އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބާންލީ 0-2 އިން ބަލިކޮށް، ލިވަޕޫލުން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން ފަހަތުންއަރައި 2-3 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ ކުރީން އެންމެ ކުރީގައި އޮތް އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ލިވަޕޫލަށް އެއްވަނަ ލިބެނީ 19 މެޗުން 42 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން އާސެނަލް ދެވަނައިގައި އޮތްއިރު، އެ ޓީމަށް ދެން އޮތް މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްގެން އަލުން އެއްވަނަ އަށް އެރޭނެ އެވެ. ތިންވަނައިގައި އޮތް ވިލާ އަށް 19 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

ޓާފް މޫރ ގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ދެ ގޯލެއް ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައިވާއިރު، އެ ޓީމުން ލީޑްނެގީ ހަވަނަ މިނެޓުގައި އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ އެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ފޮނުވާލި ގިނަ ހަމަލާތަކެއް ބާންލީގެ ގޯލްކީޕަރު، ޖޭމްސް ޓްރެފޯޑް ހުއްޓުވާފައިވާއިރު، އޭނާ ވަނީ މުޅި މެޗުގައި އަށް ސޭވްކޮށްފައެވެ.

ބާންލީ އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު އެއް ފުރުޞަތުގައި އެ ޓީމުގެ ޔޮހާން ގުޑްމުންޑްސަން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ޖަޕާން މިޑްފީލްޑަރު، އެންޑޯ އަތުން ގެއްލުނު ބޯޅައެއް ހޯދުމަށްފަހު ބާންލީގެ ޖޭކޮބް ބްރޫން ލާސަން އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

އެސްޓަން ވިލާ ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އީއެސްޕީއެން

މި މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު، އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕޯޗުގަލް ފޯވާޑް، ޑިއޯގޯ ޔޮޓާ އެވެ. ޔޮޓާ މި ލަނޑުޖެހީ އެ ޓީމުގެ ކޮލަމްބިއާ ވިންގް، ލުއިސް ޑިއާޒް ދިން ޕާހަކުންނެވެ. މިއީ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައިސް ޔޮޓާ ކުޅުނު ފުރަތަމަ މެޗެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަސް މިނެޓުގެ ތެރޭގައި ވިލާ އިން ވަނީ ދެ ލަނޑުޖަހައިފައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ކެޕްޓަން، ޖޯން މެގިން އާއި ލެއަންޑޯ ޑެންޑޮންކާ އެވެ. މި ދެ ގޯލާއެކު ވިލާ އިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޔުނައިޓެޑްގެ ވިންގް، އަލެހަންދުރޯ ގަނާޗޯ ލަނޑެއްޖެހި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އެ ބޯޅަ އެ ޓީމުގެ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް ދިނުމުގެ ކުރީން ގަނާޗޯ އޮފްސައިޑް މަގާމެއްގައި އޮތުމުންނެވެ. އެކަމަކު، އޭގެފަހުން ގަނާޗޯ ވަނީ ދެ ލަނޑުޖަހައި ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ. އަދި އޭގެފަހުން، މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ޑެންމާކް ފޯވާޑް، ރަސްމުސް ހޮއިލުންޑް ވައްދާލި ލަނޑާއެކު ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑްނަގައި، މި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރިއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-1 އިން ނިއުކާސަލް ޔުނައިޓެޑް ވަނީ ބަލިވެފައެވެ. ބޯންމައުތުގެ ދަނޑުގައި ފުލަމް އަތުން 3-0 އިން އެ ޓީމު މޮޅުވިއިރު، ޝެފީލްޑް ޔުނައިޓެޑްގެ ދަނޑުގައި ލޫޓަން ޓައުން މޮޅުވީ 2-3 އިންނެވެ.