ހިތްވަރާއި ކެރުންތެރިކަމަކީ ކިތަންމެ ބޮޑު ނިކަމެތިކަމެއް އަދި ދެރަކަމެއް ވިޔަސް، އެކަންތައް ފަހަތައްލާ އިންސާނާއަށް ކުރިއަށް ދެވުމުގެ މައިގަނޑު އަސާސްތަކެވެ. މިއީވެސް އެފަދަ ހިތްވަރުގަދަ ޒުވާން އަންހެން ކުއްޖެއްގެ ވާހަކައެވެ. 1998ވަނަ އަހަރު ރ.މީދޫއަށް އުފަން އައިޝަތް ނަހުދާ އަކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެކެވެ. އާއިލާގެ 3 ކުދިންގެ ތެރޭގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އުމުރުން އެންމެ 6 މަހުގައި ތެލެސީމިއާ މޭޖަރ އެއްކަން އެނގި އުމުރުން 6 މަހުން ފެށިގެން ގަވައިދުން ލޭ އަޅަމުން އަންނަ ޒުވާނެކެވެ. ބައެއް މީހުންނަށް ނަހުދާ އަކީ "ބަލި" ކުއްޖެއް ކަމަށް ހީކުރެވިފައި އޮތަކަސް ނަހުދާ އަކީ މިއަދު ދިވެހި ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އައި.ޖީ.އެމް.އެޗް ގައި މަސައްކަތްކުރާ ފަހުރުވެރި ރެޖިސްޓަރޑް ނަރުހެކެވެ. ނަހުދާ އަކީ "ބަލި" ކުއްޖެއް ކަމުގައި ބަޔަކު ދެކުނަސް މިއަދު ނަހުދާ ހުރީ ބަލި މީހުންނަށް އެހީތެރިވެ އަޅާލުމުގައި ގަދަކޮށެވެ!

މީދޫގައި އޭރު ލޭ އެޅެން ނެތުމާއި އެކު ލޭ އަޅަން ދާން ޖެހެނީ އުނގޫފާރަށެވެ. މިއީ ނަހުދާ އާއި އޭނާގެ އާއިލާއިން އޭރު އުފުލި ވަރަށް ބޮޑު ވޭނެކެވެ. އުމުރުން 6 މަހުން ފެށިގެން 14 އަހަރު ވަންދެން ކޮންމެ މަހަކު އެއްފަހަރު ލޭ އަޅަން ޖެހެއެވެ. 14 އަހަރުގެ ފަހުން ކޮންމެ މަހަކު ދެފަހަރު، ލޭ އަޅަން ޖެހެއެވެ. ލޭ އަޅަން ނަހުދާ ކުރި ދަތުރުތައް ވެގެން ދިޔައީ ނަހުދާގެ ތައުލީމީ ހަޔާތުގައިވެސް ލިބުނު ބޮޑު "އަނިޔާ" އަކަށެވެ. އެތައް ކުލާހަކާއި އެތައް ޓެސްޓެއް ނަހުދާއަށް ގެއްލެއެވެ. ނަމަވެސް ހިތްވަރުކޮށް ކޮންމެ ފަހަރަކު އެބައި އަތުލައެވެ. ނަހުދާ ގުރޭޑު ހަތަކާއި ހަމައަށް ކިޔެވީ ލޭ އަޅަން ޖެހޭ ކޮންމެ ފަހަރަކު ރަށުން ބޭރަށް ގޮސްގެންނެވެ. ނަހުދާގެ މި ހިތްވަރުގެ ނަތީޖާއަކީ އޯލެވެލް އިމްތިހާނުން އެ ސުކޫލުން 7ވަނަ ގައި، ނަހުދާ ހިމެނުމެވެ. އޯލެވެލް ނިމުމާއި އެކު ނަހުދާ ވަނީ އޭލެވެލް ވެސް ފުރިހަމަ ކޮށްފައެވެ.

އުމުރުން އެންމެ ހަމަހުގައި ލޭ އަޅަން ފަށާ، އުމުރުން އެންމެ 15 އަހަރުން ފެށިގެން ހަފްތާ އަކު 5 ދުވަހު، އަމިއްލަ އަށް ޑެސްފަރޯލް އިންޖެކްޝަން ޖަހައިގެން، ކޮންމެ ދުވަހަކު 10 ގަޑި އިރާއި 12 ގަޑި އިރު ހޭދަކުރަމުން ދިޔަ ނަހުދާއަށް، ނަރުސްކަމުގެ ޝައުގު އުފެދުނީ އެހިސާބުންނެވެ. ނަމަވެސް އަމިއްލަ ރަށުގައި ހުރެގެން ނަރުހަކަށް ވެވެން ނެތުމާއި އެކު، އޮތް ފުރުސަތަކަށް އޮތީ އުނގޫފާރުގައި އޮތް ފުރުސަތެކެވެ. ނަހުދާ އަކީ ލޭ އަޅާ ކުއްޖެއްކަމުން ނަހުދާގެ މައިންބަފައިންނާ ދުރަށް ނަހުދާ ފޮނުވަން ޖެހުމަކީ ނަހުދާގެ މައިންބަފައިންނަށް ލިބުނު ވަރަށްބޮޑު، ފުން ހިތާމައެކެވެ. ނަމަވެސް ނަހުދާގެ ހިތްވަރާއި ސާބިތުކަމާއި އެކު އާއިލާ އާއި ދުރަށް ކިޔަވަން ދިޔައީ، ލޭ ހޯދުމާއި ލޭ އެޅުމުގެ ހުރިހާކަމެއް އަމިއްލަ އަށް ބެހެލެއްޓޭނޭކަމަށް ޔަގީންކޮށްގެންނެވެ. 2018ވަނަ އަހަރު އުނގޫފާރުން އެޑްވާންސް ލެވެލް ފަށާ އޭގެ ފަހުން ޑިޕްލޮމާ ނިންމާލާ، 2021ވަނަ އަހަރު ނަހުދާ ވަނީ ރެޖިސްޓާރޑް ނަރުހެއްގެ ލައިސަންސު ހޯދާފައެވެ. އާއިލާ އާއި ދުރުގައި ނަރުހަކަށް ވުމަށް ނަހުދާ ކުރި މި ދިގު ދަތުރުގައި ލޭ އެޅުމާއި ހޯދުމުގެ ހުރިހާ ކަމެއް ބެލެހެއްޓީ ނަހުދާ އެކަންޏެވެ. ކޮންމެ މަހަކު ދެފަހަރު ލޭ އެޅުމާއި ކޮންމެ ހަފްތާއަކު 5 ދުވަހު ޑެސްފަރޯލް އިންޖެކްޝަން ޖެހުމާއި އެކުގައެވެ. ކިޔެވުމުގެ ބުރަ ތާވަަލާއި އެކު ލޭ އެޅުމާއި ހޯދުމާއި އިންޖެކްޝަން ޖެހުމުގެ ކަންކަން އޭނާ އަމިއްލަ އަށް ތަރުތީބު ކުރީ ނުލާހިކު މޮޅަށެވެ. ލޭ ހޯދަން ޖެހުމާއި ލޭ އަޅަން ޖެހުމާއި އިންޖެކްޝަން ޖަހަން ޖެހުނެއްކަމަކު ނުހުދާ އުނގޫފާރުގައި ނަރުސްކަން ކިޔަވަމުން ގެންދިޔައީ އެންމެ ކުލާހެއްވެސް ގެއްލުވާނުލައެވެ. ކުލާހެއް ގެއްލުވާނުލާތާ ގަޑިވެސް ނުޖެހިއެވެ. އަމަލީ ތަޖުރުބާގައި ކޮންމެ ދުވަހަކު 8ގަޑި އިރު ޑިއުޓީ ކުރީ އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ.

ލޭ ހޯދުމާއި، ލޭ ހޯދުމުގައި އެޅުމޭ މިހެން އިބާރާތްކޮށް، ކުރުކޮށް އަކުރުތަކެއްގެ ސިފައިގައި ލިޔެވިފައި ވީނަމަވެސް އެއީ ބުރަ ކަމެކެވެ. އެއީ ވޭނެކެވެ. އެއީ ލޭ އަޅަން ނުޖެހޭ މީހަކަށް ފަހުމް ވާން އުނދަގޫ "މަފްހޫމެކެވެ"! އިހުސާސް ކުރަން ނޭނގޭ ވޭނީ އިހުސާސެކެވެ.

