ދޮޅު އަހަރަށް ވުރެ ގިނަ ދުވަހު ލޮކްޑައުންގައި ތިބުމަށް ފަހު މަޑުމަޑުން ގައުމުތައް ހުޅުވި ބޭރަށް ނިކުމެ އުޅެވެން ފެށިއިރު ފެޝަންއަށް ވެސް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. އެގޮތުން މިހާރަށް އެންމެ ހިނގާ ބައެއް ފެޝަންތަކަށް ބަލާލަމާ ބަހީއެވެ.
ގަދަ ކުލަތަކުގެ ގޮޅިޖެހި ފޮތި މިހާރު ވަނީ ވައިގައި ހިފާފައެވެ. ގޮޅިޖެހި ފޮތީގެ ސްކާރޓް، ހަރުވާޅު އަދި ޖަމްޕްސޫޓް ވެސް މިވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ. ކޮންމެ ކަހަލަ ހެދުމެއް ލާ މީހަކަށް ވެސް ގޮޅިޖެހި ފޮތި ބޭނުން ކުރެވޭނެއެވެ. ގޮޅި ޖެހި ފޮއްޗަކީ ކްރޮޕް ޓޮޕުން ފެށިގެން އަބާޔާލާ މީހުނަށްވެސް ބޭނުން ކުރެވޭނެ ރީތި ފޮއްޗެކެވެ.
ބޮޑެތިމާޖެހި ފޮއްޗަކީވެސް މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ އެއްޗެކެވެ. ބޮޑުމާޖެހި ޓޮޕާއި މިނީ ސްކާޓަކީ އެންމެ ގިނައިން ފެންނަ ދެ ވައްތަރެވެ. މަލަށް ލޯބި ނުކުރާ މީހުންނަމަ މުޅި ހެދުން މި ފަދަ ފޮތިން ބެހެއްޓުމުގެ ބަދަލުގައި ހެދުމުގެ ކޮންމެވެސް އެއްބައެއް ބޮޑުމާޖެހި ފޮތިން އިޚްތިޔާރު ކުރެވިދާނެއެވެ.
މަޑުކުލަތައް އެއްކޮށްގެން ހެދުން އެޅުމަކީ މިހާރު އެންމެ ހިނގާ އެއް ފެޝަނެވެ. މިއީ ޒުވާނުންގެ މެދުގައި ވައިގައި ހިފަމުންދާ ކަމެކެވެ. ޑިޒައިން ފޮއްޗާއި ކުލަފޮތި ގުޅުވި ޒަމާން މާޒީއަށްވެ، މިހާރު ގުޅުވަނީ ޕްލޭން ކުލަތަކުންނެވެ.
މިއަހަރުގެ އާ ފެޝަންތަކުގެ ތެރެއިން އެންމެ ލޯބި އެއްޗަަކަށް ފާހަގަ ކުރެވިފައިވަނީ ހެޑް ސްކާފެވެ. ކެޝުއަލް ލުކް ތައް ފުރިހަމަ ކޮށްދޭ ހެޑް ސްކާފަކީ 1950 ގެ އަހަރުތަކުގައި މަޝްހޫރުވި އެއްޗެކެވެ. މިއީ ދެތެރެއަކުން އައިސްގޮސްވާ ފެޝަނެކެވެ. މިހާރު މިވަނީ ސްކާފް ބޭނުންކުރާނެ އާ ގޮތްތައް ތަޢާރަފް ވެފައެވެ. ހެޑްސްކާޕަކީ އަންހެންކުދިންގެ ސާދާކަން ދައްކުވައިދޭ އެއްޗެކެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ އިތުރު ފެޝަނަކީ ބަކެޓް ހެޓެވެ. މިވެސް މަޑު ކުލަތަކުން ފެންނަ އެހާމެ ލޯބި އެއްޗެކެވެ. މިއީވެސް ނުރަސްމީ ހެދުންތައް ފުރިހަމަ ކޮށްލުމަށް ގިނަ ބަޔަކު ބޭނުން ކުރަމުންދާ އެއްޗެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން