އިމުނިފޫހި ފިލުވުމުގެ ދާއިރާގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ހިތުން ޖާގަހޯދި މަރިޔަމް ނިޝާ އަށް މިއަދު ބޭނުންވަނީ، ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީއެކެވެ. މަންމައެއްގެ ހައިސިއއްޔަތުން ދަރިންނަށް ދޭންވާ ވަގުތާއި ސަމާލުކަން ދިނުމަށް ފިލްމީ ދާއިރާ އާއި ދުރުގައި ހުރި މަރީ އަށް މިއަދު ކުރިމަތިލާން ޖެހިފައިވަނީ ވަރަށް ވެސް ހިތްދަތި ދުވަސްތަތަކަކާއެވެ. މަރީގެ ދަރިފުޅު ކައިސްގެ ޞިއްޙީ ޙާލަތު މިއަދު ހުރީ މަންމައެއްގެ ލަގޮޑިއަށް ކެތްވާވަރަށްވުރެ ދަށުގައެވެ. ތެލަސީމިއާ މޭޖަރ އެއްގެ ގޮތުގައި ދުނިޔެއަށް އުފަންވި ކައިސްގެ ހިތުގެ މައްސަލައެއްވެސް އެބަ ހުއްޓެވެ. އަދި މި ކަމަށް ކުރަން ޖެހޭ އޮޕަރޭޝަނެއް ވަރަށް އަވަހަށް ކުރަން ޑޮކްޓަރުން އިރުޝާދު ދެއްވި އިރު އެކަމަށް ޚަރަދު ކުރާނެ ވަރުގެ މާލީ ތަނަވަސް ކަމެއް މަރީގެ އާއިލާގަައި ނެތެވެ. މަޔަކަށް އެންމެ ގޮތް ހުސްވާނެ ވަގުތަކީ ދަރިން ބަލިވެ އެކުދިންނަށް ބޭނުންވާ ފަރުވާ ދިނުމުގެ ތަނަވަސްކަން ނެތުމެވެ. މިއީ މިއަދު މަރީ ތަހަންމަލު ކުރަމުންދާ ހާސްކަމެވެ.

ކުޑަކުޑަ ކައިސް އަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އާ މޫނުކަަށް ނުވާނެއެވެ. ކައިސްގެ އަމިއްލަ ޔޫޓިއުބް ޗެނަލްގެ ޒަރީއާއިން އޭނާވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ކައިސްގެ މައުސޫމު މޫނު ފެންނަ ކޮންމެ މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދޭނެއެވެ. އަދި ކައިސްއަށް ބޭނުންވާ ފަރުވާ ރަގަޅު ވަގުތުގައި ނުލިބިގެން ކައިސްއަށް ދެރަގޮތެއް ވެދާނޭ ހީވުމުންވެސް ގައިން ހީބިހި ނަގައިގެން ދެއެވެ. އެހެންކަމުން މަންމަ އެއްގެ ހައިސިއްޔަތުން މަރީގެ ހިތުގައި އަޅާނެ ވޭން އަންދާޒާކޮށްލުންވެސް ވާނީ ނާދިރު ކަމަކަށެވެ.

ކައިސްގެ ސިއްޙީ ޙާލަތަކީ މީޑިޔާއަށް އާ ކަމެއް ނޫނެވެ. ބައެއް ޕްލެޓްފޯމްތަކުގައި މި ވާހަކަތައް ވަރަށް ތަފްޞީލްކޮށް މަރީވަނީ ކިޔާދީފައެވެ. "ކައިސްގެ ހިތުގެ މައްސަލައަކީ އަސްލު ހިތަކަށް ދިމާވާނެ އެންމެ ކުޑަ މައްސަލަ. ނަމަވެސް މިކަން ސީރިއަށް ކަމަކަށް މިވަނީ ކައިސްގެ ތެލަސީމިޔާ މައްސަލައާ ގުޅިގެން" ކައިސްގެ ސިއްޙީ މައްސަލަ ކިޔާދެމުން މަރީ ހާމަ ކުރިއެވެ.

"މިހާރު ކައިސްގެ ހާލަތު މި ހުރި ގޮތަކީ، ކައިސް ކޮޓަރީގެ އޮތިއްޔާ ކައިސް ނޭވާލާ އަޑު އިވޭނެ ސިޓިންގ ރޫމްގަ އިންނަ މީހަކަށް ވެސް" އަސަރާއިއެކު މަރީ ކިޔާދިނެވެ.

ކައިސްގެ އޮޕަރޭޝަން އާއި ގުޅުން ހުރި އެހެން ކަންކަމަށް 7000 ޑޮލަރު ޚަރަދު ވާނެކަމަށް ޑޮކްޓަރުން ލަފާކޮށް ލިޔުމެއް ދީފައިވެއެވެ. އޮޕަރޭޝަންގެ ޚަރަދު އެންސްޕާއިން ވަނީ ދެއްވާފައެވެ. ނަމަވެސް މި އޮޕަރޭޝަން އިންޑިޔާއަށް ދަތުރު ކުރުމާއި އެތަނުގައި ތިބުމާއި ކެއުމާއި އެތެރޭގެ ދަތުރުކުރުމަށް ވެސް ވަރަށް ބޮޑު ޚަރަދެއް ހިނގާނެއެވެ.

"ކައިސް އަކީ އެންމެ ހަގު ދަރިފުޅެއްނޫން. އަޅުގަނޑުގެ އަދި ހުންނާނެ އެއް އަހަރާއި 8 މަހުގެ ކުއްޖެއް. އަޅުގަނޑުމެން ދާން ޖެހޭނީ އެ ކުއްޖާވެސް ގޮވައިގެން. އެއީ އާއިލާގެ އެހެން މީހަކަށް މި ވަގުތު ނެތް އޭނަ ބެހެއްޓޭކަށް. އަދި އެއީ ވަަރަށް ކުޑަކުއްޖެއްވީމާ މަންމަ ނެތީމަވެސް ވަރަށް އުނދަގޫ ވާނެ. މިހާރު މި ބަލަނީ ވީ އެންމެ އަވަހަށް ކައިސްގެ ބައްޕަ އާ އެކީގަ ކައިސް ފޮނުވާ ލެވޭތޯ. އެއީ އޮޕަރޭޝަންގެ ކުރިން ހަދަން ޖެހޭ ޓެސްޓްތަކެއް ވެސް ހުރީމަ. އެކަމަކު ކައިސްގެ އޮޕަރޭޝަން ކުރެވޭ އިރު އަޅުގަނޑުވެސް ހުންނަން ވަރަށް ބޭނުން" ކައިސްގެ އޮޕްރޭޝަން ކުރުމުގައި މި ވަގުތަށް ހުރި ދަތިތައް ކިޔާދެމުން މަރީ ހާމަކުރިއެވެ.

ކައިސްގެ އޮޕަރޭޝަނަކީ ވީ އެންމެ އަވަހަކަށް ކުރަން ޖެހޭ އޮޕަރޭޝަނެއް ކަމަށް ޑޮކްޓަރު ވަނީ ލިޔުން ދެއްވާފައެވެ. މި ވަގުތަށް މަރީގެ އާއިލާއަށް ބޭނުންވަނީ ކައިސްއަކީ ވެސް އަމިއްލަ ދަރިއެއްކަމަށް ދެކިގެން، އޯގާތެރި ހިތަކާއެކު ދިއްކޮށްލާނެ ދީލަތި އަތެކެވެ. ކިތަންމެ ކުޑައެހީއެއްވެސް މި ވަގުތަށް ކައިސްއަށް ވަރަށް މުހިންމެވެ. އެހެންކަމުން ކައިސްގެ ކުޑަކުޑަ ހިތް ސަލާމަތް ކުރުމުގައި ޙިއްސާ ވެވެން ހުރި ކޮންމެ ބޭފުޅަކު ވެސް ތިރީގައިވާ އެކައުންޓަށް ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށް ދިނުމަކީ މަރީގެ އާއިލާގެ އެންމެ ބޮޑު އެދުމެވެ. މާލީ އެހީތެރިކަމެއް ދެވެންނެތް ފަރާތްތަކުގެ ކިބައިންވެސް މަރީގެ އާއިލާއިން އެދެނީ ތިޔަ ބޭފުޅުންގެ ދުޢާގައި ކައިސް ޝާމިލުކޮށްދިނުމެވެ.

މަރިޔަމް ނިޝާ 7730000391638 ބޭންކް އޮފް މޯލްޑިްވސް

އިތުރަށް މަރީ ކިޔަދިން ގޮތުގައި، މިދިޔަ ހަތަރު ދުވަސް ތެރޭގައި އާންމުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި، އެމް.ޕީ،.އެލްގައި މަސައްކަތް ކުރާ ފަރާތްތަކުން ދެއްވާފައިވާ އެހީތެރިކަން މަރީގެ އާއިލާއިން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ. އަދި މި އޮޕަރޭޝަންގެ ޚަރަދު އެންސްޕާއިން ނެގުމަކީ މަރީގެ އާއިލާއިން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ. ނަމަވެސް އަދިވެސް މިކަމަށް މިކަމަށް ބޭނުންވާ ޖުމްލަ ޙަރަދު ހަމަ ނުވާތީ ކޮންމެ ބޭފުޅަކަށް ވެސް ދެވެން ހުރި އެހީތެރިކަމެއް ދިނުމަކީ މަރީގެ އާއިލާ އާއި ތީރު މީޑިޔާގެ ވެސް ވަރަށް ބޮޑު އެދުމެވެ.

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

  1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
    ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

  1. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

  1. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

  1. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."