ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

މީގެކުރީން، 2019 ވަނަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ވެސް ސިފައިންނެވެ. މިފަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ ސިފައިންނެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އާބަންކޯގެ މައްޗަށް ސިފައިން ކުރިހޯދީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން ސިފައިން ކާމިޔާބުކޮށްފައިވަނިކޮށް، އާބަންކޯ އިން ވަނީ ދެވަނަ ސެޓުގައި 25-23 އިން ކުރިހޯދާފައެވެ. އެއަށްފަހު، ދެން ކުޅެވުނު ދެ ސެޓު ސިފައިން ކާމިޔާބުކުރީ 26-24، 25-20 އިންނެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޑރ. ޢަބްދުالله ރާފިޢު ޝަރަފުވެރިކޮށްދެއްވި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ޖާޒީ ނަންބަރު 14، އާދަމް ނަސީމް (އެޑަމާ) އެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ ޖާޒީ ނަންބަރު 7، މުބައްޝަރު ރަޒާ ހޮވުނުއިރު، މުބާރާތުގެ އެމްވީޕީ އަށް ހޮވިފައިވަނީ ސިފައިންގެ ޖާޒީ ނަންބަރު 10، ޙުސައިން ރައްޒާން އެވެ.

"ގައުމީ ވޮލީބޯޅަ މުބާރާތް 2023" ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދޭ ސެޓްފިކެޓް، މެޑަލް އަދި ޓްރޮފީ ހަވާލުކޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާން، ކުޅިވަރާ ބެހޭ ވުޒާރާގެ މިނިސްޓަރު، ޑރ. ޢަބްދުالله ރާފިޢު އެވެ.

ލީގު ބުރުގައި ހަ ޓީމު ވާދަކުރިއިރު، ޤައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައި ވަނީ ހަތަރު ޓީމެވެ. އެއީ ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސިޓީ ސްޕޯޓްސް ކުލަބް، ކުލަބް އާބަންކޯ އަދި ކުލަބް ވެމްކޯއެވެ.