އެހެން މީހުންނޭ އެއްގޮތަށް ކުޅެ، މަޖާކޮށް ސަކަރާތް ޖެހުމަކީ ނަހުދާވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް އެކަންކަމުގައި ނަހުދާއަށް އުނދަގޫކުރުވައެވެ. އެހެނެއްކަމަކު އެފަދަ ކަންކަމުގައިވެސް ނަހުދާގެ ފަރާތުން ތަފާތުކަމެއް ނުފެނެއެވެ. ކުޅިވަރުގައި ހޭންޑްބޯލް ކޮންމެވެސް ވަރަކަށް ކުޅެ އުޅުނު ނަހުދާ، ކުޅިވަރުގެ މަތިން ފޫހިވީ އޭނާގެ ސުކޫލުދައުރުގައި "ބަލި" ކުއްޖެއް ކަމަށްބުނެ، ކުޅިވަރު ނުކުޅެވޭނޭ ބުނެ، ކުޅިވަރު ޓީމަކުން ބާކީކޮށްލި ހިސާބުންނެވެ. ނަމަވެސް އެއީ ނަހުދާ އަމިއްލަ އަށް "ބަލި" ގަބޫލު ކުރި ކަމެއް ނޫނެވެ. ހަމަ އެގޮތަށް ނަރުހަކަށްވެ، އެންމެ ފުރަތަމަ ވަޒީފާއަށް ކުރިމަތިލާ، ކުރެވުނު އިންޓަވިއުއިންވެސް ނަހުދާ ބާކީވެގެން ދިޔައީވެސް "ބަލި" ކުއްޖަކަށް ނަހުދާ ވީތީއެވެ. ދެންވެސް އޭނާގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އާދޭހެވެ! ދެރަވާނެއެވެ. މާޔޫސްވެސް ވާނެއެވެ. ނަމަވެސް ޖެހިގެން އައި މަހު އަނެއްކާވެސް އިއުލާނަކަށް ކުރިމަތިލާ އިންޓަވިއު ކުރިއެވެ. މިފަހަރު ނަހުދާ އިންޓަވިއުއިން ހޮވި ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުގައެވެ. ހިތްވަރާއި އުންމީދުގައި މިއީ ކޮންފަދަ މިސާލެއް ހެއްޔެވެ؟

އާންމު ދިރިއުޅުމެއް އުޅުމަށް ތެލެސީމިއާ މޭޖާރ އަކަށް އޮތް ދާއިމީ ހައްލަކީ ބޯންމެރޯ ހެދުމެވެ. އެއީވެސް ނަހުދާ ކުރި އުންމީދެކެވެ. ނަމަވެސް އާއިލާގައި އެ ތަނަވަސަކަން އޭރު ނެތުމާއި އެކު އެކަން ކުރެވޭގޮތް ވަނީ ނުވެފައެވެ. އެހެނެއްކަމަކު ތަނަވަސްކަން ލިބުމާއި އެކު ނަހުދާވެސް ބޯންމެރޯ ހަދަން، އާއިލާގައި ކްރޮސްމެޗް ދިމައިވާ މީހަކު ހުރިތޯ ބަލަން، ބޭރަށް ލޭ ފޮނުވައިގެން ހަދާ ޓެސްޓެއް ހެދުމަށް ޑަކްޓަރަށް ދެއްކިއެވެ. ނަމަވެސް ޑަކްޓަރުގެ ފަރާތުން ލިބުނީ ނާއުންމީދީ ޖަވާބެކެވެ. އެހެނީ އޭރު ނަހުދާގެ އުމުރުން 20 އަހަރަށްވުރެ ބޮޑުވެފައި ހުރުމުންނެވެ. ކުއްޖާ އެހާ ބޮޑުވެފާ ހުރުމުން، ބޯންމެރޯ ކާމިޔާބު ވުމުގެ ފުރުސަތު، ވަރަށް ކުޑަވާނެކަމަށް ޑަކްޓަރު ބުންޏެވެ. އެހެންނަމަވެސް އެހާ ހިސާބަށް އާދެވުމާއި އެކު، އާއިލާގައި ކްރޮސްމެޗު ދިމައިވާ މީހަކު ހުރިތޯ ބަލައިލަން ނަމަވެސް ބޭނުންވިއެވެ. އެއާއި އެކު 2020 ވަނަ އަހަރު ބޭރަށް ލޭ ފޮނުވާ ޓެސްޓް ހެދިއެވެ. ކޮވިޑު އާލަވީ ވަބާއާއި އެކު އެ ޓެސްޓުގެ ނަތީޖާ ވީ ނުވީއެއް ނޭނގި "ގެއްލުމަށް" ފަހު 2021 ވަނައަހަރުގެ ފަހުކޮޅު ނަތީޖާ އައެވެ. އެ ނަތީޖާ ދައްކާ ގޮތުން ނަހުދާގެ އެއްބަނޑު އެއްބަފާ ބޭބެގެ ކްރޮސްމެޗް ވަނީ ނަހުދާ އާއި ދިމާވެފައެވެ. ނަމަވެސް ޑަކްޓަރުގެ އިރުޝާދާއި ލަފާ ގެ މަތިން، ކްރޮސްމެޗު ދިމާވިނަމަވެސް އުމުރުން އެހާ ބޮޑުވެފައި ހުރުމުން، މިއަދު ބޯންމެރޯ ހެދުމުގެ އެއްވެސް ވިސްނުމެއް ނަހުދާގެ ނެތެވެ. ހަފްތާއަކު 5 ދުވަހު ޑެސްފަރޯލް އިންޖެކްޝަން ޖެހުމާއި މަހަކު ދެފަހަރު ލޭ އެޅުން އެއީ ދެންވެސް ނަހުދާގެ އާންމު ދިރިއުޅުމެގެ ބައެއްކަމުގައި އޭނާ ގަބޫލުކުރެއެވެ.

އޭނާގެ ކާމިޔާބީއާއި ހިތްވަރުގައި އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރަނީ ހުރިހާކަމަކަށް ކުޅަދުންވަންތަ މާތް ﷲ އަށެވެ. އޭގެފަހުގައި ނަހުދާ ބުނާ ގޮތުން ނަހުދާގެ މައިންބަފައިންނަކީ ޔާގޫތާ އަލިމަހަށްވުރެ އޭނާގެ ކުރިމަތީގައި އަގުބޮޑު ބައެކެވެ. މުޅި ދުނިޔޭގެ މިލްކިއްޔާތަށްވުރެ ނަހުދާގެ މައިންބަފައިންގެ އަގު، އޭނާގެ ކުރިމަތީގައި ބޮޑެވެ. އެމީހުން އެ އުފުލި ބުރައާއި ތަކުލީފަކީ ދުވަހަކުވެސް ނަހުދާއަށް ޝުކުރު އަދާކުރެވޭނޭ ކަންކަމެއް ނޫނެވެ. އެ ތަކުލީފުގެ ބުރަ ނަހުދާ އިހުސާސް ކުރީ އޭނާ އަމިއްލައަށް ލޭ ހޯދާ އެޅުމުގެ ކަންކަމުގައި އުޅެން ފެށި ހިސާބުންނެވެ. ނަހުދާ މިއަދު ސާބިިތުކޮށްދެނީ އޭނާ އަކީ "ބަލި" ކުއްޖެއް ނޫން ކަމެވެ. ނަހުދާގެ މައިން ބަފައިން މިއަދު ނަހުދާއާއި މެދު ފަހުރުވެރި ވެއެވެ. ނަހުދާއަށް ކުރިން ނުކުރާ ކިތަންމެ އިތުބާރެއް ކުރެއެވެ. ނަހުދާގެ ޝުކުރުގެ ލިސްޓުގައި ދެން ހިމެނެނީ ނަހުދާއަށް ކިޔަވައިދިން މުދައްރިސުންނެވެ. އޭގެ ފަހުގައި އެކު އުޅުނު އެކުވެރިންނާއި ރައްޓެހިންނާއި، ރަހުމު ކުރާ ރަހުމަތްތެރިންނެވެ. އަމަލީ ތަމްރީނު ތަކުގައި އެހީތެރިވެދިން ނަރުހުންނެވެ. ޖުމުލަކޮށް ހުރިހާ އެންމެންނަށް ނަހުދާ ޝުކުރުވެރި ވެއެވެ.

ނަހުދާއަކީވެސް އެހެން މީހުންނެކޭ އެއްފަދައިން އުފާވެރި ހަޔާތެއް އެދޭ މީހެކެވެ. އާއިލާއެއް ބިނާކުރުމުގެ ފޮނި އުންމީދުގައި މިއަދު ހުރި ނަހުދާ އަކީ ހިތްވަރާއި ކެރުންތެރިކަމުގައި ފާހަގަ ކޮށްލެވޭ "ފަހުލަވާނެކެވެ"! އަދިވެސް އޭނާ ބޭނުން ވަނީ ނަރުސްކަމައިގެންވެސް ކުރިއަށް ދާށެވެ. ކްރިޓިކަލް ކެއަރ އަކީ ނަހުދާ ވަރަށް ޝައުގުވެރިވާ ދާއިރާއެކެވެ. މިއަދު އައި.ޖީ.އެމް.އެޗް ގައި ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ ނަހުދާ އަކީ "ބަލި" ކުއްޖެއް ނަމަވެސް ބަލި މީހުންނަށް ފަރުވާދިނުމުގައި އެއީ "ގަދަ" މީހެކެވެ! މާތް ﷲ ނަހުދާގެ މަސައްކަތުގައި ކާމިޔާބު ލައްވާ ހިތްވަރާއި ސާބިތުކަން މިންވަރު ކުރައްވާށިއެވެ! އާމީން!