ތިބާގެ ބައިވެރިޔާ އަކީ ތިބާގެ ހަޔާތުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ މީހެކެވެ، ދިމާވާ ހުރިހާ ކަމެއްގައި ހިއްސާވާ މީހެކެވެ، ނަމަވެސް ބައިވެރިޔާގެ ކިބައިން މިސިފަތައް ފެންނަ ނަމަ މީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިއެއްތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލަން ޖެހެއެވެ.
ކުރާ ހުރިހާ ކަމަކަށް ފާޑު ކިޔުން: ތިބާގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބައިވެރިޔާ ފާޑު ކިޔާނަމަ އަމިއްލަ އިހްތިޔާރެއް އެއްވެސް ކަމެއްގައި ނޯންނާނެއެވެ. ބައިވެރިޔެއް ދިރިއުޅުމުގައި ހުރިނަމަވެސް ބައެއް ކަންކަމަކީ ތިބާ އަމިއްލަޔަށް ގޮތް ނިންމަން ޖެހޭ ކަންކަމެވެ.
ބައިވެރިޔާ ތިބާއަށް އިތުބާރު ނުކުރުން: ބައިވެރިޔާ ތިބާގެ ފޯނު ހާވާތޯ؟ އެކަނި ބޭރަށް ގޮސްފިއްޔާ ހިތްހަމަ ނުޖެހޭތޯ؟ އަނެއް ޖިންސުގެ މީހަކާ ވާހަކަ ދައްކައިފިއްޔާ ރުޅި އާދޭތޯ؟ މި ކަންކަން ވާނަމަ އޭގެ މާނައަކީ ބައިވެރިޔާ ތިބާއަށް އިތުބާރެއް ނުކުރެއޭއެވެ. ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރަކީ ދެމީހުންގެ ގުޅުން ވަރުގަދަ ކޮށްދޭ ވަރަށް މުހިންމު އެއް ކަމެވެ.
މައްސަލަ ޖެހުނީމާ ވާހަކަ ނުދެއްކުން: ދެމީހުންގެ ދޭތެރޭގައި މައްސަލަ ޖެހުމުން ސުލްހަ ކަމާއި އެކު ވާހަކަ ދައްކާ، ދެފަރާތުންވެސް އެކަމާ ގުޅިގެން ބުނަން އޮތް އެއްޗެއް އަޑުއަހަން ޖެހެއެވެ. މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ވާހަކަ ދެއްކުމުގެ ބަދަލުގައި ރުޅި އައިސް އަޑު އުފުލާ ޒުވާބު ކުރާނަމަ އެއީ ގިނަ ދުވަސްވާ ވަރަކަށް ތިބާއަށް ތަހަންމަލް ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.
އަބަދު ރުޅި އިސް ކުރުން: ހިތްހަމަ ނުޖެހޭ ގަޑި ގަޑީގައިވެސް އެކަކު އަނެކަކަށް އޯގާތެރިވާން ޖެހެއެވެ. ރުޅީގައި އަޑު އުފުލާ، ގެންގުޅޭ ތަކެތި ހަލާކުކޮށް، އަތް އިސް ކުރާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މިފަދަ ކަންކަން ތަކުރާރުކޮށް ދިމާވާ ނަމަ ތިބާއަށް ލިބޭ ނަފްސާނީ ގެއްލުން ވަރަށް ބޮޑު ވާނެއެވެ.
އާއިލީ ގުޅުން ނުބޭއްވުން: ތިބާދެކެ ހަގީގީ ލޯބިވާ ބައިވެރިޔެއް އެލޯބި ތިބާގެ އާއިލާ ދެކެވެސް ވާނެއެވެ. ތިބާގެ އާއިލާއަށް ރަނގަޅަށް ކަންތައް ނުކުރާ ބައިވެރިޔެއް އެއީ ހަމަ އަސްލުގައިވެސް ތިބާދެކެ ލޯބިވާ މީހެއްތޯ؟
ރަށްޓެހިންނާއި ދުރު ކުރުން: ރަށްޓެހިންނާއި އެކީގައި ކޮފީއަކަށް ގޮސްފިއްޔާ ބައިވެރިޔާ ރުޅި އާދޭތޯ؟ ރައްޓެއްސެއް ގުޅާލައިފިއްޔާ ނުވަތަ މެސެޖެއް ކޮށްފިއްޔާ ބައިވެރިޔާ ރުޅި އާދޭތޯ؟ރަހްމަތްތެރިންނަކީވެސް ދިރިއުޅުމުގައި ވަރަށް މުހިންމު ބައެކެވެ. އެހެން ކަމުން ބައިވެރިޔާގެ ސަބަބުން ރަހްމަތްތެރިންނާއި ގުޅުން ނުބޭއްވޭ ނަމަ ތިބާަގެ ދިރިއުލުމުގައި ދިމާވާ އުފަލެއްގައިވެސް ދެރައެއްގައިވެސް ބައިވެރި ވެލާނެ މީހެއް ނުހުންނާނެއެވެ.
ހަޔާތުގެ ބައިވެރިއެއް ހިޔާރު ކުރާއިރު އެމީހާއަކީ ތިބާއަށް ލިބޭ އިތުރު ބާރަކަށް ވާން ޖެހެއެވެ. ބައިވެރިޔާގެ ސަބަބުން ތިބާ އަބަދު ދެރަވެ މާޔޫސް ވާން ޖެހޭނަމަ ދިރި އުޅެން ވަރަށް ދަތިވާނެއެވެ. އެހެންކަމުން ބައިވެރިއެއް ހިޔާރު ކުރާ އިރު އެއީ ތިބާދެކެ އަސްލު ލޯބިވާ ތިބާއަށް އޯގާތެރިކޮށް ހިތާ މީހެއްތޯ ޔަގީން ކުރާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން