ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ލިބޭ އިރު އެއީ ފިހާރަތަކުގެ ހަރުގަނޑުތަކުގައި ގިނަވެފައި ހުއްޓާ ފެންނަ އެއްޗެއް ނަމަ އެ ހަދިޔާ ލިބުމުން ލިބޭ އުފާ ކުޑަވޭ ހެއްޔެވެ؟ އަދި ތިމާއަށް ޚާއްސަކޮށް ހަދާފައިވާ ނުވަތަ މީހަކު ލައްވާ ހައްދާފައިވާ އެއްޗެއް ލިބުމުން އޭގެ އަގު ބޮޑަށް ވަޒަން ކުރެވޭ ހެއްޔެވެ؟ ދެ ސުވާލުގެ ޖަވާބުގައި އާނއެކޭ ބުނާނެ މީހުން ގިނަ ވާނެކަން ކަށަވަރެވެ. މި ހަގީގަތް މިހެން އޮތުމުން ވަކިވަކި މީހުނަށާ ވަކި މުނާސަބަތުތަކަށް ޚާއްސަކޮށް ހަދިޔާ ފަދަ ތަކެތި ހަދާ ޒުވާނުން ދިވެހިންގެ ތެރޭގައިވެސް ގިނައެވެ. އޭގެ ތެރޭގައި ވަރަށް ޅަ އުމުރުގެ ވަރަށް ހުނަރުވެރި ޒުވާނުން ހިމެނެއެވެ. މިފަހަރު "ތީރުގެ ތޭރަ" މި އަމާޒުކޮށްލަނީ އެފަދަ ޒުވާނެއް ކަމަށްވާ ގއ. ދެއްވަދޫއަށް އުފަން އަމާނީ ނިޒާރުއަށެވެ. އަމާނީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކަށް ވަރަށް ތަފްޞީލް ޖަވާބުތަކެއް އަމާނީ ވަނީ ދީފައެވެ.
- އަމާނީ ހަދަނީ ކޮން ކަހަލަ ކްރާފްޓްތަކެއް؟ އަމާނީގެ މަސައްކަތް ތަކުގެ ކުޑަ ތަޢާރަފެއް ދީބަލަ؟
އަޅުގަނޑަކީ ކްލޭ ބޭނުންކޮށްގެން އެކި ކަހަލަ އެއްޗެހި ހަދާ މީހެއް. އޭގެ ތެރޭގައި ބުކްމާރކްސްއާއި، ތަޅުދަނޑީގައި ލައްވާ އެއްޗެހި ހިމެނޭ. އަދި މީގެ އިތުރުން އެކިކަހަލަ ގަހަނާވެސް ހަދަން ކްލޭ ބޭނުންކޮށްގެން. ކްލޭއިން ގިނަ އެއްޗެހި ހެދި ނަމަވެސް ވަކަރު އަދި ރެސިންވެސް ކްލޭއާއި އެއްކޮށް ބޭނުންކުރަން.
- ކިހިނެތް ޝައުގު އުފެދުން ކަމެއް މީ؟
ހޮބީއެއް ފެށުމުގެ ގޮތުން އެކި ކަހަލަ ކަންތައް ކުރަމުން ގޮސް ކްލޭގެ މަސައްކަތް ފެށުނީ. އެންމެ ފުރަތަމަ ފެށި އިރު ނޭނގޭ ކްލޭއާއި ބެހޭ މާގިނަ މައުލޫމާތެއް. އެކަމަކު އެކި ގޮތްގޮތަށް ދަސްކުރަމުން މިހާރު އެނގޭ ކްލޭ ބޭނުންކޮށްގެން ވަރަށް ގިނަ އެއްޗެހި ހަދަން. ދަސްކުރުމުގެ ތެރޭގައި ޝައުގު އުފެދުނު ގޮތަށް އެ ޝައުގާއި އެކީ މިހާރުވެސް ކުރިއަށް މި ދަނީ.
- ކޮންކަހަލަ މުނާސަބަތުތަކަށް ނުވަތަ ކޮން ބަޔަކަށް އަމާޒުކޮށްގެން ކްރާފްޓް ހަދަނީ؟
ވަކި ހާއްސަ މުނާސަބަތަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން. އެކަމަކު އީދު ކަހަލަ ހާއްސަ މުނާސަބަތުތަކުގައި ގިނައިން އޯރޑަރު ލިބޭ. ވަރަށް ގިނަ މީހުން އެކި މީހުންނަށް ހަދިޔާ ދިނުމުގެ ގޮތުން އެއްޗެހި ހެދުމަށް އޯޑަރު ދޭ.
- މި ކަމަށް ބޭނުންވާ ތަކެތި ރާއްޖެއިން ލިބޭތަ؟ ނުލިބޭ ނަމަ ހޯދަނީ ކިހިނެތް؟
ކްލޭ ލިބިމުގައި ވަރަށް އުނދަގޫވޭ، މާލެއިން ނުލިބުމާއި މަސައްކަތަށް ބޭނުންވާ ތަކެތީގެ އަގު ބޮޑުވުމުން ގަންނަންވެސް އުނދަގޫވާ ފަހަރު އާދޭ. ހުރިހާ ތަކެއްޗެއްހެން ގެންނަނީ ބޭރުން އޯރޑުކޮށްގެން.
- މިއީ ހަމަ އެކަނި ހޮބީ އަކަށް ކުރާ ކަމެއް ތަ؟ ނޫނީ އާމްދަނީ ހޯދަން ކުރާ ކަމެއްތަ؟ މި މަސައްކަތްކޮށްގެން ރަގަޅު އާމްދަނީ އެއް ލިބޭތަ؟
މިއީ ހޮބީއެއް ގޮތުގައި ފެށިކަމެއް، އަދިވެސް ހަމަ އެގޮތުގައި ކުރިއަށް މި ދަނީ. އިންސްޓަގުރާމަށް ލާފައި ހުންނަ ތަކެތި ފެނިގެން މީހުން އެއެއްޗެހި ގަންނަން ބޭނުންވެގެން އެދުމުން އޯރޑަރަށް އެއްޗެހި ހަދަން ފެށީ. ކުރިން އެންމެ އޯރޑަރު ލިބެނީ އަޅުގަނޑު އަމިއްލަ ޑިޒައިންތަކަށް ހަދާފައި ހުންނަ ތަކެއްޗަށް. މިހާރު އެއާއި އެއްވަރަށް ކަސްޓަމް މޭޑް އެއްޗެއްސަށްވެސް އޯޑަރު ލިބޭ. މިއީ ފުލްޓައިމްކޮށް ކުރާ ކަމެއް ނޫން، އެހެންވެ ބަލަން އޯޑަރު ނަގާއިރުވެސް ނަގަނީ ހުސްވަގުތުގައި ނިންމޭނެ ވަރަށް ބަލާފައި، އެގޮތަށް ކުރާއިރުވެސް ހިތްހަމަޖެހޭ އާމްދަނީއެއް ލިބޭ.
- އޯޑަރުތަކަށް އެއްޗެހި ހަދާ އިރު ކޮން ބައެއްގެ އެހީތެރިކަމެއް ލިބެނީ؟
ބޭނުންވާ ތަކެތި ހޯދުމާއި، ޕެކުރުމާއި އަދި ޑެލިވަރީ ކުރުމުގައި އަބަދުވެސް އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަން ލިބޭ. އަދި މިކަމާއިގެން ކުރިއަށް ދިޔުމަށް އަބަދުވެސް ހިތްވަރު ލިބޭ އެމީހުންގެ ފަރާތުން.
- އަމާނީގެ މަސައްކަތް މީހުނަށް އެނގިގެން ދިޔައީ ކިހިނެތް؟
އެންމެ ފުރަތަމަ އިންސްޓަގުރާމަށް ހަދާ ތަކެތީގެ ފޮޓޯ ލީ. އެހިސާބުން މީހުންގެ ޝައުގު ލިބި ވަރަށް ގިނަ މީހުންގެ ތައުރީފު ލިބުނު. މަދުމަދުން އޯޑަރު ނަގަމުން ގޮސް އެއްކޮށް ބިޒްނަސް ޕޭޖަކަށް ބަދަލުކޮށް ހަމައެކަނި ކްލޭއަށް ހާއްސަކޮށްގެން މިހާރު ޕޭޖް ހިންގަމުންދަނީ.
- މި މަސައްކަތުގައި އެންމެ ދަތިވަނީ ނުވަތަ ވަކި ކަމެއް ފަސޭހައިން ވާނެ ނަމައޭ ހިތަށް އަރާ ކަމެއް އޮވޭތަ؟
އެންމެ ދަތިވަނީ ބޭނުންވާ ވަގުތު ތަކެތި ލިބެން ނެތުމުން. އަދި އެތަކެތީގެ އަގު ބޮޑުކަމުން. މިނޫން އެހެން އެއްވެސް ދަތިކަމެއް މި ވަގުތު ނެތް.
- މި މަސައްކަތް އިތުރަށް ފުޅާކުރަން ގަސްތުކުރަންތަ؟ އެހެންވިއްޔާ އެކަމަށް ކިހާ ވަރަކަށް ތައްޔާރު ވެވިއްޖެތަ؟
ދިވެހިރާއްޖެއިން ބޭރުގެ މާރކެޓަށްވެސް އަޅުގަނޑު ހަދާ ތަކެތި ވިއްކަން ބޭނުން. އެއީ މި ވަގުތު އެންމެ ތައްޔާރުވަމުން ދާ އެއްމެ ބޮޑު އެއް ކަމަކީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަންވެސް ވާނެކަމަށް އުއްމީދު މިކުރަނީ. އަދި މީގެ އިތުރުން ކްލޭއިން ހަދާ ބާވަތްތައް ގިނަ ކުރަންވެސް ބޭނުންވޭ.
- މިހާތަނަށް އެންމެ ފުރިހަމައަށް ކުރެވުނު މަސައްކަތަކީ ކޮބާ؟
އެންމެ ފުރިހަމަ އަށް ކުރެވުނު އަދި އެއްމެ ހިތްހަމަޖެހޭ ކަމަކަށް ކުރެވުނު ކަމަކީ "ޖިންޖާރބޭކްސް" ގެ ޑިސާރޓްސް ތަކުގެ މިނިއޭޗާރސް. އަލަށް މީހެއްގެ މަސައްކަތް ބަލައިގެން އަސްލާއި އެއްވަތަރުގެ ކުޑަ ކުޑަ އެއްޗެއް ކްލޭއިން ހަދަން ފުރުސަތު ލިބުނީ. ގިނަ ގޮންޖެހުންތައް ދިމާވި ނަމަވެސް އަސްލާއި އެއްގޮތަށް ފޮޓޯއެއް ބަލައިގެން އެ މަސައްކަތް ވަރަށް ފުރިހަމައަށް ވަރަށް ހިތްހަމަޖެހިގެން ނިންމާލެވުނު.
- ޚިދުމަތް ހޯދާމީހުންގެ ފީޑްބެކް ކިހިނެތް ހުންނަނީ؟
އަލަށް ހަދާ އެއްޗެއް ނަމަ އަބަދުވެސް އޯޑަރު ދިން މީހެއްގެ ފީޑްބެކް ހޯދަމުން މަސައްކަތާއިގެން ކުރިއަށް ދަނީ. އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ފަސޭހައިން އެބަދަލެއް ގެނެވޭނެތީ. އަދި އޯޑަރު ހަވާލުކުރުމަށްފަހުވެސް އަބަދުވެސް ބަލަން އެމީހެއް އެއާއި މެދު ހިތްހަމަޖެހޭތޯ. ވަރަށް އުފާވޭ އަބަދުވެސް ޕޮސިޓިވް ފީޑްބެކް ލިބޭތީ، އަދި ރަނގަޅުކުރަން ކަމެއް އޮތަސް ބުނެލަދޭތީ. ދެވަނަ ފަހަރަށް އޯރޑަރު ދޭ މީހުންވެސް ގިނަކަން ފާހަގަކޮށްލަން. ވަރަށް އުފާވޭ ދެވަނަ ފަހަރަށް ކަސްޓަމަރއެއްގެ އޯރޑެއް ލިބޭ ފަހަރު ފަހަރު.
- އަމާނީ އަށް އޯޑަރެއް ދޭން ބޭނުންވާ ފަރާތަކަށް އެކަން އެންމެ ފަސޭހައިން ކުރެވޭނީ ކިހިނެތް؟
އެންމެ ފަސޭހައިން އޯޑަރު ދޭން ބޭނުންނަމަ އިސްޓަގުރާމުން މެސެޖެއްކޮށްލަންވީ. އޭރުން އެންމެ އަވަހަށް އަދި ފަސޭހައިން އޯޑަރާއިގެން އުޅެވޭނީ.
- މި ދާއިރާގައި އަމާނީ ދެން އެންމެ ކުރަން ބޭނުންވެ އަދި ނުކުރެވި އޮތް ކަމަކީ ކޮބާ؟
ދަސްކުރަން ބޭނުން އެތައް ހުނަރެއް ކްލޭގެ ތެރޭގައިވެސް އެބަ ހުރި. މިވަގުތު ކިޔަވަމުން ދާތީ އެކަމާއިގެން މާބޮޑަށް ނޫޅެވުނަސް މަޑުމަޑުން މިދަނީ އެހުނަރުތައް ދަސްކުރަމުން.
"ތީރު"ގެ ފަރާތުން އެދެނީ އަމާނީގެ މި ހުނަރު ދުވަހެއް ދުވަހަކަށް ތަރައްޤީވެ، މިކަމުގައި އަމާނީއަށް ކުރިއެރުމާއި ކާމިޔާބީއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން