ކެޕްޓަން އަހްމަދު ޔާސިރުއަކީ ރާއްޖޭގައި އުފެދުނު ޕައިލެޓުންގެ ތެރެއިން މިހާރު ސީޕްލޭންގައި މަސައްކަތް ކުރާ އެންމެ ތަޖުރިބާކާރު އެއް ޕައިލެޓްކަމާއިމެދު ޝައްކެއްވެސް ނެތެވެ. 2001 ވަނަ އަހަރު އެމެރިކާގެ އިންޓަރނޭޝަނަލް ވިންގްސް އިން ޕައިލެޓް ޓްރެއިނިންގ ނިންމާ ލައިސަންސް ލިބުނު އިރު އޭނާގެ އުމުރުން 18 އަހަރެވެ.
2001 ވަނަ އަހަރު ގޭމްބޯއީ ގެ ނަމުން ރާއްޖޭގެ އެންމެ ހަގުޕައިލެޓްގެ ގޮތުގައި ނޫސްތަކުގައި ނަންފަވާލެވުނު މިޒުވާން ޕައިލެޓް އެންމެ ފުރަތަމަ މަސައްކަތް ކުރީ މޯލްޑިވިއަން އެއަރ ޓެކްސީގެ ޑޮކުގައެވެ.
ޔާސިރު ބުނިގޮތުގައި އޭނާ މިދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ސްކޫލްދައުރުގައި ފްލައިޓް ސިމިއުލޭޓަރ ކުޅުމުގެ ތެރޭގައެވެ. ޕްއިލެޓް ޓްރެއިނިންގ ހެދުމަށް ޔާސިރުއަށް މަގުފަހި ކޮށްދިން އޭނާގެ މަންމައާއި ބައްޕައަށް އޭނާ އަބަދުވެސް ޝުކުރުވެރި ވާނެ ކަމަށާއި އޭނާއަށް މިމަސައްކަތުގައި ލިބެމުން އަންނަ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ވާ ސިއްރަކީ އޭނާގެ މައިންބަފައިންނާއި އާއިލާ ދެމުންގެންދާ ހިތްވަރާއި އެމީޙުންގެ ހެޔޮދުޢާ ކަމުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އެއަރޓެކްސީގައި 10 މަސްދުވަސް މަސައްކަތް ކުރުމަށްފަހު ކުރިއަށް ދިއުމުގެ އިތުރު ފުރުސަތާއި އިތުރު ތަޖުރިބާގެ ދޮރު ހުޅުވިގެންދިއައީ މިހާރު ދުނިޔޭގައި ހުރި އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއަރވޭޒް( ޓީއެމްއޭ) އިންނެވެ. ފަސްޓް އޮފިސަރެއްގެ ގޮތުގައި ޓީއެމްއޭގައި މަސައްކަތް ކުރަމުން އައިސް ކެޕްޓަންކަން ލިބުނުރިއު އޭނާގެ އުމުރުން އެންމެ 22 އަހަރެވެ. ޓީއެމްއޭގައި 16 އަހަރު މަސައްކަތް ކޮށް އެތައް ތަޖުރިބާއަކާއި އެކު މިހާރު ޔާސިރު މަސައްކަތް ކުރަނީ ރާއްޖޭގެ ޤައުމީ އެއަރލައިން ކަމުގައިވާ މޯލްޑިވިއަންގެ ސީޕްލޭންގެ ޓްރެއިނިންގ ކެޕްޓަނެއްގެ ގޮތުގައެވެ.
ރާއްޖެނޫން ގައުމެއްގައި ސީޕްލޭން ދުއްވާލަން ފުރުސަތު ލިބިއްޖެނަމަ ޔާސިރު އެންމެ ފްލައިކުރަން ބޭނުންވަނީ ގްރީސްގައެވެ. މިދާއިރާގައި ދިމާވި އެންމެ ޖެހިލުންވި ހާދިސާގެ ގޮތުގައި ޔާސިރު ފާހަގަ ކޮށްފައިވަނީ އއ ކުރަމަތިން ފުރައިގެން މާލެ އައި ދުވަހެއްގައި ގިރާވަރާއި ހިސާބުން ބޯޓުގެ 2 އިންޖީނު އެއްކޮށް ނިވިގެން އިމަރޖެންސީގައި ގިރާވަރަށް ޖެއްސި ހާދިސާއެވެ.
ޔާސިރު ވަނީ މޯލްޑިވިއަން ސީޕްލޭންގެ ކޮވިޑް -19 އޮޕަރޭޝަންސްގެ އެންމެ އިސްސަފުގައި މަސައްކަތް ކޮށްފައެވެ. އަނބިދަރިންނާއި އާއިލާއާ ދުރުގައި 2 މަސްދުވަސް މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް ޔާސިރު ބުނިގޮތުގައި ޤައުމަށް ދިމާވި މިހާ ބޮޑު ހިތާމަވެރި ހާލަތެއްގެ ވަގުތުގައި ޤައުމަށް އަދި ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުމުން އެއީ ވަރަށް ބޮޑު އުފަލެއް އަދި ފަހުރެއް ކަމަށެވެ.
މިއޮޕަރޭޝަންގައި މޯލްޑިވިއަން ސީޕްލޭންގެ އެހެން މުވައްޒަފުންނާއި އެކު މޯލްޑިވިއަން ސީޕްލޭން ޓަރމިނަލްގައި ލޮކްޑައުންވެތިބެ އެކިރިޒޯޓް ތަކުގައި ހެދިފައިވާ އައިސޮލޭޝަން ފެސިލިޓީތަކަށް މީހުންނާއި ތަކެތި އުފުލުމުގައި ވަނީ ބުރަމަސައްކަތްތަކެއް ކޮށްފައެވެ. ޔާސިރު ބުނިގޮތުގައި ކޮވިޑް -19 އޮޕަރޭޝަން އަކީ މޯލްޑިވިއަން ސީޕްލޭން އުފެދުނުފަހުން ހިންގި އެންމެ ތަފާތު އެންމެ ގޮންޖެހުން ގިނަ އޮޕަރޭޝަނެވެ. މޯލްޑިވިއަން ސީޕްލޭންގެ މުވައްޒަފުންނާއި މެނޭޖްމަންޓް އަދި އައިލެންޑް އޭވިއޭޝަންގެ ސީނިއަރ މެނޭޖްމަންޓާއި، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ އެއަރވިންގ ފަރާތުން ލިބިފައިވާ އެއްބާރުލުމާއި ރޭވުންތެރިކަމުގެ ސަބަބުން މިއޮޕަރޭޝަންގެ މަސައްކަތްތައް އިތުރަށް ފަސޭހަވެގެން ދިޔައެވެ.
ކޮވިޑް-19 އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ރިޒްވީ, މޯލްޑިވިއަން ސީޕްލޭންގެ އޮޕރޭޝަންސް މެނޭޖަރ ގުތުރަތުﷲ އަދި ޗީފް ޕައިލެޓް މުސްތަފާ އަދި ޑެޕިއުޓީ ޗީފް ޕައިލެޓް ސިމް އަކީ އޮޕަރޭޝާންގެ ކާމިޔާބީގެ މޭސްތިރިންގެ ގޮތުގައި ޔާސިރު ފާހަގަކުރިއެވެ.
ކާމިޔާބުކަމާއި އެކު "13000 ފްލައިންގ އަވަރޒް" މިހާރު ހަމަވެފައިވާ ކެޕްޓާން ޔާސިރު މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިހާރަށްވުރެ ބޮޑަށް ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ދާއިރާ ހަރުދަނާވެ ދާއިރާގައި ކުރިއަށްދިއުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެ ދުވަހެވެ. އަދި މިދާއިރާއިން ރާއްޖޭގައި ޕައިލެޓުން އިންޖިނިއަރުން އަދި އެއަރ ޓްރެފިކް ކޮންޓްރޯލަރުންނާއި އިންޑަސްޓްރީއާއި ގުޅޭ އެހެނިހެން ދާއިރާ ތަކުން މީހުން ތަމްރީން ކުރެވޭނެކަހަލަ ވަސީލަތްތައް ރާއްޖޭގައި ގާއިމުވެގެން ދާނެ ދުވަހެވެ.
މިދާއިރާގައި މަސައްކަތް ކުރަންބޭނުންވާ ކުދިންނަށް ޔާސިރު ގެ ނަސޭހަތަކީ ޕައެލެޓަކަށް ވަންޔާ ވާންވާނީ ޕައިލެޓަކަށް ވާހިތުން، ޕައިލެޓަކަށް އުޅޭހިތުންނެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ދެމިހުރުމުގެ އެންމެ ބޮޑު އަސްލަކީ އެކަމެއްގެ މައްޗަށް އޮންނަ ލޯތްބާއި ޝައުގުވެރިކަން ކަމަށް ޔާސިރު ވަނީ ބުނެފައެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ ކެޕްޓަން ޔާސިރުއަށް އަދަށް ވުރެން ފެހިމާދަމާއެއް ލިބިގެން ދިއުމެވެ. އަދި މިދާއިރާގައި އިތުރު ކުރިއެރުމާއި ކާމިޔާބީ މާތްﷲ ޔާސިރުއަށް މިންވަރުކުރެއްވުމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން