ދިވެހި ފަންނުވެރިންގެ ތެރެއިން ބައެއް ފަންނުވެރިންގެ މަސައްކަތްފެނުމުން، މިއީ ހަމަ ދިވެހިންގެ މަސައްކަތް ބާއޭ ހިތަށް އަރާ ފަހަރު ވަރަށް ގިނައިން އާދެއެވެ. ބައެއް ޒުވާނުންގެ ހުނަރު ފެނުމުން އާޝޯޚު ވެ ބަލަން ހުރެވެއެވެ. ބައެއް ދިވެހިންގެ މަސައްކަތުގެ ފުރިހަމަކަން ފެނިފައި އެއީ ދިވެހިންނަށް ވީތީ ބަލާމީހުން ފަޚުރުވެރިވާ ފަހަރު ވަރަށް ގިނައިން އާދެއެވެ. މިއަދު ތީރުގެ ފަރާތުން މި ބައްދަލުކޮށްލީ އެފަދަ ފަންނާނަކާއެވެ.

ކުރެހުމުގެ ފަންނުގައި ކުރިއަރަމުން އަންނަ 34 އަހަރުގެ ހުސެން އަލީ (އާންމު ނަމުންނަމަ ސެން) އަކީ ގދ. ތިނަދުއަށް އުފަން، އަދި މިހާރު ހުޅުމާލޭގައި ދިރިއުޅޭ ޒުވާނެކެވެ. ހުސެންގެ މަސައްކަތް ފެނި އެކަމާ ގުޅޭގޮތުން "ތީރުގެ ތޭރަ" ސުވާލު ހުސެން އާ ކޮށްލީމެވެ.

ހުސެންގެ ތަފާތު މަސައްކަތެއް

  1. ހުސެން މި ކުރަހާ ކުރެހުމަކީ ކޮން ކަހަލަ ކުރެހުންތަކެއް؟ ވަކި ޚާއްސަ ނަމެއް އޮވޭތަ؟

ހުސެންގެ މި އާރޓަށް ކިޔަނީ "އެކްރިލިކް ޕޯރިންގ" އަދި "ރެސިން އާރޓް" މިއީ ވެސް ވަރަށް ތަފާތު ދެކަމެއް.

  1. ކިހިނެތް ޝައުގު އުފެދުން ކަމެއް މީ؟

ކުރެހުމާ ގުޅުން ހުރި ކަންކަން ކުރަން އަބަދުވެސް ޝައުގު ހުރޭ، މި ބާވަތުގެ އަރޓްތައް ފެނުނީ އަދި މިކަން ކުރަން ދަސްކުރީ ޔޫޓިއުބް ވީޑިއޯ ބަލައިގެން.

ހުސެންގެ އެންމެ ފުރަތަމަ ރެސިން އަރޓް

  1. މިއީ އުފަންވުމުގައި ހުރި ހުނަރެއްތަ ނުވަތަ މިކަމަށް އެއްވެސް ތަމްރީނެއް ހޯދާފައިވާނެތަ؟

އުފަންވުމުގައި ހުރި ހުނަރެކޭ ބުނެވިދާނެ، ސަބަބަކީ މިކަމަށް އަދި އެއްވެސް ތަމްރީނެއް ހޯދައިގެން ނޫން މި ކުރަނީ. ހަމަ ވީޑިއޯތައް ބަލައިގެން މި ދަސްކުރަނީ.

  1. ކޮންމެ ފަންނެއްގެ މީހުން ވެސް އެފަންނެއްގެ އެހެން މީހުންގެ މަސައްކަތް ބަލާ، ވަކި މީހެއްގެ ފަރާތުން އިންސްޕިރޭޝަން ލިބިގެންތަ މިކަން ކުރަނީ؟

އެކްރިލިކް ޕޯރިންގަ ވަރަށް ފޮލޯ ކުރާމީހެއް ސްމާރޓް އަރޓް މެޓީރިއަލްގެ ފައުންޑަރ އަކީ. މިކަމާ ގުޅުން ހުރި ބްލޮގްތައް ހުންނާނެ އޭނަގެ. އެއެއްޗެހި ވަރަށް ބަލަން. ނަމަވެސް ރެސިން އަރޓްގަ ވަކި މީހަކު ފޮލޯ ނުކުރަން. ހަމަ ފޮޓޯތައް ބަލައިގެން އައިޑިޔާ ހޯދަނީ.

https://www.facebook.com/groups/smartartmaterials/

  1. މި ކަމަށް ބޭނުންވާ ތަކެތި ރާއްޖެއިން ލިބޭތަ؟ ނުލިބޭ ނަމަ ހޯދަނީ ކިހިނެތް؟

ގިނަ އެއްޗެހި ނުލިބޭ. ލިބެން ހުންނަ އެއްޗެއްވެސް ވަރަށް އަގުބޮޑު، އެހެންވެ ހަމަ އެމޭޒަން އިން އޯޑަރ ކޮށްގެން ގެންނަނީ.

