އަޅުގަނޑުމެން ތެރޭން ގިނަ ބަޔަކީ ހީނުވި ނަމަވެސް ނޫނެކޭ ބުނަން ފަސް ޖެހޭ މީހުންނެވެ. އެތައް ފަހަރަކު ނޫނެކޭ ބުނަން ނުކެރިގެން ދާން ބޭނުން ނުވާ ތަންތަނަށް ދާންޖެހި،ކުރަން ބޭނުން ނުވާ ކަންކަން ކުރެވޭ ބައެކެވެ. މީގެ ސަބަބަކީ ކޮބާތޯ؟ އަދި މީ މައްސަލައެއްތޯ؟ 

ނޫނެކޭ ބުނަން ގިނަ މީހުންނަށް އުނދަގޫ ވަނީ ތުއްތުއިރު އިރު ބޮޑު ކޮއްފައިވާ ގޮތުންނެވެ. އާންމުކޮށް ކުޑަ އިރު ބޮޑަށް ތިބޭ މީހުން ބުނާ ގޮތެއް ނުހަދައިފިއްޔާ އެކުއްޖެއް ވާނީ “ބަސްނާހާ” ކުއްޖަކަށެވެ. އަދި ބައެއް ފަހަރު އަދަބުވެސް ލިބެއެވެ. އެހެން ކަމުން ކުޑައިރުން ފެށިގެން ކުއްޖާ އާދަ ވެފައި ހުންނަނީ ނޫނެކޭ އެއްވެސް ކަމަކަށް ނުބުނެ މީހުން ބުނާ ކަންކަންކުރުމަށެވެ. އަދި މި އާދަ ބޮޑުވާ ފަހުން ފިލުވާލަން ބައެއް މީހުންނަށް އުނދަގުލެވެ. ގިނަ މީހުން ނޫނެކޭ ބުނަން ފަސް ޖެހެނީ ދެން ހުންނަ މީހާ ހިތްހަމަ ނުޖެހި ދެރަވެދާނެއޭ ހީކޮށެވެ.

މީ ވަރަށް ބޮޑު މައްސަލައެކެވެ. ނޫނެކޭ ބުނަން ނުކެރިގެން ތިބާ ކުރަން ބޭނުން ނުވާ ކަންކަން އަބަދު ކުރަން ޖެހޭ ނަމަ އަމިއްލަ ނަފުސާ ދޭތެރޭ ހިތްހަމަ ނުޖެހުން އުފެދި، ދިރި އުޅުމުގައިފަހުން ދެރަވާން ޖެހޭ ކަމެއްވެސް ކުރެވިދާނެއެވެ. އަބަދު މީހުން ބުނާ ކަންކަމަށް އާނއެކޭ ބުނާ ނަމަ ބައެއް މީހުން އޭގެ ފައިދާވެސް ނަގާނެއެވެ.

ކޮންމެ މީހަކު ނޫނެކޭ ބުނި ކަމުގަައި ވިޔަސްވެސް އެއަށް އިހުތިރާމް ކުރަން ޖެެހޭނެއެވެ. އަޅުގަނޑު މެންނަށް ނޭނގޭ އެތައް ސަބަބެއް ހުރެދާނެއެވެ. ގާތް މީހަކު ކަމަކަށް ނޫނެކޭ ބުނެފިއްޔާއެއީ ތިބާއާއި ގުޅުން ހުރި ސަބަބަކާއި ގުޅިގެން ކަމަށް ނުވިސްނާށެވެ. އަދި ތިބާއަށް ނޫނެކޭ ބުނަން ދަތި ނަމަ ދެން ތިބޭ މީހުން އޭތި ގޯސްކޮށް ނުނަގާނެ ކަމަށް ވިސްނާށެވެ. 

ނޫނެކޭ ބުނަން ޖެހިލުންވާނަމަ ވިސްނަންވީ ނޫނެކޭ ބުނެވޭނި ރީތި ގޮތްތަކެވެ. ރައްޓެއްސެއް ތަނަކަށް ދާން ބުނެފިއްޔާ ރީތިކޮށް މިވަގުތު ދެވޭކަށް ނެތޭ ބުނުން އެއީ އެއްވެސްމައްސަލައެއް ނޫނެވެ. މީހަކު ކަމެއް ކޮއްދޭން ބުނުމުން ރީތިކޮށް ވަރަށް ކޮއްދޭ ހިތްވެޔޭ ނަމަވެސް މިވަގުތަކު ނުކޮއްދެވޭނޭ ބުނުމުން އެމީހާވެސް އެކަމާ ދެރައެއް ނުވާނެއެވެ.  ބައެއްކަންކަމަކީ ދެން ހުންނަ މީހާ ދެރަ ވިޔަސް ނުވަތަ ހިތްހަމަ ނުޖެހުނަސް ނޫނެކޭ ބުނަން ޖެހޭ ކަންކަމެވެ. ތިބާގެ ދިރިއުޅުމަށސް ވިސްނާނީ ތިބާއެވެ. 

ނޫނެކޭ ބުނަން ދަސްކުރުމަކީ ދިރިއުޅުމުގައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ނޫނެކޭ ބުނަން ޖެހޭ ކަންކަމުގައި ނޫނެކޭ ބުނުމުން ތިބާގެ ދިރިއުޅުމަށް އެހެން މީހުންގެ ނުފޫޒުފޯރުވުމުގެ ފުރުސަތު ކުޑަވާނެއެވެ. އަދި ފަހުން ނުކުރެވުން ނަމައޭ ހިތަކިށް ނާރާނެއެވެ. ތިބާގެ ނަފްސާނީ ދުޅަހެޔޮކަން ވެސް އިތުރު ވެގެން ދާނެއެވެ. އެހެން ކަމުން ދެން ފަހަރަކުން ނޫނެކޭބުނަން ހިތަށް އަރާ ކަމެއްގައި ރީތިކޮށް ނޫނެކޭ ބުނަން މަސައްކަތް ކުރާށެވެ.