ބޮނބިނަރުރޯނަކީ ދިވެހިން އޭގެ ބޭނުން އެތައް ގޮތަކަށް ހިފަމުން ދާ ބޭނުންތެރި އެހެނަސް ހަދަން އިންތިހާ އަށް އުނދަގޫ އެއްޗެކެވެ. އެއްޗެއް ބަންނަން ވިޔަސް ނުވަތަ އެއްޗެހި ހިއްކަން އަޅަން ވިޔަސް ދިވެހިން ކުރިން އާންމުކޮށް ބޭނުން ކުރަނީ ރޯނެވެ. 12 އަހަރުގެ ޙުބާ ބިންތި ސޮލާ އާންމު ނަމުން ނަމަ ހުބީ އަކީ ބޮނބިނަރުރޯނުން ތަފާތު އެއްޗެހި ހަދަމުންދާ ވަރަށް ހުނަވެރި އާޓިސްޓެކެވެ. ޙުބާ ހަދާފައި ހުރި އެއްޗެހީގެ ތެރޭގައި ދަބަހާއި ރީތި ވާ އެއްޗެހި އަޅާ ފޮށީގެ އިތުރުން ތަފާތު އެހެން އެއްޗެހިވެސް ހިމެނެއެވެ.

 "އެންމެ ކުޑައިރުވެސް ޙުބާ އަމިއްލަ އަށް ކާޑު ހަދާ އުޅޭނެ. އަދި މީހަކާއި ދިމާވުމުން އެމީހުންނަށް ކާޑު ހަދައިގެން ދޭނެ. މިހާރުވެސް އަޅުގަނޑު އަތުގައި ހުންނާނެ ޙުބީ ހަދާފައި ހުރި ކާޑުތައް ބޮޑު ކޮތަޅެއް ފުރެންދެން. މީގެ އިތުރުން ޙުބީ ފަހާވެސް ހަދާނެ. މިހާރު ހަމަ ބޮޑަށް ބޮނބިނަރުރޯނުން އެއްޗެހި ހެދޭ ތޯ އުޅެނީ. މިކަން ފެށުނީ އަސްލު ލޮކްޑައުން ތެރޭގައި." ޙުބާ ގެ މަންމަ މާޔާ ސިފާނާ ޙުބީ އެންމެ ފުރަތަމަ މިކަން ކުރަން ފެށުން ގޮތް ކިޔާދެމުން ބުނެލިއެވެ.

"އެންމެ އުނދަގޫ ވެގެން ދިޔައީ ދަބަސް ހަދަން އޭތި ހަދަން 2 ދުވަސް ވަރު ހޭދަވެގެން ދިޔަ. ޑީޓޭލް ކުރަން ޖެހޭތީ އަސްލު ބޮޑަށް. އެހެން އެއްޗެހި ހަދަން ގާތް ގަނޑަކަށް ހޭދަ ވާނީ 1 ދުވަސް ވަރު. އަސްލު ވަރަށް ކުރާ ހިތްވާ ކަމެއް އެއްޗެހި ހެދުން އެއީ. އެންމެ ބޮޑުކަމަކަށް ވެގެން ދަނީ ބޮނބި ރޯނު ހޯދަން. އަނެއްހެން ދެން އަސްލު މާބޮޑުކަމެއް ނެތް އުނދަގޫ، ވެދާނެ ކުރާ ހިތް ވާތީ ކަމަށް. ކުރިޔަށް އޮތްތާން ގައިވެސް ވަރަށް ބޭނުން މިކަން ކުރިޔަށް ގެންދަން އަސްލު އެއީ މަންމަ އާއި ބައްޕަ ގެ ފަރާތުން ވަރަށް ބޮޑު އެހީތެރި ކަމެއް ލިބޭތީ. އަދި އެއްޗެހި ވިއްކާކަށް ނަހަދަން އެކަމު ވަރަށް ބޭނުން ވިއްކަން. މީހުން އޯޑަރު ދީފިނަމަ ހަމަ ހަދާދޭނަން. ވަރަށް އުފާވޭ ޙުބާ ހަދާފަ ހުންނަ އެއްޗެހި މަންމަ ފޮޓޯ ނަގާފަ ލީމަ މީހުންގެ ފަރާތުން ލިބޭ ތަރުހީބު ގެ ސަބަބުން" ޙުބީ އިތުރަށް ކިޔާދިނެވެ.   

"މިކަން ކުރުމަށް ޝައުގުވެރިވާ ހުރިހާ ކުދިންނަށް ބުނެލަން ބޭނުން ވަނީ އެ ކުއްޖަކު ކުރާހިތްވާ ކަމެއްގައި ކުރިޔަށް ދިޔައީޔާ އޭ ރަނގަޅުވާނީ އޭރުން ދޯ ކުރާ ހިތުން އެކަމެއް ކުރެވޭނީ. އެކި ކުދިން މޮޅުވާނީ އެކި ކަންކަމައް އެހެން ވީމާ އެކުއްޖަކު މޮޅުކަމަކުން ކުރިޔަށް ދިޔައީޔާ އެންމެ ރަނގަޅުވާނީ" މިކަން ކުރަން ސައުގުވެރިވާ ކުދިންނަށް ނަސޭހަތް ދެމުން ޙުބީ ބުނެލިއެވެ.