އިންޑިޔާ ކަނޑުގައި މުތީތަކެއް ފަދައިން ވިދަ ވިދާ އޮންނަ މި، ޖަޒީރާ ދިވެހިރާއްޖެއަކީ އަމިއްލަ ސަގާފަތަކާއި އަމިއްލަ ބަހެއް އޮންނަ މިނިވަން ގައުމެކެވެ. އިސްލާމީ ހުދު ދިދަ، އެ ގައުމެއްގައި އުފުލިފައިވާ އިސްލާމީ ގައުމެކެވެ. މި ދުނިޔޭގައި ދިވެހި ރާއްޖެ ވަކި ޝަހުސެއްގެ ގޮތުގައި ދެމި އޮންނަނީ ދިވެހީންގެ އަމިއްލަ ބަހާއި ސަގާފަތުގެ ސަބަބުންނެވެ. ވީއިރު، ދިވެހިން ދިވެހިންގެ ބަހާ ސަގާފަތާ ދުރަށް ދިއުމަކީ އަޅުގަނޑުމެންގެ ކާބަފައިންނަށް ވެވޭ ބޮޑު ބޭއިންސާފެކެވެ. ގައުމަށްވެވޭ ހިޔާނާތެކެ. ނަމަވެސް ހިތާމައަކީ މިއަދު، ނޭނގި ތިބެ ނަމަވެސް ދިވެހީންގެ ގިނަ ބަޔަކު މި ހިޔާނާތުގައި ބައިވެރިވާކަމެވެ. ނޭނގި ތިބެ "ދިވެހި ރާއްޖެ" ބަދަލު ކޮށްލެވެނީ "ރާއްޖެ" އަކަށެވެ.

ގައުމެއްގެ ސަގާފަތާއި އާދަކާދަތަށް ދިރުވާ އާލާކުރުމަކީ އެ ގައުމެއްގެ އަފުރާދުންގެ ގައުމީ ވާޖިބެކެވެ. ކޮންމެ ފުރާނައެއްގެ ޒިންމާއެކެވެ. އެހެނެއްކަމަކު ބައެއްގެ ތެރޭގައި އޮންނަ ނޭދެވޭ ސަގާފަތެއް ނުވަަތަ އާދައެއް ދިރުވުން އެއީ ލާޒިމު ކަމެއްނޫނެވެ. ނަމަވެސް ރިވެތި އާދަތަކާއި ސަގާފަތް ތަށް ދިރުވުމީ ގައުމެއްގެ ދިރުމަށް ލާޒިމް ކަމެކެވެ. އެހެން ނޫންނަމަ އެބައެއްގެ އަސްލު އޮޅި، ގެއްލި ދާނެއެވެ.

އެކަކު އަނެކަކަށް ދިވެހިން ކުރި އިހްތިރާމާއި ގަދަރާއި ލޯބި، މިއަދު މި ފަސްގަނޑުން ފެންނާކަށް ނެތެވެ. ދަރިން މައިންނަށް ކުރި އިހްތިރާމެވެ. ދަރިވަރުން އެދުރުންނަށް ކުރި އިހްތިރާމެވެ. ހަގީގަތަކީ އިހްތިރާމް ނުކުރަނީކީ އެއް ނޫނެވެ. އިހްތިރާމް ކުރަންވީ މިސްރާބު އޮޅުނީއެވެ. ހެޔޮހިތުން ސަލާމަށް ދިއްކޮށްލި ހިތްހެޔޮ އަތްތަށް މިއަދު ގެއްލިއްޖެއެވެ. ސަލާމް ވެސް ނުކުރަނީކީ އެއް ނޫނެވެ. ކުރާ ގޮތް ތަފާތުވީއެވެ. އިސްލާމީ، ދިވެހި ވަންތަ ރިވެތި އުސޫލުތަށް ފަސްލެވުނީއެވެ. ނުދަންނަ ބީރައްޓެހި "ގޮތްގަނޑެއް" މާ ކަމުދިޔައީއެވެ. ކާބަފައިން ގެނެސްދެއްވި އަގުމާތްވި އިރުޝާދުތަކަށް ފުރަގަސް ދިނީއެވެ. ގަސްތުގައި ގައުމަށް ހިޔާނާތްތެރި ވީކީއެއްނޫނެވެ. ވެވުނީއެވެ. ދިވެހި ރާއްޖެ، "ރާއްޖެ" އަށް ބަދަލުވުމުގެ ފެހި ސިގުނަލް ދިއްލިއްޖެއެވެ.

