ހދ.ނޮޅިވަރަމަށް އުފަން އުމުރުން 34 އަހަރުގެ މައިޝާ ޢަބްދުއްސައްތާރަކީ މިވަޤުތު ނޮޅިވަރަމުގައި ހުރި ހަމައެކަނި ކްލިނިކަލް ނާރސްއެވެ. 02 ކުދިންގެ މަންމައެއް ކަމަށްވާ މައިޝާއަކީ މިއަދު ވަރަށް ކުޅަދާނަ، ޒިންމާދާރު ނަރުހެކެވެ. 1988 ވަނަ އަހަރުގެ އެޕްރީލު 11 ގައި އުފަންވި މައިޝާ އަކީ އެންމެ ކުޑައިރުއްސުރެ ވެސް ސިއްޙީ ދާއިރާއަށް ލޯބިހުންނަ މީހެކެވެ. އެގޮތުން ބަލިމީހުންނަށް ފަރުވާ ކުރުމަކީ އެންމެ ކުރާ ހިތްވާ ކަންތަކަށް ވުމާއެކު ބޮޑުވެގެން ނަރުހަކަށް ވާން ނިންމީއެވެ. 

މައިޝާ ގްރޭޑް 01 އިން ފެށިގެން 05 އާ ހަމައަށް ކިޔެވީ ރަށު ސްކޫލުގައެވެ. އެއަށްފަހު ގްރޭޑް 06 އާއި 07 ހދ އަތޮޅު ތަޢުލީމީ މަރުކަޒުން ކިޔެވުމަށްފަހު ގްރޭޑް 08 އިން 10 އަށް ކިޔެވީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުންނެވެ. 2003 ވަނަ އަހަރު އޯ'ލެވެލް ނިންމި މައިޝާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ނޮޅިވަރަމު ހެލްތު ސެންޓަރުގައެވެ. 2006 ވަނަ އަހަރުގެ ޖަނަވަރީ މަހު މައިޝާ ވަނީ "އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ" ކިޔަވަން ފަށައިފައެވެ. އަދި އޭގެ ފަހުން ޑިގްރީއާއި މާސްޓަރސް ފުރިހަމަކޮށްފައިވަނީ ވަޒީފާގައި އުޅެމުންނެވެ. 

ދިމާވި ގޮންޖެހުންތައް!

ޕްރޮފެޝަންގައި ކުރިއަށް ދިޔުމަށްޓަކައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަމަށް މައިޝާ ބުނެފައިވެއެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވި ކަމަކީ އެންރޯލްޑް ނަރުހެއް ގޮތުގައި ހުރެ، ޑިޕްލޮމާ ކިޔެވުމަށްޓަކައި ވަޒީފާއިން ކެނޑިގެން ދާން ޖެހުމެވެ. "އެދުވަހު ވަރަށް ދެރަވި ވަޒީފާއިން ކެނޑިގެން ދާން ޖެހުނީމަ! މިހާރު ގޮތަށް އޭރު 'ޕޭ ލީވް' ލިބޭ ގޮތެއް ނޯވޭ ހަމަޖެހިފައެއް. އެހެންވީމަ ވަރަށް ބޮޑު ރިސްކެއް ނަގަން ޖެހުނު" މައިޝާ ކިޔައިދިނެވެ. ނަމަވެސް އެދުވަހު އެ ނިންމުން ނިންމުނީތީ މިއަދު އޭނާ އުފާކުރެއެވެ. 02 ކުދިންގެ މަންމައަކަށް ވުމާއެކު ޑިއުޓީ ކުރަމުން، ބްލޮކް ސްޓަޑީޒްތަކަށް ހާޟިރުވަމުން، ކޯސްތައް ވެސް ފުރިހަމަކޮށް "މާސްޓަރސް އޮފް ނާރސިންގ"އާާ ހަމައަށް މިއަދު އާދެވިފައި އެހުރީ ވަރަށް ވެސް ހިތްވަރުގަދަ ވީމައެވެ. މިހާ ހިސާބަށް އަންނައިރު އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުންނާނެކަމީ އެއްވެސް މީހަކު ޝައްކެއް އުފައްދާނެ ކަމެއް ނޫނެވެ. އެގޮތުން ސްކޫލް ދައުރު ވެސް ނުނިމެނީސް މައިޝާގެ މަންމަ ވަނީ ނިޔާވެފައެވެ. އެ ހިތާމާއާ ވެސް އޯ'ލެވެލްގެ ދުވަސްކޮޅު ކުރިމަތިލާން ޖެހުން ވެގެން ދިޔައީ ވަރަށް ވެސް އުނދަގޫވި ކަމަކަށެވެ. ނަމަވެސް މިއަދު ކްލިނިކަލް ނާރސްއެއް ގޮތުގައި ހުންނެވި، މަސައްކަތްކުރާ މައިދާނުގައި ނާރސިންގ އިންޗާޖާއި ބައެއް މުވައްޒަފުންގެ ސުޕަރވައިޒަރެއްގެ ގޮތުގައި އެމީހުންގެ ކަންކަމާ ވެސް ޙަވާލުވެ ހުންނެވި މައިޝާ ބުނެފައިވަނީ މިއަދު މިހާހިސާބަށް އާދެވިފައި މިހުރީ ވަރަށް ވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބުނީމައެވެ. 

