ޤައުމީ ފިރިހެން ކެރަމް ޓީމްގެ ކެޕްޓަން އިބްރާހީމް ހުޖާން އަލީ ކެރަމްގެ ތެރެއަށް ވަދެވުނީ އިމާދުއްދީން ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރު އިންޓރ-ސްކޫލް މުބާރާތެއްގައި ބައިވެރިވީ ހިސާބުންނެވެ.

މަޖަލަކަށް، އަޖުމަ ބަލާލަން، ފެށިގޮތަށް ތަފާތު އެކި މުބާރާތްތަކުގައި ކުޅެމުން އައިސް އޭނާއަކީ މިހާރު ރާއްޖޭގެ އެންމެ މޮޅު ކެރަމް ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަލިބިފައިވާ ކުޅުންތެރިއަކަށް ވަނީ ވެފައެވެ.

މަޖީދިއްޔާގަ އުޅެމުން ޖެހިގެން އައިއަހަރު އަނެއްކާވެސް ޓީމް އިވެންޓް ޗެމްޕިއަންކަން އަދި ޑަބަލްސް އިވެންޓް ޗެމްޕިއަންކަން ހުޖާންއާއި ޓީމަށް ލިބުނެވެ. އެއަށްފަހު ގްރޭޑް 10 އަކަށް ދިއުމާއެކު އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ކެރަމް އިން ބްރޭކެއް ނެގިއެވެ.

ޖޫނިއަރ ޤައުމީ ޓީމަށް ކުޅެމުން އަންނަނިކޮށް 2019 ވަނަ އަހަރު ސީނިއަރ ޓީމަށް ކުޅުމުގެ ފުރުސަތު ހުޖާނަށް ލިބިގެންދިޔައެވެ. އެއާއެކު އެއަހަރު އޮތް އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން ކަޕަށް ސީނިއަރ ޓީމާއެކު ހުޖާން އިންޑިއާއަށް ދަތުރުކުރިއެވެ.

ހުޖާންގެ ކެރިއަރުގަ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަނީ ޤައުމީ މުބާރާތުގެ މިކްސް ޑަބަލްސްގަ ޗެމްޕިއަންކަން ހޯދުމެވެ.

ހޯމަދުވަހު މެލޭޝިއާގައި ފަށާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޖާންއާއި ޓީމް މާދަމާ ރޭ ރާއްޖެއިން ފުރާނީ ވަރަށްވެސް ފޮނި އުންމީދުތަކަކާއި އެކުގައެވެ.

ރޭގެ ވަގުތެއްގައި ތީރު މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ހުޖާން ބުނީ ރާއްޖޭގައި މި ކުޅިވަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގިނަބަޔަކު މިއީ ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި ނުދެކުންކަމަށް.

ލުޖާން އެދެނީ ވީހާވެސް ގިނަ ދިވެހި ޒުވާނުން މިއީ ޕްރެފެޝެނަލް ސްޕޯޓެއް ކަމަށް ދެކި، އިތުރު މުބާރާތްތަކުގަ ބައިވެރިވުމެވެ.

މި މުބާރާތުން ރަނގަޅު ވަނައެއް ހޯދުމަކީ ހުޖާންގެ ވަރަށް ބޮޑު އުއްމީދަކަށްވާއިރު، އެ ކަން ހާސިލްކުރުމަސް ހުޖާން އެދެނީ ހުރިހާ ދިވެހި ރައްޔިތުންގެ ހިތްވަރާއި ދުޢާއެވެ.

އިންޓަވިއު ނިންމާލަމުން ޝުކުރު އަދާކޮށްލަން ބޭނުވަނީ ކޮން ފަރާތްތަކަކަށްތޯ ސުވާލުކޮށްލުމުން ހުޖާން ބުނީ ކެރަމް އެސޯސިއޭޝަން ހިންގަން ތިއްބެވި ބޭފުޅުންނަށާ، މިނިސްޓްރީ އޮފް ސްޕޯޓްސްގެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްލަން ބޭނުންކަމަށެވެ.

ވަކި ވަކި މީހުންގެ ނަންތައް ފާހަގަނުކުރިޔަސް، މިހާތަނަށް އެހީތެރިވެދިން ހުރިހާ އެންމެންނަށް ހުޖާން ވަނީ ޝުކުރުއަދާކޮށްފައެވެ.

ތީރު މީޑިއާއިން އެދެނީ އޮކްޓޯބަރ 3 ގައި ފަށާ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާ އަންހެން ޓީމަށާއި ފިރިހެންޓީމަށްވެސް، މުޅި މި ދިވެހި ޤައުމު ފަޚުރުވެރިވާފަދަ ވަނަތަކެއް މާތްﷲ މިންވަރުކޮށްދެއްވުމެވެ.