ޤައުމީ އަންހެން ކެރަމް ޓީމްގެ ކެޕްޓަން އައިމިނަތު ވިޝާމާ, ކެރަމް ކުޅެން ފެއްޓީ އުމުރުން 11 އަހަރުގައެވެ. ފުރަތަމަ އިންޓަރ-ސްކޫލް ކެރަމް މުބާރާތުގައި ބައިވެރިވެ ސިންގަލްސް ކެޓެގަރީއިން ދެވަނަ އަދި ޑަބަލްސް ކެޓެގަރީއިން ޗެމްޕިއަންކަން ހޯދިއެވެ. އެ ކާމިޔާބީއާއެކު ކެރަމް ކުޅުމަށް އޮތް ޝައުޤު އިތުރުވެ, ވިޝާމާއަކީ މިހާރު ޕްރޮފެޝަނަލް ކެރަމްގެ ދާއިރާއިން ރާއްޖޭގެ ޓޮޕް ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ކުޅުންތެރިއެކެވެ.
ޤައުމީ ކެރަމް މުބާރާތުންވެސް ޗެމްޕިއަންކަން ހޯދާފައިވާ ވިޝާމާ ދިވެހި ޤައުމީ ކެރަމް ޓީމާ ގުޅުނީ 2009 ވަނަ އަހަރުގަ ސްރީ ލަންކާގައި އޮތް މުބާރާތަކަށެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ޤައުމީ ކެރަމް ޓީމުގައި ވިޝާމާ އަންނަނީ ހިމެނެމުންކަން ފާހަގަކޮށްލަންޖެހެއެވެ.
ބައިނަލްއަޤްވާމީ މުބާރާތުގައި މިހާތަނަށް ބައިވެރިވެގެން ކޮންމެ އަހަރަކުހެން ދިވެހި އަންހެން ޓީމް ތިންވަނަ ހޯދާފައިވާކަން ވިޝާމާ ފާހަގަކުރެއެވެ.
ވިޝާމާ މިހާތަނަށް ބައިވެރިވި މުބާރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުބާރާތަކީ 2019 ވަނަ އަހަރު އޮތް އައި.ސީ.އެފް ކަޕެވެ. އެ ފަހަރު ސްރީލަންކާގެ އަންހެން ކެރަމް ޓީމާ ވާދަކޮށްގެން ދިވެހި އަންހެން ޓީމަށް ދެވަނަ ލިބުނެވެ.
ވިޝާމާއާއި ޓީމް، ހޯމަދުވަހު ފަށަން ހަމަޖެހިފައިވާ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް 2022 ގައި ބައިވެރިވުމަށް، މާދަމާ ރޭ މެލޭޝިއާއަށް ފުރަން ހަމަޖެހިފައިވާއިރު، ފުރުމުގެ ކުރިން ރޭ، ތީރު މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ބުނީ މި ފަހަރު އުންމީދުކުރަނީ ސީދާ ގޯލްޑް މެޑަލަކަށް ކަމަށެވެ.
އަންހެން ޓީމްގެ އިތުރުން ފިރިހެން ޓީމްވެސް މިފަހަރު ދިވެހި ޤައުމަށް ގޯލްޑް މެޑަލެއް ގެނައުމަކީ ވިޝާމާގެ ވަރަށް ބޮޑު އުންމީދެކެވެ. މި އުންމީދު ހަޤީޤަތަކަށް ވޭތޯ ދުޢާކޮށްދީ ހިތްވަރު ލައިދިނުމަށް ވިޝާމާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
ވިޝާމާއަށް މިހާހިސާބަށް އައުމަށް އެހީތެރިވެދިން އެންމެންނަށް ވިޝާމާ ޝުކުރު އަދާކުރެއެވެ. އެގޮތުން މިހާތަނަށް ކެރަމް ކުޅުމުގައި ކޯޗުކޮށްދިން އަދި ކޯޗުކޮށްދެމުން އަންނަ ހުރިހާ ކޯޗުންގެ އެހީތެރިކަން ވިޝާމާ ފާހަގަކުރިއެވެ. އަދި އާއިލާގެ ފަރާތުން، ޚާއްސަކޮށް މަންމައާއި ތިން ދައްތަގެ ފަރާތުން ލިބޭ އެހީތެރިކަމާއި ސަޕޯޓްވެސް ވިޝާމާ ފާހަގަކުރިއެވެ. މީގެ އިތުރުން ކެރަމް އެސޯސިއޭޝަނާއި ޔޫތް މިނިސްޓްރީއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށްވެސް ވިޝާމާ ޝުކުރު އަދާކުރިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން