ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަކީ ދިވެހިންނަށް އެއްމެ މުހިއްމު ބަހާތަކެވެ. މިއިން އެއްވެސް ކަމަކަށް އެއްވެސް އުނިކަމެއް އައުމަކީ ހަމަ އެއްމެ ދިވެއްސަކުވެސް ރުހޭނޭ ކަމެއް ނޫނެވެ. ދިވެހި ތާރީޚުވެސް މިކަމަށް ހެކިދެއެވެ! ދޮގެއް ނޫނެވެ! ދިވެހިން ދިވެހި ގައުމަށް ޣައްދާރުވެފައިވެސް އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެބައިމީހުނަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އެހެނީ ދިވެހިން ދިވެހި ގައުމާ ދީނުގެ ހިމާޔަތުގައި ކުރެއްވި މަތިވެރި ޖިހާދުގެ ނަތީޖާއެވެ.

ގައުމުގެ މިނިވަންކަމުގެ ވާހަކަ މިއަދުވެސް ވަރަށް ގަދައަށް އެބަ ދެކެވެެއެވެ. ދިވެހި ރާއްޖޭގެ ތާރީޚު ރަސްމީ ސިފައެއްގައި ލިޔެވި ރައްކާ ކުރެވެމުން އައީ ދިވެހިން އިސްލާމް ދީން ގަބޫލު ކުރުމަށް ފަހުގައެވެ. މި ދިގު ތާރީޚުގައި ދިވެހި އުންމަތުގެ މިނިވަންކަމާއި ސިޔާދަތު ނަގާލަން އެތަކެއްފަހަރު، އެތަކެއް ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ. ދިވެހި ތާރީޚުން އެނގޭ ގޮތުގައި މިފަދަ ކަޅު ދެ ދުވަސްވަރެއް ދިވެހިން ވަނީ ދެކެފައެވެ. އެގޮތުން އެއް ދުވަސްވަރަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތް ދުވަސްވަރެވެ. އެ އަނިޔާވެރި ކާފިރުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބޮޑުތަކުރުފާނުގެ ޖިހާދަށް ނިސްބަތްކޮށް ގައުމީ ދުވަސް އަހަރުމެން ފާހަގަ ކުރަމުއެވެ. އަނެއް ދުވަހަކީ މަޝްހޫރު ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާއެވެ. ލަންކާގެ ތަމަޅަ ޓައިގަރުން، ވެރިކަންކުރާ މާލެ ހިފަން ކުރި އެ މަސައްކަތް ނާކާމިޔާބުވެ ދިވެހިންނަށް ނަސްރު ލިބުނު ލިބުން ފާހަގަ ކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ.

މިއީ ދިވެހިންގެ މިނިވަންކަމުގެ ބިންގަލަށް އަސަރު ކުރުވި ދެ ހާދިސާއެވެ. މުޅި ގައުމު ރޮއްވާލި ހިތާމަވެރި ދެ ހާދިސާއެވެ. ގައުމަށް ޣައްދާރުވި ދިވެހިންގެ ސަބަބުން ގައުމު ދުށް ނާމާން ދުވަސްތަކެކެވެ. މާޒީ އަކީ މުސްތަގުބަލު ބަލާ ލޯގަނޑޭ ބުނެއެވެ. ދިވެހި ތާރީޚުން އެނގެން އޮތް ގޮތުގައި މި ދެ ހާދިސާގައިވެސް ދިވެހިން ހިތްވަރު ލިބި، މަދަދު ހޯދާ ދިވެހިންގެ މިނިވަންކަން ނެގެހެއްޓުމަށް މަދަދުވެރިވި ބަޔަކީ އަވަށްޓެރި އިންޑިޔާއެވެ. ދިވެހިންގެ މިނިވަންކަމަށް ލޮޅުންއެރި ކޮންމެ ފަހަރަކުމެ އިންޑިޔާގެ އެހީތެރިކަމާއި މަދަދު ދިވެހިން އައީ ހޯދަމުންކަން ދިވެހި ތާރީޚުގެ ފަތްފުއްތަކުން ހާމަވެއެވެ.

2017 ވަނަ އަހަރު، "ވާހަކަ" މަޖައްލާގައި ޝާއިއުކޮށްފައިވާ ހުސައިން މޫސާގެ "ބޮޑުތަކުރުފާނު" ވާހަކާގައި އެބޭފުޅާ ލިޔުއްވާފައިވެއެވެ.

"ހަތަރު ބޭފުޅުންގެ މަޝްވަރާއަށްފަހު ބޮޑުތަކުރުފާނު ވަޑައިގަތީ އިންޑިއާގެ ކަންނަންނޫރަށެވެ. އެތާނގެ ޢަލީ ރާޖާޔާ ބައްދަލު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ބޮޑުތަކުރުފާނާ އެހީވާން ލަޝްކަރެއް ފޮނުއްވާން ޢަލީ ރާޖާ އެއްބަސްވެ ވަޑައިގެންފިއެވެ. ލަޝްކަރާއެކު ބޮޑުތަކުރުފާނު ރާއްޖެ ވަޑައިގަތް އިރު ރާއްޖެ އޮތީ ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. ވަޑައިގަތް ރޭގެ އަނެއް ދުވަހު ކްރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު ގަތުލު ކުރާނޭ ކަމަށް ޕޯޗުގީޒުން އޮތީ އިއުލާނު ކޮށްފައެވެ. އޭރު މާލޭގައި ތިބި އިސްލާމް ދީން ދެކެ ލޯބިވާ މީސްމީހުން އަތު ޖެހުނު ހަތިޔާރެއް އެއްކޮށް ޕޯޗުގީޒުންނާ ހަނގުރާމަ ކުރަން ތައްޔާރު ވަނީއެވެ. އެރޭ ބޮޑުތަކުރުފާނު މާލެ އަރާވަޑައިގެން ލަޝްކަރާއެކު ޕޯޗުގީޒުންނާ ހަމަލާ ދެއްވައިފިއެވެ. ވަރުގަދަ ހަނގުރާމައަކަށް ފަަހު ކާފަރުންގެ އެންމެން މަރުއްވައި، ރާއްޖެ މިނިވަން ކުރެއްވިއެވެ. ބުނެވޭ ގޮތުގައި އަނދިރިއަނދިރިން މަރުވީ ސީދާ ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއަކުންނެވެ. މި ހަނގުރާމަ ހިނގައި ރާއްޖެ މިނިވަންވީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ." (ހުސައިން މޫސާ - ވާހަކަ 2017)

މި ލިޔުމުން އެނގޭ ގޮތުގައި ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމުގައި އިންޑިޔާގެ އެހީތެރިކަން އެބަ އޮތެވެ.

2020 ވަނަ އަހަރު "ދުވަސް" ނޫހުގައި ޙައްނާން ލިޔުއްވާފައިވާ "ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާ، ދިވެހިން އަދިވެސް އެ ހަނދާންތަކުގައި!" މި ލިޔުމުގައި އެބޭފުޅާ ލިޔުއްވާފައި ވެއެވެ.

"ދިވެހި ސިފައިންގެ ގަދަފަދަ ޙަމަލާގެ ކުރިމަތީގައި ބާޣީން ބަލިވަމުންދަނިކޮށް އެމީހުންނަށް އިތުރު ނާ އުންމީދަކާ ކުރިމަތިވީ ރަޙުމަތްތެރި އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އަންނަ ޚަބަރާ އެކުގައެވެ. މި ޚަބަރު ލިބުމާއެކު ބާޣީން މަސައްކަތް ފެށީ ފިލައިގެން ދިޔުމަށެވެ. އެގޮތުން އަތުޖެހުނު ދިވެއްސަކު ވިއްޔާ ރަހީނުކޮށްގެން މާލޭގެ ބަނދަރުގައިއޮތް، އެމްވީ ޕްރޮގްރެސް ލައިޓް ކިޔާ ބޯޓަކަށް ގެންދިޔައެވެ. އަދި އޭގައި ފިލައިގެން ދިޔުމަށް ދަތުރުފެށިއެވެ. އޭގައި ރަހީނުންގެ ގޮތުގައި 27 ދިވެހިން ގެންދިޔައެވެ. އޭގެ ތެރޭގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަޙުމަދު މުޖުތަބާގެ ދެކަނބަލުން ވެސް ހިމެނިވަޑައިގެންނެވިއެވެ.

ބާޣީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންޑިއާއިން ފޮނުވީ ހަނގުރާމަ މަތީ ތިން މަނަވަރާއި ސޯޅަ ސަތޭކަ ސިފައިންނެވެ. އިންޑިއާއިން ފޮނުވި އެހީގެ ލަޝްކަރަށް މާލެއާ ހަމައަށް އާދެވުނީ ނޮވެމްބަރުމަހުގެ ތިންވަނަދުވަހުގެ ރޭ 10:00 އެހައިކަންހާއިރުއެވެ.

ރާއްޖެ އާދެވުމާއެކު އިންޑިއާގެ މަނަވަރު ޕްރޮގްރެސް ލައިޓު ހޯދައި އޭގައިތިބި ދިވެހީން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ. އެންމެފަހުން އިންޑިއާގެ މަނަވަރުން ޕްރޮގްރެސް ލައިޓު ހޯދިއެވެ. ބޯޓު ހޯދުމަށްފަހު އަމާންދީ ބޯޓު މަޑުކުރަން އެތައްފަހަރެއްގެ މަތީން އިންޒާރު ދިނެއެވެ. އެހެންނަމަވެސް އެމީހުން އަމާނެއް ނުދިނެވެ. އިންޑިއާ މަނަވަރު ވަކިވަރަކަށް ބޯޓާ ކައިރި ކުރުމުން ޕްރޮގްރެސް ލައިޓުން މީހަކު މަރައިފައި ކަނޑަށް ވައްޓައިލިއެވެ. އެއާއެކު އިންޑިއާ މަނަވަރު ފަހަތަށް ދިޔައެވެ. އަނެއްކާވެސް އަމާންދީ މަޑުކުރުމަށް އެންގުމުން އަމާން ނުދިނެވެ. އެންމެފަހުން އިންޑިއާ މަނަވަރުންވަނީ އެ ބޯޓަށް ހަމަލާދީ ބޯޓު ފައްތާލައިފައެވެ. އެއަށްފަހު އޭގައި ތިބި ދިވެހިންނާއި ބާޣީން މަނަވަރަށް ނެގިއެވެ." (ޙައްނާން - ދުވަސް 2020)

މި ލިޔުމުން ދަލީލުކޮށްދޭ އެއް ކަމަކީ ތަމަޅަ ބާޣީން ދިވެހިން އަޅުވެތިކޮށް ގައުމު ހިފަން ކުރި މަސައްކަތް ނާކިޔާބުކޮށްލުމަށްވެސް އިންޑިޔާގެ އެހީތެރިކަން ދިވެހިން ހޯދިކަމެވެ.

މި ދެ ހާދިސާގައިވެސް އިންޑިޔާ ސިފައިން ސީދާ ހަނގުރާމާގައި ބައިވެރިވިއެވެ. މިއީ އެބައިމީހުންގެ ގައުމެއްވެސް ނޫނެވެ. ނަމަވެސް އެބައިމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން މި ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި އެބައިމީހުންނީ ހަނގުރާމަ ކުރި ބައެކެވެ. އަވަށްޓެރިކަމުގެ ކޮންފަދަ ނަމޫނާއެއް ތޯއެވެ! އެކުވެރިކަމުގެ ކޮންފަދަ މިސާލެއް ތޯއެވެ! އާދޭހެވެެ! އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވެއެވެ! "މާޒީ އަކީ މުސްތަގުބަލު ބަލާ ލޯގަނޑެވެ! އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަވަށްޓެރިކަމުގެ ގުޅުމާއި އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ނަސޭހަތްތެރި ވެފައިވެއެވެ. އެއީ އަނެކާގެ މޫނަށް ކަނދުރާއަށް އަދި ދީނަކަށް ބެލުމެއް ނެތިއެވެ. ހުދު ރަސޫލާވެސް ވަނީ މި ނަމޫނާ ދައްކަވައި ދެއްވާފައެވެ. އިސްލާމީ ތާރީޚުގައި މަޝްހޫރު ކަރުގޮހޮރު ވާހަކައަކީ މިފަދަ މިސާލެކެވެ.