ދިއްދޫއަށް އުފަން އައިމިނަތް ނަޝްފާ އަކީ މިއަދު ވަރަށްވެސް ތަފާތު ނަރުހެކެވެ. އުމުރުން 32 އަހަރުގެ ނަޝްފާ އަކީ އޭނާގެ އާއިލާގެ ހަތަރު މެންބަރުން ކުރެ އެންމެ ދޮށީ، އަދި އެ އާއިލާގައި ހުރި ހަމަ އެކަނި އަންހެން ދަރިއެވެ.
1990ވަނަ އަހަރު އެޕްރީލް މަހު 17ގައި މި ދުނިޔެއަށް އުފަންވި ނަޝްފާ ވަނީ 2006ވަނަ އަހަރު، މާލޭ އިންގްލިޝް ސުކޫލުން (އެމް.އީ.އެސް) އިން އޯ'ލެވެލް ފުރިހަމަ ކޮށްފައެވެ. އޭގެ ފަހުން، 2009ވަނަ އަހަރު ސެންޓަރ ފޯ ހަޔާރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) އިން ނަޝްފާ ވަނީ މަތީ ސާނަވީ ނިންމާފައެވެ. މަތީ ސާނަވީ ނިމުމާއި އެކު އެއްވެސް އަހަރެއް ބޭކާރުނުކޮށް، 2010ވަނަ އަހަރު ނަޝްފާ، ނަރުސްކަން ކިޔަވަން ފެށިއެވެ. އޭރު ނަޝްފާ ކިޔަވަމުން ގެންދިޔައީ ޑިޕްލޮމާ އިން ނާރސިން އެވެ. އޭގެ ފަހުން ނަޝްފާ ވަނީ އެޑްވާންސް ޑިޕްލޮމާ އިން މިޑްވަައިފްރީ ފުރިހަމަކޮށްފައެވެ. ނަރުސްކަމުން ޑިގްރީ އާއި މާސްޓާރސް ފުރިހަމަކޮށްފައިވާ ނަޝްފާ، ޑިގްރީ އާއި މާސްޓާރސް ފުރިހަމަ ކުރީ ވަޒީފާގައި އުޅެމުންނެވެ. އަދި އެނގޭހެއްޔެވެ؟ ނަޝްފާ އަކީ ހަމަ އެކަނި ނަރުހެއް ނޫނެވެ. 2018ވަނަ އަހަރު ނަޝްފާ ވަނީ ޤާނޫނީ ދާއިރާއިން މަތީތައުލީމު ހާސިލްކުރަން ފަށާފައެވެ. އެގޮތުން 2021ވަނަ އަހަރު އޭނާ ވަނީ ޤާނޫނީ ދާއިރާއިން މާސްޓާރސް އިން ލޯ ފުރިހަމަ ކޮށްފައެވެ.
ގިނަ ނަރުހުންނާއި ހިލާފަށް، ނަޝްފާ ނަރުސްކަމުގެ ދާއިރާއިން ކުރިއަށްދާން ހިޔާލުކުރީ، ނަރުސްކަމަށް ހުރި ޝައުގުވެެރިކަމެއްގެ ބޮޑު ކަމަކުން ނޫނެވެ. ސައިންސުގެ ދާއިރާއިން ފިޒިކްސް އަށާއި ހިސާބު އިލްމަށް ލޯބި ކުރަމުން އައި ނަޝްފާ އަކީ މަދަރުސީ ދައުރުގައި ހިސާބަށް މޮޅު ދަރިވަރެކެވެ. މުދައްރިސުންވެސް އެ ސުވާލުތަކެއް ހެދުމަށް އުނދަގޫވާ ކިތަންމެ ސުވާލަކަށްވެސް އޭނާ އޭރު ދިޔައީ މުދައްރިސުންނަށްވެސް އެހީތެރިވަމުންނެވެ. އެހެން މާއްދާތަކަށްވެސް މޮޅު ނަޝްފާވަނީ އޭ'ލެވެލްގެ ގަދަ ދިހައެއްގެ ހަތްވަނާގައިވެސް ހިމެނިފަައެވެ. އޭ'ލެވެލް ނިންމާފައި ނަޝްފާ ވަނީ އޭނާގެ ރަށުގައި ތިބި ބައެއް ދަރިވަރުންނަށް ކިޔަވައިވެސް ދީފައެވެ. އަދި ރަށު ސުކޫލުން ލިބުނު ފުރުސަތެއްގައި ރަށު ސުކޫލުގައި ހިލޭ ސާބަހަށްވެސް ނަޝްފާ ވަނީ ކިޔަވައިދީފައެވެ.
މަތީ ސާނަވީއަށްފަހު، ރަށުގައި ހުރި ދުވަސްވަރު، ނަޝްފާގެ މަންމަގެ އެދުމަކަށްވީ ނަރުހަކަށް ނުވަތަ ޓީޗަރަކަށް ވުމަށެވެ. ނަމަވެސް އޭރުވެސް ނަޝްފާގެ ޝައުގުވެރިކަން މިދާއިރާއަށް ނެތްކަން ކޮންމެވެސް ސިފައެއްގައި އޭނާ ހާމަ ކުރިއެވެ. ނަމަވެސް މި ދާއިރާއިން ރަށުގައި ކުރިއަށް ދެވެން އޮތުމާއި، މަންމަގެ އެދުމާއި އެކު ނަޝްފާ ނަރުސްކަން ކިޔަވަން ފެށިއެވެ. އޭރު ނަޝްފާ އަކަަށް ނަރުސްކަމާއި ބެހޭގޮތުން އަދި ނަރުސްކަމުގެ ކިޔެވުމާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭނގެއެވެ. ރަށުގައި ކުރިމަގެއް އޮތުމާއި، މަންމަގެ އެދުމާއި އެކު ނަރުސްކަން ކިޔަވަން ފެށި ނަޝްފާ ބުނާގޮތުގައި ނަރުސްކަމަށް ސީދާ ޝައުގުވެރިކަން، އޭރު ހިތުގައި ނެތްނަމަވެސް، ނަރުސްކަމުގެ "ރޫހެއް" ހަށިގަނޑުގެ ތެރޭގާ ވާކަހަލައެވެ. ޅަ ދުވަސްވަރު އެކު އުޅުނު ކުދިންނާ، ޖަހާ ސަކަރާތާ ކުރާ މަޖަލުގައި ލިބޭ އަނިޔާތަކުގައި އެ ކުދިންނާ އެންމެ ކައިރިން އެހީތެރިވެދޭ މީހަކީ ނަޝްފާއެވެ. އިއްތިފާގަކުން ނަމަވެސް ނަރުސްކަން ކިޔަވަން ފެށުން ވެގެން ދިޔައީ ނަޝްފާގެ ހަށިގަނޑުގައިވާ މި "ރޫހަށް" ދިރުން ލިބުނު ކަމަކަށެވެ.
2013ވަނަ އަހަރު މޭ މަހުގެ 5ވަނަ ދުވަހަކީ ނަރުހެއްގެ ގޮތުގައި އެންމެ ފުރަތަނަ ނަޝްފާ ފެނިގެން ދިޔަ ދުވަހެވެ. ރެޖިސްޓާރޑް މިޑްވައިފް ނަރުހެއްގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލުގައި އެންމެ ފުރަތަމަ މަސައްކަތް ކުރަންފެށި ނަޝްފާ އަކީ ކެރޭ ހީވާގި ދަރިއެކެވެ. ނަޝްފާގެ މަސައްކަތާއި މަސައްކަތުގެ ފަރުވާތެރިކަމުގެ ނަތީޖާ އަކަށް ވެގެންދިޔައީ އޭރު ހއ. އަތޮޅު ހޮސްޕިޓަލުގައި ގިނަ ދިވެހި ނަރުހުންތަކެއް ތިބި ނަމަވެސް، ވަޒީފާއަށް ނުކުމެ، ދެމަސް ނުވަނީސް، ވަގުތީގޮތުން، ދޮޅުމަހު، އިންޗާޖެެއްގެ މަގާމު އަދާކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. ނަރުސްކަމުގެ މިހާ "ޅަ" އުމުރުގައި މިފަދަ މަގާމެއް ލިބުން ވީ އެތައްކަމެއް އެއްފަހަރާ ދަސްވި ކަމަކަށެވެ.
ނަޝްފާ ބުނާ ގޮތުން އޭނާ އަކީ ވަރަށް އިޖްތިމާއީ ކަންކަމަށް ލޯބިކުރާ ނަރުހެކެވެ. އެހެންކަމުން ހއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރި ދުވަސްވަރު އޭނާ ވަނީ މުޖުތަމައު ހޭލުންތެރި ކުރުމަށް ތަފާތު އެކި މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން މާބަނޑު އަންހެނުންނަށާއި، މާހައުލުގެ ރައްކާތެރިކަމާއި މަދިރި ނައްތާލުންފަދަ ކަންކަމަށް ހޭލުންތެެރިކަމުގެ ޕްރޮގްރާމުތައް އަތޮޅުތެރޭ ބޭއްވުމަށް އައުޓްރީޗް ޕްރޮގްރާމުތަކެއްގައި ނަޝްފާ ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.
އާންމުކޮށް އިވޭ އަޑަކީ، ނަރުސްކަން ކިޔަވައިގެން އަތޮޅުތެރޭގައި މަސައްކަތް ކުރަން ދިއުމުން ކުރި އެރުމެއް ނުލިބޭތާ އެއްޗެއްވެސް ނޭނގޭނޭ ބުނާ އަޑެވެ. ނަމަވެސް ނަޝްފާ ބުނާގޮތުގައި ރަށުގައި މަސައްކަތް ކުރުމަކީ ވަރަށްގިނަ ކަންކަމަށް ލޯ ހުޅުވިގެން ދިޔަ ކަމެއް ކަމަށެވެ. އަދި މަދު ވަސީލަތްތައް ބޭނުން ކޮށްގެން އެންމެ އެދެވޭ ފަރުވާދިނުމުގައި ހިކުމަތުގެ ބޭނުން ކުރަން އެނގިގެން ދިޔައީވެސް ރަށުގައި އުޅުމުންނެވެ.
ނަޝްފާ އަކީ ހަމަ އެކަނި މިޑްވައިފް ނަރުހެއް ނޫނެވެ. ހއ. އަަތޮޅު ހޮސްޕިޓަލުގައި އުޅެމުން ދަނިކޮށް ލިބުނު ފުރުސަތެއްގައި އޭނާ ވަނީ އެނެސްތީޝިއާ ނަރުހެއްގެ ތަމްރީނުތައް ފުރިހަމަކޮށް އެނެސްތީޝިއާ ނަރުހެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. އޭރު ނަޝްފާ އަކީ ރެޖިސްޓާރޑް މިޑްވައިފް ނަރުހެކެވެ.
ނަރުސްކަމުން އިތުރަަށް ކިޔެވުމަށްޓަކައި ނަޝްފާ ދެން ބަދަލުވީ މާލެއަށެވެ. މާލޭގެ އައި.ޖީ.އެމް.އެޗް ގެ ވިއްސާ ކޮޓަރީގައި މަސައްކަތް ކުރަމުން އޭނާ ދިޔައީ މި ދާއިރާއިން އިތުރަށް ކިޔަވަމުންނެވެ. އެތައް ކުދިންނެއް ވިއްސުމުގައި އައި.ޖީ.އެމް.އެޗް ގެ ވިހާކޮޓަރިން ފާހަގަ ކުރެވު ނަޝްފާ ވެގެން ދިޔައީ އެތަނުގައި އަލަށް ހުޅުވުނު އެމެޖެންސީ އޯ.ޓީ ގެ އެނެސްތީޝިޔާ ނަރުހަކަށެވެ. ވިއްސާ ކޮޓަރިއާއި އެމަޖެންސީ އޯ.ޓީ ހުންނަނީ އިންވެގެން ކަމުން ނަޝްފާ ދިޔައީ އެ ދެތަނުވައިވެސް ހިތްވަރާ އެކީ މަސައްކަތް ކުރަމުންނެވެ. ކުދިން ވިއްސަމުން، އަނެއްކޮޅުން އެނެސްތީޝިއާ ނަރުހެއްގެ ދައުރުވެސް އަދާކުރަމުންނެވެ.
މުޅި ދުނިޔެއަށް ހިޔަނި އަޅަމުން އައި ކޮވިޑް19 ގެ އާލަމީ ވަބާއަށް، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ތައްތާރުވަމުން އައި އިރު، އައި.ޖީ.އެމް.އެޗް ގެ ވެސް ނަރުހުންނާ ޑަކްޓަރުން އެކި ޑިޕާރޓްމެންޓްތަކުން، ތައްޔާރުވަމުން ދިޔައެވެ. އެގޮތުން ކޮވިޑުގެ އެންމެ "އައު" ދުވަސްވަރު، ނަޝްފާ ހުންނަން ޖެހުނީ ޑީ.އެޗް 16ގައެވެ. ކޮވިޑުގައި ހާލު ދެރަވެ، އެންމެ ފުރަތަމަ އެނދުމަތި ކުރެވުނު މާބަނޑު ބަލިމީހާ އާއި ހަވާލުވާން، އެންމެ ފުރަތަމަ ދިޔަ އެކަކީ ނަޝްފާއެވެ. އެ ބައްޔެއްގައި ވާއެއް ނުވާއެން ނޭނގޭ، އޭގެ ބިރުވެރިކަން ބޮޑު ނުރައްކާތެރި ބައްޔެއްގެ ތެރޭގައި އުޅެން ޖެހުން ވެގެން ދިޔައީ ނަޝްފާއަށް ބިރުވެރިކަން އިހުސާސް ކުރެވުނު ކަމަކަށެވެ. ޑީ.އެޗް16 އިން ދެން ނަޝްފާ ބަދަލުވީ އެޗް.އާރ.ޓީ.އެމް އަށެވެ. އެތަނުގައި ކޮވިޑުގެ ކަންކަން މެނޭޖު ކުރުމާއި ނަރުހުންގެ ކަންކަން ބެލެހެއްޓުމާއި އަދި ކޮވިޑާއި ގުޅިގެން އަލަށް ދިމައިވަމުން ދިޔަ އެތައް އައު މައްސަލަތަކެއް ހައްލު ކުރުމުގައި ނަޝްފާ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. މިއަދު ނަޝްފާ އަކީ އައި.ޖީ.އެމް.އެޗް ގެ އަންހެނުންގެ ވޯޑު އޭ.ބީ ގެ ވޯޑު މެނޭޖަރެވެ. ބަލިމީހުންނާ ނަރުހުންނާ އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ހަރުދަނާ އެތައް ފިޔަވަޅެއް ނަޝްފާ ވަނީ އެ ވޯޑުގައި އަޅާފައެވެ.
އިލްމު އުގެނުމާ އުގަންނައި ދިނުމުގެ ލޯތްބާއި ޝައުގު އިންތިހާއަށް ހުރި ނަޝްފާ އަކީ މިއަދު ނަރުހެއްގެ އިތުރުން، ވިލާ ކޮލެޖުގައި ހާފް-ޓައިމް ލެކްޗަރާއެކެވެ. އެންމެ ފަހުގެ އަދާހަމަ ވެފައިވާ ތަމްރީނުތައް ސިއްހީ ދާއިރާގަައި ބޭނުން ކުރުމަށާއި ލޯހުޅުވިފައިތިބޭ ހަރުދަނާ ނަރުހުންތަކެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތުވެސް މިއަދު އޭނާ އަދަކުރެއެވެ. އަދި އެވަރަކުން ފުއްދާލެވޭކަށް ނެތެވެ. އިޖްތިމާއީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ނަޝްފާ އަކީ އެން.ޖީ.އޯ އެއް ކަމަށްވާ މޯލްޑިވްސް ނާސިން އެސޯސިއޭޝަންގެ ރާއިސްވެސް މެއެވެ. ނަރުހުން ހަރުދަނާ ކުރުމާއި އަދާހަމަ އިލްމީ ހޯދުންތަކަށް ނަރުހުން އަހުލުވެރި ކުރުމަށް ނަޝްފާ ކުރަމުން ގެންދަނީ ބުރަ މަސައްކަތްތަކެކެވެ. ނަރުހުންގެ ހައްގުތަކުގެ ވާހަކަ އާއި ސިއްހީ ހިދުމަތްތެރިންނާއި އެހެނިހެން މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ އަކީ ނަޝްފާ އަބަދުވެސް ދައްކާ ވާހަކައެވެ.
ނަޝްފާ ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގައި ނަރުހުންނަށް މިއަދު ދިމައިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނަރުހުން މަދުވުމެވެ. އެއާއި އެކު މަސައްކަތުގެ ބުރަ ބޮޑުވުމާއި އެކު ބައެއް ނަރުހުން ވަކިވެގެންދާ މައްސަލައެވެ. އޭނާ ދެކޭ ގޮތުގައި ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނަރުހުންނަށް ތަފާތު ދާއިރާތަކުން ހާއްސަވުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ފަހިވެފައި ނެތުމެވެ. މަދު ނަމަވެސް ފުރުސަތުތައް ހުރި ނަމަވެސް އޭނާ ދެކޭގޮތުގައި އަދިވެސް އެފަދަ ފުރުސަތުތައް އިތުރުވާން ޖެހެއެވެ.
ނަރުހެއްގެ ގޮތުގައި ނަޝްފާ މަސައްކަތް ކުރަމުންދާއިރު، ލިބޭ އެންމެބޮޑު އުފަލަކީ އަދި ކާމިޔާބަކީވެސް ބަލިމީހުންގެ ފަރާތުން ލިބޭ ޝުކުރުގެ ބަސްތަކާއި ބަލިމީހުންގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. މީގެ އިތުރުން އެކީގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީވެސް ނަޝްފާ ހެޔޮހިތުން ބަލައިގަންނަ ކަމެކެވެ.
ނަޝްފާ އަކީވެސް އިންސާނެކެވެ. އާއިލާއެއް ބިނާކުރަމުން އަންނަ ހަރުދަނާ މަންމައެކެވެ. ބުރަ އަދި އެހާމެ ބިޒީ ދިރިއުޅުމެއް އުޅެމުން ވެސް ނަޝްފާ އޭނާގެ އާއިލާއަށް ވަގުތު ހުސްކުރެއެވެ. އެހެން ނަމަވެސް ނަޝްފާ ގަބޫލުކުރާ ގޮތުގައި އާއިލާއަށް ދޭން ބޭނުންވާ ވަރަށް، އޭނާއަށް ވަގުތެއް ނުދެވެއެވެ. ނަމަވެސް ވީވަރަކުން ނަޝްފާ އައްނަނީ އޭނާގެ މައިންބަފައިންނާއި އޭނާގެ ލޯބި ދަރިފުޅާއި އެކު ވަގުތުވެސް ހޭދަކުރަމުންނެވެ.
ނަޝްފާގެ މިއަދުގެ ކާމިޔާބީގައި އޭނާ އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރަނީ މާތް ﷲ އަށެވެ. އޭގެ ފަހުން އަބަދުވެސް އޭނާއަށް ހިތްވަރުދެއްވި އޭނާގެ މައިންބަފައިންނަށެވެ. ނަރުސްކަމުގެ ދާއިރާގައި އެންމެ ފުރަތަމަ އޭނާއަށް، ބޮޑު އިތުބާރެއް ކުރެއްވި، ރާޝިދާ މެޑަމްއަށް ނަޝްފާ ޝުކުރުވެރި ވެއެވެ. އަދި މިދާއިރާއިން ކުރިއަށް ދިއުމުގައި ހުސްނާ މެޑަމް އާއި ވޯޑް މެނޭޖާރ ފަޒީލާ މެޑަމް ދެއްވި ފުރުސަތަށާއި ހިތްވަރަށްވެސް އޭނާ ޝުކުރު އަދާކުރެއެވެ. ޖުމުލަކޮށް ނަޝްފާއަށް އެހީތެރިކަން ފޯރުކޮށްދީ ހިތްވަރުދެއްވާ ހުރިހާ ފަރާތްތަކަށް، ވަކި ފަރާތެއް އިސްތިސްނާ ނުވާނޭހެން އޭނާ ޝުކުރު އަދާކުރެއެވެ.
މާތް ﷲ، ނަޝްފާގެ މި މަސައްކަތުގައި ބަރަކާތް ލައްވާ، އަބަދުވެސް ކާމިޔާބީ މިންވަރު ކުރައްވާށިއެވެ! އާމީން!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން