މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދައި، އައިމިނަތު ވިދާދް ރެކޯޑަކާ އެއްވަރުކޮށްފިއެވެ.

ވިދާދް، ވަނީ މިހާތަނަށް މުބާރާތުގެ އަންހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދީ ޝަޒްނާގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިންވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ހަ ފަހަރު އެވެ. މީގެއިތުރުން، ގައުމީ މުބާރާތުގެ ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ވެސް އެންމެ ގިނަ ފަހަރު ހޯދީ ދެ ކުޅުންތެރިން ކަމަށްވާ، ހުސައިން ނީޝާމް (ނީނީ) އާއި ހަސަން ނާޒިމް (ނާނަ) ވަނީ ހަ ފަހަރު ތަށި އުފުލާލައިފައެވެ.

ވިދާދް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، 2017، 2018، 2019، 2021 އަދި 2022 ގެ އިތުރުން 2024 ވަނަ އަހަރުގެ މުބާރާތެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އާމިނަތު ވިޝާމާ އަތުން ވިދާދް ވަނީ ބަލިވެފައެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރުގެ ގައުމީ މުބާރާތް ނުބާއްވައެވެ.

އަނެއްކޮޅުން، ވިދާދް މިވަނީ މި ފަހަރުގެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓާއި ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެއިތުރުން، އަންހެނުންގެ ޓީމް އިވެންޓްގެ ބައިގައި ޗެމްޕިއަންކަން ހޯދީ ވިދާދް ނިސްބަތްވާ މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) އިންނެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ވިދާދް ވަނީ ފަހަތުންއަރައި، 2-1 ސެޓުން އައިޝަތު ނަހުފާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 17-13 އިން ނަހުފާ ގެންގޮސްފައިވަނިކޮށް، ވިދާދް ވަނީ ދެން ޖެހިގެންއައި ދެ ސެޓު 25-6، އަދި 25-0 އިން ކާމިޔާބުކޮށްފައެވެ.

ފައިނަލްގައި ވިދާދް އަތުން ބަލިވި، ނަހުފާ ވެސް ވަނީ މިކްސް ޑަބަލްސް އާއި އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޓީމް އިވެންޓް ބައިގައި ޗެމްޕިއަންކަން ހޯދީ އެމްސީއޭ ޓީމުގައި ނަހުފާ ވެސް ހިމެނުނެވެ.

މި މުބާރާތުގައި މިއަދު ކުރިއަށްދާނީ ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ. މި އިވެންޓްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. އަންހެން ސިންގަލްސް މެޗެކޭ އެއްފަދައިން ފިރިހެން ސިންގަލްސް ފައިނަލް ވެސް، މިރޭ ޔޭސްޓީވީ އިން ވަގުތުން ފެންނާނެ އެވެ.