ގިނަ ފަހަރަށް އުމުރަކީ ފުރުސަތުތަކާއި ކާމިޔާބީތަކަށް ހުރަސްއެޅޭ ކަމަށް ބުނާ ވިސްނުމަށް ގޮންޖަހާ ވިދާ ތަރިއެއް މިއަހަރުގެ ސްކޫލް ލަވަމުބާރާތުން ފެނިގެން ހިނގައްޖެއެވެ.

މިއަހަރުގެ ލަވަމުބާރާތުގެ ސްޓޭޖު ޒީނަތްތެރިކުރި އެންމެ ހަގު ލަވަކިޔުންތެރިޔާ އަކީ ލާނާ ޢަބްދުއްﷲ ނަޖްމީއެވެ.ލާނާ ދައްކައިދިން ހުނަރަކީ ލަވަކިޔުމުގެ ޝައުގުވެރިކަން ހުރިއްޔާ ކުރިއަށް ދިއުމުގައި އުމުރަކީ އެއްވެސް ހުރަހެއް ނޫންކަމެވެ. މިއީ ރާއްޖޭގައި މިފަހަރުގެ އިންޓަރ ސްކޫލް ލަވަ މުބާރާާތުގައި އުމުރުން 3 އަހަރުގެ ކުއްޖަކު ލަވަކީ ފުރަތަމަ ފަހަރެވެ.

ލާނާ އަކީ އަބަދުވެސް ޤުރުއާން , މަދަހަ އަދި ލަވަކިއުމަށް ވަަރަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށްވެފައި ލަވަމުބާރާތުގައި ލާނާ ބައިވެރިވާން ބޭނުންވާތީ އެފުރުސަތު ލާނާއަށްހޯދައިދޭން އާއިލާއިން ބޭނުންވިއެވެ.

އުމުރުން ހަގުވުމުން ލަވަދަސްކޮށްދޭނެ ކޯޗެއް ހޯދުންވެގެންދިޔައީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. ކުދިން ކުޑައިރު ބެލެނިވެރިން ކުދިންނަށް މިފަދަ ކަންކަމަށް މަޖުބޫރުކުރުވަނީ އޭ ބުނާ އަޑުވެސް ލާނާގެ މަންމައަށް އަހަންޖެހުނެވެ. އަދި ތިހާ ތުއްތު އުމުރުގައި ކުދިން ލަވައެއްނުކިޔާނެއޭ އަދިމާކުޑައޭވެސް މީހުން ބުންމުންދިޔައެވެ. ނަމަވެސް ލާނާ ކުރާހިތްވާކަމަކަށްވެފައި ކުދިން ކުރިއަށްދާން ބޭނުންވާ ހުނަރުތަކުން ކުރިއަށް ދިއުމުގެ މަގުކޮށައިދޭންތިބި ބަޔަކީ މައިންބަފައިނަށްވެފައި އެފުރުސަތު ލާނާއަށް ހޯދައިދޭން ހިތްވަރުކުރިއެވެ.

 

ސްކޫލުން ލަވަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ބޭއްވި އޮޑިޝަން ކާމިޔާބްކޮށް ލަވަމުބާރާތައް ހޮވުނު ތިންކުދިންތެރޭގައި ލާނާވެސް ހިމެނުނެވެ.ލާނާ ކިޔާނެ ރާގާއި މުބާރާތުގައި ލާނެ ހެދުން ޗޫޒްކުރީ ލާނާއެވެ. ލާނާގެމަންމަ ބުނިގޮތުަގައި ލަވަފަރިތަކުރީއެއްމަސްދުވަސް ތެރޭގައެވެ. އަދި ލަވަ ފަރިތަކުރަން ދުވާލަކު 1 ގަޑިއިރު ހޭދަކުރިއެވެ. ސްކޫލުން ކޯޗެއް ހޯދައިގެން ލާނާގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސް މިކަމުގައި ވެދެއްވީ ވަރަށްބޮޑު އެހީތެރިކަމެއްކަން ލާނާގެ އާއިލާއިން ފާހަގަކުރެއެވެ. ލާނާގެ މަންމަ ފާހަގަ ކުރެއްވި ގޮތުގައި އެހާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ޕްެރެކްޓިސްކޮށްގެން މިހާ ކުޑަކުއްޖަކަށް ފުރުސަތު ހޯދާދިނުން އެއީ ސްކޫލުން ނެންގެވި ރިސްކެއް ކަމަށެވެ. ލާނާ ތަޢުލީމް ހާސިލްކުރަމުން އަންނަ ބުރޫޖް ޕްރީ ސްކޫލް ޕްރިންސިޕަލް ރިޒާނާ އަޙްމަދު ހަމީދު ދެއްވި އެހީތެރިކަމަށް ޙާއްސަ ޝުކުރެއް ހައްގެވެ. މީގެ އިތުރުން ރާއްޖޭގެ މިއުޒިކް ދާއިރާއިން ލާނާަށް އެހީތެރިކަން ފޯރުކޮށްދިން އަޝްރާ ސަލްވާ އަދި ޝާދިންގެ އެހީތެރިކަން ވެސް އާއިލާއިން ފާހަގަ ކުރެއެވެ.

