ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ތާރީޚާއި، ފަންނުވެރިކަމާ ގައުމުގެ ބަޠަލުންގެ ހަނދާނީ ބިނާތައް ހެދިފައިވެއެވެ. އެހެން ގައުމުތަކާއި ޚިލާފަށް ރާއްޖޭގައި ހިނގާ އެއްކަމެއް އޮވެއެވެ. އާސާރީ ބިނާތައް އެއްތަނުން އަނެއްތަނަށް ގެންދިއުމެވެ. މިހެން ގެންދާ ގެންދިއުމުގައި ކުރިން އެ ބިނާ ހުރި ރަށް ނޫން އެހެން ރަށްރަށަށް ވެސް ގެންދެވިފައި އެބަހުއްޓެވެ. އެހެން ކަމުން ބައެއް ކުދިންނަށް އެފަދަ ތަންތަން ފެނުމުގެ ނަސީބު ނުލިބިވެސް ދާނެއެވެ.

މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ގެނެސްދީ، އުއްމީދެއް ހޯދައި ދިނީ ރ. ހުޅުދުއްފާރަށް އުފަން ޢަބްދުﷲ ޝާފިޢުއެވެ. ވަޒީފާގައި އުޅެމުން ހުސް ވަގުތު ހޯދައިގެން ޝާފިއު މިހާރު ކުރާ މަސައްކަތަކީ އަސާރީ ބިނާތަކުގެ 3-ޑީ މޮޑެލް ހެދުމެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވިގެން ދިޔައީ ޝާފިޢު ހަދާފައިވާ މެދުޒިޔާރަތުގެ މޮޑެލް އެވެ. އެހެންކަމުން މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކޮށްލުމަށް ތީރުގެ ފަރާތުން ޝާފިޢު އާ ބައްދަލުކޮށްލީމެވެ.

މިކަމަށް ޝައުގުވެރިކަން އުފެދުނު ގޮތާއި މެދު ސުވާލު ކޮށް ލުމުން ޝާފިއު ބުނީ އަބަދުވެސް ކުރެހުމަށް ޝައުގު ހުންނަ ކަމަށާ، އާދައިގެ ކުރެހުން ކުރަހަމުން ގޮސް 3-ޑީ ކުރެހުމަށް ބަދަލު ވެ އޭގެ ފަހުން މޮޑެލް ހެދުމުގެ ޚިޔާލު އައީ ކަމަށެވެ. އެގޮތުން ޝާފިޢުގެ އެންމެ ފުރިހަމަ އެއް މަސައްކަތްކަމަށްވާ މެދުޒިޔާރަތުގެ މޮޑެލް ހެދުމަށް 1 މަސް ދުވަސް ހޭދަ ވިކަމަށް ޝާފިޢު ކިޔާދިނެވެ. މޮޑެލް ހެދުމުގައި އާންމުކޮށް ބޭނުން ކުރަނީ ސަންބޯޑް، ވައިރު އަދި ވޯލް ސްޓިކަރ ކަމަށް ޝާފިއު ހާމަ ކުރިއެވެ. އަދި ތަތްކުރަން ޖެހޭ ތަންތަނަށް ބޭނުން ކުރަނީ އަލްޓީކޯ ނުވަތަ ސުޕަރގްލޫ އެވެ. މެދު ޒިޔާރަތުގެ މަސައްކަތް ކުރުމަށް އެކި ފޮތްތަކާއި އިންޓަރނެޓްގެ ޒަރިއްޔާ އިން ހޯދި މައުލޫމާތުގެ އިތުރުން 75 ފޮޓޯ އެއް އެތަނުގެ މިންތަކާއި އެންގަލްތައް ދެނެގަތުމަށް ބޭނުން ކުރެވިފައިވެއެވެ.

މިހާރު މި މޮޑެލް އިނީ އުގައިލް ފައުންޑޭޝަނުން ހުޅުމާލޭގައި ހިންގާ އޮފީހެއްގައި ކަމަށާ އާންމުން މި މޮޑެލް ބަލާލަން ބޭނުން ނަމަ އެކަން ހަމަ ޖައްސާދޭނެ ކަމަށްވެސް ޝާފިއު ހާމަ ކުރިއެވެ.

ދެވަނަ އަށް އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކަށް ޝާފިއުކޮށްފައިވަނީ މިހާރު ވުޖޫދުގައި ނެތް ބިނާއެއްގެ މޮޑެލްގެ މަސައްކަތެވެ. އެއީ މާފަންނު މަޖީދީ މަގު އައިސް އޯކިޑްމަގަށް ދެކަފިވާ ތަނުގައި ހުރި ގަޑި ބުރެވެ. މިތަނުގައި ބޮޑު ޓަވަރެއް ހަދާ އޭގައި ގަޑިއެއް ހުންނަ ވާހަކަ އަޑުއިވޭ ކަމަށާ ނަމަވެސް ދެކެލުމުގެ ނަސީބު ނުލިބުނު ކަމަށް ޝާފިޢު ފާހަގަ ކުރިއެވެ. ނަމަވެސް ކޮންމެހެން މިތަނުގެ މޮޑެލް ހަދަން ބޭނުންވެގެން މައުލޫމާތު އެއްކުރަން ކުރި މަސައްކަތުން ލިބުނީ އެންމެ 3 ފޮޓޯ ކަމަށާ، އެ ފޮޓޯތަކުގައިވެސް މައުލޫމާތު އެހާ ސާފުނޫން ކަމަށް ޝާފިޢު ބުންޏެވެ. "މޮޑެލްގެ ވަރަށް ބޮޑުބައި ނިމިފަ އިންދާ އެނގުނީ އެތަނުގައި ހުރީ ފަސް ތަނބު ހުރި ޓަވަރެއް ކަން، އޭރު ހަތަރު ތަނބު ޖަހައިގެން މޮޑެލް އިނީ ގާތްގަނޑަކަށް ނިމިފަ" މައުލޫމާތު ލިބުމުގައި ހުރި ދަތިކަށް ހާމަކުރަމުން ޝާފިއު ކިޔާދިނެވެ.

ޝާފިއު މިހާރު މަސައްކަތް ކުރަމުންދާ މޮޑެލްގެ ވާހަކައިން ސުވާލުކޮށްލުމުން ލިބުނީ ވަރަށް އުފާވާނެ ޖަވާބެކެވެ. ނޮވެމްބަރ 3 ވަނަ ދުވަހަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަނީ ސިފައިންގެ ބަންޑާރަ ކޮށީގެ ހުޅަނގު ދެކުނު ކަނުގައި ހެދިފައިވާ ބިނާ އަށެވެ. މިއީ 1988 ވަނަ އަހަރުގެ އުދުވާނީ ޙަމާލާގައި ޝަހީދުވެގެން ދިޔަ ގައުމީ އަބްޠާލުންގެ ހަނދާނުގައި ހެދިފައިވާ ބިނާއެކެވެ. މިބިނާގެ މޮޑެލް ފެންނާނެ ދުވަހަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިންތިޒާރުކުރާނެ ދުވަހެކެވެ.

އިންޓަރވިއު ނިންމާލަމުން ޝާފިއުގެ ޚާއްސަ ޝުކުރު އަދާކުރީ އޭނާ ވަޒީފާއަދާ މޯލްޑިވްސް ކަރެޝްނަލް ސަރވިސަސްގެ ވެރިންނާއި އެކުގައި މަސައްކަތް ކުރާ އެކުވެރީންނަށެވެ.

ކޮންމެ އަކަސް ޢަބްދުﷲ ޝާފިޢުގެ މަސައްކަތް ވަރަށް ފުރިހަމަ އެވެ. އަދި މުސްތަގުބަލަށް ވަރަށް ބޭނުންތެރިއެވެ. އަދި މިފަދަ ޒުވާނުންނަށް މިފަދަ ކަންކަމުގައި ހުރިހާފަރާތެއްގެ އެހީތެރިކަން ބޭނުމެވެ. ޢަބްދުﷲ ޝާފިޢުގެ މަސައްކަތް ބަލާލަން ބޭނުންވާ ބޭފުޅުންނަށް ތިރީގައިވާ އޭނާގެ ފޭސްބުކް ޕޭޖުން އެ މަސައްކަތްތައް ފެންނަން ހުންނާނެއެވެ.

https://www.facebook.com/Gaafolhu-102789921549910/