މި ޖުލައި މަހު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ވާދަކުރާ ސްޕެއިން ޓީމާއެކު ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އިން ބުނެފިއެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހެން ބުނީ ދާދިފަހުން އިއުލާންކުރި އޮލިމްޕިކްސްގައި ވާދަކުރާ ސްޕެއިން ޓީމުގެ ސްކޮޑުގައި ޒުވާން މިޑްފީލްޑަރު ޕެޑްރީ ހިމެނުމުން އެ މައްސަލަ ބަލައިދިނުމަށް ބާސެލޯނާ އިން އެދުމުންނެވެ.

އޮލިމްޕިކްސް އަކީ ފީފާގެ ރަސްމީ މުބާރާތަކަށް ނުވާތީ އެ އިވެންޓުގައި ބައިވެރިވާން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމުގެ އިހުތިޔާރު އެ އިދާރާ އިން ކްލަބުތަކަށް ދީފައި އޮތް ނަމަވެސް ސްޕެއިނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން އޮލިމްޕިކް ގޭމްސް އަށް ކްލަބުތަކުން ކުޅުންތެރިން ރިލީސްކުރަން ޖެހެއެވެ.

މި ފަހަރުގެ ޔޫރޯގައި ސްޕެއިނުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ޕެޑްރީ ވަނީ އެ ޓީމުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ސްޕެއިނުގެ 17 އަހަރުން ދަށުގެ ޓީމުން 2019 ވަނަ އަހަރު ވިދާލި ޕެޑްރީ އަށް ސީނިއާ ޓީމުން ފުރުޞަތު ލިބުނީ މިދިޔަ މާރިޗް މަހުގެ 25 ގައެވެ. އޭގެކުރީން، އޭނާ ވަނީ އެ ގައުމުގެ އެކި އުމުރު ފުރާގެ ގައުމީ ޓީމުތަކަށް ކުޅެފައެވެ.

އުމުރުން 18 އަހަރުގެ ޕެޑްރީ ދޫނުކުރަން ބާސެލޯނާ އިން އުޅޭ ސަބަބަކީ އޮލިމްޕިކްސް އަށް ގޮސްފިނަަމަ އޭނާ އަށް އެ ކްލަބުގެ ޕްރީ-ސީޒަނާއި އަންނަ ސީޒަނުގެ ފުރަތަމަ މެޗުތައް ގެއްލިދާނެތީ އެވެ. އަދި މީގެއިތުރުން، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 60 އަށް ވުރެ ގިނަ މެޗު ޕެޑްރީ ކުޅެފައިވުމުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އަނެއްކާ އިތުރު މުބާރާތެއްގައި ކުޅުމުން އޭނާ އަށް އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބި އަނިޔާގެ މައްސަލައެއް ކުރިމަތިވެދާނެތީ އޮތް ކަންބޮޑުވުމެކެވެ.

ސްޕެނިޝް ލީގު ފަށަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ 15 ގައެވެ. އޮލިމްޕިކްސް ކުރިއަށްދާނީ މި ޖުލައި މަހުގެ 23 އިން އޮގަސްޓް 8 ގެ ނިޔަލަށެވެ.

އޮލިމްޕިކްސްގައި ގޯލްޑް މެޑަލް އަށް އަމާޒުހިފައިގެން ނިކުންނަ ސްޕެއިނުގެ 23 އަހަރުން ދަށުގެ ޓީމުގައި ޕެޑްރީގެ އިތުރުން މިވަގުތު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސީނިއާ ޓީމާއެކު ކުޅެމުންދާ އެރިކް ގާސިއާ، ޑެނީ އޮލްމޯ، އުނާއި ސިމޯން އާއި މިކޭލް އޮޔާޒަބާލް އަދި ޕައު ޓޮރޭސް ހިމެނެއެވެ.