ދޮންކެޔޮލަކީ ދިވެހިންގެ މެދުގައި ވަރަށް ވެސް މަގުބޫލު މޭވާއެކެވެ. ދިވެހިން އެންމެ ގިނައިން ކައި އުޅޭ މޭވާ އަކީ ދޮންކެޔޮލޭ ބުނުމުން އެކަމާއި މެދު ސުވާލު އުފައްދާނެ މީހަކު ނުހުންނާނެއެވެ. މިހާ ގިނައިން ކައި އުޅޭ އިރު ދުވަހަކުވެސް ދޮންކޭލުގައި ހުރި ސިއްހީ ފައިދާ އާއި މެދު ވިސްނާލިން ހެއްޔެވެ؟

 ވިޓަމިން ބީ6 ގިނައިން ހުރުމުގެ އިތުރުން ދޮންކޭލަކީ ވިޓަމިން ސީ، ޑައިޓަރީ ފައިބަރ އަދި މެންގަނީޒްގެ ރަނގަޅު މަސްދަރެކެވެ. އަދި ދޮންކޭލަކީ ސަރުބީ ނެތް، ކޮލެސްޓްރޯލް ނެތް (ފެޓް ފްރީ އަދި ކޮލެސްޓްރޯލް ފްރީ) އަދި ސޯޑިއަމްވެސް ގާތްގަނޑަކަށް ނެތް މޭވައެކެވެ. މިކަންކަމުގެ ސަބަބުން ތިބާގެ ސިއްހަތަށް ކުރަނީ ކޮން އަސަރެއް ހެއްޔެވެ؟ 

 

1. ދޮންކޭލަކީ ވިޓަމިން ބީ6 ހޯދުމަށް އެންމެ ރަނގަޅު އެއް މޭވާ

ދޮންކޭލުން ލިބޭ ވިޓަމިން ބީ6 ހަށިގަނޑަށް ފަސޭހައިން ބޭނުން ކުރުވޭ އިރު މެދު ސައިޒުގެ ދޮންކެޔޮ ވަކަކުން ދުވާލަކު ބޭނުންވާ ވިޓަމިން ބީ6 ގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ފޯރުކޮށްދެއެވެ.

ވިޓަމިން ބީ6 އިން ހަށިގަނޑަށް ވެދޭ އެހީ ތަކުގެ ތެރޭގައި، ލޭގައި ހުންނަ ރަތް ސެލްތައް (ރެޑްބްލަޑް ސެލްސް) އުފެއްދުމާއި ކާބޯހައިޑްރޭޓްސް އާއި ފެޓްސް މެޓަބޮލައިޒްކޮށް އެތަކެތި ހަކަތައަށް ބަދަލުކޮށް އެމިނޯ އެސިޑްތައް މެޓަބޮލައިޒް ކުރުމާއި، ފުރަމެއާއި ކިޑްނީއިން ބޭނުން ނުވާ ކެމިކަލްތައް ނައްތާލުމުގެ އިތުރުން ނާރުތަކުގެ ނިޒާމު ދުޅަހެޔޮކަންމަތީ ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން، ވިޓަމިން ބީ6 އަކީ ދަރިފުޅުގެ ހަށިގަނޑު ހެދިބޮޑުވުމުގައި އެހީތެރިވެދީ، މާބަނޑު އަންހެނުންނަށް ވެސް ވަރަށް ބޭނުންތެރި މާއްދާއެކެވެ.

 

2. ދޮންކޭލަކީ ވިޓަމިން ސީ ވެސް ހިމެނޭ މޭވާއެއް

ދޮންކޭލާއި ވިޓަމިން ސީ އާންމުކޮށް ނުގުޅުވި ނަމަވެސް މެދު ސައިޒުގެ ދޮންކެޔޮވަކެއް ކެއުމުން ދުވާލަކު ބޭނުންވާ ވިޓަމިން ސީގެ ގާތްގަނޑަކަށް %10 ލިބޭނެއެވެ.

ވިޓަމިން ސީ އިން ލިބިދޭ ފައިދާތަކަށް ބަލާއިރު، ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތަކަށް ލިބޭ ގެއްލުންތަކުން ހަށިގަނޑު ރައްކާތެރިކުރުމާއި، ހަށިގަނޑަށް ދަގަނޑު ގެ މާއްދާ ފޯރުކޮށްދިނުމާއި  ތިބާގެ ހަންގަނޑާއި ކަށިތަކާއި މަސްލްތައް އެއްކޮށް ހިފަހައްޓައިދޭ ޕްރޮޓީން، ކޮލާޖެން އުފެއްދުމާއި، ނިދުމުގެ ސައިކަލާއި، މޫޑު އަދި ސްޓްރެސް މެނޭޖްކުރުމާއި، ކުދި ތަދުތަކާއި ރިހުންތައް ފިލުވަދޭ ހޯރމޯނެއް ކަމަށްވާ ސެރޮޓޯނިން އުފެއްދުން ފާހަގަކޮށްލެވެއެވެ.

