މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އިބްރާހިމް ހުޖާން އަލީ އާއި މުޙައްމަދު މުންތަސިރުގެ ޕެއާ އިން ހޯދައިފިއެވެ.

މިއީ މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ހުޖާން ކާމިޔާބުކުރި ދެވަނަ އިވެންޓެވެ. މީގެކުރީން، އޭނާ ވަނީ މިކްސް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފައެވެ.

މި މަހުގެ 20 ގައި ފެށި ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސްގެ އިތުރުން ސިންގަލްސް އިވެންޓް އަދި ޓީމް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓް ފައިނަލްގައި ހުޖާން އާއި މުންތަސިރުގެ ޕެއާ ވަނީ އާދަމް އަދީލް އާއި ޔަމާން އަބްދުލް ޖަލީލްގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ހުޖާން އާއި މުންތަސިރު ގެންދިޔައީ، 22-15، 19-3 އިންނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އިސްމާއިލް އަޒްމީން އާއި ހުސައިން ނީޝާމްގެ ޕެއާ ވަނީ 2-1 ސެޓުން ހުސައިން ފާރިހް އާއި ސަދޫހު ސާމިއުގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-9 އިން ފާރިހް އާއި ސަދޫހުގެ ޕެއާ ގެންގޮސްފައިވަނިކޮށް، ނިޝާމް އާއި އަޒްމީންގެ ޕެއާ ވަނީ ދެންޖެހިގެންއައި ދެ ސެޓު 25-0 އަދި 25-19 އިން ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މިހާރު ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓްގެ މެޗުތަކެވެ. ފިރިހެނުންގެ ޓީމް އިވެންޓްގައި ފަސް ޓީމެއް ވާދަކުރާއިރު، އަންހެން ޓީމް އިވެންޓްގައި ބައިވެރިވީ ތިން ޓީމުންނެވެ.