މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާގެ ޕެއާ އިން ހޯދައިފިއެވެ.

މިއީ މި މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހުޖާން އާއި ނަހުފާގެ ޕެއާ އިން ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އަދި މުޅިއެކު ކާމިޔާބުކުރި ތިންވަނަ ފަހަރު ވެސް މެއެވެ. މީގެކުރީން، ހުޖާން އާއި ނަހުފާގެ ޕެއާ ވަނީ 2023 އާއި  2018 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައިފައެވެ. 

އިއްޔެ ފެށި މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް އިވެންޓްގައި 16 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލްގައި މިއަދު ހަވީރު ހުޖާން އާއި ނަހުފާގެ ޕެއާ ވަނީ 2-1 އިން އާދަމް އަދީލް އާއި އައިމިނަތު ވިދާދްގެ ޕެއާ ބަލިކޮށްފައެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު 12-8 އިން އަދީލް އާއި ވިދާދްގެ ޕެއާ ގެންގޮސްފައިވަނިކޮށް، ހުޖާން އާއި ނަހުފާގެ ޕެއާ ވަނީ ދެންޖެހިގެންއައި ދެ ސެޓު 25-23، 25-6 އިން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި މުޙައްމަދު މުންތަސިރު އާއި އައިޝަތު ފައިނާޒްގެ ޕެއާ ވަނީ 2-1 އިން ޔަމާން އަބްދުލް ޖަލީލް އާއި އައިމިނަތު ވިޝާމާގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުން 19-5 އިން ޔަމާން އާއި ވިޝާމާގެ ޕެއާ ކުރިހޯދާފައިވަނިކޮށް، މުންތަސިރު އާއި ފައިނާޒްގެ ޕެއާ ވަނީ ދެން ޖެހިގެންއައި ދެ ސެޓުން 18-8، 25-0 އިން ކާމިޔާބުކޮށްފައެވެ.