ފާތިމަތު ފެޒްލީން، އާއްމު ނަމުންނަމަ، ފެޒޫއަކީ ދިވެހިންނަށް އާ މޫނަކަށް ނުވާނެއެވެ. ފެޒޫގެ ޑިޓިއުން ‏‏ބޭންޑަކީ ވެސް ނުދަންނަ އާ ބޭންޑެއް ނޫނެވެ. މިއުޒިކީ ދާއިރާއިން ދިވެހިންނާއި ފަތުރުވެރިންގެ ލޯބި ‏‏ހޯދާފައިވާ ޑިޓިއުން ބޭންޑް އަދި ފެޒޫ ވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއްވެސް ހާސިލްކޮށްފައެވެ. އެގޮތުން ‏‏މި ދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު މުނާސަބާގައި ގޯލްޑެން އެވޯޑު ހާސިލްކޮށް ‏‏ހަމަ އެ އަހަރު (2022 ވަނަ އަހަރު) ހިތްވަރު ދިނުމުގެ ޤައުމީ އެވޯޑުވެސް ޑިޓިއުން ބޭންޑްގެ 5 މެމްބަރުންވަނީ ‏‏ހާޞިލުކޮށްފައެވެ. މިއީ ރާއްޖޭގައި ބޭންޑަކަށް އެއްކޮށް އެއްފަހަރާ މި އެވަރޑް ލިބުނު ފުރަތަމަ ފަހަރެވެ. ‏

‏ބޭންޑް ލީޑަރ ފެޒޫއާ ތީރު މީޑިއާއަށް ދިން އިންޓަރވިއުއެއްގަ ބުނެފައިވަނީ މިއުޒިކް ދާއިރާގަ އުޅޭތާ މިހާރު ‏‏ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ.‏

ޓޫ ޕީސްކޮށް ކުޅެ ތްރީ ޕީސް ކޮށް އައިސް ފޯ ޕީސްކޮށް ހުރެ، ފުލް ބޭންޑަކަށް ވެގެން، ވަރަށް ދިގު ‏‏ޖަރނީއެއް މީ. އެކަމް، ޔެސް! ވަރަށް ފަޚުރުވެރިވޭ ރާއްޖޭގެ މިއުޒީޝަނެކޭ ބުނީމަ.‏

ވިއްސަކަށް އަހަރު ވިޔަސް، މިއުޒިކީ ދާއިރާއަކީ ފެޒޫ އެންމެ ފުރަތަމަ ކުރިއާށް ދާން ޚިޔާރު ކުރި ދާއިރާއެއް ‏‏ނޫނެވެ. ފެޒޫ ކިޔެވީކީވެސް މިއުޒިކެއް ނޫނެވެ.‏

‏މިއުޒިކް ކުޅުމަކީ އެއްވެސް  ގޮތަކަށް ފެޒޫގެ ހިތަކަށް ނާރާ ފެޒޫގެ ފުލްޓައިމް ޖޮބަކަށް ވާނެއެކޭ. ފެޒޫ ‏‏އަސްލު ކިޔެވީ މުޅިން އެހެން އެއްޗެއް. އެކަމަކު މިއުޒިކަކީ ފެޒޫގެ ވަރަށް ބޮޑު ޕެޝަންއެއް. ސޯ ކިޔެވި ‏‏އިރުވެސް ގިޓަރ އެއް އިނދޭ އަތުގަ. ގިޓަރ އަނެއްހެން ކުޅެން އެކަމަކު [‎‏އެހެން ދާއިރާއަކުން] ކިޔަވަނީ. ‏‏އައެމްއަ ލިންގުއިސްޓް އަސްލު. 8 ޔަރސް ވަންދެން ދަސްކުރީ ލެންގުއޭޖެސް. ޖަރމަން، ޖަޕަނީޒް، ‏‏ފްރެންޗް އެންޑް އިޓާލިއަން.

ކިޔެވި ދާއިރާ ނޫންނަމަވެސް މިއުޒިކް ކުޅުމުގެ ފުރުސަތު ފެޒޫއަށް ފުރަތަމަ ލިބުމުން ހުއްދައަށް އެދުނީ ‏‏މަންމަގާތުންނެވެ. ދެން ކިޔެވި ދާއިރާއަށް ހަދަނީ ކިހިނެއްތޯ މަންމަ ސުވާލުކުރިކަމަށް ފެޒޫ ބުންޏެވެ. ‏

‏އެކި ބަސްތައް ދަސްކޮށްގެން ފެޒޫ އަސްލު ބޭނުންވީ ޓުއަރގައިޑަކަށް، ޓްރާންސްލޭޓަރއަކަށް ވާން. ފެޒޫ ‏‏އެކަންވެސް ކުރިން. [މަންމަ ގާތު] ‎‏ފެޒޫ ބުނީ، ބަސް ބޭނުންކޮށްގެން ލަވަ ކިޔޭނެއޭ ފެޒޫއަށް. އެގޮތުގެ ‏‏މަތިން އެންމެ ފުރަތަމަ ކުޅެންފެށި މުޙައްމަދު ކިޔާ ކުއްޖަކާއެކު ޓޫ-ޕީސްކޮށް. ނަސަންދުރައިގަވެސް ކުޅުނިން ‏‏ޓޫ-ޕީސްކޮށް. އެއީ ޖަރނީ ފެށުނުގޮތް. އޭރުވެސް އެކަމަކުވެސް ކިޔަވަން.

‏މިޔުޒިކީ ދާއިރާގަ އުޅެމުން، ކިޔަވަމުން ދިޔަ ފެޒޫއަކީ ސްކޫލް ދައުރުގަ އެތްލީޓެއްވެސް މެއެވެ.  އެގޮތުން ‏‏ދުވުންތެރިއެއްގެ ގޮތުން ފެޒޫވަނީ އިންޑިއަން ގޭމްސް، ސާފް ގޭމްސް އަދި ވޯލްޑް ޗެމްޕިއަންޝިޕްގަވެސް ‏‏ރާއްޖެ ތަމްސީލުކޮށްފައެވެ.‏

‏މަޑުމަޑުން މިއުޒިކީ ދާއިރާއަށް ވަންނަމުންގޮސް ފެޒޫ އެންމެ ފުރަތަމަ ރިސޯޓެއްގައި މިއުޒިކް ކުޅުނީ ‏‏މީރުފެންފުށި ރިސޯޓްގައެވެ.‏

‏އޭރު ކުޅެނީ ހަމަ ޓޫ-ޕީސްކޮށް. ކޮންމެވެސް ތަނަކުން ގިޓަރިސްޓެއް ހޯދައިގެން އަންނަނީ. ދެން މުޙައްމަދް ‏‏ބޮންގޯ ޖަހާނީ.

‏އެއަށްފަހު ޕާޓިތަކުގައާއި ކޯޕަރޭޓް އިވެންޓްތަކުގަ މިއުޒިކް ކުޅެމުން، ފެޒޫގެ ޓްރާންސްލޭޓިން މަސައްކަތްތަކާ ‏‏ޓުއަރ ގައިޑިން މަސައްކަތްތައް ކުރަމުން، މަޑުމަޑުންގޮސް ވަރަށް ބޮޑަށް މިއުޒިކްގެ ތެރެއަށް ފެޒޫއަށް ‏‏ވަދެވިއްޖެއެވެ. އަދި ޓޫ-ޕީސް އަކުން ތްރީ ޕީސްއަކަށް ބަދަލުވެ ތްރީ ޕީސް އަކުން ފޯ ޕީސް ބޭންޑަކަށްވެސް ‏‏ބަދަލުވެއްޖެއެވެ. ‏

2006 ގަ އެންމެން އެއްވި ޓައިމުން މިކިޔަނީ ޑިޓިއުން ބޭންޑް ފޯމްވި ޑޭޓް އަސްލު. އެއީ މި ބޭންޑަށް ‏‏އެންމެ ފަހުން ވަންނަނީ ބޭސިސްޓް އައްޔަ. އޭނަ އެންމެ ފުރަތަމަ ފެޒޫމެންނާއެކު ޝޯއަށްދިޔަ ޑޭޓް މި ‏‏އިންނަނީ ކޮންސިޑަރކޮށްފަ ޑިޓިއުން ބޭންޑް ފޯމްވި. އެއީ ފެބްރުއަރީ 18 2006.

‏ބޭންޑް އުފެދުމަށްފަހު އެކަކު އަނެކަކު ދަސްކުރަމުން ގުޅުންތައް ބަދަހިވަމުން ދިޔައެވެ. އެއަށްފަހު 2007 ގަ ‏‏ޓީވީއެމްގެ "މިއުޒިކީ އާޓް" ޝޯއަށް އަރާ ބޭންޑުން ޕަރފޯމްކުރި ހިސާބުން އަދި މިއުޒިކް ރަނގަޅަށް ‏‏ދަސްކުރަން އެބަޖެހޭކަން މުޅި ބޭންޑަށްވެސް ވިސްނުނު ކަމަށް ފެޒޫ ބުންޏެވެ.‏

[އެ ޝޯއަށް] އަރާ ކުޅެފަ، އެ ކުޅުނު އެތި އަނބުރާ ޓީވީއިން ފެނުނީމަ އަހަރުން ހިތަށް އެރި ޔާރައްބީ، ‏‏ވަރަށް ސަކަރާތޭ މީތި! ވަރަށް ބޮޑަށް ޕްރެކްޓިސް ކުރަން ޖެހެއޭ، ވަރަށް ބައިވަރު ކަންތައް ކުރަންޖެހެއޭ. ‏‏އިންއޯރޑަރ ޓު ބިކަމް ޕްރޮފެޝަނަލް މިއުޒީޝަންސް ވަރަށް ބައިވަރު އެއްޗިހި ދަސްކުރަން ޖެހެއޭ.

‏އެއާއެކު އޭރު ފެޒޫމެންގެ މެންޓޯއަކަށް ހުރި ފަރާތުގެ އިރުޝާދާއެއްގޮތަށް މިޔުޒިކް ކިޔަވަން ގަސްތުކުރިއެވެ. ‏‏އެހެންނަމަވެސް ފަސް މީހުން އެއްކޮށް ރާއްޖެއިން ބޭރަށް ގޮސް ކިޔެވޭނެ ޤާބިލިއްޔަތުކަމެއް އޭރަކު ނެތެވެ.‏

‏އެހެންވެ ފެޒޫމެންނަށް ފެނުނީ ރާއްޖޭގައި ރިސޯޓް މިއުޒިކް ކުޅެމުން އާމްދަނީ ހޯދަމުން އޮންލައިންކޮށް ‏‏ކިޔަވާށެވެ. އެގޮތުން ބޮސްޓަންގެ ބާރކްލީ އިންސްޓިޓިއުޓުން އޮންލައިންކޮށް ކިޔަވަން ފެށިއެވެ.‏

‏ބޭސިކް މިއުޒިކް ތިއަރީ ވަންއޯވަން ވަންއޯޓޫ ހަދާފަ ދެން އެ ކުއްޖަކު ބޭނުންވާ ދާއިރާއިން އޭތި ހަދާފަ އެ ‏‏ދިޔަ ޕްރޮސެސް ތެރޭގައި ފެޒޫމެންގެ އެންމެ ފުރަތަމަ އަލްބަމް ހަދަން ފަށައިގެން އެ ދިޔަ ގޮތަށް ދިޔައީ. ‏‏އެކަމަކު 2006 އިން 2014 އާއި ހަމަޔަށް ޑިޓިއުން ބޭންޑް އަނެއްހެން މާލެތެރެއަކަށް ނޭނގޭނެ.

‏މާލެ ތެރއަށް ނޭނގުނަސް ބޭންޑްދިޔައި އޭރުވެސް ހަފްތާއަކު 6 ރޭ އަދި ބައެއް ހަފްތާގަ 7 ރޭވެސް ‏‏ރިސޯޓްތަކުގައި މިއުޒިކް ކުޅެމުންނެވެ. ‏

‏2014 ވަނަ އަހަރު ބޭންޑްގެ ފުރަތަމަ އަލްބަމް 'ވަން ޑައުން' ނެރެންވީއިރު ރިސޯޓްލައިފުން ބޭރުން ‏‏މީހުންނަށް ބޭންޑް އެނގުމަކީ މުހިއްމު ކަމަކަށް ވެގެންދިޔައެވެ. ޑިޓިއުން ބޭންޑް މީހުންނަށް ފުރަތަމަ ‏‏އެންގެންފެށީ އަލްބަމް ނެރުނު ހިސާބުންނެވެ. ޚާއްސަކޮށް އަލްބަމްގެ "ނަޝާލާ" ވިޑިއޯ ލަވައަށް ގިނަ ‏‏ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ.‏

‏ޓުއަރިޒމް ލޯ ސީޒަންގަ ލިބުނު އެއްމަސްދުވަހުގެ ބްރޭކްގަ 2012 ވަނަ އަހަރު 'ވަން ޑައުން' އަލްބަމް ‏‏އަޅަން ފެޒޫމެން ފުރަތަމަ ދިޔައީ ލަންކާއަށެވެ. އެއަށް ފަހު 2013 ވަނަ އަހަރުގެ ބްރޭކްގަ އަލްބަމްގެ ‏‏މިކްސް މަސްޓަރިންއަށް ދިޔައީ ސިންގަޕޫރަށެވެ. އެ ދަތުރުގައި ފެޒޫމެންގެ މަސައްކަތް ކަމުގޮސް އަލްބަމް ‏‏ޕރޮޑިއުސްކުރީވެސް މިކްސް މާސްޓަރކުރަން ދިޔަ ތަނުގެ އޯނަރެވެ. ‏

‏ފުރަތަމަ އަލްބަމަށް ފަހު ޑިޓިއުން ބޭންޑުން ދެން އިތުރު އަލްބަމެއް ނެރެފައި ނުވަނީ ކީއްވެކަންވެސް ފެޒޫ ‏‏ކިޔައިދިނެވެ.‏

‏ފެޒޫމެން ހިތަށްއެރީ ވަރަށް ދިގޭ މި ޕްރޮސެސް. ކޮންމެގޮތެއްވިޔަސް ރިސޯޓަށް ގޮސް އެ ލިބޭ ލާރިން މި ‏‏ދިރިއުޅެނީ އަސްލު. އޭތި ވަރަށް ބޮޑަށް އިންޓަރަޕްޓް ވާތީވެ ވީ ޑިސައިޑެޑް ޑިޓިއުން ބޭންޑުން ދެން ‏‏ނެރޭނީ ހުސް ސިންގަލްސް އޭ.

‏މިއުޒިކީ ދާއިރާގަ ކުރާ މަސައްކަތްތަކުގެ އިތުރުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގެ ގޮތުން ބޭންޑްގެ ފަރާތުން ‏‏މަދުވެގެން އަހަރަކު ދެ ފަހަރު ސީއެސްއާރްގެ ދަށުން ކޮންމެވެސް ހަރަކާތެއް ހިންގުމަކީ ވަރަށް ކުރާހިތުން ‏‏ޑިޓިއުން ބޭނޑުން ކުރާ ކަމެކެވެ. އެގޮތުން ކެންސަރ ސޮސައިޓީ، ކެއަރ ސޮސައިޓީ، އޯޓިޒަމް ‏‏އެސޯސިއޭޝަން، ޖޭސީއައި ފަދަ ތަފާތު އެނޖީއޯތަކާއެކު މިހާތަނަށް ޑިޓިއުން ބޭންޑުން ވަނީ ‏‏މަސައްކަތްކޮށްފައެވެ.‏

‏އެމީހުން އެކުރާ މަސައްކަތް ފެނުން އޭތީގެ ތެރޭގަ އުޅުންވީ އަސްލު ވަރަށް އެހެންކަހަލަ އިމޯޝަންތަކެއް، ‏‏އެއީ އަދި މިއޔުޒިކް ކުޅުން އެސައިޑްގަ ބައިންދާފަ، އޭގެ އެކްސްޕީރިއެންސަކީ އެކި ކަހަލަ ގޮތްގޮތަށް ‏‏ވިސްނަން ޖާގަ ލިބުނު ކަމަކަށް. މިސާލަކަށް ކެންސަރ ސޮސައިޓީއަށް ދިޔައިއިރު، އެތާގަ އޮންނަނީ ވަރަށް ‏‏މޯރަލް ރަނގަޅު ޓީމެއް. ހުސް ހަމަ ގިނަވާނީ ސަރވައިވަރސް ނޫނީ އޮންގޮއިން ކެންސަރ ޕޭޝަންޓްސް. ‏‏އެކަމަކު އެމީހުންގެ އެ ޑްރައިވް، އެ މީހުންގެ ސްޓްރަގްލް އަޑުއަހާ، އެމީހުންގެ ތެރޭ އުޅޭ ޑޮކްޓަރުންގެ ‏‏ޚިދުމަތް، އެ ޓީމް ވޯރކް، އެ ޑެޑިކޭޝަން ފެނުނު. އިމާދުއްދީން ސްކޫލްގައި އޯޓިޒްމް ކުދިންނާއެކު ކުރި ‏‏މަސައްކަތުގައި، ވެސް ޓީޗަރުން، ބެލެނިވެރިން އެ ކުދިންނަށް އެދޭ ޑެޑިކޭޝަން، އެޓެންޝަން އަދި ލޯބި ‏‏ފެނިގެންދިޔަ. ކޮމިއުނިޓީގަ އެކި މީހުން ކުރާ ކަންތައްތައް ބަލާ އެކްސްޕީރިއެންސް ކުރެވިއްޖެ މި ޖަރނީ ‏‏ތެރޭގަ.

‏ފެޒޫ ދެކެނީ މިއީ ވަރަށް މާނަފުން، އަދި ވަރަށް ގިނަ ތަޖުރިބާތަކެއް ލިބެމުންދާ ދަތުރެއްގެ ގޮތުގައެވެ. އަދި ‏‏މިހާތަނާށް ކުރެވުނު މަސައްކަތްތަކާމެދު މުޅި ބޭންޑްވެސް ފަޚުރުވެރިވާކަމަށް ފެޒޫ ބުންޏެވެ.‏

‏ވަރަށް ފަޚުރުވެރިވެސްވޭ ދިވެހިރާއްޖެ ރިޕްރެޒެންޓްކުރަން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަސް ދެވިފަ ‏‏ހުރީމަވެސް. ވަރަށް ފަޚުރުވެރިކަމާއެކު ބުނެވޭ މިއީ ރާއްޖޭގެ ބޭންޑެކޭ. މިދިޔަ 16 އަހަރު ޑިޓިއުން ‏‏ބޭންޑުން ކުރި އެކްސްޕީރިއަންސަކީ... ބަހެއް ނޭނގެ އެގްޒެކްޓްލީ ބުނާކަށެއް، އެކަމަކު ފެޒޫ އަށް ބުނެވޭނީ، ‏‏ޑިޓިއުން ބޭންޑްގެ ފަރާތުން ވާހަކަދައްކާ މީހެއްގެ ގޮތުން، އަލްޙަމްދުލިއްﷲ އޭ ހަމަ.

‏ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު މުނާސަބާގަ ބޭއްވި ޓުއަރިޒމް 50 ގޯލްޑަން އެވަރޑްސްގަ ‏‏ޑިޓިއުން ބޭންޑަށް އެވޯޑް ލިބިގެންދިޔުމަކީވެސް ބޭންޑްގެ ދަތުރުގައި އެންމެ އުފާވެރި އެއްދުވަހުގެ ގޮތުގައި ‏‏ފެޒޫ ފާހަގަކުރެއެވެ.‏

އަދިވެސް ފެޒޫމެން ހަމަ ރިޒޯޓް ސެކްޓަރގަ މި މަސައްކަތްކުރަނީ. [ފަތުރުވެރިކަމުގެ ދާއިރާއަކީ] ‎‏‏‏ފެޒޫމެންގެ ބްރެޑް އެންޑް ބަޓަރ. ފެޒޫމެން މިކުރި މަސައްކަތް ބަލައިގެންފަ، ގޯލްޑެން އެވޯޑެއް ލިބުން ‏‏އެއީ... ހީވީ އަސްލު ހަމަ މިދިޔަ 16 އަހަރު ކުރި މަސައްކަތ ބަލައިގެންފިއޭ ޓުއަރިޒަމް އިންޑަސްރީއިން، ‏‏ޓުއަރިޒަމް މިނިސްޓްރީއިން.

ޓުއަރިޒމް ދާއިރާއިން ގޯލްޑަން އެވޯޑަށްފަހު މިދިޔަ އަހަރުގެ ޤައުމީ އިނާމު ދިނުމުގެ ހަފްލާގަވެސް ޑިޓިއުން ‏‏ބޭނޑަށް ވަނީ ޤައުމީ އެވޯޑް ލިބިފައެވެ. ‏

‏ޤައުމީ އިނާމު ޑިޓިއުން ބޭންޑްގެ ފަސް މީހުންނަށް ލިބުން މީ ޤައުމެއްގަ މިކުރާ މަސައްކަތް ބަލައިގެންފިއޭ ‏‏ފައިނަލީ ‏‎]‎‏ހިތަށް އެރިކަމެއް‏‎[‎‏. ވަރަށް ވަރަށް ވަރަށް އުފާވި އަސްލު. އަލްޙަމްދުލިއްﷲ ހަމަ.

‏ތީރު މީޑިއާއަށް ފެޒޫ ދިން އިންޓަރވިއުގަ ކޮވިޑް-19 ގެ ތެރޭ ރިސޯޓްތައް ބަންދުކޮށް އޭގެ ސަބަބުން ‏‏ދިމާވި ކަންކަމަށްވެސް އަލިއަޅުވާލިއެވެ.‏

‏ފެޒޫމެން މަސައްކަތްކުރާ ދާއިރާ އެއްކޮށް ފްލެޓްވި. އެކަމަކު ފެޒުމެން ބޭންޑަށް އޭގެން ދަސްވީ ‏‏ޝުކުރުވެރިވާން. ދަސްވި އަހަރެމެންގެ ޤައުމު މީ ހާދަ ރީތި ޤައުމެކޭ. އަހަރެމެން މިދަނީ ހާދަ ރީތި ‏‏ރަށްތަކަކަށޭ. އަހަރުންނަށް އޭތި ނުލިބޭން ހެދީމަ އޭތި ފީލްވަނި. ކޮވިޑާއެކު 2020 މަރޗުން ޑިސެމްބަރަށް ‏‏ރިސޯޓް މިއުޒިކެއް ނެތް. ގޭގަ ތިބީ. ގޭގަ ތިބެ މި ބުނި އިމޯޝަންތައް ފީލްވެގެން މީ ރާއްޖެ ކިޔާ ‏‏ލަވައެއްވެސް ހެދިން.

‏ކޮވިޑް ތެރޭގައި މަހަށްގޮސްގެންވެސް ޑިޓިއުން ބޭންޑުން ބޮޑު ސަމާލުކަމެއް ހޯދިކަން ފާހަގަކޮށްލަންޖެހެއެވެ. ‏‏މިކަމާ ސުވާލުކުރުމުން ފެޒޫ ބުނީ މިއީ ވަރަށް ގިނަ މީހުން އަހާ ސުވާލެއްކަމަށެވެ.‏

‏ޑިޓިއުން ބޭންޑަކީ ވަރަށް ކުރިއަސުރެވެސް ހުރިހާ އެންމެން މަހަށްދާ ބައެއް. އެންމެ ފުރަތަމަ ބޭންޑް ‏‏އުފެދިގެން ދިޔަ ހަތަރު އަހަރުތެރޭ ދަނީ ދޯނި ކުއްޔަށް ހިފައިގެން. ގޮސްފަ އަވަހަށް އަންނަން ޖެހޭތީވެ ‏‏ވަރަށް ފްރަސްޓްރޭޓްވޭ. އެހެންވެ ދެން އެނެމެން ޑިސައިދްކުރީ ހިނގާށޭ އެންމެންވެގެން ކުޑަ ލޯންޗެއް ‏‏ގަނަން މަހަށް ދާން. 2010 އެއްގަ ގަނެފަ އިންނަ ކުޑަކުޑަ ލޯންޗެއް އެ އަސްލު. ޑިންގީއެކޭ ބުންޏަސް ‏‏ރަނގަޅުވާނެ. ލޮކްޑައުން އައިއިރު ސަރަވައިވް ކުރަން ހުޅުވިފަ އޮތް ދޮރެއް އެއީ. ކުރިންވެސް މަހަށްގޮސް ‏‏ހަމަ މަސް ވިއްކަންވެސް މެ. ކޮވިޑް ދުވަސްވަރު މީހުން މަސް ގަންނަން މި ގެއަށް އައިސް އެ ވަރަށް ‏‏އެހެންކަހަލަ ޖަރނީއެއް. އެކަމަކު ވަރަށް ޝުކުރުވެރިވަން އެ ޓައިމްގަ ޑިޓިއުން ބޭންޑަށް އެހެން ‏‏އޮޕޝަނެއް އޮތީތީ. ޑިޓިއުން ފިޝިންއަކީ ކުރިންވެސް ކުރަމުން އައިކަމެއް. މިހާރުވެސް ކުރަމުން އަންނަ ‏‏ކަމެއް. ސައިދް ޖޮބެއް އެއީ. އެކަމަކު އަލްޙަމްދުލިއްﷲ، ކޮވިޑް ޓައިމްގައި ފެޒޫމެން އަސްލު ސަރަވައިވް ‏‏ކުރީ މަހަށްގޮސްގެން.

‏މިއުޒީޝަނަކަމަށް ނުވިނަމަ ފެޒޫ ބުނަނީ ބޮޑަށް ހީވަނީ ފެޒޫ ވާނީ މަސްވެރިއަކަށްހެން ކަމަށެވެ.‏

‏ފެޒޫ ޕަރސަނަލީ ވަރަށް އުފާވޭ މީހުން ފެޒޫއާ ދިމާލަށް ތި ކެޔޮޅެއްދޯއޭ ބުނީމަ. ވަރަށް ވަރަށް އުފާވޭ. ‏‏ފެޒޫ މިއުޒިކް ނުކުޅޭނަމަ ފެޒޫއަށް ހީވަނީ ފެޒޫ ވާނީ މަސްވެރިއަކަށްހެން.

ފެޒޫ ބުނަނީ ފެޒޫއަށް މިއަދު ޑިޓިއުން ބޭންދްގެ ފަރާތުން ވާހަކަދެއްކުމުގެ ފުރުސަތު ލިބިފައި މި އޮތީ ‏‏ބޭންޑްގެ އަނެއް 4 މެމްބަރުންގެ ކޮންޓްރިބިއުޝަންގެ ސަބަބުން ކަމަށެވެ. ބޭންޑަށް މިހާ ހިސާބަށް އާދެވުނީ ‏‏ވަރަށް ޑެޑިކޭޝަން އަކާ ޓީމްވޯކާ ކޮމްޕްރޮމައިޒްތަކާ އެކުކަމަށް ފެޒޫ ބުންޏެވެ. އެކަކު އަނެކަކު ދެކެ ‏‏ރުޅިއައިސް ޒުވާބު ކުރަންޖެހޭ ފަހަރު އަޔަސް ބޭންޑް މަސައްކަތްކުރަނީ އާއިލާއެއްގެ ގޮތަށްކަމަށްވާތީ ‏‏އެކީގައި މަސައްކަތްކުރަން އަދި ފެޒޫއަށް ބޭންޑް ލީޑްކޔރަންވެސް ވަރަށް ފަސޭހަ ކަމަށް ފެޒޫ ބުންޏެވެ. ‏‏އަދި ބޭންޑްގެ ލީޑަރަށް ފެޒޫވިޔަސް ބޭނޑްގެ އެންމެނާވެސް މަޝްވަރާކޮށް ޑިސިޝަންތައް ނަގަނީ މެޖޯރިޓީ ‏‏ބޭނުންވާގޮތަށްކަމަށްވެސް ފެޒޫ ބުންޏެވެ.‏

