މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުންއަރައި 4-3 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ޔޫވީ އިން ލީގު ބުރު ނިންމާލީ ހަވަނައިގައި އޮވެގެންނެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. މި މެޗުން ބަލިވި ބުރު އޮތީ 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު ފަސްވަނައިގައެވެ. އެ ޓީމަށް ބާކީ އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބުރުން ލީޑްނެގީ މުޙައްމަދު ނާއިމް ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލާއެކު އެ ޓީމުން މި ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި މުޙައްމަދު ހުޒައިފްގެ ގޯލާއެކު ބުރުން ދެ ލަނޑުގެ ލީޑެއްނަގައިފައިވަނިކޮށް، ހަތަރު މިނެޓުގެ ތެރޭގައި ޖެހި ދެ ލަނޑާއެކު ޔޫވީ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން، މެޗުގެ 70 ވަނަ މިނެޓުގައި ޔޫވީގެ ފުރަތަމަ ލަނޑުޖަހައިދިނީ މުޙައްމަދު ފައިޒާން ފަޒީން އެވެ. އޭގެ ހަތަރު މިނެޓުފަހުން، ލިބުނު ޕެނަލްޓީއަކުން ޔޫވީ އަށް އެއްވަރުކޮށްދިނީ އަރީން އަބްދުﷲ އެވެ.

ޔޫވީ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ، 87 ވަނަ މިނެޓުގައި ޝަނާން ރަޝާދު އެވެ. އޭގެފަހުން، އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ނާއިމް ވަނީ އިތިުރު ގޯލެއްޖަހައި، ނަތީޖާ 3-3 އަށް ބަދަލުކޮށްލާފައެވެ. ނަމަވެސް، މެޗުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ލޫތު އިބްރާހިމް ވައްދާލި ލަނޑާއެކު ޔޫވީ އިން މެޗު ކާމިޔާބުކުރީ 4-3 އިންނެވެ.

މި މެޗުގެ އިތުރުވަގުތުގައި ބުރުގެ އިބްރާހިމް އުސާމާ ހަސަން އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އުސާމާ ކުޅެން ނިކުތީ ފަހު ހާފުގެ ކުރީކޮޅު އެވެ. މިއާއެކު، އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މީގެއިތުރުން، މި މެޗުގެ ފަހު ހާފުގެ ކުރީކޮޅު ޔޫވީގެ މެޑިކް މުޙައްމަދު ފަރީޒަށް ވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ.