ކޮވިޑް-19 އާގުޅިގެން ހުރިހާ މީހުންގެ އާމްދަނީ އަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ކޮންމެ މީހަކުވެސް މިހާރު ބަލަނީ ބޭނުންވާ އެއްޗެއް އެންމެ އަގުހެޔޮކޮށް ލިބޭނެ ގޮތެކެވެ. ނުގަނެ ދޫކޮށްލެވޭ އެއްޗެއް ނަމަ ދޫކޮށްލަނީއެވެ. އަނެއް ބަޔަކު ބަލަނީ ބޭނުންކޮށްފައި ހުންނަ އެއްޗެއް އެއްލާލުމުގެ ބަދަލުގައި ކުޑަ އަގެއްގައި ނަމަވެސް ވިއްކާލައިގެން އެއިން އާމްދަނީ އެއް ހޯދޭނެ ގޮތެކެވެ. މިއީ ދިވެހީންގެ ތެރެއިން ކުރިން ވަރަށް ނުފެންނަ ވައްޓަފާޅިއެކެވެ. ނަމަވެސް މިއީ ވަރަށް ބޭނުންތެރި ކަމެކެވެ. މިހިސާބުން އުފެދޭ ސުވާލަކީ ބޭނުންކޮށްފައި ހުންނަ އެއްޗެއް އިންސްޓަގްރާމްގައި ވިއްކާލުމަކީ ފަސޭހަ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ އެކަމަށް ޕޭޖެއް ހަދައިގެން ޕޭޖަށް ލައިކް ހޯދުމަށް ކިހާވަގުތެއް ނަގާނެހެއްޔެވެ؟ ފުދޭވަރަކަށް ވަގުތު ނަގާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނުކޮށް ވަގުތުން ބޮޑު އޯޑިއެންސަކަށް އެއްޗެހި ވިއްކާނެ ފުރުސަތު އެބައޮތެވެ. އެކަން ފަހިކޮށްދެނީ ޖުމް އެވެ.

ފޮޓޯ ކްރެޑިޓް: ނާޔިފް މުނީރު

އުމުރުން އެންމެ 21 އަހަރުގެ ޖުމާން އަކީ ކުރިންވެސް އިންސްޓަގްރާމްގައި އެއްޗެހި ވިއްކަމުން އައި ޒުވާނެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ވިޔަފާރި އަށް އަސަރުކޮށް، ލޮކްޑައުންގެ ސަބަބުން ގޭގައި ހުންނަން މަޖުބޫރުވިއެވެ. "ލޮކްޑައުންގަ ގޭގަ ހުންނަން ޖެހުނީމަ ކުރާނެ ކަމަކާ މެދު ވަރަށް ވިސްނިން. ތްރިފްޓް ވިއްކާ ވަރަށް ގިނަ ޕޭޖް ހުރޭ އިންސްޓަގްރާމްގަ. އެކަމަކު ކޮންމެ ޕޭޖެއްގަވެސް ހުންނަނީ ވަކި ވައްތަރެއްގެ އެއްޗެހި، އަދި އަދަދު ވަރަށް މަދު ވާނެ. މިސާލަކަށް ހެދުން ވަކި ޕޭޖެއްގަ، ފައިފާން ބޫޓު ކަހަލަ އެއްޗެހި ވަކި ޕޭޖެއްގަ. އެހެންވެ ޖުމް ބޭނުންވީ ރާއްޖޭގައި ތްރިފްޓް ވިޔަފާރި ކުރާ ގިނަ ބަޔަކު އެއް ޕްލެޓްފޯމަކަށް ގެންނަން. އޭރުން ވިއްކާ މީހުނަށް ބޮޑު އޯޑިއަންސެއް ލިބިފަ، ގަންނަ މީހުނަށް އެއްތަނަކުން ގިނަ އެއްޗެހި ލިބޭނެ ގޮތް ވާނެ." ޖުމް ގެ މި މަސައްކަތް ފެށުނު ގޮތް ކިޔާދިނެވެ.

ތްރިޓް ކޮމިއުނިޓީ ޕޭޖުން ވިކިފައިވާ ބައެއް ތަކެތި

"ކުރިން ވެސް ޖުމް ގެ އަމިއްލަ ނަމުގައި ހިންގާ އިންސްޓަގްރާމް ޕޭޖެއް އިންނާނެ. އެކަމަކު އަލުން މިކަމަށް ޚާއްސަކޮށް ވަކިން ޕޭޖެއް ހެދީ "ތްރިފްޓް ކޮމިއުނިޓީ" ކިޔާފަ. އޭރުން ހޯދަން ވެސް ގިނަ ބަޔަކަށް ފަސޭހަ ވެފަ، ވިޔަފާރި އާ ވެސް ގުޅޭނެ ކަމަށް ބަލާފަ. ދެން ހަމަ ތްރިފްޓް ވިޔަފާރި ކުރާކަން އެނގޭ ޕޭޖްތަކަށް ވަކިން މެސެޖް ކުރީ. ކޮށްފަ ބުނިން މިހާރު އިންނާނޭ "ތްރިފްޓް ކޮމިއުނިޓީ" ޕޭޖެއް. އެ ޕޭޖްގަ ލޯގޯ ލާފަ ލިންކް ޝެއަރ ކުރެވޭނޭ. ވަރަށް ބޮޑު ތަރުހީބެއް ލިބުނު. މިހާރު ޖުމްގެ ޕޭޖްގަ ހުންނާނެ 50 އަށް ވުރެ ގިނަ ޕޭޖް ލިންކް. ގަންނަން ބޭނުންވާ މީހުނަށް މިހާރު ވަރަށް ފަސޭހަ ވާނެ. އެއްތާކުން ގިނަ ޕޭޖްތައް ބެލެން ހުންނާތީ. މި ކޮމިއުނިޓީ ޕޭޖް ގަ އެހެން ޕޭޖް ލިންކް ތައް ލާފަ ހުންނަނީ ވަރަށް ކުޑަ ފީއެއް ނަގައިގެން." ޖުމް އިތުރަށް ކިޔާދިނެވެ.

ފޮޓޯ ކްރެޑިޓް: ނާޔިފް މުނީރު

އިންސްޓަގްރާމް ޕޭޖެއް ނުހުންނަ މީހުނަށް ވެސް އިންސްޓަގްރާމްގައި އެއްޗެހި ވިއްކުމަށް ވަރަށް ފަސޭހަ ގޮތެއް ޖުމް ވަނީ ފަހިކޮށްދީފައެވެ. މިކަމާ ގުޅޭ ގޮތުން ޖުމް ބުނީ، "ތްރިފްޓް ކޮމިއުނިޓީގެ އެޑްމިން އަކީ ޖުމް ވީމާ ވަރަށް ގިނަ މީހުން މެސެޖްކޮށްފަ ބުނަން ފެށީ، އެމީހުންވެސް ބޭނުމޭ ބައެއް އެއްޗެހި ވިއްކަން އެކަމަކު ޕޭޖެއް ނެތޭ އަނެއްކާ އިންސްޓަގްރާމް އެހާ ފަރިތައެއް ވެސް ނޫނޭ. ދެން ޖުމް ބޭނުންވީ މި ފަދަ މީހުނަށް ވެސް މިކަން ކުރެވޭނެ ގޮތެއް ހަދާ ދޭން. އެހެންވެ ބުނިން ފޮޓޯ ނަގާފަ ފޮނުވާށޭ، ކޮމިއުނިޓީ ޕޭޖް ގަ ޖަހާދޭނަމޭ. ދެން ހަމަ ކޮންމެ ދުވަހަކު ވަރަށް ގިނަ މީހުން ގުޅާ ފޮޓޯ ފޮނުވާ ހަދާ. މިކަމަށް ކުޑަ އެޑްމިން ފީ އެއް ޖުމް ނަގަން. އެއްޗެއް ވިއްކަން ޖަހާ ގޮތަށް މީހުން މި ފީ ދައްކާލާނެ އެ އެއްޗެއް ވިކުމުގެ ކުރިން. އެވަރަށް މީހުން އިތުބާރު ކުރޭ. ވަރަށް އުފާވޭ އެކަމާ" މިހެންނެވެ.

ދިވެހިންގެ ވައްޓާފާޅި ހުރިހާ ދިމާލަކުން ވެސް އަންނަނީ ބަދަލު ވަމުންނެވެ. ކުރިން ކައިވެނީގެ ހެދުމަކީ އެއްފަހަރު ލުމަށްފަހު "ހަނދާނަކަށް" ރައްކާކުރެވޭ އެއްޗެކެވެ. މިހާރުގެ ޒުވާނުންގެ ވިސްނުން އަންނަނީ ބަދަލު ވަމުންނެވެ. އެގޮތުން ކައިވެނީގެ ހެދުންވެސް ތްރިފްޓް ކޮމިއުނިޓީ ގައި އަންނަނީ ވިއްކަމުންނެވެ. އަދި ހަމަ އެގޮތަށް ހެޔޮ އަގެއްގައި އެ ހެދުން ގަތުމުގެ ވިސްނުންވެސް ދިވެހިންގެ ތެރޭގައި އަންނަނީ އަށަގަންނަމުންނެވެ. އެމީހުން ގަބޫލު ކުރާގޮތުގައި މާބޮޑު ޚަރަދެއް ކައިވެނި ޙަފްލާއަށް ކުރުމުގެ ބަދަލުގައި އެއިން ބައެއް ހަނީމޫނަށް ނުވަތަ ދިރިއުޅޭތަނަށް ޚަރަދު ކުރުން މާ ބުއްދިވެރިއެވެ. އެހެންކަމުން ކައިވެނީގެ ހެދުމަކީ ވެސް މި ކޮމިއުނިޓީގައި ވަރަށް ބޮޑުތަރުޙީބެއް ލިބެމުންދާ އެއްޗެކެވެ. ޖުމް މިހާރު ވަނީ މިކަމަށް ވަކި ކެޓެގަރީ އެއް ހަދާފައެވެ.

ތުއްތުކުދިންގެ ހެދުން ނުވަތަ އަމިއްލައަށް ބޭނުންކުރާ ހެދުންވެސް ކުޑަވުމުން އެއްލާލުމުގެ ބަދަލުގައި އިންސްޓާގްރާމްގައި ވިއްކާލެވޭނެއެވެ. ޕޭޖެއް ނެތް ނަމަ ތްރިފްޓް ކޮމިއުނިޓީ ޕޭޖަށް މެސެޖްކޮށް ލުމުން އެހިސާބުން އެކަމާ ހަވާލު ވާނީ ޖުމްއެވެ. އިންސްޓަގްރާމް އެއްގޮތަކަށް ބޭނުން ނުކުރާނަމަ 9884830 ނަންބަރު ފޯނުންވެސް ގުޅޭނެއެވެ. މި ތަނުގައި ނުވިއްކޭނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ. ގަހަނާ، ފަރުނީޗަރު، އަތްލާހިފާ ގެންގުޅޭ ސާމާނު އަދި ފޮތް ވެސް ހަމަ ވިއްކަންވީއެވެ. އެއްލާލުމުގެ ބަދަލުގައި ކުޑައަގެއްގައި ވިއްކާލުމުން އޭގެ ފައިދާ މާ ބޮޑެވެ. ތިމާވެށި ރައްކާތެރި ކުރެވުމުގެ އިތުރުން ބޭނުން ޖެހިފައިވާ މީހަކަށް ހެޔޮ އަގެއްގައި އެ ލިބޭނެ މަގުވެސް ހޯދައިދެވުނީއެވެ.