އަމިއްލަ ބާރެއް ނުހުންނަ ތުއްތު ކުދިންނަކީ ބޮޑެތި މީހުންގެ ހިމާޔަތުގެ ދަށުގައިވާން ޖެހޭ ބައެކެވެ. ކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެކުދިންނަށް ރައްކާތެރި ވެއްޓެއް ބިނާ ކުރުމަކީކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ނަމަވެސް ހިތާމަޔަކީ މި ޒަމާނުގައި އެންމެ ގާތް މީހާއަށްވެސް ކުދިންގެ ކަންކަމުގައި އިތުބާރު ނުކުރެވޭ ކަމެވެ. އެންމެ ހީނުކުރާ މީހުންގެ ފަރާތުންއެކުދިންނަށް ގޯނާ ކުރާ ފަހަރު އަންނާތީވެއެވެ. މި މުޖުތަމައުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ހީނުކުރާހާ އާންމު ވެފައިވާ ކަމެކެވެ. މީހުންގެ ތައުލީމީ ފެންވަރާއި ހޭލުންތެރިކަންއިތުރުވެފައި ވީ ނަމަވެސް އަދިވެސް މިފަދަ ހަޑި ހުތުރު ކަންކަން ކުރާ މީހުން އުޅެއެވެ.
2021 ވަނަ އަހަރު ކުޑަކުދިންގެ ދުވަހުގައި ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކޮއްފައިވާ ގޮތުގައި އޭގެ ކުރީ އަހަރު 461 ކުދިން ޖިންސީ ގޯނާގެ ޝިކާރަޔަކަށް ވެފައިވާކަމަށް ރިޕޯޓު ކޮއްފައިވެއެވެ. މިއީ އެންމެ އަހަރެއްގެ ތެރޭގައެވެ. އަދި ރިޕޯޓު ކޮއްފައިވާ ކޭސްތައް އެކަނިއެވެ. މިކަހަލަ ކިތައް މައްސަލަ ރިޕޯޓު ނުކޮއްވެސް ހުންނާނެތޯއެވެ. ކަން މިހެންހުރިކަމުގައިވާ އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އެކަށީގެންވާ އަދަބެއް ގިނަ ފަހަރު އޮންނަނީ ނުދެވިއެވެ. މި ސަބަބާ ހުރެ އެތައް ބަޔަކު ޝަރިއަތް އަމިއްލަ އަތް މައްޗަށްނަގާ ފަހަރުވެސް އާދެއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރު ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ގިނަ ފަހަރު އެފަދަ މީހުންނަށް ކުއް ސާބިތު ނުވެ، މިނިވަންކަމުގައި މަގުތަކަށް ނުކުމެ އުޅުމުގެ ފުރުސަތު ލިބިދެއެވެ. ރާއްޖެއިން ބޭރު އެހެން ގައުމު ތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ދޭ ބޮޑެތި އެތައް އަދަބެއް ހުރެއެވެ. މީގެތެރެއިން ޕާކިސްތާން، ޗައިނާ، އަފްގާނިސްތާން، އިރާން، އީޖިޕްޓް ފަދަ ގައުމު ތަކުން ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން އަދި ރޭޕިސްޓުންނަށް މަރުގެ ހުކުމް ތަންފީޒު ކުރެއެވެ.
މިގޮތަށް ދެވޭ ބޮޑެތި އަދަބު ތަކުގެ ތެރެއިން މަރުގެ ހުކުމުގެ އިތުރަށް ދެވޭ އެއް އަދަބަކީ މެޑިކަލީ ކެސްޓްރޭޓް ކުރުމެވެ. މެޑިކަލް ކެސްޓްރޭށަންއަކީ ރޭޑިއޭޝަން، އިންޖެކްށަން ނުވަތަސްރޖަރީގެ ޒަރިއްޔާއިން ޖިންސީ ގުނަވަނުން އުފައްދާ ޖިންސީ ހޯމޯން އުފެއްދުން ހުއްޓުވުމެވެ. މި ހޯމޯން އުފެއްދުން ހުއްޓުވުމުން ޖިންސީ އެދުންވެރިކަންވެސް ހުއްޓެއެވެ. ކުރުގޮތަކަށްބުނާ ނަމަ މެޑިކަލީ ކެސްޓްރޭޓް ކުރުމަށް ފަހުގައި ޖިންސީ ގުނަވަނުގެ ބޭނުމެެއް ނުކުރެވޭނެއެވެ. ދުނިޔޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން އަދި ރޭޕް ކުރާ މީހުން މެޑިކަލީކެސްޓްރޭޓް ކުރާ ބައެއް ގައުމު ތަކުގެ ތެރޭގައި ފްރާންސް، ޔޫކޭ، ޕޯލޭންޑް، ތުރުކީ އަދި ރަޝިޔާ ހިމެނެއެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދުނީޔޭގެ އެތައް ގައުމެއްގައި ބޮޑެތި އަދަބު ދެވޭ ކަމަކަށް، ސައްތައިން ސައްތަ މުސްލިމުން ދިރި އުޅޭ ރާއްޖޭގައި އެކަށީގެންވާ ވަރުގެ ހަރުކަށި އަދަބެއްނުދޭކަމެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ދެވޭ އަދަބު އެކަށީގެން ނުވާތީ މިކަހަލަ މައްސަލަތައް ރިޕޯޓު ނުކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ނަމަވެސް ރިޕޯޓުނުކުރުމުގެ ސަބަބުން އެކަކުގެ ޝިކާރަޔަކަށްވާ ކުދިންގެ އަދަދު ގިނަވެއެވެ. ބައެއް ފަހަރު އާއިލާގެ “މަސްލަހަތަށް” ޓަކައި ނުވަތަ އާއިލާއަށް “ހަޑި ނަމެއް” ލިބިދާނެ ކަމަށް މިކަހަލަމަސައްލަތައް ރިޕޯޓު ކުރުމަށް ފަސްޖެހެއެވެ. މިގޮތަށް ދިމާވާ މައްސަލަތައް ރިޕޯޓު ނުކުރާ ކޮންމެ ފަހަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ލިބޭ އިތުރު ބާރެކެވެ. ކުޑަކުދިންނަށްޖިންސީ ގޯނާ ކުރާ މީހުންނަށް ދޭ އަދަބު ހަރުކަށި ކުރުމުން އާންމުންނަށް މިކަހަލަ މައްސަލަތަށް ރިޕޯޓު ކުރުމަށް ލިބޭ އިތުރު ހިތްވަރަކަށް ވާނެކަން ޔަގީނެވެ. ނަމަވެސް ކޮންމެ ކަހަލައަދަބެއް ލިބުނު ކަމުގައި ވިޔަސްވެސް މިކަން ހުއްޓުވުމަށް ޓަކައި ރިޕޯޓު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ކުޑަކުދިން ހިމާޔަތްކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމަކީ ހަމަ އެކަނި ކުދިންގެ މައިން ބަފައިންގެ ޒިންމާއެއް ނޫނެވެ. އެއީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. އާއިލާ ތެރޭންނުވަތަ ދަންނަ ކުއްޖަކަށް އެއްވެސް ކަހަލަ ހާނިކައެއް ވަމުން އަންނަކަން އިނގޭނަމަ ލަސް ނުކޮއް ޗައިލްޑް ހެލްޕް ލައިން 1412 އަށް ރިޕޯޓު ކުރައްވާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން