ކުރީގެ ދިވެހީންގެ ތެރޭގައި ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަކީ އާންމުކަމެއް ނޫނެވެ. ރާއްޖޭގައި އުޅޭ ޖަނަވާރުންގެ ބާވަތްވެސް މަދެވެ. ކޮންމެ ގެއެއްގައިހެން ކުކުޅު ހާ ގެންގުޅެއެވެ. އެއީ ބިހާއި މަހުގެ ބޭނުމުގައެވެ. ބައެއް ރަށްރަށުގައި ގެރިބަކަރިއެވެ. މަދުމަދުން އިރުވާހުދު މާކަނާ ގެންގުޅެއެވެ. ނަމަވެސް މިތަކެއްޗަށް މާ ޚާއްސަ ކަމެއް ކޮށްދޭކަށް ނުޖެހެއެވެ. ގޭގައި ކައިފައި ބާކީވާ ބަތްކޮޅާއި ކިރުފެލި ހުނި ހުރުމުން ކެއުން ހަމަ ޖެހުނީއެވެ. ބޮޑު ވަރަކަށް ދޭނީ މަސްކަނޑާފައި ހުންނަތަނަކުން ރޯމަސްކޮޅެކެވެ. މިޖަނަވާރުންގެ ނިދުމުގެ އިންތިޒާމް ހުންނަނީ ގެއާވަކިން ކަމުން މާބޮޑަށް ސާފުކޮށް ޒީނަތްތެރި ކުރުމެއް ބޭނުމެއް ނުވެއެވެ.

ނަމަވެސް މިހާރު މިއޮތީ މިކަމަށްވެސް ބޮޑު ބަދަލެއް އައިސްފައެވެ. ބުޅާ، ހެމްސްޓާރ، އިގުއާނާއިން ފެށިގެން ކުދި ހަރުފައާއި ނަގުލަންދާށިވެސް އޮޅުކޮށްގެން ގެންގުޅެއެވެ. ދޫނީގެ ވައްތަރުތައް ގުނާ އަދަދު ނުކުރެވެއެވެ. މަހުގެ ވާހަކަ މިފަހަރު ނުވެސް ދައްކާނަމެވެ. މީގެތެރެއިން ގިނަ ޖަނަވާރަކީ ރާއްޖޭގެ މާހައުލުގައި ވިހާ އާލާވާ ތަކެއްޗެއް ނޫނެވެ. ބޭރުގައުމުތަކުން އެތެރެކޮށްގެން ގެންގުޅެނީއެވެ. އެސޮރުމެނަށް ކާންދޭ ތަކެއްޗާއި ފެންފަރުވާ އެއްޗެހިން ފެށިގެން އޭގެ ބޭހާއި ކުޅޭ ސާމާނަށް ބޮޑު ޚަރަދެއްކުރާ ދިވެހިން މިހާރު ވަރަށް ގިނައެވެ. މީގެތެރެއިން ގިނަ ތަކެތި ގެންގުޅެނީ މާލޭގައެވެ. ތޮއްޖެހިފައިވާ މާލޭގައި ޖަނަވާރުންނަށް ވަކިން ޖާގަ ހެދުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިހާރު ގިނަ ގޭގެއަށް ބަލައިފިނަމަ ހަމަ އެކަނި ބުޅާވެސް ދިރިއުޅެނީ ވަރަށް އިއްޒަތުގައެވެ. އެސޮރުމެނަށް ޚާއްސަކޮށްފައިވާ "އެނދުދާންކޮޅު" ހުރެއެވެ. ކުޅެން ހުންނަ ތަނަކީވެސް ގޭގެ އެންމެ ޒީނަތްތެރިކުރެވިފައިވާ ޖާގައެވެ. ކޮންމެއަކަސް ބުޅާ އުޅެނީ ބަލާ މީހުން ހަސަދަވެރިވާ ފަދަ ފެންވަރުގައެވެ. މިފަދަ ޚާއްސަ ފަރުމާތަކުގެ ފަހަތުގައި އެންމެ ފާހަގަ ކޮށްލެވެނީ ހާއިޝްގެ މަސައްކަތެވެ.

"ގޭގަ ގެންގުޅެން 3 ބުޅާ، ދެން އެތަނުން އެއްބުޅާ ވިހެއިމަ ކުދި ބުޅާތައް ދިނީ ރައްޓެއްސަކަށް. ދެން އެ ރައްޓެހިމިހާގެ އެދުމަށް އެންމެ ފުރަތަމަ މީގެ ކެޓް ސްކްރެޗް  ޕޯސްޓެއްހެދީ. އޭގެ ފަހުން މީހުންގެ ރިކުއެސްޓަށް މި ހަދަނީ". މި މަސައްކަތް ފެށުނު ގޮތް ހާއިޝް ކިޔާދިނެވެ. ހާއިޝްގެ މަސައްކަތް އޭނާގެ އިންސްޓާގްރާމުން ފެންނަން ހުރުމުން ގިނަ ބަޔަކު އެކަމަށް ޝައުގުވެރިވެ އެމީހުން ގެންގުޅޭ ބުޅާވެސް ކުޅެ ނިދާނެ ތަނެއް ފަރުމާ ކުރުމަށް އެދެމުންދެއެވެ.

މި މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމާއި ދަތިކަމަކީ ކޮބައިތޯ ސުވާލު ކޮށްލުމުން ހާއިޝްބުނީ، "ގާތް ރައްޓެހިންގެ ވަރަށްބޮޑު އެއްބާރުލުން ލިބޭ، އެމީހުންގެ އެއްބާރުލިބޭތީ މިކަން ކުރިއަށް މި ގެންދެވެނީ. ދެން މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި ނުލިބޭ ރާއްޖެއިން، މިސާލަކަށް އަސްލު ފެބްރިކް ގުލޫ ނުލިބޭ، ދެން އޭގެ ބަދަލުގަ އެއާ އެންމެ ގާތްކުރާ އެއްޗެއް މި ބޭނުން ކުރަނީ. ހަމަ އެގޮތަށް މިކަމަށް ބޭނުންވާ އެހެން ބައެއް ސާމާނުވެސް ނުހުރޭ މާލެ އިން ގަންނަން ލިބޭކަށް. ގިނަ ތަކެތި ގަންނަން ލިބެން ހުންނަ ނަމަ މި މަސައްކަތް އަދި މާ ރަގަޅަށް ކުރެވޭނެ. ލިބެން ހުންނަ އެއްޗެއްވެސް ވަރަށް އަގުބޮޑު. ދެން ތަކެތީގެ އަގާއި މަސައްކަތުގެ އަގު އެކޮށްލާފަ އަގު ކީމާ ބައެއް މީހުން ބުނޭ ވަރަށް އަގުބޮޑޭ. ހެޔޮ އަގުގައި ތަކެތި ލިބެން ހުންނަނަމަ މިކަން މިއަށްވުރެ ބޮޑަށް ފުޅާ ކުރެވޭނެ". ކަމަށެވެ.

ޖަނަވާރު ނުގެންގުޅޭ މީހެއް ކާރި ޖަނަވާރު ނުގެންގުޅޭނީ ކީއްވެތޯ ސުވާލުކޮށްލައިފި ނަމަ ޖަނަވާރު ދެކެ ބިރު ގަންނާތީ ނުގެންގުޅޭ މީހުނަށްވުރެ ގިނަވާނީ، އެތަކެތި ދެކެ ފަކުރުން ނުގެންގުޅޭ މީހުންނެވެ. ހަމަ އެގޮތަށް ބުލާ ފަދަ އެއްޗެހި ގެންގުޅޭމީހުންވެސް އޭގެ ސާފުތާހިރު ކަމަށް ޚާއްސަ ސަމާލު ކަމެއް ދޭނެއެވެ. މިކަމާ ގުޅޭގޮތުން ހާއިޝް ބުނީ، " އަޅުގަނޑު ހަދާ ކޮންމެ އެއްޗެއް ވެސް ފަސޭހައިން ސާފުކޮށް ބެލެހެއްޓޭނެގޮތަށް ފަރުމާ ކުރަން ވަރަށް ބޮޑަށް އިސްކަން ދެން. އެގޮތުން ބައެއް އެއްޗެހީގެ މަތީގައި އިންނަ މެޓް ނަގާފައި ދޮވެލާފަ ހަރު ކުރެވޭ ގޮތަށް ހުންނާނެ. ބައެއް އެއްޗެހި ހުންނާނީ ފަސޭހައިން ވެކިއުމް ކްލީން ކޮށްލެވޭގޮތަށް" ކަމަށެވެ.

ހޮބީއެއްގެ ގޮތަށް ފެށިނަމަވެސް އާމްދަނީއެއް ލިބޭ ނަމަ އެމަސައްކަތެއް ކުރިއަށް ގެންގޮސް އެކަމުގައި ދެމި ހުރުމަށް ބާރަކަށް ވެއެވެ. ހާއިޝްގެ މި މަސައްކަތުން ލިބޭ އާމްދަނީ އާއި ގުޅޭ ގޮތުން ސުވާލުކޮށްލުމުން ބުނީ، މި މަސައްކަތް ކޮށްގެން އާމްދަނީ ބޮޑު އާމްދަނީ އެއް ހޯދުމުގެ އުއްމީދު ކުޑަކަމަށާ، ނަމަވެސް މިކަމަށް ބޭނުންވާ ތަކެތި ރާއްޖެއިން ހެޔޮ އަގުގައި ލިބި، ކުރިއެކޭ އެއްގޮތަށް ރައްޔިތުންގެ އަތްމަތި ތަނަވަސް ވުމުން މިކަމަށް ޚަރަދު ކުރާނެ މީހުން ވާނެ ކަމަށެވެ. އަޅުގަނޑުމެން އެންމެންގެ ވެސް އުއްމީދަކީ މުޅި ދުނިޔެ މިއޮތް ހާލަތުން އަރައިގަނެ، އާންމު ޙާލަތަށް ރުޖޫޢަވެ، ޙާއިޝް ފަދަ ހުނަރުވެރި ޒުވާނުންގެ މިފަދަ މަސައްކަތަށް ހަމަ އަގު ލިބޭނެ މާހައުލެއް އަވަސް މުސްތަގުބަލެއްގައި އުފެދިގެން ދިއުމެވެ.