ވަރަށް ގުޅުން ބަދަހި ލޯބިލޯބި އާއިލާއަކަށް އުފަން އައިޝަތު ނަފްލާ މުހައްމަދަކީ އެންމެ ކުޑައިރުން ފެށިގެންވެސް ޓީޗިންގ ދާއިރާއަށް ލޯބިޖެހިފައިވާ ކުއްޖެކެވެ. ކުޅިވަރަށް ލޯބިކުރާ އެހާމެ ހަރަކާތް ތެރި ނަފްލާ އެންމެ ކުޑަ އިރުން ފެށިގެންވެސް ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރެއެވެ. 
 

ކުޑައިރު ކޮއްކޮމެނާއި ގޭދޮށު ކުދިންނާއި އެކު ކުޅެން އުޅޭއިރު އަބަދުވެސް އުޅެވެނީ ޓީޗަރަކަށް ވެގެން.

ކުޑައިރު ކުޅެން އުޅުނުއިރުގެ ހަނދާންތައް އާކޮށްލަމުން ނަފްލާ ބުނެފައިވަނީ މިދާއިރާއިން ކުރިއަށް ދިއުމަށް އޭނާ ދެކެމުން އައި ހުވަފެންތަކުގައި ރީތި ކުލަތަކެއް ޖެހިގެން ދިޔައީ މަންމައާއި އާއިލާއިން ދިން ހިތްވަރުގެ ސަބަބުން ކަމަށެވެ.
 
ޓީޗިންގ ގެ ދާއިރާއަށް ޝައުގުވެރިވާން މެދުވެރިވީ ސަބަބު ކިޔާދެމުން ނަފްލާ ބުނީ އޭނާ އުމުރުން 17 އަހަރުގައި އޭނާގެ ދެ ކޮއްކޮ ގޮވައިގެން މަންމައާއި އެކު ޕްރީސްކޫލަށް ގޮވައިގެން ގޮސް އުޅުމުގެ ތެރޭގައި ބެލެނިވެރިޔާ ކްލާހުގައި މަޑުކުރަން ލިބޭ ފުރުސަތުގައި ނަފްލާ އޭނާގެ ކޮއްކޮ ގާތު މަޑުކުރާ ކުރުމުގައި ކްލާސް ތެރޭގައި ޓީޗަރަށް އެހީތެރިވުމުގެ ފުރުސަތު ލިބެމުންދިޔަ ކަމަށެވެ. މިފުރުސަތައް ވެގެން ދިޔައީ އޭނާ ކުޑައިރު އެންމެ އުފަލުން ކުޅުމުގެ ވަގުތު ހޭދަ ކުރި ޓީޗިންގ ގެދާއިރާ އިން ކުރިއަަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަކަމެއްކަމުގައެވެ.
 

މިދާއިރާ އަށް ނިކުމެ ކުރިއަށް ދިއުމަށް އަބަދުވެސް އެންމެ ހިތްވަރުދެއްވާ ފަރާތަކީ މަންމަ.


އުމުރުން އަށާރަ އަހަރުގައި ނަފްލާގެ ހުވަފެންތަކުގައި ކުލަ ޖެހިގެން ދިޔައީ މާފަންނު މަދަރުސާގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުންނެވެ. އަދި މިފުރުސަތު ނަފްލާއަށް އިތުރަށް ޚާއްސަވެގެން ދިޔައީ އެއީ ނަފްލާ ޕްރީސްކޫލް ތައުލީމް ހާސިލް ކުރި ސްކޫލް ކަމުގައި ވުމުންނެވެ. މާފަންނު މަދަރުސާ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން، ސްކޫލްގެ މުވައްޒަފުން ދެއްވި ހިތްވަރާއި އެކު ނަފްލާ އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކޯހެއްގައި ބައިވެރިވިއެވެ. ނަފްލާ ވަނީ ޓީޗަރެއްގެ ގޮތުގައި 5 އަަހަރު މާފަންނު މަދަރުސާ އަށް ހިދުމަތް ކޮށްފައެވެ. އަދި މިފަސް އަހަރު ތެރޭގައި ބެޗެލަރސް އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ފުރިހަމަކުރިއެވެ.
 

 

ގަރލް ގައިޑް ގަ ހަރަކާތްތެރިވެ ތަމްރީން ވުމުގެ ފުރުސަތުވެސް ވަނީ ލިބިފަ، މިހާރު އަޅުގަނޑަކީ ގައިޑް ވޯރަންޓް ހޯލްޑަރއެއް.


 
އުމުރުން 23 އަހަރުގައި ހުޅުމާލެ ލިޓްލް ޖެމްސް ޕްރީސްކޫލްގައި ޓީޗަރެއްގެ ގޮތުގައި ނަފްލާ މަސައްކަތް ފެށީ މާލޭގައި ދިރިއުޅެމުންނެވެ. ކިތަންމެ ދިގު ދަަތުރެއް ކޮށްފައި ސްކޫލަށް ދާން ޖެހުނު ކަމުގައި ވީނަމަވެސް ނަފްލާ ޓީޗިންގެ ގެ ދާއިރާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ.

 

ބައެއް ދުވަސް ދުވަހު ބަހުގައި ، އަނެއްބައިފަހަރު ސައިކްގަ ނޫނީ ޓެކްސީގަ ވިޔަސް ސްކޫލްއަށް ކިތަންމެ ދުރަށް ވިއަސް ދަނީ ވަރަށް ދާހިތުން ، ހިތްވަރާއި އަޒުމަށް ބަދަލެއް ނާދޭ.


2016 ވަނައަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ލިޓްލް ޖެމްސް ސްކޫލްގެ އެސްކޭޖީ ލެވެލް ކޯޑިނޭޓަރަކަށް ހުރުމަށްފަހު، 2019 ވަނަ އަހަރުން 2020 ވަނަ އަހަރާއި ހަމައަށް ނަފްލާ މަސަތްކަތް ކުރީ ސްކޫލްގެ އެސިސްޓަންޓް ހެޑް ޓީޗަރެއްގެ ގޮތުގައެވެ. މީގެއިތުރުން 2021 ވަނައަހަރު ނަފްލާ ވަނީ ސްކޫލްގެ ޑެޕިއުޓީ ހެޑް ޓީޗަރުގެ މަޤާމަށް ޕްރޮމޯޓް ވެފައެވެ. ނަފްލާ ޓީޗިންގ ގެ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު ވަނީ 13 އަަހަރުވެފައެވެ.

ނަފްލާއަކީ މަސައްކަތުގެ އަޚްލާގް ދަމަހައްޓާ , އިތުބާރު ކުރެވޭ ތެދުވެރިކަން ދަމަހައްޓާ، ފްލެކްސިބަލް އަދި އޯގަނައިޒޭޝަނަށް ބުރަކޮށް މަސައްކަތް ކުރަން ތައްޔާރަށް ހުރި ކުއްޖެއް އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާ ގޮތުގައި. އައި ލައިކް ހަރ ޕާސަނަލް އެންޑް މިއުޗުއަލް އެކައުންޓެބިލިޓީ. -ފާތިމަތު ޔޫސުފް، މާފަންނު މަދަރުސާގެ ލީޑިންގ ޓީޗަރ-

 

ނަފްލާއަކީ އަމިއްލަ ނަފްސަށް ފުރިހަމައަށް އިތުބާރުކުރާ ، އަމިއްލަ ޒިންމާތައްވަރަށް ރަނގަޅަށް އޮޅުންފިލާ އަދި އެޒިންމާތައް އަދާކުރުމުގައި ވަރަށް ޤާބިލް ބޭފުޅެއް. ނަފްލާގެ މެނޭޖްމަންޓް ހުނަރުތަކާއި، ލީޑަރޝިޕް ކޮލިޓީގެސަބަބުން ސިސްޓަމެޓިކް ގޮތެއްގައި މަސަތްކަތް ކޮށް، ކަންކަމުގައި ބޭނުންވާ ނަތީޖާތައް ހާސިލްކުރުމަކީ ނަފްލާއަށް ވަރަށް ފަސޭހަކަމެއް. އެހެން މީހުންނަށް ގުޅުންތައް ވަރަށް ރަނގަޅު މިންވަރެއްގައި ބާއްވަން އެނގުމާއި، މީހުންނަށް ގުޅިގެން އުޅުމުގެ އިތުރަށް، ފަސޭހައިން ކަންކަން ދެނެގަތުމާއި، ކަންކަމާއި ކުރިމަތިލައިގެން ހައްލުތައް ހޯދުމުގެ މަރުހަލާތަކުގައިވެސް، ނަފްލާ ފާހަގަ ކުރެވެނީ ހާސްކަންކުޑަ އަދި ވިސްނުންތޫނު ބޭފުޅެއްގެ ގޮތުގައި. ޙާޞިރީއަށާއި ގަޑިއަށް ފަރުވާ ބެހެއްޓުމާއި، ކުރާކަންކަން ވަރަށް ގަޔާވެގެން ފަރުވާތެރިކަމާއިއެކު ކުރުމަކީވެސް ނަފްލާގެ ފަރާތުން ފާހަގަކުރެވޭ ވަރަށް ޚާއްސަ ސިފަތަކެއް. މީގެ އިތުރުން ނަފްލާއަކީ މުޢާމަލާތުކުރަން ވަރަށް ފަސޭހަ އަދި ކަންކަން ވަރަށް ފަސޭހައިން އޮޅުންފިލާ ބޭފުޅެއްކަންވެސް ފާހާގަކުރެވޭ. -ފުއާދް ޤާސިމް، ޗެއަރމަން، ލިޓްލް ޖެމްސް ޕްރީ ސްކޫލް-


 
 
ޓީޗިންގ ގެ ދާއިރާ އަކީ ގިނަވަގުތުތަކެއް ދަރިވަރުންގެ ހައްޤުގައި އެއްވެސް އަމިއްލަ އެދުމަކާ ނުލާ މުދައްރިސުން ހޭދަކޮށްލާ އަގު ނުކުރެވޭ ވަރުގެ ވަގުތު ތަކަކަށްވާއިރު ނަފްލާގެ ގިނަވަގުތުވެސް މިމަސައްކަތަށްވަނީ ހުސްކުރެވިފައެވެ. ވަޒީފާއިން ލިބޭ ހުސްވަގުތުގައި އާއިލާއާއި އެކު ފިލްމާއި ސީރީޒް ބަލާލުމަށާއި އަދި އެކުވެރިންނާ އެކު މަޖާ ކޮށްލުމަށް ނަފްލާ ލޯބިކުރެއެވެ.

 

އަޅުގަނޑަކީ ވަރަށް ވީޑިއޯގޭމް ކުޅޭ ހިތްވާ މީހެއް، އެހެންވެ ލިބޭ ފްރީ ގަޑިތަކުގަ ފިރިމީހާއާއި އެކުވެރިންނާއި އެކު އެޕެކްސް ލެޖެންޑްސް އަދި ޕަބްޖީ ފަދަ ގޭމް ކުޅެން.


ނަފްލާގެ މިވާހަކަ އިން އެނގިގެންދިޔައީ ދިރިއުޅުމަށް މަސައްކަތް ކުރަމުން ޓީޗަރެއްގެ ޒިންމާ ރަނގަޅަށް އަދާ ކުރަމުން ވެސް ތިމާ ކުރާހިތްވާ އެހެން ކަންކަމަށް ވަގުތު ހޯދޭނެކަމެވެ.
 

ނަފް އަކީ ވަރަށް އިންސްޕައަރިންގ ކުއްޖެއް، އެންމެ އިންސްޕަޔަރ ވަނީ ޕްރޮފެޝަނަލް ލައިފް އަދި ޕަރސަނަލް ލައިފް ބެލެންސް ކުރާ ގޮތުން، ވަރަށް ޑެޑިކޭޓަޑް އެހާމެ ހީވާގި، އެހާ ބުރަކޮށް އުޅެމުންވެސް އަޅުގަނޑަށް އަދި ދެފެމިލީއަށް ވެސް ވަގުތުހޯދާ. -އަޙްމަދު ނަވާޒް އިބްރާހީމް- (ނަފްލާގެ ފިރިމީހާ)

 

މިދާއިރާއިން އަޅުގަނޑުމީ ޒިންމާދާރު މީހަކަށް ހަދައިދިން، ފަތިހު ހޭލައިގެން ކުރަންހުންނަ އެހެނިހެން ކަންކަން ނިންމާ ވަޒީފާއަށް ގަޑިނުޖެހި ދެވޭތޯ ބަލަން ، ގަޑިއަށް ސަމާލުކަންދީ ކަންކަން ވަގުތައް ނިންމަން ދަސްކޮށްދިން.

ނަފްލާ ފާހަގަ ކުރި ގޮތުގައި މިދާއިރާއިން އޭނާގެ ދިރިއުޅުމުގެ ކަންކަން ވަކި ތަރުތީބަކުން ގެންދިއުމަށް ވަނީ މަގުފަހި ކޮށްދީފައެވެ. ނަތީޖާ އެއްގެ ގޮތުން ނަފްލާގެ ދިރިއުޅުމަށް ހެޔޮ ބަދަލު ތަކެއް ގެނުވައި މީހުންނާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ރަނގަޅުވެގެންދިޔައެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރަށް ވަރުގަދަވެގެން ދިޔައެވެ.

އަޅުގަނޑު ގަބޫލްކުރާގޮތުގަ ކޮންމެ މީހެއްގެވެސް ދިރިއުޅުން ވަގި ގޮތަކަށް ބެލެންްސް ކުރެވެން ވާނެ، މަސައްކަތުގެ މާހައުލުގެ އިތުރުން އަމިއްލަ ދިރިއުޅުމަށްވެސް ފޯކަސް ކުރަންވާނެ، ބިޒީ ޝޭޑިއުލްގެ ސަބަބުން މާގިނަ ހުސްވަގުތު ނުލިބުނަސް ލިބޭ ބަންދުދުވަސްތަކުގަ އަދި ހުސްވަގުތުގައި ވީވަރަކުން އާއިލާއާ އެކު ކޮލިޓީ ވަގުތު ހޭދަކުރެވޭތޯ ބަލަން.


 
މިދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކުރަމުން ނަފްލާ ބުނެފައިވަނީ ޓީޗަރުންގެ އަގުވަޒަން ނުކުރާ ފަރާތްތަކާ އަދިވެސް ބައްދަލުވާ ކަމަށާއި، މިދާއިރައަށް ހުސްކުރާ ވަގުތާ އަޅާބަލާފައި މުދައްރިސުންނަށް ލިބޭ އާމްދަނީ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ހިތްމަތާއި އެކު ބާރުލާ މަސައްކަތް ކޮށްފިނަމަ މިދާއިރާގައި ކުރިއަށް ދިއުމަކީ އުނދަގޫކަމެއްނޫން ކަމަށެވެ. ނަފްލާ ދެކެން ބޭނުންވަނީ މާލޭގެ ތައުލީމީ ދާއިރާއެކޭ އެއްފަދައިން އަތޮޅުތެރޭގެ ހުރިހާ ސްކޫލްތަކެއްވެސް މިހާރަށް ވުރެން އިތުރަށް ކުރިއަރައި ވަސީލަތްތައް އިތުރުވެގެން ދާނެ ދުވަހެކެވެ.
 

ކުޑަކުދިންނާއި އެކު ވަގުތު ހޭދަކުރާ ހިތްވާނަމަ އަދި އެކްޓިވްކޮށް އުޅެން ބޭނުންވާނަމަ މިއީ ހަމަ އެންމެ ރަނގަޅު ކެރިއަރ، ކޮންމެ ދުވަހަކީ ކުދިންގެ ފަރާތުން އަދި އަމިއްލަ ނަފްސަށްވެސް މުޅިން އާކަންތައްތަކެއް ދަސްވެގެންދާ ދުވަހެއް. ވަރަށް ހިތްހަމަ ޖެހޭ ކުދިންނާއި އެކު ވަގުތު ހޭދަކުރަން.

 
މިދާއިރާނޫން ދާއިރާއަކަށް ބަދަލު ވާނަމަ އެންމެ ކުރާހިތްވާ ކަމަކީ އެއަރ ހޮސްޓެސް އަކަށް ވުންކަމުގައި ނަފްލާ ފާހަގަ ކުރިއެވެ. އަދި މިދާއިރާ ދޫކޮށްލާނަމަ އެންމެ ފެނުން ގާތީ އަމިއްލަ ވިޔަފާރިއެއް ކުރިއެރުވުމުގެ ތެރެއިން ކަމަށް ނަފްލާ ފާހަގަ ކުރިނަމަވެސް ޓީޗިންގ ދާއިރާ ދޫކޮށްލުމުގެ އެއްވެސް ހިޔާލެއް ނެތްކަމުގައި ނަފްލާ ފާހަގަކުރިއެވެ.
 
ކުރިއަށް ދާނެ މަގުދައްކައިދިން ދެވަނައެއްނުވާ މަންމައެއްގެ ލޯތްބާ، އޯގާތެރި ފިރިއެއްގެ އެހީތެރިކާމާ، އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގާތް ރަޚްމަތްތެރިންގެ ހިތްވަރުދިނުމުގެ ނަތީޖާއެއްގެ ގޮތުން ޒުވާން އުމުރުގައި ރަނގަޅު ކެރިއަރއެއް ބިނާކުރެވި ކުރިއަށް ދިއުމުގެ މަގު ނަފްލާ އަށް ހުޅުވިފައިވުމުން އަންގައިދެނީ ހިތްވަރާއި އެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެކަމެވެ. ސާފު ހިތަކުން އެދިގެން ކުރާ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތް ލައްވަވާނެއެވެ. 
 
ކަމެއް ހާސިލު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އެތައް ދުވަހެއް ނުވަތަ ބައެއް ފަހަރު އެތައް އަހަރެއްގެ މަސައްކަތެވެ. އޮހޮރިގެން ދިޔަ އެތައް ކަރުނައަކާއި ގުރުބާން ކުރި އެތައް ރެއެއްގެ ނިންޖެވެ. ދެން ނުވާނެ ކަމަށް ހީވެ އެކަމުން އަތް ދޫކޮށްލެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް އެފަދަ ހާލަތުގައިވެސް އާއުއްމީދަކާއިއެކު އަނެއްކާވެސް ތެދުވެ ހިނގައިގަތުމަށްވެސް، ކާމިޔާބަށް ކުރާ ދަތުރުގައި ދަސްވެގެން ދެއެވެ. އެންމެންވެސް ދަންނަންޖެހޭ ހަގީގަތަކީ ކާމިޔާބީ އަކީ ރޭވެފައި އަލިވާއިރު ހާސިލުވާނެ އެއްޗެއް ނޫންކަމެވެ. ނަފްލައަކީ އެއް ދާއިރާއެއްގައި ޤާއިމްވެ ހުރެވިއްޖެނަމަ ކާމިޔާބީ ލިބޭނެކަން ދައްކުވައިދޭ ލާމަސީލު ނަމޫނާއެކެވެ. އަޅުގަނޑުގެ ދުޢާއަކީ ނަފްލާއަށް މިދާއިރާގައި އަދިވެސް އިތުރު ކުރިއެރުންތަކެއް ލިބިގެން ދިއުމެވެ.