އިސްލާމީ މާތްވި ތަކުބީރަށް، މުނާޖާ ކޮނޑުއަޅާ ތެދުވެ އުޅުނު ދިވެހިންނަކީ މަސަތްކަތްތެރި ހީވާގި ބައެކެވެ. ރޭގަނޑު މާ ދަންނުކޮށް ނިދި ބައެކެވެ. ދުނިޔެއަށް ތާޒާކަމާއި ދިރުމާއި އާރޯކަން ލިއްބައިދޭ، ހޫނުގަދަ އިރު، ދުނިޔޭގެ އުދަރެހުން ފާއްދައިލަނީ ދިވެހީން އެބައިމީހުންގެ މަސައްކަތުގައި އަވަދި ނެތި އުޅެނިކޮށެވެ. މިއީ ދިވެހިން، މާކުރީ ޒަމާނެއްގައި އުޅުނު ގޮތެއްނޫނެވެ. ނަމަވެސް މިއަދު މުޅިމަންޒަރު ބަދަލު ވެއްޖެއެވެ. ދިވެހީންނަށް ދުވާލާއި ރޭގަނޑު މުޅީންހެން އޮޅިއްޖެއެވެ. ދިވެހިންގެ ދިރިއުޅުމަށް މި އައި ބަދަލަކީވެސް ދިވެހީންނަށް އެނގި ތިބެ ގެނައި ބަދަލެއް ނޫނެވެ. ބަދަލު ވީއެވެ. އެއްކަލަ ނުދައްނަ "ގޮތްގަނޑު" ކަމުދިއުމުގެ ނަތީޖާއެވެ. އާޙިރު ނަތީޖާ އަކަށް ވާނީ ދިވެހި ރާއްޖެ "ރާއްޖެ" އަށް ބަދަލު ވުމެވެ.

އިރު އޮއްސުމުގެކުރިން ދިވެހިން ދިޔައީ އެބައިމީހުންގެ ޅަދަރީން ގޭތަކަށް ވައްދާ ރައްކާތެރިކަން ދެމުންނެވެ. ދުނިޔޭގެ ބިމުގައި ފެތުރިގަންނަ ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިކަން ހޯދުމަށެވެ. ރަތްވިލާގެ ކުލަވަރުތަކުން ދުނިޔޭގެ އުޑު ދިއްލައިލަނީ "ޔާސީން" ސޫރަތުގެ އަޑުން ދިވެހި ރަށްތަކުގެ ޖައްވު ގުގުމަމުންނެވެ. ރަށުގެ ކުދި ބޮޑު އެންމެންގެ އަޑުންނެވެ. މާތްވި ކީރިތި ޤުރުޢާނަކީ ދިވެހީންގެ ހިތްތަކުގައި ހާއްސަ ޤަދަރެއް ދެވިފައިވާ ފޮތެކެވެ. ދިވެހީންގެ "ދެ ނަމާދު ދޭތެރެ" އަކީ ހަގީގީ ދިވެހީންގެ އަސްލު ވަގުތުކޮޅެކެވެ. ނަމަވެސް މިއަދު ދިވެހީން މިފަދަ ކަންކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. "ދެ ނަމާދު ދޭތެރެ" އަކީ ކޮން ވަގުތެއްކަން މިއަދުގެ ދިވެހީން ހަނދާންނެތިއްޖެއެވެ. މާ މޮޅު "ގޮތްގަނޑެއް" ދިވެހީން ގަބޫލު ކުރީއެވެ. ދިވެހީންގެ އަސްލު ހަނދާން ނެތުނީއެވެ. ދިވެހި ރާއްޖެ ނެތިގޮސް "ރާއްޖެ" އަށް މަރްހަބާ ކިޔަނީއެވެ.

ހަގީގަތުގައި މޮޅުވުމަކީ ކޮބައި ހެއްޔެވެ؟ މޮޅަށް އިނގިރޭސިން ވާހަކަ ދެއްކުން ހެއްޔެވެ؟ އެންމެ ރަނގަޅެވެ. އިނގިރޭސި މޮޅަށް އެނގުމަކީ ކުށެއް ނޫނެވެ. އެފަދަ ކުދީންނަށް ތައުރީފު ވެސް ކުރަމެވެ. ނަމަވެސް ހިތާމަ ކުރަންޖެހޭ ހާލަތެއް އެބަ އާދެއެވެ. ދިވެހިން ދިވެހި ބަހަށް ފަރުވާލެއް ނުބަހައްޓާތީއެވެ. އެމީހުންގެ ދަރީންނަށް ދިވެހި ބަހަކީ މާ މުހިންމު ބަހެއް ކަމުގައި ދެކިގެން ކިޔަވައިނުދޭތީއެވެ. ދިވެހިބަހަކީ އެނގުން ލާޒިމު ބަހެއްކަމަށް ނުދެކޭތީއެވެ. ބައެއް ސުކޫލު މަދަރުސާ ތަކުގައިވެސް "ގަދަފައި ވިއްދައިފައި" ދިވެހިބަސް ނުކިޔަވައި ދޭތީއެވެ. ދިވެހި ބަހުގެ މުއްސަނދި ލަފުޒުތަކާއި އަދަބީބަސްތަކާއި ވަޒަން ބަހުރުވައިގެ ތެރޭގައި ހިމެނޭ ބާވަތް ތަކަކީ މިއަދު ދިވެހީންގެ ގިނަ ބަޔަކު ނުވެސް ދަންނަ އެއްޗަކަށް ވަނީ ވެފައެވެ. ދިވެހިން ދިވެހިބަހާ ބީރައްޓެހި ވަމުން ދަނީއެވެ. ދިވެހީން މާ، "މޮޅު" ވަނީއެވެ. ދިވެހި ރާއްޖެއިން "ދިވެހި" ލަފުޒު ފުހެލެވެނީއެވެ.

އިސްލާމީ އުންމަތަށް އަންނަ ހާއްސަ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ދުވަހާއި ޢީދު ދުވަސްތަކަކީ މުސްލިމުންގެ މައްޗަށް ވަކި ހާއްސަ ނަމާދެއް ކަނޑައަޅުއްވާފައިވާ ދުވަސްތަކެވެ. ދިވެހީންނަކީ މި ދުވަސްތަކުގެ ނަމާދުތަކަށް ފަރުވާތެރިވި ބައެކެވެ. މިއިން ކޮންމެ ނަމާދަކީ އެނަމާދެއްގެ ކުރީން ހިނައިގަތުން އޮންނަ ނަމާދު ތަކެކެވެ. އިހު ދިވެހީންނަކީ މުުނާޖާ ކޮނޑުއަޅާ ތެދުވެ، އެބައިމީހުންގެ މައިންނަށާއި އަނބިންނަށް އީދުގެ ހެދިކާ ތައްޔާރު ކުރުމުގައި އެހީތެރިވި ބައެކެެވެ. ޢީދު ނަމާދަށް ދިއުމުގެ ކުރީން "ރަނގަޅަށް" ހިނައިގަންނަ ބައެކެވެ. ޢީދު ދުވަސް ދުވަހު، ދުވަހުގެ އުފާވެރި އިރު ދުނިޔެއަށް މަރުހަބާ ކިޔަނީ ދިވެހީން އެބައިމީހުންެގެ ރަށްތަކުގެ މޫދުގައި ތިއްބައެވެ. ވަކި މީހެއް އިސްތިސްނާ ކުރުމެއްނެތި، ކުދި ބޮޑު އެންމެ ފިރިހެނުން އެކަމުގައި ޝާމިލް ވެއެވެ. ހުރިހައި އެންމެންގެ މޫނުތަކުން އީދުގެ އުފާވެރިކަން ފާއްދައިލަމުންނެވެ. ހިތްތަކަށް ފިނިކަމާއި އާރޯ ކަމާއި ތާޒާކަން ވެރިކުރަނިވި މި ރީތި އާދަ މިއަދަކު ދިވެހީންގެ ތެރެއަކު ނެތެވެ. ހަމަ އެއްގޮތަކަށްވެސް ނެތެވެ. ޢީދު ނަމާދު ކުރެވޭ ޒުވާނުންގެ އަދަދުވެސް މަދެވެ. ޣާފިލުކަންމަތީ ނިދާފައި ތިބެނީއެވެ. ހުކުރު ދުވަސް ދުވަހުގެ ހާލަކީވެސް މިއެވެ. ހިތާމަ ހުއްޓެވެ. މިއަދުގެ ދިވެހީންގެ "ނިދި" މާ ގަދައީއެވެ. ދިވެހީންގެ އެ ރީތި އާދަތަކަށް ދިވެހީން ބީރައްޓެހި ވީއެވެ. ދިވެހިން، ދިވެހި ގޮތްތަކާއި ދުރަށް ދަނީއެވެ.

ކަމެއް ނުވަތަ އެއްޗެއްގައި ވަކި ޤަވާއިދެއް އޮވެ، އެޤަވާއިދު ނޭނގި ތިބެ، އެ ކަމެއް ނުވަތަ އެއްޗެއްގެ ބޭނުން ކުރުމަކީ ބުއްދި ހުރި އިންސާނަކު ކުރާނެ ކަމެއް ނޫނެވެ. ޢަރަބި ތާނަ އަކީ ދިވެހިބަހުގެ ވަކި ހާއްސަ ޤަވާއިދެކެވެ. ޢަރަބި ކޮންމެ އަކުރަކަށް ދިވެހި ބަހުގައި(ޢަރަބި ތާނައިގައި) އަކުރެއް ވެއެވެ. ދިވެހީންގެ އަސްލު ލިޔުންތަކުގައި ޢަރަބި ލަފުޒުތަކާއި ޢަރަބި ތާނަ ބޭނުންކޮށްފައި ހުރެއެވެ. މިއީ ދިވެހި ސައްޔާހުންގެ ލިއުންތަށް ހުރި ގޮތެވެ. ދިވެހީންގެ އަސްލު އޮތް ގޮތެވެ. ނަމަވެސް މިއަދު ހިތާމަ ކުރަންޖެހެނީ ޢަރަބި ތާނަ ދަންނަ މީހުން، ކުދިން މި ގައުމުގައި މަދުކަމެވެ. ޢަރަބި ތާނަ އަކީ ދިވެހި ބަހުގެ ޤަވާއިދެއްކަން އިނގޭ މީހުން މަދުކަމެވެ. ސުކޫލު މަދަރުސާ ތަކުގައި ހަނި ރޮނގަކުން މިކަމަށް އަލިއަޅުވާލާއި ފައި ނުހުންނަވާހަކައެއް ނޫނެވެ. މިންވަރު މާ ބޮޑަށްވެސް ކުޑައީއެވެ. އަޅާލުން ކުޑައީއެވެ. މިއީ އިހުގެ ދިވެހި ސައްޔާހުން މިއަދު ދުނިޔޭގައި ތިބިނަމަ ހިތާމަކޮށް ކަރުނައަޅައި ވަރުގެ ބޮޑު އިހުމާލެކެވެ. ދިވެހީންގެ ތެރެއިން ދިވެހީންގެ އަސްލުތަށް ވަޅުޖެހެނީއެވެ. ދިވެހިވައްތަކަން ގެއްލެނީއެވެ.

ދިވެހީންގެ އަސްލު ކަމުގައިވި ދިވެހި އިސްލާމީ އާދަތަށް ނެތިގެންދާކަމީ ޝައްކެއްނެތި ސާބިތުވާން ހުރި ކަންކަމެވެ. ދިވެހީންގެ ހަގީގީ ފަނާރުތަށް މުގުރިގެންދާ މަންޒަރު މިއަދު ދިވެހީންނަށް އެބަ ފެނެއެވެ. ދިވެހީން އެކަކު އަނެކަކަށް ކުރި އިހްތިރާމްގެ އަސަރެއް، އެސިފައަކު މިއަދަކު ފެންނާކަށް ނެތެވެ. ދިވެހީންގެ ހީވާގި ދިރިއުޅުން މިއަދު މުޅީންހެން ގެއްލި ފަސްލެވިއްޖެއެވެ. ދިވެހީންނަށް ހާއްސަ ދިވެހީންގެ "ދެ ނަމާދު ދޭތެރެ" ދިވެހީންގެ ހިތްތަކުން ފަނޑުވެ ފިލަނީއެވެ. ދިވެހިން، ދިވެހި ބަހަށްވުރެ ފަރަންޖީ ބަހަށް ލޯބިޖެހި، ދިވެހި ބަހަށް މަލާމާތް ކުރެވެނީއެވެ. އިޖްތިމާއީ އެއްބައިވަންތަކަމާއީ ފަރުދީ ޒިންމާތަކާއި ދީނީ ކަންކަމަށް ދިން ސަމާލުކަން ވީތަނެއްވެސް ނޭނގެއެވެ. ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކާއި ގަވާއިދުތަށް ދިވެހީންނަށް އޮޅެނީއެވެ. މިފަދަ ކިތަންމެ ކަމެއް މި ފަސްގަނޑުން މިއަދު އެބަ ހާމަވެއެވެ. ހައްތަހާވެސް ދިވެހީން، ދިވެހި ގައުމަށް ވާ ހިޔާނާތްތަކެވެ. މިފަދަ ކަންކަމަށް ކޮންމެ ދިވެއްސަކުވެސް އޭނާގެ ފަރުދީ ޒިންމާ އިސްކުރުން މުހިންމެވެ. ގައުމީ ފެންފަރުގައާއި ފަރުދީ ފެންވަރުގައި އެތަށް މަސަތްކަތްތަކެއް ކުރަން މިވަނީ މަޖުބޫރުވެފައެވެ. ނޫންނަމަ މި ދިވެހި ފަސްގަނޑުން ދިވެހި ވަންތަކަން ފިލައި ހިނގައިދާނެ ކަމީ ސުވާލެއް އޮތްކަމެއް ނޫނެވެ. ދިވެހި ރާއްޖެއިން ދިވެހި ލަފުޒު ފުހެލެވެނީއެވެ. ދިވެހީންގެ އަތުންނެވެ. ދިވެހި ރާއްޖެ، "ރާއްޖެ" އަކަށް ބަދަލު ވަނީއެވެ.