މިވަގުތު ދުނިޔޭގައި އޮތް އެންމެ މުއްސަނދި ކްލަބަކީ ނިއުކާސަލް ޔުނައިޓެޑް ކަމަށްވީ ނަމަވެސް، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އިތުރު ކުޅުންތެރިން ގަތުމަށް ބޭންކުން ލޯނެއް ނެގުން ނޫން ގޮތެއް އެ ކްލަބަށް ނެތެވެ.

ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރައްވައި، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އާއެކު ނިއުކާސަލް ގަތުމުގެ ޑީލް، 408 މިލިއަން އެމެރިކާ ޑޮލަރަށް ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ފުރިހަމަކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ދަށުން އެ ކްލަބުގެ ވެރިންނަށް ޓްރާންސްފާ ބާޒާރުގައި ބޮޑު ހޭދައެއް ކުރުމަށް ހުރަސްތައް ހުރުމާއެކު، ނިއުކާސަލްގެ ކޯޗު އެޑީ ހޯވް އަށް ރަނގަޅު ސްކޮޑެއް ބިނާކުރުމުގައި އެހީތެރިވެދިނުމަށް އެ ކްލަބުން ވަނީ ޓްރާންސްފާ ބާޒާރުގައި އިތުރު ކުޅުންތެރިން ހޯދުމަށްޓަކައި އެޗްއެސްބީސީގައި ކްރެޑިޓް ފެސިލިޓީއަކަށް އެދިފައެވެ.

މި ކްރެޑިޓް އޮޕްޝަންގެ ދަށުން ނިއުކާސަލް އިން އެދިފައިވަނީ 140 މިލިއަން ޕައުންޑްގެ ލޯނަކަށެވެ. އެޗްއެސްބީސީ އިން ނިއުކާސަލް ނެގި ލޯނަށް އެދުނީ ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް އާއި ދަނޑަށް ކުޅިބަލަން ވަންނަ ޓިކެޓް ވިއްކައިގެން ލިބޭނެ އަންދާޒާ ކުރާ ފައިސާގެ އަދަދަށް ބަލައިގެންނެވެ.

އެފްއެފްޕީ ގަވާއިދު ބުނާގޮތުން ކްލަބެއްގެ ޖުމްލަ ދަރަނި ފާއިތުވި ތިން އަހަރު ޖުމްލަ އެއްކުރާއިރު 143 މިލިއަން ޑޮލަރަށް ވުރެ އިތުރުނުވާނަމަ ކްލަބް ހިންގާ ކުންފުނީގެ މިލްކިއްޔާތުގައި ހުންނަ ނިސްބަތުން ކްލަބްގެ އާމްދަނީ ލިބޭނެ އިންސައްތަ އަކަށް ބަލާފައި ވަކި ވަރެއް ޓްރާންސްފާ ބާޒާރުގައި ހަރަދުކުރެވޭނެ އެވެ.

އެކަމަކު، މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ކްލަބަށް ބޮޑު ހޭދައެއް ކުރުމަށް އޮތް ގޮންޖެހުންތަކަށް މި ފެށޭ ސީޒަން ނިމުމުން ހައްލެއް ލިބޭނެއެވެ. އެއީ ޓީމު ވަރުގަދަ ކުރުމުގައި އިތުރު ފައިސާ ހޯދުމަށްޓަކައި އެ ކްލަބުގެ ވެރިންނަށް ސައުދީ އަރަބިއާގެ ކުންފުނިތައް މެދުވެރިކޮށް ސްޕޮންސާޝިޕް ޑީލްތައް ހޯދުމުގެ ދޮރު ހުޅުވިގެންދިއުމެވެ. މިއާއެކު، ޓްރާންސްފާ ބާޒާރުގައި ނިސްބަތުން ބޮޑު ހޭދައެއް ކުރުމުގެ ފުރުޞަތު އެ ޓީމަށް ލިބޭނެއެވެ.

ނިމިދިޔަ ސީޒަނުގައި ނިއުކާސަލް ރެލިގޭޝަނުން ސަލާމަތްވީ، ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ގެނައި ބްރޫނޯ ގިމަރޭޝް، ކްރިސް ވުޑް، މެޓް ޓާގެޓް، ޑޭން ބާން އަދި ކިއެރަން ޓްރިޕިއާ ފަދަ ކުޅުންތެރިންގެ ސަބަބުންނެވެ.

އެ ޓީމުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިހާތަނަށް ތިން ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ. އެއީ ބާންލީގެ ކީޕަރު ނިކް ޕޯޕް އާއި ލިއްލެ އިން ގަތް ޑިފެންޑަރު، ސްވެން ބޮޓްމަން އެވެ. އަދި ނިމިދިޔަ ސީޒަނުގައި އެސްޓަން ވިލާ އިން ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި ޑިފެންޑަރު ޓާގެޓް ވަނީ ދާއިމީކޮށްފައެވެ.

އެންމެފަހުން، ނިއުކާސަލުން ގެނައުމަށް މަސައްކަތްކުރި ފްރާންސްގެ ޒުވާން ފޯވާޑް ހޫގޯ އެކިޓީކޭ ވަނީ ރެއިމްސް އިން އެ ކްލަބުގެ ހުށަހެޅުމަށް ފުރަގަސްދިނުމުން ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފައެވެ. އެހެންކަމުން، ނިއުކާސަލުން ސްކޮޑް އިތުރަށް ވަރުގަދަ ކުރުމަށް ދެން ގެންނާނީ ފޯވާޑަކާއި، ވިންގަށް ކުޅޭ ކުޅުންތެރިއެއް ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.