‏ފެޒޫގެ މި ދިގު ދަތުރުގަ ފެޒޫއާއެކު ވަރަށް ގިނަ ފަންނާނުން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން ޖަޖް ‏‏އައްމަޑޭފަދަ މިއުޒިކީ ދާއިރާއިން ރާއްޖޭގަ ކާމިޔާބު އަދި މޮޅެތި އެތައް ފަންނާނުންނަކާއެކު މިހާތަނަށް ‏‏ފެޒޫއަށްވަނީ މަސައްކަތްކުރެވިފައެވެ. ‏

‏5 މެމްބަރުންގެ ބޭންޑެއްގައި ހުރި ހަމަ އެކަނި އަންހެން މިއުޒިޝަންއަށްވެހުރެ އަދި ބޭންޑް ލީޑްކުރާ ‏‏ފަރާތުގެ ހައިސިއްޔަތުން، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި އަންހެނުންގެ ދައުރާ މެދު ފެޒު ދެކެނީ ‏‏ވަރަށް އުއްމީދީ ނަޒަރަކުންނެވެ.‏

‏ފެޒޫ ފެށިއިއު ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި އަންހެން މިއުޒީޝަނުން ވަރަށް މަދު. މިހާރު ‏‏ރިޒޯޓްތަކުގައި މާކެޓިން އެޗްއާރް އަދި މިނޫނަސް އެކި ދާއިރާތަކުން ވަރަށް ގިނަ އަންހެނުން ‏‏މަސައްކަތްކުރޭ. ކޮލިފައިޑް ކުޅަދާނަ ވަރަށް ޤާބިލިއްޔަތުކަން ހުރި އަންހެނުން އަންހެން ކުދިން އެބައުޅޭ. ‏‏ހަމަ އެގޮތަށް ފެޒޫމެން ފެށިއިރާ އަޅާ ބަލާފަ ވަރަށް ހުނަރުވެރި ވަރަށް މޮޅެތި އަންހެން މިއުޒީޝަނުން ‏‏މިހާރު ރިޒޯޓް މިއުޒިކްގަ އެބައުޅޭ. ފެނުނީމަ ވަރށް އުފާވޭ. އަމިއްލައަށް ގިޓަރ ކޮނޑުގަ އަޅުވާލައިގެން ‏‏އެއަރ ޓެކްސީއަށް އަރައިގެން އދ ހިސާބުގަ ހުންނަ ރިސޯތްތަކަށްވެސް އެބަ ދޭ. ފެޒޫ ފެށިއިރުން ފެށިގެން ‏‏މިހާތަނާށް މިދިޔަ އަހަރުތަކުގަ އޭޒް އަ ވުމަން އައި އޭމް ތޭންކްފުލް އެހާ ރަނގަޅު ޓީމެއް އޮތީމަ. އޭޒް އަ ‏‏ވުމަން އައި ފީލް ވެރީ ޕްރައުދް ޓުއަރިޒަމް އިންޑަސްޓްރީގައ ވޯކްކުރެވޭތީ. އެއީ ފިރިހެނުންނެކޭ ‏‏އެއްވަރަކަށޭ ނުބުނެވޭނެ އެކަމަކު އަޅާކިޔޭ ވަރަށް އަންހެނުން އުޅޭ އެބަ. ބުނަން މިއުޅޭ އެއްޗަކީ ‏‏އަންހެނަކަށް ވެގެންނެއް މިހާރު ރާއްޖޭގަ، އެމީހަކު އެޗީވް ކުރަން ދާ ދާއިރާއެއްގަ އެމީހަކު އެޗީވްކުރަން ‏‏ހިފައިފިއްޔާމު އެއީކީ އުނދަގޫ ކަމެއް ނޫން. އޭތި ފެނޭ. ފެންނާނެ.

‏ނިންމާލަމުން، ޑިޓިއުން ބޭންޑްގެ ފޫޖީ، އައްމަޑޭ، އައްޔަ އަދި ފާތިވެސް ހިމެނޭހެން މުޅި ބޭންޑްގެ ފަރާތުން ‏‏ފެޒޫ ބުނީ ފޭނުންގެ ލޯތްބާއި ސަޕޯޓާ ނުލާ މިހާ ހިސާބަށް ނާދެވުނީސް ކަމަށެވެ. ‏

‏އެއީ ވަރަށް ބޮޑަށް އަހަރުން ބަލައިގަންނަ ކަމެއް. ވަރަށް ވަރަށް ބޮދަށް ޝުކުރުވެރިވަން ޑިޓިއުން ‏‏ބޭންޑްގެ ހުރިހާ ފޭނުންނަށް. ދެން އިންނަ އެއްޗަކީ އާއިލާގެ ލޯތްބާއި އެއްބާރުލުން އަހަރެމެން ‏‏އެންމެންނަށް. އެވެސް ވަރަށް ޝުކުރުވެރިވާ ކަމެއް. އެހެންމަ މިއަދާހަމަޔަށް ޑިޓިއުން ބޭންޑަށް ލިބުނު ‏‏ކާމިޔާބަކީ އެމީހުންގެ އެއްބާރުލުން ލިބިގެން ފެޒޫމެން އައިސް ތިބި ހިސާބު. އެއަށް ވަރަށް ބޮޑަށް ‏‏ޝުކުރުވެރިވަން.

‏އެވޯޑެއް ލިބުނަކަސް މަސައްކަތް ހުއްޓާލަކަށް ނުވަތަ މަޑުޖައްސާލުމުގެ އެއްވެސް ވިސްނުމެއް ޑިޓިއުން ބޭންޑްގެ ނެތެވެ. ފެޒޫ ދެކެނީ މިއީ އަދި ފެށުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބެލުންތެރިންނަށް ‏‏ކަމުދާ ކަހަލަ އިތުރު ލަވަތަކެއް އިތުރު އަލްބަމެއްވެސް ނެރެވޭނެކަމުގެ އުއްމީދު ފެޒުއާއި ބޭންޑަށް ‏‏އެބައޮތެވެ. ‏

‏ކޮންމެ މީހެއްގެވެސް އަދި ކޮންމެ ބައެއްގެވެސް ކާމިޔާބީގެ ފަހަތުގައި ވަރަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް ވާ ފަދައިން ޑިޓިއުން ބޭންޑްވެސް މިހާ ހިސާބަށް އައީ ފޭނުންނަށް އަދި އާއްމުންނަށް ނޭނގޭ އެތައްކަމެއް ތަހައްމަލުކޮށް ވަރަށް ބުރަ މަސައްކަތާއެކުއެވެ. އިންޓަވިއުއިން ބޭރުން ފެޒޫއާ އެކު ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި ފެޒޫ އޭގެތެރެއިން ބައެއް ކަންކަން ކިޔައިވެސް ދިނެވެ. އަޅުގަނޑުގެ ހިތަށް އެރީ ޙަޤީޤަތުގައިވެސް މިއީ ހާދަހާވާ ހިތްވަރުގަދަ ބޭންޑެކޭއެވެ. މުޖުތަމަޢުއަށާއި މިއުޒިކީ ދާއިރާއަށް ހެޔޮއެދިގެން، އަދި ޒަމާނުއްސުރެ އާދަކާދައިގެ ތެރެއިން ޤާއިމުވެފަ ހުރި ނޭދެވޭ ބައެއް ހުރަސްތައް ފަހަނައަޅާ ދިއުމަށް މަސައްކަތްކޮށް އެމަސައްކަތުގައި ކާމިޔާބީތައްވެސް ހޯދަމުން މިހިސާބަށް މި ބޭންޑް އައީ ފަރުދާގެ ފުރަގަހުގައި އިންތިހާ ބުރަ މަސައްކަތްކޮށްގެންނެވެ. މިއުޒިކީ ދާއިރާއިންނާއި މަސްވެރިކަމުގެ ދާއިރާއިންނާއި މުޖުތަމަޢުއަށް ޚިދުމަތްކުރުމުގެ ދާއިރާއިންވެސް މި ‏‏ބޭންޑުގެ މެމްބަރުން ކުރަމުންދާ މަސައްކަތައް ބަލައިގަނެ، އެ މަސައްކަތަތަކަށް އައްސަރިބަހާއި ސާބަސް ‏‏ރައްދުކުރަމުން، ތީރު މީޑިއާއިން އެދެނީ ޑިޓިއުން ބޭންޑަށް މުސްތަޤްބަލުގައި އިތުރު ކާމިޔާބާއި ކުރިއެރުން ‏‏ލިބުމަށެވެ.‏