ދިވެހި ޅެންވެރިކަމުގެ އެންމެ ދުވަސްވީ އެއް ވައްތަރު ކަމަށްވާ ރައިވަރު ކިޔުމަކީ މިހާރު ނެތެމުންދާ ފަންނެކެވެ. ސްކޫލުތަކުގެ އަދަބީ ޙަރަކާތްތަކުންވެސް ވަރަށް މަދުން ނޫނީ ނުއިވޭ ރައިވަރު ކިޔުމުގައި، މި ފަހަކުން ވަރަށް ގިނައިން ފެންނަ އެއް މޫނަކީ ރ. އަލިފުށީ ނަރުގިސްވިލާ ޢަލީ މޫސާ ނުވަތަ އާންމު ނަމުން ނަމަ އަލިބެ އެވެ. ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން އިންތިޒާމް ކުރާ ވަރަށް ގިނަ ޙަރަކާތްތަކުގައި އަލިބެގެ ރައިވަރު އިވުމަކީ ޅެންވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ވަރަށް އުފަލާއި އެކު ފާހަގަ ކުރާ ކަމެކެވެ.

މިއަދު އަޅުގަނޑުމެންގެ ޚާއްސަ މެހެމާނެއްގެ ގޮތުން ކިޔުންތެރިންނާއި ހަމައަށް މި ގެނެސްދެނީ އަލިބެގެ ބަސްދީގަތުމެކެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލްޣަނީ ނުވަތަ "ތޭރަ" ހާމާ ކުރެއްވި ގޮތުގައި، އަލިބެއަކީ ރައިވަރު ކިޔުމުގައި އަރާހުރި ފަންނާނެކެވެ. އެހެން ކަމުން "ތީރު"ގެ ފަރާތުން އަލިބެ އާ ބައްދަލުކޮށްލީމެވެ. ދުވަސް ވަރަކީ ކޮވިޑާއި ގުޅިގެން ދަތުރުފަތުރުކުރުން މަދު ކުރެވި، ގައިދުރުކަން އިސްކުރަން ޖެހިފައިވާ ދުވަސްވަރެކެވެ. އެހެންކަމުން އަލިބެއާ  ބައްދަލުވީ ފޯނުންނެވެ. ތިރީގައި އެވަނީ "ތީރު"ގެ ފަރާތުން އަލިބެ އާ ކޮށްފައިވާ ސުވާލު ތަކާއި އެ ސުވާލުތަކަށް އަލިބެ ދީފައިވާ ޖަވާބުތަކެވެ.

  1. ރައިވަރު ހަދާ ރައިވަރު ކިޔުމުގެ ހުނަރު ހުރިކަން އެނގުނީ އުމުރުގެ ކިހާ ހިސާބަކުންތޯ؟

ރައިވަރު ކިއިދާނެ ކަން އެނގުނީ ޢުމުރުން 20 އަހަރު ހިސާބުގައި. ރައިވަރު ހެދިދާނެކަން އެނގުނީ  90 ގެ އަހަރުތަކުގައި. އެ ހިސާބުން ރައިވަރު ހަދަން ފެށުނު.

  1. އޭރު ރައިވަރު ކިޔާ އުޅެނީ ކޮން މުނާސަބަތުތަކަކާ ގުޅިގެންތޯ؟

ފުރަތަމަ ރައިވަރު ކިޔަން ފެށި އިރުގައި ރައިވަރު ކިޔާ އުޅޭ ވަކި މުނާސަބަތެއް ނޯވޭ. އޭރު ރައިވަރު ކިޔާ އުޅެނީ މަހަށް ގޮސް އުޅޭ އިރު އެއް ދޯނި އަނެއް ދޯންޏަށް ވާދައަށް.

  1. ވަކި މީހެއް ކައިރިން މިކަން ދަސްކޮށްފައިވާނެތޯ؟ ނުނީ ވަކި މީހަކު ރައިވަރު ކިޔާ ގޮތަށް ކިޔަން މަސައްކަތް ކޮށްފައިވާނެތޯ؟

ވަކި މީހެއްގެ ގާތުން މިކަން ދަސްކޮށްފައެއް ނުވާނެ. އަދި ރައިވަރު ކިޔުމުގައި ވަކި މީހަކު ކިޔާ ގޮތަށް ކިޔުމަކަށް ވެސް މަސައްކަތެއް ނުކުރަން.

  1. މިހާތަނަށް ކިތައް ރައިވަރު ހެދިފައިވާނެކަމަށް ލަފާކުރެވޭތޯ؟

މިހާތަނަށް ގާތްގަނޑަކަށް 180 ރައިވަރު ހެދިފައިވާނެ.

  1. ހަދާ ހުރިހާ ރައިވަރެއް ލިޔެ ރައްކާކުރަންތޯ؟

ހެދި ހުރިހާ ރައިވަރެއް ލިޔެ ރައްކާކުރެވިފައި ހުންނާނެ.

  1. މިހާތަނަށް އެންމެ ހިތްހަމަ ޖެހިގެން ހެދުނު ރައިވަރެއް ކަމަށް ފާހަގަ ކުރާނީ ކޮން ރައިވަރެއް؟ އަދި ވަގުތުން ރައިވަރެއް ހަނދަން ޖެހުމުން އެންމެ ކަންބޮޑުވީ ކޮން ދުވަހަކުކަން ހަނދާން އެބަހުރިތޯ؟

ރައިވަރު ހެދުމަކީ ކުރާހިތުންކުރާ ކަމަކަށް ވާތީ ކޮންމެ ރައިވަރެއް ވެސް ހަދަނީ ވަރަށް ހިތްހަމަޖެހިގެން. ވަގުތުން ރައިވަރު ހަދަން ވަރަށް ގިނައިން ޖެހޭ އެކަމަކު އެއްވެސް ފަހަރަކު އެކަމާ އެއްވެސް ވަރަކަށް ކަންބޮޑުވެ ޖެހިލުން ވާކަށް ނުޖެހޭ.

  1. މީސްމީޑިޔާ ފުޅާވުމާއި އެކު އަލިބެ އަކީ ވަރަށް ގިނަ މީހުން ދަންނަ މޫނަކަށް ކުއްލިއަކަށް ވެއްޖެ. މިއީ ކިހިނެތް ހިނގާދިޔަ ކަމެއްތޯ؟

މީހުންގެ ތެރެއަށް މިގޮތަށް ނިކުމެ މީސްމީޑިއާ އަށް ޢާއްމުވެގެން ދިޔައީ ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއާއި ބައްދަލުވީ ހިސާބުން. މި ކަމަށް އެންމެ ބޮޑު ހިތްވަރެއް ވެސް ލިބިގެން ދިޔައީ އަޝްރަފްގެ ފަރާތުން. އަދި ރެޑިއަމްގޭ ބޭފުޅުން ވެސް މިކަމަށް ވަރަށް ހިތްވަރުދެއްވާ ފުރުޞަތުތައް ފަހިކޮށްދެއްވާ.

  1. އާއިލާގެ ފަރާތުން މިކަމަށް ކިހާ އެއްބާރުލުމެއް ލިބޭތޯ؟

ޢާއިލާގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ.

  1. އަލިބެގެ ހުނަރު އަލިބެ ދަރިންނަށް ލިބިފައިވޭތޯ؟ އެއްވެސް ކުއްޖަކު މިކަމަށް ޝައުގުވެރިކަން ހުރޭތޯ؟

ކުރީގައި ބައެއް ދަރިން ވެސް ރައިވަރު ކިޔާ އުޅުނު. މިހާރު ވަރަށް ގިނަ ކާފަދަރިން ވެސް ރައިވަރު ކިޔާ. އެއް ދަރިއަކު ރައިވަރު، ބަނދި، ލަވަ އަދި ޅެން ހަދާ އުޅޭ.

  1. ރައިވަރު އަދި ބަނދި ކިޔުމަކީ މިހަރު ނެތެމުންދާ ހުނަރެއް، މިކަން ދިރުވާ އާލާކުރަން ނުވަތަ ދެން އަންނަ ޖީލަކަށް ފޯރުކޮށްދިނުމަށް ވަކި ފަރުދެއްގެ ހައިސިއްޔަތުން އަލިބެ ކޮށްދޭނީ ކޮން ކަމެއްތޯ؟ އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ބޭނުންވަނީ ކޮން އެއްބާރު ލުމެއްތޯ؟

ރައިވަރު ކިޔާ ރައިވަރު ހަދަން ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް ހަމަ މަރުޙަބާކިޔަން. ސްކޫލު ތަކުގެ ދަރިވަރުންނަށް ވެސް މި ހުނަރު ދަސްކޮށްދޭން ބޭނުންވޭ. މި ކަމުގައި ސްކޫލުތަކާއި ދިވެހި ބަހުގެ އެކަޑަމީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ.

އަލިބެގެ ބަސްދީ ގަތުމުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީގެ ނަން އައުމުން "ތީރު"ގެ ފަރާތުން އަޝްރަފް ޢަލީއާވެސް ގުޅާލީމެވެ. އަޝްރަފް ވިދާޅުވީ އަލިބެ އާ ދިމާވީ އަލިބެ އަޝްރަފް އާ ބައްދަލުކޮށްލަން ދިވެހި ބަހުގެ އެކަޑަމީ އަށް ދިއުމުން ކަމަށެވެ. "އަލިބެ އަޅުގަނޑާ ބައްދަލުވި ފުރަތަމަ ދުވަހު އަޅުގަނޑު ކުރިމަތީގައި އިނދެގެން ރައިވަރު ކީ އަޑު އިވިފައި އަޅުގަނޑަށް ގިހެއް ލެވުނު. ސަބަބަކީ ރައިވަރު ހެދުމާއި ރައިވަރު ކިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާ ފަންނަކަށް ވުމުން އެކަމާ އަޅުގަނޑު ވަރަށް މާޔޫސްވެފައި ހުރި ދަނޑިވަޅެއްގައި، ރައިވަރުގެ އަޞްލު އޭގެ ގޮތުގައި އެހާ ފުރިހަމަ ކަމާއި އެކު ހުށައަޅާލަ ދިނުމުން. އޭގެ ފަހުން މާލޭގައި ބޭއްވޭ ކޮންމެ މިފަދަ ޙަރަކާތެއްގައި، އަލިބެ މާލޭގައި ހުންނެވި ނަމަ އަލިބެއަށް ދަޢުވަތު ދީގެން ބައިވެރި ކުރުވަން." އަޝްރަފް އިތުރަށް ހާމަކުރެއްވިއެވެ.

ރައިވަރު ކިޔުމުގައި އަލިބޭގެ ހުނަރު މިނާނީ ކިހިނެއްތޯ ސުވާލު ކުރުމުން އަޝްރަފް ވިދާޅުވިއެވެ. " ވަރަށް މޮޅަށް ރައިވަރު ކިޔާ ދިވެހިން އުޅޭ. ހަމަ އެފަދައިން އެހާމެ މޮޅަށް ރައިވަރު ހަދާ ދިވެހިންވެސް އުޅޭ. ނަމަވެސް އަމިއްލައަށް ރައިވަރު ހަދައިގެން ކިޔާމީހުންގެ ތެރޭގައި ރާއްޖޭގެ ނިސްބަތުން އެއްވަނަ ނުވަތަ ދެވަނައިގައި އަލިބެ ގުނޭނެ."

އެހާ ގިނަ ޙަރަކާތްތަކެއްގައި އަލިބެ އާއި އެކުގައި މަސައްކަތް ކުރެވިފައި ވުމުން، އަޝްރަފް އާ ކުރެވޭ އެންމެ ފަހު ސުވާލެއްގެ ގޮތުން އަޅުގަނޑުމެން އަހާލީ އަލިބެ މިޒާޖާއި ގުޅޭ ގޮތުންނެވެ. އަޝްރަފް ދެއްވީ ވަރަށް ތަފްޞީލީ ޖަވާބެކެވެ. " އަލިބެ އަކީ ވަރަށް ހިތްހެޔޮ ބޭފުޅެއް. ބައެއް ކަންމުގައި ބައްޕައެއް ފަދައިން އަޅުގަނޑަށް ނަޞޭހަތް ދެއްވާނެ. އަޅުގަނޑުވެސް އަލިބެގެ އިރުޝާދާ އެއް ގޮތަށް ކަންކަން ކުރަން. ޒާތީ ދިރިއުޅުމުގައި ވެސް އަލިބެއަކީ ވަރަށް ތަރުތީބުން ކަންކަން ކުރައްވާ ބޭފުޅެއް. ޙަފްލާއަކަށް ދަޢުވަތު ދިނަސް ގުޅާ އައްސަވާނެ އަޅުއްވަންވީ ކޮންކަހަލަ ހެދުމެއްތޯވެސް. އެކަމުގައި އަޅުގަނޑުގެ މަޝްވަރާ ހޯއްދަވާނެ. ޖުމްލަކޮށް ބުނާނަމަ އަޅުގަނޑުގެ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްސަ ޤަދަރަކާއި އިޙްތިރާމެއް ދެވޭ ފަރާތެއް އަލިބެއަކީ. އަޅުގަނޑު އެދެނީ އަބަދުވެސް އަލިބެއަށް ކާމިޔާބީއާއި އުފާ ފާގަތިކަން" ވަރަށް އަސަރުން ފުރިގެންވާ ރާގެއްގައި އަޝްރަފްގެ ބަސްކޮޅު ނިންމަވާލީ މިހިސާބުންނެވެ.

ޓީމް "ތީރު" ގެ ފަރާތުންވެސް އަލިބެއަށް ފުރިހަމަ ސިއްޙަތާއި ދިގު އުމުރަކަށް އެދެމެވެ.