ޗައިނާގެ ވީޑިއޯ ޝެއަރިން އެޕް ޓިކްޓޮކް އިން ވަރަށް އަވަހަށް 18 އަހަރުން ދަށުގެ ޔޫޒަރުންނަށް އާ ޑީފޯލްޓް ސްކްރީން ޓައިމް ލިމިޓެއް، 60 މިނެޓަށް ކަނޑައަޅާނެއެވެ. ގަޑިއިރެއް ހަމަވުމުން އިތުރަށް ޓިކްޓޮކް ބޭނުން ކުރަމުން ގެންދިއުމަށް ޕާސްކޯޑެއް ޖަހަންޖެހޭނެކަމަށް ޓިކްޓޮކްގެ ފަރާތުން ވަނީ ބުނެފައެވެ. އަދި މި އާ ފީޗަރ އެކްޓިވޭޓްކުރުމާއި ނުކުރުމުގެ އިޚްތިޔާރު ޔޫޒަރުންނަށް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

 

ޓިކްޓޮކްގެ މި އާ ފީޗަރ ކުރިއަށް އޮތް ހަފްތާތަކުގައި ތައާރަފްކުރާނެ ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފައިވެއެވެ.

 

އާ ފީޗަރ އަންނަ ހިސާބުން ފެށިގެން ދެން، ދުވާލަކު 100 މިނެޓަށް ވުރެ ގިނައިރު އެޕް ބޭނުންކުރާނަމަ އެޕްގެ ފަރާތުން އަމިއްލައަށް ސްކްރީން ޓައިމް ކޮންޓްރޯލްތައް ސެޓް ކުރުމަށް އޮޓޮމޭޓެޑް ޕްރޮމްޕްޓެއް ލިބޭނެ އެވެ.

 

ކުޑަކުދިންގެ ބެލެނިވެރިންނަށް ވެސް އެމީހުންނަށް ފަސޭހަވާ ގޮތަށް ސްކްރީން ލިމިޓް ކަނޑައަޅާ، ޑޭޝްބޯޑަށްވެސް ވަދެވޭނެތީ، މިއީ ޚާއްސަކޮށް ޅަ އުމުރުގެ ޔޫޒަރުން އެޕް ބޭނުންކުރާގޮތް މޮނިޓަރކުރުމަށް ބެލެނިވެރިންނަށް ފަސޭހަވެގެންދާނެކަމެއްގެ ގޮތުގައި ޓިކްޓޮކުން ދެކެއެވެ.

އެޕްގެ ހެޑް އޮފް ޓްރަސްޓް އެންޑް ސޭފްޓީ ، ކޯމަކް ކީނަން ވިދާޅުވީ އާ ލިމިޓްތައް އެކުލަވާލުމުގައި މަސައްކަތްކުރީ ރިސާޗަރުންނާ ގުޅިގެން ކަމަށެވެ. 

ސްކްރީން ޓައިމްގެ 'ރަނގަޅު' މިންވަރަކީ ކޮބައިކަމާމެދު އެންމެނަށް އެއްބަސްވެވޭ ވަކި ވަގުތެއް އަދި ދުނިޔޭގައި ކަނދައެޅިފައި ނުވިޔަސް، އަދި ސްކްރީންޓައިމްގެ ސަބަބުން ކުރާ އަސަރުތައް ސީދާ ގޮތެއްގައި ހޯދިފައި ނުވިޔަސް، މި އާ ފީޗަރ ގެނައުމާމެދު، މިހާރުގެ އެކަޑަމިކް ރިސާޗާއި ބޮސްޓަން ޗިލްޑްރަންސް ހޮސްޕިޓަލުގެ ޑިޖިޓަލް ވެލްނެސް ލެބުގެ ތަޖުރިބާކާރުންނާ މަޝްވަރާ ކުރިން. - ކޯމަކް ކީނަން: ޓިކްޓޮކްގެ ހެޑް އޮފް ޓްރަސްޓް އެންޑް ސޭފްޓީ -

މި އާ ފީޗަރގެ މަސައްކަތް ޓިކްޓޮކުން ފެށީ، ސްކްރީން ޓައިމް މެނޭޖް ކުރުމަށް މިދިޔަ އަހަރު އެ އެޕްގެ ފަރާތުން ފުރާވަރުގެ ކުދިންނަށް އިލްތިމާސްކުރުމަށްފަހުއެވެ. 

 

ސެޕްޓެމްބަރު 2021 ގައި ޓިކްޓޮކުން ބުނީ މަހަކު އެ އެޕް ބޭނުންކުރާ 'އެކްޓިވް' ޔޫޒަރުންގެ ޢަދަދު ބިލިއަނަކަށްވުރެ ގިނަ ވެފައިވާކަމަށެވެ. އެއާއެކު ޓިކްޓޮކްވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ސޯޝަލް ޕްލެޓްފޯމަށެވެ.

 

ޓިކްޓޮކަކީ ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ އުފެއްދުމެކެވެ. މި ހަފްތާގެ ކުރީކޮޅު އެމެރިކާ، ޔޫރަޕިއަން ކޮމިޝަން އަދި ކެނެޑާއިން ވަނީ މި އެޕް މެދުވެރިކޮށް ޗައިނާ ސަރުކާރުން ޖާސޫސްކުރަމުންދާކަމަށް ބުނެ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފައެވެ.