ހަދ. ވައިކަރަދޫއަށް ނިސްބަތްވާ އައިމިނަތު ޖަބީން، އާއްމު ނަމުންނަމަ، ޖަބީން ނުވަތަ ޖަބީން މިސް އަކީ ކުރިން ސްކޫލް ޓީޗަރެކެވެ. މިހާރު ގޭގައި ޓިއުޝަން ނަގައިދޭ ޓީޗަރެއްގެ އިތުރުން ފުލްޓައިމް މަންމައެކެވެ. އަދި 'ކޮކާ' ބެޖާއި 'ސާބަސް' ބެޖުގެ ފައުންޑަރ އެވެ.

'ކޮކާ' ބެޖަކީ ޖަބީން، ކިޔަވައިދުނުމުގެ މަސައްކަތުގެ ތެރެއިން އައި ޚިޔާލަކަށް ބިނާކޮށް ގޭގައި ފެއްޓި މަސައްކަތެކެވެ. އެންމެ ފުރަތަމަ ބެޖް ހެދީވެސް ޖަބީން ކިޔަވައިދޭ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އަމިއްލައަށް ބޭނުންކުރުމަށެވެ. ބާޒާރުން ލިބެން ހުރީ އިނގިރޭސި ބަހުން ހުންނަ ބެޖުތަކަށްވެފައި، ކުދިންގެ ހިތުގައި ދިވެހި ބަހަށް އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ދިވެހި ލަފްޒުތައް ހިމެނޭ ބެޖް ސްޓިކަރތައް ތައްޔާރުކޮށް އަމިއްލައަށް ބޭނުންކުރަންފެށީއެވެ.

އަމިއްލަ ބޭނުމަށް ތައްޔާރުކުރި ބެޖުތައް ފަހުން އެއަށްވުރެ ރަނގަޅު ކޮލިޓީގައި ތައްޔާރުކުރުމަށް މެދުވެރިވީ ސަބަބަކީ އެ ބެޖުތައް ސޯޝަލް މީޑިއާގައި ޝެއަރކުރުމުން އެހެން ޓީޗަރުންގެ ފަރާތުން ލިބުނު ތަރުހީބެވެ.

އެންމެ ފުރަތަމަ ޖަބީން އޯޑަރަށް ބެޖު ސްޓިކަރތައް ތައްޔާރުކުރީ އަމިއްލައަށް ޕްރިންޓްކޮށް ގޭގައި ބެޖުތައް އަތުން ކަފައިގެންނެވެ. މާލޭގެ އެކި ސަރަހައްދުތަކަށް އަދި ބޯޓުތަކުގައި ރާއްޖޭގެ އެކި އެކި ރަށްރަށަށް ބެޖުތައް ޑެލިވަރކުރަމުންގޮސް އިސާހިތަކު، އަތުން ކެފޭވަރަށްވުރެ އޯޑަރުތައް ގިނަވެއްޖެއެވެ. އެހާ ހިސާބުން ދެން ރާއްޖެއިން ބޭރަށް ޑިޒައިން ފޮނުވައިގެން ރެޑީ-މޭޑް ބެޖު ސްޓިކަރ ކާޑުތައް ތައްޔާރުކޮށްގެން ގެނައީއެވެ.

ބެޖު ކާޑުތަކަށް ޑިމާންޑް ބޮޑުވެ ވަކިވަކިން ޑެލިވަރ ކުރަން ވަގުތު ނުލިބޭތީއާއި ވީހާވެސް ގިނަ ބަޔަކަށް ފަސޭހައިން ލިބޭނޭގޮތް ހެދުމުގެ ގޮތުން، ބައެއް ބުކްޝޮޕްތަކުން ބެޖު ކާޑުތައް ގަންނަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބުކްލޭންޑާއި އަސްރަފީ ބުކްޝޮޕުން ބެޖް ކާޑު ލިބެން ހުންނާނެއެވެ.

ބެޖު ކާޑަށް ފަހު 'ސާބަސް' ބެޖު ފޮތްވެސް ތައްޔާރުކުރުވައިގެން ގެނެސް މިހާރު ޖަބީންގެ 'ކޮކާ' ދިވެހި ބެޖު (@dhivehibadge) ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުން 'ސާބަސް' ބެޖު ފޮތްވެސް ގަންނަން ލިބޭނެއެވެ.

ޖަބީން ބޭނުންވީ ދިވެހި ބަސް ކުރިއަރުވާށެވެ. އެހެންކަމުން ޓީޗަރުންގެ ޚިޔާލު ހޯދައިގެން ޓީޗަރުންގެ ބޭނުން ފުދޭގޮތަށް ބެޖުތައް ފަރުމާކުރުމުގެ އިތުރުން އޭގައި ހުންނަ ބަސްތައްވެސް ބަދަލުކުރަމުން އިތުރުކުރަމުން އަންނަކަން ޖަބީންވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ބެޖުތަކުގައި ބޭނުންކުރާ ދިވެހި ބަސްތައް އިތުރަށް ރަނގަޅުކޮށްދިނުމުގައި (ކުރޮޅި) އާދަމް ޒާހިރު މުދައްރިސް ވެދެއްވި އެހީތެރިކަން ޖަބީން ފާހަގަކުރެއެވެ.

ބެޖު ކާޑާއި ބެޖު ފޮތުގެ އަގުތަކާ ގުޅިގެން ޖަބީން ބުނަނީ މިއީ އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ކުރާ މަސައްކަތަކަށް ނުވާތީ ވިއްކަނީ އުފެއްދުމުގެ ޚަރަދު ކަވަރކުރެވޭ އެންމެ ކުޑަ އަގުގައި ކަމަށެވެ. ގިނަ ބުކްޝޮޕްތަކުން ބެޖު ކާޑު ލިބެން ނުހުންނަނީވެސް ބުކްޝޮޕްތަކުން ފުދޭވަރެއްގެ ފައިދާއެއް ލާފަ ވިއްކަން ބޭނުންވާތީ އޭގެ ސަބަބުން ކާޑުގެ އަގު މާ ބޮޑުވެ ޓީޗަރުންނަށް ދަތިވާނެތީ އެގޮތް ޖަބީން ބޭނުންނުވާތީއެވެ.

ޚާއްސަކޮށް ބެޖު ފޮތް ތައްޔާރުކުރުމަށް ދާ ޚަރަދު ބެޖު ކާޑު ހަދަން ދާ ޚަރަދަށްވުރެ ބޮޑުވުމުން ބުކްޝޮޕްތަކަށް ލައިގެން ބެޖު ފޮތް ނުވިއްކާ، ޕޭޖުން އެކަނި ވިއްކަނީވެސް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ޖަބީން ބުންޏެވެ.

ޖަބީން މިހާރުވެސް ދަނީ އިތުރު ބެޖުތައް ޑިޒައިންކުރަމުންނެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މުޅިން އާ އަދި މިހާރަށްވުރެވެސް ރީތި ޑިޒައިންތަކެއް ފެނިގެންދާނެއެވެ. ވަކި ކަހަލަ ބެޖުތަކެއްގެ ޚިޔާލު ހުރިއްޔާ ފޭސްބުކް ނުވަތަ އިންސްޓަގްރާމުން ޚިޔާލު ފޮނުވާލުމުން އާ ޑިޒައިންތަކުގެ ތެރޭ އެ ޚިޔާލުތައް ހިމަނާނެކަމަށް ޖަބީންވަނީ ބުނެފައެވެ.

ޖަބީންގެ މި މަސައްކަތަށް ހިތްވަރުދީ މަސައްކަތް ބަލައިގަތް ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން ޖަބީން ބުނީ، ހޮބީއެއްގެ ގޮތުގައި ޒީރޯ-ޕްރޮފިޓްގައި ފަށައިގަތް މި މަސައްކަތް، އަދިވެސް ހުއްޓުމެއް ނެތި ފުޅާކުރަމުން ކުރިއަށް މިގެންދަނީ، މިއަށް އޮތް ޑިމާންޑް ބޮޑުވީމަކަމަށެވެ. މިކަމުގައި އާއިލާއާއި ޚާއްސަކޮށް ދޮންތަގެ އެހީތެރިކަން ޖަބީން ފާހަގަކުރެއެވެ.

ޖަބީންގެ ބެޖުފޮތާއި ބެޖު ކާޑު ބައްލަވައިގަތުމަށް (@dhivehibadge) ފޭސްބުކް/އިންސްޓަގްރާމް ޕޭޖަށް ޒިޔާރަތްކޮށްލައްވާށެވެ. ނުވަތަ 9709074 އަށް ވައިބަރ މެސެޖެއް ކުރައްވައިގެންވެސް އޯޑަރުކޮށްލެވޭނެއެވެ.

ޖަބީންގެ މި މަސައްކަތަށް ތީރު މީޑިއާގެ ފަރާތުން އައްސަރިބަހާއި ސާބަސް ދެމެވެ. އަޅުގަނޑުމެން އެދެނީ ޖަބީންގެ މި އަގުހުރި މަސައްކަތަށް އިތުރު ކާމިޔާބެވެ.