ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެކި ނަންނަމުގައި ސިލްސިލާ އިޝްތިހާރުތައް ހެދެމުންދެއެވެ. އެގޮތުން ވިޒިޓް މޯލްޑިވްސްގެ އިން ގެނެސްދޭ  "ޓޭލްސް އޮފް ދަ މޯލްޑިވްސް"ގައި މިފަހަރު ފެނިގެން ދިޔައީ ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު އަދި އެ ވާހަކައެއް އަޑުއަހަމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުން ބޮޑުވެގެން އައި ވާހަކައެކެވެ.

ސެފީ ވިޒުއަލްސްގެ ފަރާތުން އުފައްދާފައިވާ ދެ މިނިޓްގެ މި ވީޑިއޯގައި ފެނިގެން ދަނީ އަޅުގަނޑުމެންގެ އެންމެންވެސް އަހަމުން އައި ގޮތަށް ދޮންހިޔަލާއާއި އަލިފުޅުގެ އެކުވުމާއި ވަކިވުމެވެ. އަދި އެކުގައި އުޅެވޭނެ އިތުރު މަގެއް ނުފެނުމުން ވަރަށް ޅަ އުމުރެއްގައި ދެމީހުން އަމިއްލަ އަށް މަރުވި ގޮތެވެ. މިއީ ލޯބީގެ ކަޅު ޞަފްޙާއެކެވެ. ލޯބީގެ މާނައަކީ އެކުގައި ނިމިގެން ދިއުންކަމަށް ބުނެ ދީފައިވާ ވަރަށް ނައްސި މެސެޖެކެވެ. ނަމަވެސް މި ވާހަކަ އަޅުގަނޑުމެން އަޑުއަހާ ގޮތާ ތަފާތެއް ނެތި މި ވީޑިއޯގައި ވަނީ ގެނެސްދީފައެވެ. އެކަމަށް ތަޢުރީފް ހައްޤެވެ.

އަޅުގަނޑަށް ފާހަގަ ކުރެވުނީ މުޅިން އެހެން ކަމެކެވެ. ދިވެހިންނަކީ ކިތަންމެ ވަޞީލަތްތައް މަދު، ކުޑަ އާބާދީއެއް ނަމަވެސް ދިވެހިންގެ އަމިއްލަ ހެދުމެއް ގެންގުޅުނު ބައެކެވެ. މިހާރުވެސް ގެންގުޅެއެވެ. މިއީ އަންހެނުންނަށް ޚާއްސަ ހެދުމެކެމެވެ. އުމުރުން 14 އަހަރު ފުރުމުން ގިނަ ރަށްރަށުގައި އަންހެނުންކުދިންނަކީ "އަންހެނުން" ގެ ގޮތުގައި ބެލެވެން ފަށަނީ ބޮލަށް މަހާލާ މި ލިބާހާއި އެކުގައެވެ. ޚިތާނުކުރުމަކީ ފިރިހެންކުދިންގެ ހަޔާތުގެ ބޮޑު ދުވަހަކަށް ވާފަދައިން ލިބާސް ލައްވާ ދުވަހަކީ އަންހެންކުދިންގެ ވަރަށް ޚާއްސަ ދުވަހެކެވެ. އެކަމަށް ކުޑަ ޙަފްލާއެއް ބޭއްވިގެން ހިނގާ ކަމެކެވެ. މި ލިބާހަކީ ވަކި ގޮތަކަށް ފަހާ ޖަރީ ކޮށްފައި ހުންނަ ވަރަށް ދިވެހިންވަންތަ، އެކަމަށް އަޅުގަނޑުމެން ފަޚުރުވެރިވާ ހެދުމެކެވެ. ނަމަވެސް މި ވީޑިއޯއިން ފެނިގެން މިދިޔައީ "ދިވެހި ލިބާހެއް" ނޫނެވެ.

ދިވެހި ލިބާހެއްގެ ކަރުވަޅު ހުންނާނީ ދެފަރާތް އެއްވަރަށް ކަނޑާ، އެތެރެ ބަތާނައިގެ ތެރެއަށް ފަތި ލައްވާފައި ވަރަށް އޮމާންކޮށެވެ. ކިރިޔާ ފުދުންތެރިކަން ހުންނަ މީހެއްގެ ލިބާސްވެސް ހުންނާނީ ބޯވަޅާއި އަތުރުކުރި ޖަރީ ކޮށްފައެވެ. އެވެސް ދިވެހިން އަމިއްލައަށް ކުރާ ވަރަށް ތަފާތު މަސައްކަތެކެވެ. މިއަށް ކިޔަނީ ހިރު އެޅުމެވެ. އަތުކުރިޕީގެ ގަޔާވީ ފަރާތުން އިންނާނީ 2 އިންޗި ވަރު ހުޅުވިފައެވެ. މިހެން ކިޔާނެ ކަމެއް ނެތެވެ. ދިވެވި ލިބާހަކީ ވަރަށް "ޔުނީކް" އަދި މޮޅަށް ފަހަން އެނގުނަސް ކޮންމެ ކޮންމެ މީހަކަށް ފަހަން އެނގޭ އެއްޗެއް ނޫނެވެ. ހަމަ އެއާއެކު އަންހެނުންގެ ހުޅީގައި އިންނަ  ތެޔޮރުމާފަޅިއަކީ ވެސް ހަމަ އެހާމެ ދިވެހި ވަންތަ އެއްޗެކެވެ. ނަމަވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ހެދުނު ވީޑިއޯ އެއްގައި މިވަރުގެ މުހިންމު ކަންކަން މަދުވެގެން ދިއުން މިއީ ދިވެއްސެއްގެ ހައިސިއްޔަތުުން އަޅުގަނޑު ހިތާމަ ކުރާ ކަމެކެވެ.

އަލިފުޅު ހަމަ އަލިފުޅާ ވަރަށް ވައްތަރެވެ. އަލިފުޅު ގެނެސްދީފައިވާ ގޮތަށް އެއްޗެއް ބުނާނެ ޖާގައެއް އޮތް ކަމަކަށް ނުބެލެވެއެވެ.