 

3. ދޮންކޭލުގައި ހިމެނޭ މެންގަނީޒް އަކީ ޚާއްސަކޮށް ހަންގަނޑަށް ބޭނުންތެރި މާއްދާއެއް

މެދު ސައިޒުގެ އެއް ދޮންކެޔޮ ވަކުން ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ މެންގަނީޒްގެ ގާތްގަނޑަކަށް %13 ފޯރުކޮށްދެއެވެ. މެންގަނީޒް އަކީ ހަށިގަނޑުގައި ކޮލާޖަން އުފެއްދުމަށް އެހީތެރިވެދީ ހަންގަނޑާއި އެހެނިހެން ސެލްތައް، ފްރީ ރެޑިކަލްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.

 

4. ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމް އަކީ ހިތުގެ ޞިއްޙަތަށް މުހިއްމު މާއްދާއެއް

މެދު ސައިޒުގެ ދޮންކެޔޮވަކަކުން ގާތްގަނޑަކަށް 320-400 މިލިގްރާމް ޕޮޓޭސިއަމް ލިބޭއިރު، މިއީ ދުވާލަކު ބޭނުންވާ ޕޮޓޭސިއަމްގެ ގާތްގަނޑަކަށް %10 އެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ދުޅަހެޔޮކަމާ ލޭގެ ޕްރެޝަރު ހަމަ މިނެއްގައި ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދޮންކޭލުގައި ޕޮޓޭސިއަމް މަތިވެފަ ސޯޑިއަމް ދަށްވުމަކީ ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

 

5. ދޮންކޭލަކީ ހަޖަމުކުރުމަށް އެހީތެރިވެދީ، ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތައް ކުޑަކުރުމަށް އެހީތެރިވެދޭ މޭވާއެއް

 ދޮންކެޔޮވަކެއް ކާލުމުން ދުވާލަކު ބޭނުންވާ ފައިބަރުގެ ގާތްގަނޑަކަށް %10-12 ފޯރުކޮށްދޭނެއެވެ. ސިންގަޕޫރުގެ ހެލްތު ޕްރޮމޯޝަން ބޯޑުން ލަފާދީފައިވަނީ އަންހެނުން ދުވާލަކު 20ގ އަދި ފިރިހެނުން 26ގ ޑައިޓޭރީ ފައިބަރ ކެއުމަށެވެ.

 ސޮލިއުބަލް އަދި އިންސޮލިއުބަލް ފައިބަރއަކީ ތިބާގެ ސިއްހަތަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސޮލިއުބަލް ފައިބަރަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް ކޮލެސްޓްރޯލް ފަދަ ސަރުބީ މާއްދާތަކުން ސަލާމަތްވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އިންސޮލިއުބަލް ފައިބަރުގެ ސަބަބުން ފާޚާނާއަށް ދާން ފަސޭހަ ވެގެންދެއެވެ. މިއީ ގޮހޮރު ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ގެއްލުން ހުރި ބެކްޓީރިއާތަކުން ރައްކާތެރިކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.  ދޮންކޭލުގައި ހިމެނޭ ފައިބަރުގެ އެހީގައި ގިނައިރު ވަންދެން މީހާގެ ބަނޑު ފުރިފައި ހުރުމުގެ އިޙްސާސް ކުރެވޭތީ ބަރުދަން ރަނގަޅަށް މެނޭޖް ކުރުމަށް އެހީތެރިވެދެއެވެ.

އަދި މި ދެންނެވި ފައިބަރުގެ ސަބަބުން ބަނޑުހަރުވުމާއި އިންޑައިޖެސްޝަންގެ ސަބަބުން ބަނޑުގައި ރިއްސުމާއި، އަދި މޭ އެންދުން ފަދަ ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތަކުންވެސް މީހާ ދުރުކޮށްދެއެވެ. 

 

6. ދޮންކޭލަކީ ހަކަތަ ލިއްބައިދޭ މޭވާއެއް

 ފެޓްސް އާއި ކޮލެސްޓްރޯލް މަދު ނަމަވެސް، ދޮންކޭލުގަ ތިން ބާވަތެއްގެ ގުދުރަތީ ހަކުރު ކަމަށްވާ ސުކްރޯޒް، ފްރަކްޓޯޒް އަދި ގްލޫކޯޒް ހިމެނެއެވެ. މިއީ ސަރުބީ އަދި ކޮލެސްޓްރޯލް ނުލާވެސް ހަކަތަ ލިއްބައިދޭ މާއްދާތަކެކެވެ. އެހެންކަމުން ހެނދުނުގެ ނާސްތާއަށް، މެންދުރު ފަހުގެ ލުއި ކާނާއެއްގެ (ސްނެކެއްގެ) ގޮތުގައި އަދި ކުޅިވަރު ނަވަތަ އެފަދަ ހަރަކާތްތެރި އެކްޓިވިޓީއެއްގެ ކުރިންނާއި ފަހުން ކާލަން ދޮންކޭލަކީ އެންމެ ރަނގަޅު އެއް މޭވާއެވެ.