ބުނެވޭގޮތުގައި އަންހެނެއްގެ ތަފާތު 9 ދައުރެއް ނުވަތަ ސިފައެއް ވެއެވެ. އަންހެންދަރިއެއް، ދައްތައެއް ނުވަތަ އަންހެން ކޮއްކޮއެއް، ރަޙްމަތްތެރިއެއް، އަންބެއް، އެކީގައި މަސައްކަތްކުރާ މީހެއް، މަންމައެއް، މައިދައިތައެއް މާމައެއް އަދި މުނި މާމައެއްގެ ގޮތުގައި އަންހެނުންގެ ގުޅުން ތަފާތު އެކި މީހުނަ އުފެދެއެވެ. މީގެ ތެރެއިން އެންމެ ރީތި ދައުރަކީ މަންމަގެ ދައުރެވެ. ނަމަވެސް މީގެ މާނައަކީ މަންމަ އަކަށް ނުވެވޭ އަންހެނާ ޚާއްސަ ނުވާ ވާހަކައެއް ނޫނެވެ. އަދި ދަރިއަކު އުފަންކުރާ ކޮންމެ އަންހެނަކު ހަގީގީ މާނާގައި "މަންމަ" އަކަށް ނުވެސް ވެއެވެ. ނަމަވެސް އަމިއްލަ ބަނޑުން ނުވިހޭ ނަމަވެސް ކުޑަކުދިންގެ ޒިންމާނަގާ އެކުދިންގެ ތަރުބިއްޔަތު ކުރުމުގައި ދެމިހުރި އަންހެނަކީ ވެސް ހަމަ މަންމަ އެކޭ އެއްފަދަ މީހެކެވެ.


މިއަދު "ތީރު" ގެ ފަރާތުން މި ގެނެސްދެނީ، ގިނަ މީހުންނަށް އެނގޭ ގޮތުގައި ނެށުންތެރިއެއް، ލަވަ ކިޔުންތެރިއެއް، އެކްޓަރެއް އަދި މިހާރު ވިޔަފާރިވެރިއެއްގެ ގޮތުގައި މަޝްހޫރު ސުނީތާ އަލީ، އަޅުގަނޑުމެންގެ "ސުނީ" އާއެވެ. ނަމަވެސް އަޅުގަނޑުމެން ވާހަކަ ދައްކާލީ ސުނީގެ ވަރަށް ޒާތީ ކަންކަމާ ގުޅޭގޮތުންނެވެ. އެއީ ސުނީގެ އާއިލީ ގުޅުން ތަކާ ބެހޭގޮތުންނެވެ. ސުނީ ފެންނަނީ އަބަދުވެސް އާއިލާގެ ވަރަށް ގިނަ ކުޑަކުދިންނާއެކީގައި އުޅޭ މަންޒަރެވެ. ބައެއް ކުދިންނާއެކު ރާއްޖެއިން ބޭރުގައި ބޭސްފަރުވާގެ ކަންކަމުގައިވެސް އުޅޭތަން ފެނެއެވެ. ދޭތެރެއަކުން އުފަން ރަށަށް ގޮސް އާއިލާ އާއެކު އުޅޭތަން ފެންނާނެއެވެ. މަންމަގެ ވިޔަފާރީގައި އެހީތެރިކަން ދެއެވެ. ޖުމްލަކޮށް ބުނާނަމަ ސުނީ އަކީ ވަރަށް ބޮޑަށް އާއިލާ އާ ގުޅިގެން އުޅޭ މީހެކެވެ.


 ސުނީ އަކީ އާއިލާގެ ހުރިހާ ކުޑަކުދިންގެ "ދޮންތަ" އެވެ. އެހުރިހާ ކުދިންނަށް ވެސް ސުނީކުރާ މަސައްކަތް އެނގެއެވެ. ސުނީ އަކީ ނެށުންތެރިއެއްކަން އެކުދިންނަށް ފެންނަނީ ޝޯތަކުންނެވެ. އާއިލާގެ ތެރޭގައި ބޮޑުދައިތަ އަކާ ބޮޑުދައިތަ ކިޔާ ކުދިންގެ ދެމެދު އޮންނަންވާ ގުޅުން އޭގެ އެންމެ ފުރިހަމަ ކަމާ އިޙްތިރާމާއި އެކު ބޭއްވުމަށް ޓަކައި އެކުދިންނަށް ފެންނަ ހިސާބުގައި ސުނީ ޕްރެކްޓިސް ކޮށް ނުހަދައެވެ. ނަމަވެސް އާއިލާގެ ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކީ ހަމަ ސުނީގެ ފިޔަވަޅުމަތިން ގޮސް ނެށުންތެރިއަކަށް ވާން ބޭނުންވާ ކުއްޖެކެވެ. ސުނީ އަކީ ސުނީއަށް އެނގޭ ކަމެއް އެހެން ކުދިންނަށް ދަސްކޮށްދޭން ބޭނުންވާ މީހެކެވެ. ނަމަވެސް ކުޑަކުދިންނަށް ސުނީ ދޭ ނަސޭހަތަކީ ކޮންމެ ފަންނެއް ޚިޔާރު ކުރި ނަމަވެސް ތަޢުލީމަށް އިސްކަން ދިނުމެވެ.


ސުނީ އަކީ މި ޒަމާނުގެ ފިސާރި އަންހެނެކެވެ. ދިރިއުޅުމުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ޖެހިލުމެއް ނެތި ކޮށްލާ ހިތްވަރު ގަދަ އަންހެނެކެވެ. އާންމުގެ ތެރެއަށް މަޝްހޫރު މީހުން ނުފެންނާނެ ކިތަންމެ ތަނަކުން ސުނީ ފެންނާނެއެވެ. މީހުން ދަންނަ މީހަކަށް ވާތީ ތުއިވެފައި ނުވަތަ ލަދުން ކުރަން ހުންނަ ކަމެއް ދޫކޮށްލަން ސުނީ ބޭނުމެއް ނޫނެވެ.


ނަމަވެސް ކިތަންމެ ހިތްވަރުކޮށްފައިވެސް އުޅެވޭނީ ގައިބާރު ހުރި ދުވަހުއެވެ. ކޮންމެ މީހަކީވެސް މުސްކުޅިވާނެ އަދި ބަލިވެސް ވާނެ މީހެކެވެ. މިފަދަ ވަގުތެއް އައުމުން ކޮންމެ މީހަކުވެސް އެންމެ ގާތުގައި ތިބެން ބޭނުންވަނީ އަމިއްލަ ދަރިންނެވެ. ނަމަވެސް ސުނީގެ އަމިއްލަ ދަރިންނެއް ނެތެވެ. ތިބީ ދަރިންނަށް ވުރެ ސުނީ ދެކެ ލޯބިވާ ބޮޑުދައިތަ ކިޔާ ކުދިންނާއި، އެއަށްވުރެ ލޮބުވެތި އާއިލާމެމްބަރުންނެވެ. ސުނީ އެމީހުނާ ގާއިމްކޮށްފައިވާ ވަރުގަދަ ގުޅުމުގެ ސަބަބުން ސުނީއަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި އެއިން ހަމަ ކޮންމެ މީހަކު ވެސް ކުރިއަށް ނިކުންނާނެއެވެ. މާޝާﷲ! ކިހާ ފުރިހަމަ ގުޅުމެއްތޯއެވެ.


ސުނީ އަކީ ވަރަށް ކުޑައިރު ޒަވާޖީ ޙަޔާތެއް ފަށާ، އެހާމެ އަވަހަށް އެ ގުޅުން ނިމިފައިވާ މީހެކެވެ. ސުނީގެ އެ ކައިވެންޏަށް ކުއްޖަކު ލިބުނު ނަމަ މިއަދު ސުނީ އަށް މާމަ ކިޔާނެ ކުދިން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ފަހުންވެސް އެތައް ފަހަރަކު ޒަވާޖީ ހަޔާތެއް ފެށުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ހިނގަނީ އެކަމުގެ ފަހަތުގައި، ހިކުމަތްތަކެއް ހުރެގެންކަން ސުނީ ގަބޫލު ކުރެއެވެ. ފިރިއަކާ ދަރިންގެ ބަދަލުގައި ސުނީއަށް ލިބުނީ ބޮޑު އާއިލާއެއްގެ ލޯތްބެވެ. ހުރިހާ ސިފައެއްގައެވެ.