މި މަހުގެ 20 ވަނަ ދުވަހު ފެށި 33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން ހޯދައިފިއެވެ.

މިއީ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން އަޒްމީން ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އަޒްމީން ވަނީ 2022، 2023، އަދި 2024 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް އިވެންޓްގައި 23 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްމީން ވަނީ 2-1 ސެޓުން އިބްރާހިމް ހުޖާން އަލީ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު އަޒްމީން ކާމިޔާބުކުރީ 25-6 އިންނެވެ. ދެވަނަ ސެޓުގައި ވަރަށް ގާތުން ވާދަކޮށް، ހުޖާން ވަނީ 25-24 އިން ކާމިޔާބުކޮށް، ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ.

ނަތީޖާ ނެރުމަށް ކުޅެވުނު ތިންވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއް ނުފެނި، އަޒްމީން ކާމިޔާބުކުރީ 24-3 އިންނެވެ.

މި މެޗުން ބަލިވެ، ހުޖާން އަށް ސިންގަލްސް އިވެންޓްގެ ފައިނަލްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ނަމަވެސް، އޭނާ ވަނީ މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ފިރިހެނުންގެ ޓީމް އިވެންޓްގައި ހުޖާން ނިސްބަތްވާ، މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) އިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.