މީގެއިތުރުން ލާނާގެ ލަވައިގެ ޅެން ތައްޔާރުކޮށްދެއްވި ފަރާތްކަމުގައިވާ ނާހިދާ ނުޝްރަތު އަށްވެސް ޢާއިލާއިން ހާއްސަ ޝުކުރެއްވަނީ  އަދާކޮށްފައެވެ.

މިއީ އިންޓަރ ސްކޫލް ލަވަމުބާރާތެއްގައި ލާނާ ބައިވެރިވި ފުރަތަމަ ފަހަރު ކަމުގައި ވީނަމަވެސް މީގެކުރިން ލާނާ ވަނީ އެސްޓީއޯގެ އިސްތިހާރެއްގެ އިތުރުން މާގިރި ހޮޓެލްގެ ފޮޓޯޝޫޓެއްގައި ބައިވެރިވެފައެވެ. އެފުރުސަތުތަކަކީވެސް ލާނާއަށް ވަރަށް މަޖާވި އަދި އެހާމެޝައުގުވެރިކަމާއިއެކު ލާނާ ބައިވެރިވިކަންކަމެވެ.

' ލާނާ އަބަދުވެސް ވަރަށް ޓީވީއަށް އަރާ ހިތްވާނެ. އިސްތިހާރު ކުޅެން ލިބުނީމަވެސް ހުރީ ވަރަށް އުފަލުން . އޭރު ލާނާއަށް އެންމެ ދެއަހަރު' ލާނާގެ މަންމަ ކިޔައިިނެވެ.

ލާނާގެ ޕާފޯމަންސްއިން ދައްކުވައިދިނީ ހަމައެކަނި ތުއްތުލާނާ ލަވަކިއުމަށް އޮތް ޝައުގުވެރި ކަން އެކަންޔެއްނޫނެވެ.ގިނަ ފަހަރަށް އުމުރާއި ގުޅިފައިވާ ލިމިޓޭޝަންތައް ފަހަނައަޅައި ގޮސް ޝައުގުވެރިކަންހުރިއްޔާ ކުރަން ބޭނުން ކަންކަން ވާނެކަމުގެ ގާބިލްކަން ވެސް ދައްކުވައިދިނެވެ.

 

އުމުރަކީ ދިރިއުޅުމުގެ ގިނަ ކަންކަން ކަނޑައަޅާ އެއްޗަކަށްވީ ނަމަވެސް، ދެކޭ ހުވަފެންތަކަށް އޮތް ހުރަހެއްނޫންކަން މިވަނީ ސާބިތުވެފައެވެ.ކާމިޔާބީ ހޯދުމަށް އުމުރާ ގުޅުންހުރި ހުރަސްތައް ދޫކޮށް ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރުދީ، ތުއްތު ފަންނާނުންނަށް އިންސްޕިރޭޝަނެއް ކަމުގައި ލާނާ ވާނެއެވެ. 

ލާނާ ކިޔައިދިން ލަވައިގައި ތަރިތަކާއެކު ކުޅެލަން ޕާކަށް ދާން ބޭނުންވާ ވާހަކަ ކިޔައިދިންނަމަވެސް ލާނާއަކީވެސް ތުއްތު އަލިގަދަ ތަރިއެއްކަން ލާނާ ސާބިތުކޮށްދީފިއެވެ.