ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 2-4 އިން އެކުއޭޑޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ ފަސްވަނަ ފަހަރެވެ. 

އެންއާރްޖީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑްނެގީ އެލެކްސިސް މެކްއެލިސްޓާ ދިން ޕާހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން އެ ޓީމުގެ އިތުބާރު ޑިފެންޑަރު، ލިސަންދްރޯ މާޓިނޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އާޖެންޓީނާ ކުރީގަ އޮވެގެންނެވެ.

މެޗުގައި އާޖެންޓީނާގެ ލިސަންދްރޯ މާޓިނޭޒް (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

 

ދެވަނަ ހާފުގެ ކުޅުން ފެށިގެން 17 ވަރަކަށް މިނެޓުގެ ތެރޭގައި އެކުއޭޑޯ އަށް ލަނޑުޖަހާނެ ރަނުގެ ފުުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން، އެނާ ވެލެންސިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އެ ބޯޅަ ދެވަނަ ފަހަރަށް ފޮނުވާލުމުގެކުރީން އާޖެންޓީނާގެ ޑިފެންޑަރު، ކްރިސްޓިއަން ރޮމޭރޯ ވަނީ ބްލޮކް ކޮށްފައެވެ.

މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި އެކުއޭޑޯ އިން އެއްވަރުކުރީ ފަހު ހާފުގައި ކުޅެން ނިކުތް ދެ ކުޅުންތެރިން ކަމަށްވާ، ޖޯން ޔެބޮއާ އާއި ކެވިން ރޮޑްރިގޭޒް ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުންނެވެ. އަރިމަތިން ޔެބޮއާ ނެގި ހުރަހަކުން ލިބުނު ބޯޅައަކުން ރޮޑްރިގޭޒް މި ލަނޑުޖެހީ ބޮލުންނެވެ.

މި ފަހަރުގެ މުބާރާތުގައި ފައިނަލް މެޗު ފިޔަވައި ދެން ހުރި މެޗުތަކުގައި އިތުރުވަގުތުގެ ދެ ހާފު ނުކުޅެ، ސީދާ ޕެނަލްޓީއަށް ދާ ގޮތަށް ކަނޑައަޅާފައިވުމުން ދެން ދިޔައީ ޕެނަލްޓީ ޝޫޓްއައުޓް އަށެވެ. 

އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ (ކ) އެކުއޭޑޯގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް

 

އާޖެންޓީނާ އިން އެންމެ ފުރަތަމަ ޕެނަލްޓީ ޖަހަންދިޔަ އެ ޓީމުގެ ކެޕްޓަން، މެސީ ޕަނެންކާ ޕެނަލްޓީއެއް ފޮނުވާލަން މަސައްކަތްކުރުމުން އެ ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން އެ ޓީމުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އާޖެންޓީނާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް، މެކްއެލިސްޓާ، ގޮންޒާލޯ މޮންޓިއެލް އާއި ނިކޮލަސް އޮޓަމެންޑީ އެވެ.

އެކުއޭޑޯ އިން ފޮނުވާލި ފުރަތަމަ ދެ ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ. އެކުއޭޑޯ އިން ކާމިޔާބުކުރީ ޖޯން ޔެބޮއާ އާއި ޖޯޑީ ކައިސޭޑޯގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމަށް ނާކާމިޔާބުވީ އެންހެލް މީނާ އާއި އެލަން މިންޑާ އަށް ޕެނަލްޓީ އެވެ.

އާޖެންޓީނާ ސެމީގައި ނިކުންނަންޖެހޭނީ މި މުބާރާތުގައި ދެން ކުޅޭ މެޗުގައި ވެނެޒުއެލާއާ ކެނެޑާ ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ރާއްޖޭގަޑިން 6 ޖަހާއިރު އެވެ.