ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ގޯލްކީޕަރު، މެނުއަލް ނޯޔާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފައިވާކަން ނޯޔާ ކަށަވަރުކޮށްދިނީ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ޛަރިއްޔާއިންނެވެ. 

ނޯޔާގެ މެސެޖުގައި ވަނީ، "ޝުކުރިއްޔާ ޖާމަނީ. ޤައުމީ ޓީމުގެ ޖާޒީ ލުމަށް ވަރަށް ލޯބިކުރަން."

މިހާރު އުމުރުން 38 އަހަރުގެ ނޯޔާ އެންމެ ފުރަތަމަ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެން ފެށީ 2009 ގައެވެ. ޖަރުމަނަށް މިހާތަނަށް 124 މެޗު ހަމަކޮށްފައިވާ ނޯޔާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައިގައެވެ. އޭނާ އަކީ މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ގޯލްކީޕަރެވެ.

އޭނާގެ ކެރިއަރުގައި ޖަރުމަނާއެކު ހާސިލްކޮށްފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. މިއީ ގައުމީ ޓީމަށް މިހާތަނަށް އޭނާ ކުޅެފައިވާ ބޮޑު އަށް މުބާރާތުގެ ތެރެއިން އެއް މުބާރާތެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އަތުން ޖަރުމަނު މޮޅުވިއިރު، އޭނާ ވަނީ އެ ޓީމަށް ކޮޅަށް ލަނޑެއްވަނަނުދީ ހިފަހައްޓާފައެވެ.

ނޯޔާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ ޝާލްކޭ އިންނެވެ. އެ ކްލަބަށް 200 އަށްވުރެ ގިނަ މެޗު ކުޅުމަށްފަހު 2011 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބަޔާނަށް ވަނީ ބަދަލުވެފައެވެ. އޭގެފަހުން، މިހާތަނަށްއައިއިރު ނޯޔާ ވަނީ ބަޔާންގެ ޖާޒީގައި 522 މެޗު ކުޅެ، މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ގައުމީ ޓީމަށާއި، ކްލަބުގެ އެއްވަނަ ގޯލްކީޕަރުގެ ގޮތުގައި ދެމިހުރެފައެވެ.

ކެރިއަރުގައި މިހާތަނަށް 31 ބޮޑު މުބާރާތް ކާމިޔާބުކޮށްފައިވާ ނޯޔާ ވަނީ ޖަރުމަނާއެކު ހޯދާފައިވާ ވޯލްޑް ކަޕާއި، ބަޔާން އާއެކު 2013 އާއި 2020 ވަނަ އަހަރު ކާމިޔާބުކުރި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ އުފުލާލައިފައެވެ.

ނޯޔާގެ އިތުރުން އިލްކާއި ގުންޑޮގާން ވެސް ވަނީ މި ހަފްތާގެ ކުރީކޮޅު ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައިވާކަން އިޢްލާންކޮށްފައެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ ކެޕްޓަންކަން ކުރި ގުންޑޮގާން ވަނީ ރިޓަޔާކުރުމާ ހަމައަށް 82 މެޗު ކުޅެދީފައެވެ. މީގެއިތުރުން، ދާދިފަހުން ވަނީ ނޯޔާ އާއެކު ބަޔާން އަށް ކުޅެމުން އަންނަ ތޯމަސް މުލާ ވެސް ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ.