ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު، ފިލް ފޯޑެން އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ ވިންގް، ކޯލް ޕާމާ ހޯދައިފިއެވެ.

މިއީ 2009/2010 ވަނަ އަހަރުގެ ސީޒަނުގެ ފަހުން، އިނގިރޭސި ދެ ކުޅުންތެރިންނަށް މި ދެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެފަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، ވޭން ރޫނީ ހޮވުނުއިރު، އެސްޓަން ވިލާގެ މިޑްފީލްޑަރު، ޖޭމްސް މިލްނާ ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފައެވެ.

މިހާރު އުމުރުން 24 އަހަރުގެ ފޯޑެން ވަނީ ނިމިދިޔަ ސީޒަނުގައި ސިޓީން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ އެ ޓީމަށް ލީގުގައި ކުޅެދިން 35 މެޗުގައި 19 ލަނޑުޖަހައިދީފައެވެ. މިދިޔަ ފަހަރުގެ ލީގު ޓްރޮފީ ކާމިޔާބުކުރުމާއެކު ހަމަކުރި ހަވަނަ ލީގު ތަށްޓާއެކު އޭނާ ވަނީ އުމުރުން 23 އަހަރުގައި މިހާތަނަށް އެންމެ ގިނަ ލީގު ތަށި ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އޭނާ ވަނީ މީގެކުރީން ދެ ފަހަރުގެ މަތީން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފައެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ފޯޑެންއާ އެންމެ ގާތުން ވާދަކުރީ، އޭގެ ކުރީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އޭނާ އާއެކު ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އާއި އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ އެވެ.

ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނު ޕާމާ، 22، ވަނީ، ސިޓީ ދޫކޮށް ޗެލްސީ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި ލީގުގައި ކުޅުނު 34 މެޗުގައި 22 ލަނޑުޖަހައިފައެވެ. ނިމިދިޔަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސި ގައުމީ ޓީމުން ވެސް އޭނާ ވަނީ ޖާގަ ހޯދާފައެވެ.

މި އެވޯޑަށް ޕާމާއާ އެންމެ ގާތުން ވާދަކުރީ، އެންމެ ފަހުން މި އެވޯޑް ހާސިލްކުރި އާސެނަލްގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ އާއި ޔުނައިޓެޑްގެ ކޮބީ މައިނޫ އާއި އަލެހަންދްރޯ ގަނާޗޯގެ އިތުރުން ކުރީން، ކްރިސްޓަލް ޕެލަސް އަށް ކުޅުނު މައިކަލް އޮލީސޭ އާއި ބްރައިޓަންގެ ބްރެޒިލް ފޯވާޑް، ޖޮއާއޯ ޕެޑްރޯ އެވެ.

ޕީއެފްއޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ސިޓީގެ ޙަދީޖާ ޝޯ ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ޓޮޓެންހަމް ހޮޓްސްޕާގެ ގްރޭސް ކްލިންޓަން އެވެ.

 

އިނާމު ލިބުނު ފަރާތްތަކުގެ ލިސްޓު:

އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ (ފިރިހެން): ފިލް ފޯޑެން (މެންޗެސްޓާ ސިޓީ)

އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (ފިރިހެން): ކޯލް ޕާމާ (ޗެލްސީ)

އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން): ހަދީޖާ ޝޯ (މެންޗެސްޓާ ސިޓީ ވިމެންސް ޓީމު)

އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (އަންހެން): ގްރޭސް ކްލިންޓަން (ޓޮޓެންހެމް ވިމެންސް ޓީމު)

ޗެމްޕިއަންޝިޕްގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ: ކްރައިސެންސިއޯ ސަމަރވިލް (ލީޑްސް ޔުނައިޓެޑް)

ލީގު ވަން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ: އަލްފީ މޭ (ޗާލްޓަން އެތްލެޓިކްސް)

ލީގު ޓޫ އަހަރުގެ ކުޅުންތެރިޔާ: ޖޯޑީ ޖޯންސް (ނޮޓްސް ކައުންޓީ)

މެރިޓް އެވޯޑްސް: ޑީން ލުވިންގޓަން އަދި ފަރާ ވިލިއަމްސް އެމްބީއީ