ދިވެހިންނަކީ މީހުނަށް އަޅާލާ ކަމޭ ހިތުމުގައި އަބަދުވެސް ފާހަގަ ކުރެވޭ ބައެކެވެ. ޚާއްސަކޮށް ބީރައްޓެހިންނަށް މެހެމާންދާރީ އަދާ ކުރުމުގައި ދިވެހިންނަށް ވުރެ ކުރި އަރާ ދެވޭނެ އިތުރު ބަޔަކު ނުވެއެވެ. އެހެނަސް މިހާރު މަޑުމަޑުން މި އާދަ ނެތެމުންދާކަމީ ވެސް ފެންނަން އޮތް ހަގީގަތެކެވެ. ނަމަވެސް އަދިވެސް ދިވެހިންގެ ތެރޭގައި، ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މިފަދަ މީހުން ތިބިކަން ވަރަށް ފުރިހަމަ އަށް ދައްކާ ދިނީ ހދ. ކުޅުދުއްފުއްޓަށް އުފަން އެންމެ 20 އަހަރުގެ އާމިނަތު ޢަބްދުލް ރަޝީދު ނުވަތަ އެންމެން ދަންނަ ނަމުން ނަމަ އާނައެވެ.
އާނަވަނީ، މި މަހުގެ 25 އިން ފެށިގެން ކުޅުދުއްފުށި މޮނިޓަރިންގެ ޙާލަތަށް ގެނައުމުން، އެރަށުގެ މައި ކޮލެޖްގައި ކޯސް ހަދަމުން ދިޔަ ބައެއް ކުދިން އަމިއްލަ ރަށަށް ނުދެވި ތާށި ވުމުން އާނަގެ ގޭގައި އެކުދިންގެ ކެއުމާއި ހުރުން ހަމަޖައްސާދީފައެވެ. މި ހަފްތާ ބަންދާއި ދިމާކޮށް އެރަށުގައި މަޑުކުރަން ޖެހުނު ވައިކަރަދޫ، ނޭކުރެންދޫ އަދި ނެއްލައިދޫއަށް ނިސްބަތްވާ 7 ކުއްޖަކަށް އާނަ އެހީތެރިކަން ފޯރުކޮށް ދިނީ އަމިއްލަ އަށް އިސްނަގައިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ އާނަ އާއި އެކު އެއް ބެޗެއްގައި ކިޔަވަމުން ދިޔަ 5 އަންހެން ކުއްޖަކާ 2 ފިރިހެން ކުދިންނެވެ. 25 ވަނަ ދުވަހު ކުޅުދުއްފުށި މޮނިޓަރިންގެ ޙާލަތަށް ގެނައުމާއި އެކު އާނަ ވަނީ އެކުދިންނަށް ދަޢުވަތު ދީފައެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު މޮނިޓަރިންގެ ޙާލަތު އުވާލާފާނެ ކަމަށް ބަލާ އެކުދިން މަޑުކުރީ ކުއްޔަށް ކޮޓަރި ނަގައިގެންނެވެ. ހީކުރި ގޮތާ ޚިލާފަށް މި ޙާލަތު ދިގު ދެމިގެން ދިއުމުން އާނަ އަނެއްކާ ވެސް އެކުދިންނާ ވާހަކަ ދައްކައިގެން އާނަގެ ގެއަށް ގެންދިޔައީއެވެ. މިކުދިން އާނަގެ މެހެމާނުންގެ ގޮތުގައި 26 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް އާނަގެ ގޭގައި މަޑުކުރިއެވެ.
އާނަގެ މި އިސްނެގުން ވަނީ މައި ކޮލެޖްގެ މެނޭޖްމަންޓްގެ ފަރާތުން ވެސް ފާހަގަ ކޮށްފައެވެ. ކުޅުދުއްފުށީގައި މިކުދިން ތަނެއް ކުއްޔަށް ނަގައިގެން ތިބޭނަމަ ކެއުމަށާއި ކޮޓަރި އަށް ބޮޑު ހޭދައެއް ކުރަން ޖެހުނީހެވެ. އާނަގެ ހެޔޮ ކަމުގެ ސަބަބުން އާއިލާ އާ ވަކިން ރަށެއްގައި ބަންދުވި ކުދިންނަށް އާއިލާއެއް ވެސް ލިބުނީއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން