މީރުކޮށް ކައްކަން އެނގުމަކީ ނަސީބުވެރިންނަށް ލިބޭ ހުނަރެކޭ ބުނެވިދާނެއެވެ. އަމިއްލަ އުފެއްދުންތައް ތައްޔާރު ކޮށް މީރު ކާނާ ގެ ބާވަތްތައް އާއިލާ އާއި އެކުވެރިން އަދި އަވައްޓެރިންނަށް ރަހަދައްކާލަން ދިނުމުން ލިބޭހިތްހަމަ ޖެހުން ބުނެދޭން އެގޭނީ މޮޅެތި ކެއްކުންތެރުންނަށެވެ. ކިޔާދޭން މިއުޅެނީ މިފަދަ ހުނަރުވެރި ކަންބަލެއްގެ ވާހަކައެވެ. 

ހއ. ހަތިފުށްޓަށް އުފަން ޝަކީލާ ޝާކިރު ނުވަތަ ޝަކީ އެވެ. ޝަކީލާ އަކީ އިހުގެ ދިވެހި ކެއުންތައް ތައްޔާރުކުރާ ހިތްވާ މަސައްކަތް ތެރި ހީވާގި ކަނބަލެކެވެ. 

ކެއްކުމަކީ އަޅުގަނޑުގެ ހޮބީއެއް, އެންމެ ކުޑައިރުން ފެށިގެންވެސް ވަރަށް ކައްކާ ހިތްވޭ

ކެއްކުމުގެ ތެރެއަށް ޝަކީލާ އަށް ވަދެވުނީ ކުޑައިރު ރަށުގައި ދިރިއުޅުނު އިރު ރަށަށް ޒިޔާރާތް ކުރާ މެހެމާނުންނަށް ޝާކީލާ ގެެ މަންމަ އަދި ބައްޕަ ތައްޔާކު ކުރާ ފުރިހަމަ ކޭންތަކުގެ ސަބަބުންނެވެ.

އޭރު އަތޮޅުވެރިކަން އޮންނަނީ, ރަށަށް ޒިޔާރާތް ކުރާ އަތޮޅުވެރިންނާއި އެހެން މެހެމާނުންގެ ކެއުން އޮންނާނީ އަޅުގަނޑުމެންގޭގަ , އަބަދުވެސް މަންމަމެނަށް އެހީތެރިވެދޭން ބަދިގޭގަ އުޅެއުޅެ ކައްކަން ދަސްވީ

ކުޑައިރުގެ ހަނދާންތައް އާކޮށްލަަމުން ކެއްކުމަށް ޝައުގުވެރިކަން އުފެދުނު ގޮތް ޝަކީލާ ކިޔައިދިނެވެ.

ޝަކީލާ ތަތްޔާރުކުރާ ކާތަކެތީގެ ތެރެއިން ގިނަބައެއްގެ މަޤްބޫލްކަން ލިބިފައިވާ އެއްބާވަތަކީ މިސްރުބޯކިބަލެވެ.

އަޅުގަނޑު ބައްޕައަކީ ވަރަށް ގިނަ ކާއެއްޗެހި ތައްޔާރުކުރާ ކެއްކުންތެރިއެއް, ބައްޕަ ތައްޔާރުކުރާނެ މިސްރު ބޯކިބާ ވަރަށް މީރުކޮށް ,އަޅުގަނޑު މިސްރުބޯކިބާ ހަދަން ދަސްކުރީ ބައްޕަ ކައިރިން

އިހުއްސުރެން ދިވެހީންނަކީ ތަފާތު ބާވަތް ބާވަތުގެ ފޮނި ބޯކިބާ ހަވީރު ސަޔަށް ނުވަތަ ރޯދަަމަހު ރޯދަވީއްލަން ތައްޔާރުކުރާ ބައެކެވެ. އޭގެތެރެއިން ގިނަބަޔަކަށް މީރު އެއް ބޯކިބަލަކީ މިސްރުބޯކިބަލެވެ. ކަނަމަދު އަޅައިގެން ތައްޔާރުކުރާ މިސްރުބޯކިބާ ޝަކީލާ ތައްޔާރު ކޮށްފައި ހުންނަލެއް މީރު ކަމުން ގިނަބަޔަކަށް މިބޯކިބާ ކަމުދެއެވެ.މި ބޯކިބަލަކީ ޝަކީލާ ކޮންމެ ދުވަހަކުވެސް ގަވާއިދުން ތައްޔާރުކޮށް ހުޅުމާލޭގެ ބައެއް ކެފޭތަކުގައި ވެސް ހަވީރު ވިއްކަން ހުންނަ ބޯކިބަލެކެވެ. ހުޅުމާލޭގެ މައްޝޫރު ރާކަނި ބީޗްގައިވެސް ޝަކީ ތައްޔާރުކުރާ މިސްރު ބޯކިބާ ލިބެންހުރެއެވެ.

ކެފޭތަކުގެ އިތުރުން ލިބޭ އޯޑަރު ތަކަށްވެސް ޝަކީލާ ގެ އުފެއްދުންތައް ތައްޔާރުކުރެއެވެ. އެގޮތުން ޕާޓީތަކާއި ތަފާތު އިވެންޓުތަކަށް ބޮޑިބަތާ ކުޅިމަސް ވެސް ޝަކީލާ ތައްޔާރުކުރެއެވެ.

ބޯކިބާ ތައްޔާރުކުރާއިރު އަޅުގަނޑު އަބަދުވެސް ބަލަނީ ވީހާވެސް ކޮލިޓީ ރަނގަޅު ތަކެތި ބޭނުންކުރެވޭތޯ , މިސްރު ބޯކިބާ އޭ ބުނީމަ މިހާރުގެ ގިނަ ކުދިންނަށް ނޭގިދާނެ އެކަމު މިއީ ރަހަ ނުބަލާ ދޫކޮށްލާ ވަރަށް ވުރެ މީރު ބޯކިބަލެއް

މީގެ ފަސްއަހަރުކުރިން ވިޔަފާރިއެއްގެ ގޮތުގައި ބޯކިބާ ފިހަން ފެށި ޝަކީލާ ބުނިގޮތުގައި މިސްރުބޯކިބަލަކީ ވަޅޯމަހާ ކަޅުސައި އަދި ކާއްޓާއި އެކު ވެސް ކާލަން މީރު އެއްޗެއް ކަމަށެވެ. އަދި ކޮފީއާއި އެއްކޮށް ކާލަންވެސް ގިނަބަޔަކަށް މިބޯކިބާ ކަމުދާކަމަށެވެ.

ޝަކީލާ ބުނިގޮތުގައި ޝަކީލާ ބޮޑަށް ތައްޔާރު ކުރާ ހިތްވަނީ އިހުގެ ދިވެހި ކެއުންތަކެވެ. ބޯކިބަލުގެ އިތުރުން ޝަކީލާ ކައްކާ ބައެއް ތަކެތީގެ ތެރޭގައި ބޮނޑިބަތް , ރިހަފޮޅި , ކުޅިބަތްޕެން އަދި މާޅޮސްކޭލު ކަންދި ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްވެސް ޝަކީލާ ތައްޔާރުކޮށްފައި ހުންނަނީ ވަރަށް ތަފާތުކޮށް އެހާމެ މީރުކޮށެވެ.

އަޅުގަނޑަކީ ރެސިޕީ ބަލައިގެން ކައްކާ ހިތްވާ މީހެއްނޫން , މުޅިންވެސް އަޅުގަނޑުގެ އަމިއްލަ އުފެއްދުން ތައް އަމިއްލަ ރެސިޕީ ބޭނުންކުރަނީ , ޕާސްތާ ނުވަތަ ބިރިޔާނީ ތައްޔާރުކުރިޔަސް އަޅުގަނޑުގެ އަމިއްލަ ރެސިޕީއަކަށް މުޅިންތަފާތު ކޮށްލާފަ ތަތްޔާރުކުރަނީ

ގޭތެރޭގެ ޒިންމާތައް އަދާކުރަމުން އޯޑަރ ތަކަށް ބޯކިބާފިހެ އެހެނިހެން ތަކެތި ތައްޔާރު ކުރުމަކީ ބުރަމަސައްކަތެކެވެ. ޝަކީލާއަށް މިމަސައްކަތުގައި އެންމެބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެނީ ޝަކީލާގެ ފިރިމީހާއެވެ. ބޯކިބާ ޑެލިވަރ ކުރުމަށާއި ބޯކިބަަލަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ ހުރިހާ މަސައްކަތެއް ކޮށްދެނީ ޝަކީލާގެ ފިރިމީހާ އަޙްމަދު ރަޝީދެވެ. 

ޝަކީ ތައްޔާރުކުރާ އެއްޗެއްސަށް އޯޑަރދެއްވަން ބޭނުން ފުޅުވެލައްވާ ފަރާތްތަކުން ޝަކީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނުވަތަ ޝަކީސް ރެސިޕީސް ގެ ނަންބަރު7689531 އަށް ގުޅުއްވުމަށްފަހު އޯޑަރ ދެއްވޭނެއެވެ.

https://www.facebook.com/profile.php?id=100063762342402&mibextid=ZbWKwL

ކުރިއަށް އޮތް ރޯދަ މަހާއި ގުޅިގެން ބާއްވާ މާހެފުންތައް އިތުރަށް ދިވެހިވަންތަ ކޮށް ފުރިހަމަ ކޮށްލުމަށް ނުވަތަ ރޯދަމަހުގެ ސުފުރާމަތި ފަޅުފިލުވާލަން ޝަކީގެ އުފެއްދުންތައް އަޖުމަ ބައްލަވާ ލެއްވުން ކިއެއްތޯއެވެ. ދިވެހިންގެ ޒަމާންވީ މިސްރުބޯކިބަލުގެ ރަހަ ބައްލަވާލެއްވުން ކިއެތޯއެވެ.

ފަސްކުދިންނާއި ލޯބިލޯބި މާމަ ދެކުދިން ހުންނަ ޝަކީލާގެ އުންމީދަކީ އޭނާގެ އަމިއްލަ ގިނަ އުފެއްދުންތަކެއްގެ ރަހަ ގިނަ ބަޔަކަށް ފޯރު ކޮށްދެވުމެވެ. 

ތީރު މީޑިއާ އަދި އަޅުގަނޑުގެ ދުޢާ އަކީ ޝަކީލާ ޝާކިރުއަށް މިދާއިރާގައި ގިނަ ފުރުސަތުތަކެއް ލިބުގެން ދިއުމެވެ. އަދި ޝަކީލާގެ ހުރިހާ ހުވަފެން ތަކެއްގައި ކުލަ ޖެހުމަކީ އަޅުގަނޑުމެންގެ އުންމީދެވެ.