ހުސެންގެ އެންމެ ފުރަތަމަ އެކްރިލިކް ޕެއިންޓް

  1. މިއީ ހަމަ އެކަނި ހޮބީ އަކަށް ކުރާ ކަމެއް ތަ؟ ނޫނީ އާމްދަނީ ހޯދަން ކުރާ ކަމެއްތަ؟

އެންމެ ފުރަތަމަ ފަށައިގަތީ ހަމަ އަމިއްލަ ހިތްހަމަ ޖެހުމަށް. އޭރު ގިނައި ހަދާފަ ހުންނާނީ އަތުގަ އަޅާ އެއްޗެހި. އާމްދަނީ ހޯދުމުގެ ގޮތުން މިކަން ކުރަން ފެށީ ވަރަށް ފަހުން.

  1. ރާއްޖޭގައި ކުރެހުންތެރިންނަށް ނުވަތަ އެމީހުންގެ މަސައްކަތަށް ރަގަޅު އުޖޫރައެއް ލިބޭތަ؟

ތިކަމަށް އެއްޗެއް ބުނަން އަދި އަވަސް ކަމަށް ގަބޫލު ކުރެވެނީ، އަމްދުން މިހާރުގެ ޙާލަތު މިއޮތް ގޮތުން ތިކަމަށް ވަކި އެއްޗެއް ބުނަން އުނދަގޫ.

ހުސެންގެ ވާރކް ސްޓޭޝަން

  1. ފެށުމުގައިވެސް ވަރަށް ފުރިހަމަ މަސައްކަތް ތަކެއް ފެނިގެން މިދަނީ، މިކަން ކުރިއަށް ގެންދަން ވިސްނަނީ ކިހިނެތް؟

މިކަމުން ރަގަޅު އާމްދަނީ އެއް ލިބޭނަމަ ހަމަ މިކަމުގައި ކުރިއަށް ދާން ބޭނުން ވަނީ.

  1. ހުސެންގެ މަސައްކަތް އާންމުންނަށް ދައްކާލުމަށް ބޭނުން ކުރަނީ ކޮން ޕްލެޓްފޯމްތަކެއް؟

އިންސްޓަގްރާމް އަދި ފޭސްބުކްގަ ހުންނާނެ މަސައްކަތްތައް ފެންނަން، ދެން ބައެއް ފަހަރު ސްނެޕްގަވެސް ހިއްސާކުރަން

  1. މިފަދަ ހުނަރު ކުރި އެރުވުމަށް ކަމާ ބެހޭ އިދާރާތަކުން ބޭނުންވަނީ ކޮންކަހަލަ އެހީތެރި ކަމެއް؟

ފަސޭހައިން މިކަމަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއްވުން އެއީ ވަރަށް މުހިންމު ކަމެއް. ދެން ސަރުކާރުން އެބަ ބާއްވާ ދެއްތޯ "ފަންނު އެކްސްޕޯ". ހުސެން ވެސް މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާން ތައްޔާރުވީ. އެއީ ވަރަށް ގިނަ މީހުންނަށް މިފަދަ ފަންނުވެރިން ފެންނާނެ ޕްލެޓްފޯމެއް ވީމަ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެކަން މިވަނީ ކެންސަލް ވެފައި.

  1. މި މަސައްކަތްކުރަނީ ވަޒީފާއެއް އަދާކުރަމުންތަ؟ ނުވަތަ ތަޢުލީމް ހާޞިލް ކުރަމުންތަ؟

ވަޒީފާއަށް ދަމުން ލިބޭ ހުސްވަގުތުގަ މިކަން މިކުރަނީ

  1. ހުސެންއަށް މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ކޮބާ؟

އެންމެ ބޮޑު ދައްޗަކީ ހަމަ މިކަމަށް ބޭނުންވާ ތަކެތި ނުލިބުން، ދެން މާލެ އޭރިޔާ ވީމާ ޖާގަވެސް ވަރަށް ކުޑަ. އެކްރިލިކް ޕޯރިންގ އަދި ރެސިން އާރޓަކީވެސް ވަރަށް ތަންހަޑިވާ ދެ ކަންތައް، އެހެންވީމާ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވޭ.

  1. މިކަމުގައި ހުސެންއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކޮން ފަރާތަކުން؟

އެހީތެރިކަމެއް ހޯދާކަށް އަދި ނުޖެހޭ ނަމަވެސް އިންސްޓަގްރާމްގައި އުޅޭ ފްރެންޑުން ވަރަށް ގިނައިން ޝެއަރ ކުރާނެ ހުސެންގެ އަރޓް. އެކަމާ ވަރަށް އުފާވޭ. އުންމީދަކީ އަވަހަށް ކޮވިޑް-19 ގެ މި ބަލިމަޑުކަމުން އަރާގަނެ، ކުދިވިޔަފާރިތަށް ރަގަޅަށް ހިނގަންފެށުން. ޓޫރިޒަމް ރަގަޅަށް ފެށިގެން ދިޔައިމަ މިކަމަށް ފައިދާ ކުރާނެ.

https://www.instagram.com/sen_artsandcrafts/?hl=en

ހުސެންގެ އިންސްޓަގްރާމްގައި ހުސެން ކުރެހުން ތައްޔާރުކުރާ ވީޑިއޯތައް ވެސް ޙިއްސާ ކޮށްފައިވެއެވެ. މި ފުރިހަމަ މަސައްކަތް ބަލާލާ ހުސެންއަށް ފޮލޯ ކުރުމަށް މަތީގައިވާ ލިންކް ބޭނުން ކޮށްލާށެވެ.