"އަޅުގަނޑަށް ބީ.އެސް.ސީ އަދި އެމް.އެސް.ސީ ނާރސިންގގެ ބްލޮކް ސްޓަޑީޒްތަކަށް ހާޟިރުވެވޭނެ އިންތިޒާމު ނޮޅިވަރަމު ހެލްތު ސެންޓަރގެ މެނޭޖްމަންޓްގެ ފަރާތުން ފަހިކޮށްދެއްވީތީ ނޮޅިވަރަމު ހެލްތު ސެންޓަރގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މަރްޔަމް ޙަބީބަށާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝާފިޢު މުޙައްމަދަށް މިފުރުޞަޠުގައި ޝުކުރު ދަންނަވަން!"

"ޑިޕްލިމާ އިން ނާރސިންގ"އަށްފަހު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ މެޑިކަލް ވޯޑުގައި ވެސް މަސައްކަތް ކޮށްފައިވާ މައިޝާ ބުނެފައިވަނީ ސިއްޙީ ދާއިރާއިން ކުރިއަށް ދާން އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުނީ މައިޝާގެ ކާފަ (ނޮޅިވަރަމު ޢަލީކަލޭފާނު) އާއި މާމަގެ ފަރާތުން ކަމެވެ. "މާމައާ ނުލާ އަޅުގަނޑު މިއަދު މިގޮތަށް ނުފެންނާނެޔޭ ހަމަ ބުނެވޭނީ" މައިޝާ ބުނެފައިވެއެވެ. 

ނަރުސްކަން ކުރުމަކީ މަންމައެއްގެ ޙައިޞިއްޔަތުން ބަލާއިރު މާ ފަސޭހަ ކަމެއް ނޫނެވެ. ދަރިންނަށް ދޭންވާ ވަޤުތު ދެމުން ވަޒީފާ އަދާކުރަމުން އުޅެން ފަސޭހަ ނުވިޔަސް މައިޝާ އޭނާ އަދާކުރާ ވަޒީފާ ދެކެ ވަރަށް ލޯބިވެއެވެ. 

"މިހާތަނަށް ކުރަން ޖެހުނު އެންމެ ތަފާތު ތަޖުރިބާއަކީ ކޯވިޑް-19ގެ ޕެންޑަމިކެވެ. ނަމަވެސް އެދުވަސްކޮޅު ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން އަޅުގަނޑުވާނީ ހުރިހާ ކަމަކާ ވެސް ކުރިމަތިލާ އެންމެ ގާތުން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައިފައި" މައިޝާ ކިޔައިދިނެވެ. 

މައިޝާގެ އަދިވެސް ޙަޤީޤަތަކަށް ހަދަން ބޭނުންވާ ހުވަފެން އެބަހުއްޓެވެ. އެގޮތުން "ނާރސިންގ ލެކްޗަރާ"އެއްގެ ގޮތުގައި ކުދިންނަށް ކިޔަވައިދިނުމަކީ ދެން އެންމެ ކުރަން ބޭނުންވާ ކަންތަކެވެ. ޚާއްޞަކޮށް "ކްރިޓިކަލް ކެއަރ ނާރސިންގ"އަކީ އެންމެ ޝައުޤުވެރިވާ ދާއިރާކަމުން އެދާއިރާއިން ކުދިންތަކެއް ބިނާކުރުމަކީ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން ރަށުގެ ސިއްޙީ މަރުކަޒަކީ ވެސް އެންމެން އެދޭ ފަދަ ތަރައްޤީވެފައިވާ ހޮސްޕިޓަލަކަށް ވާނެ ދުވަހަކާއި ފޮރިން ނާރސެސް އާ ނުލާ ލޯކަލް ނާރސެސް ހުރިހާ ސެކްޓަރ ތަކެއްގައި ވެސް ތިބޭނެ ދުވަހެއް ވަރަށް ދެކެން ބޭނުންވާ ކަމަށް މައިޝާ ބުނެފައިވެއެވެ. 

ރަށުގައި ނާރސިންގ ދާއިރާއިން މާސްޓާރސް ސެޓިފިކެޓެއް އޮތް ހަމައެކަނި ނަރުސް ކަމަށްވާ މައިޝާ ބުނީ ސިއްޙީ ދާއިރާއަކީ ކުރިއަށް ދެވެން އޮތް، އިންސާނިއްޔަތަށް ފައިދާހުރި ޚިދުމަތެއް ދެވޭ، ރަނގަޅު އާމްދަނީއެއް ލިބޭ، ކުދިން ތަމްރީނުވުން މުހިއްމު ދާއިރާއެއް ކަމަށެވެ.